[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާ ރޯދައާއި ގުޅޭ ޝަރުޢީ ބައެއް ޙުކުމްތައް – 6

ރޯދަތަކެއް ޤަޟާކުރަން ޖެހިފައިވަނިކޮށް ނިޔާވާ މީހާ

 

ދަތުރުގެ ސަބަބުން ނުވަތަ ފަސޭހަ ވާނޭކަމަށް އުންމީދުކުރޭ ބައްޔެއްގެ ސަބަބުން ރޯދަ ދޫކޮށްލައި، ބަލި ދެމިގެން ދިއުމުގެ ސަބަބުން ދޫކޮށްލި ރޯދަތައް ޤަޟާކުރުމުގެ ކުޅަދާނަކަން ނުލިބި މަރުވި މީހާގެ ފަރާތުން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އެ ރޯދަތައް ހިފުމެއް ވެސް އަދި އެ ރޯދަތަކުގެ ބަދަލުގައި ކާންދިނުމެއް (ފިދުޔަ ދިނުމެއް) ވެސް ނުވެއެވެ. އޭނާގެ ވާރިޘުން އޭނާގެ މަތިން އެ ރޯދަތައް ހިފާކަށް ވެސް އަދި އެ ރޯދަތަކުގެ ބަދަލުގައި ކާންދޭކަށް ވެސް ނުޖެހޭނެއެވެ.

“عون المعبود”ގައި ވިދާޅު ވެފައި ވެއެވެ.

“ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން ރޯދަ ދޫކޮށްލައި، ރޯދަ ޤަޟާކުރުމުގައި އެއްވެއް އިހުމާލެއް ނެތި މަރުވެއްޖެ މީހާގެ ފަރާތުން އެއްވެސް ކަމެއް ކުރަން ނުޖެހޭނެކަމަށް ޢިލްމުވެރިން ވަނީ އިއްތިފާޤު ވެލައްވާފައެވެ. އޭނާގެ ކިބައިން ކާންދޭކަށް ވެސް ނުޖެހޭނެއެވެ. އެއާ ޚިލާފަށް ވިދާޅުވެފައިވަނީ ޤަތާދާއެވެ. އޭނާގެ ފަރާތުން ކާންދޭން ޖެހޭނެ ކަމުގައި އެކަލޭގެފާނު ވިދާޅުވެއެވެ. އަދި ޠާވޫސުގެ ކިބައިންވެސް އެފަދައިން ރިވާވެގެންވެއެވެ.”[1]

ރޯދަތައް ޤަޟާކުރުމުގެ ފުރުޞަތު ލިބި އެހެން ނަމަވެސް ޤަޟާ ނުކޮށް ހުއްޓައި މަރުވާ މީހާގެ ވާރިޘުން އޭނާގެ ކިބައިން ދޫކޮށްލި ރޯދަތައް ހިފުން މުސްތަޙައްބުވެގެން ވެއެވެ. އޭނާގެ ކިބައިން އެ ރޯދަތައް ނުހިފާ ނަމަ، ކޮންމެ ރޯދައެއްގެ ބަދަލުގައި މިސްކީނަކަށް ކާންދިނުން ވާރިޘުންގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އެއީ ޢާއިޝާ رَضِيَ اللهُ عَنْهَاގެ ކިބައިން ރިވާވެގެންވާ އަންނަނިވި ޙަދީޘުގެ މައްޗަށް ބިނާކޮށެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ» [2]

މާނައީ: “ނުހިފި ހުރި ރޯދަތަކެއް މީހެއްގެ މައްޗަށް ވަނިކޮށް އޭނާ މަރުވެއްޖެ ނަމަ، ފަހެ އޭނާގެ ވަލީވެރިޔާ އޭނާގެ މަތިން އެ ރޯދަތައް ހިފާނީއެވެ.”

އިބްނު ޤުދާމާ رَحِمَهُ اللهُ ވިދާޅު ވިއެވެ.

“ރަމަޟާން މަހުން ޤަޟާކުރަން ޖެހޭ ރޯދަތަކެއް މީހެއްގެ މައްޗަށް ވަނިކޮށް މަރުވާ މީހާ، ދެ ޙާލަތުން ކުރެ ޙާލަތަކުން ބޭރު ނުވާނެއެވެ.

ފުރަތަމަ ޙާލަތަކީ: އޭނާ އެ ރޯދަތައް ޤަޟާކުރުމުގެ ފުރުޞަތު ނުލިބި ވަނިކޮށް މަރުވުމެވެ. އެއީ ފަހަރުގައި ޤަޟާކުރުމަށް ވަގުތު ނުލިބުން ނުވަތަ ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން ނުވަތަ ރޯދަ ހިފުމަށް ނުކުޅެދުން ކަމުގައި ވެދާނެއެވެ. ޢިލްމުގެ އަހުލުން ކުރެ ގިނަ ބޭކަލުންގެ ބަހަށް ބަލާއިރު އޭނާގެ މަތިން އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. އޭނާގެ މަތިން ކާންދޭން ޖެހޭނެ ކަމުގައި ޤަތާދާ އަދި ޠާވޫސް ވިދާޅުވާކަމުގައި ރިވާވެގެން ވެއެވެ..

… ދެވަނަ ޙާލަތަކީ: އޭނާ އެ ރޯދަތައް ޤަޟާކުރުމުގެ ފުރުޞަތު ލިބި، ނަމަވެސް ޤަޟާ ނުކޮށް ހުއްޓައި ނިޔާވުމެވެ. އެ ޙާލަތުގައި ވާޖިބުވެގެން ވަނީ ކޮންމެ ރޯދައެއްގެ ބަދަލުގައި މިސްކީނަކަށް ކާންދިނުމެވެ. ޢިލްމުގެ އަހުލުން ކުރެ ގިނަ ބޭކަލުންގެ ބަހަކީ މިއެވެ. ޢާއިޝާ އަދި އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَاގެ ކިބައިން މިފަދައިން ރިވާވެގެން ވެއެވެ.

ދެން ވިދާޅު ވިއެވެ. އަބޫ ޘައުރު رَحِمَهُ اللهُ ވިދާޅު ވިއެވެ. އޭނާގެ ކިބައިން އެ ރޯދަތައް ހިފާނީއެވެ. މިއީ އިމާމު ޝާފިޢީ رَحِمَهُ اللهُގެ ބަސްފުޅެވެ.[3]

މައްޔިތާގެ މަތިން ރޯދަ ޤަޟާކުރާއިރު އޭނާގެ ހުރިހާ ވާރިޘުންނަށް ބައިވެރިވެވިދާނެއެވެ. އަދި އެ މީހުންނަށް ރޯދަ ހިފުން އުނދަގޫވެއްޖެ ނަމަ، ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ.

އައްޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُ ވިދާޅު ވިއެވެ.

“އޭނާގެ ވަލީވެރިޔާގެ މައްޗަށް އެ ރޯދަތައް ޤަޟާކުރުން މުސްތަޙައްބުވެގެން ވެއެވެ. އެކަން ނުކޮށްފިނަމަ، ފަރުޟު ރޯދައަށް ޤިޔާސްކޮށް ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީ ކަމުގައި ބުނަމެވެ.”[4]

އަދިވެސް ވިދާޅު ވިއެވެ.

“މިޘާލަކަށް [މަރުވި މީހާގެ] 15 ދަރިން ތިބެފައި، އެއިގެން ކޮންމެ ކުއްޖަކުވެސް ދެ ދުވަހު ރޯދަ ހިފައި 30 ރޯދަ ހަމަކުރަން ބޭނުންވިޔަސް އެގޮތަށް ޢަމަލުކުރުމުން ފުދޭނެއެވެ. އަދި އޭނާގެ 30 ވާރިޘުން ތިބެފައި، އެންމެން އެއް ދުވަހު ރޯދަ ހިފައިފިނަމަ، އެގޮތްވެސް ރަނގަޅެވެ. އެހެނީ އެމީހުން އެ ވަނީ 30 ރޯދަ ހިފައިފައެވެ. އެންމެން އެއް ދުވަހު ރޯދައަށް ހުރުމާ އަދި ފަހަރަކު މީހަކު ރޯދައެއް ހިފައި 30 ހަމަކުރުމަކު މިކަމުގައި ތަފާތެއް ނުވެއެވެ.

ނަމަވެސް ޡިހާރުކުރުމުގެ ކައްފާރާ ރޯދައާ މެދު ދަންނައެވެ. މި ޙާލަތުގައި ވާރިޘުންނަށް އެކަކު އަނެކަކަށް ރޯދަ ނުބެހޭނެއެވެ. އެހެނީ މި ރޯދައިގައި “ތަތާބުޢު” (އެބަހީ ވިދިވިދިގެން ރޯދަހިފުން) އެއީ ޝަރުޠެކެވެ. އަދި ވާރިޘުން ބަހާލައިގެން ރޯދަހިފުމުން ކޮންމެ މީހަކު ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފިކަމުގައި ނުވާނެތީއެވެ. މީހަކު ބުނެފާނެއެވެ. އެކަކު ތިން ދުވަހު ރޯދަ ހިފައި، އޭނާ ރޯދަ ދޫކޮށްލުމުން ދެވަނަ މީހާ އިތުރު ތިން ދުވަހު ރޯދަ ހިފައި، މިގޮތަށް ދެ މަސް ފުރިހަމަވަންދެން ކުރިއަށް ގެންދެވިދާނެ ހެއްޔެވެ؟ ޖަވާބުގައި ބުނަމެވެ. މިގޮތަށް ޢަމަލުކުރި ނަމަވެސް އެއިން އެކަކު ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފިކަމަކަށް ނުބެލެވޭނެއެވެ. އެހެންކަމުން ބުނަމެވެ. މައްޔިތާގެ މައްޗަށް ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުން ވާޖިބުވެފައިވާ ނަމަ، ވާރިޘުންގެ ތެރެއިން އެކަކު އެކަމަށް ކުރިމަތިލައި އެ ރޯދަތައް ހިފައި ފުރިހަމަކުރާނީއެވެ. ނޫންނަމަ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ.”[5]

އަދި ވަލީވެރިޔާއަށް، ދުވަހަކު ވެސް ރަނގަޅުވާނެކަމަށް އުއްމީދު ނުކުރެވޭ ބަލިމީހާއަށްޓަކައި އޭނާ ދުނިޔޭގައި ހުއްޓައި ރޯދަ ހިފުމެއް ނުވެއެވެ. އަދި ކިއެއް ހެއްޔެވެ! ވާޖިބުވެގެން ވަނީ އޭނާ ދޫކޮށްލާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. އެހެނީ ހަށިގަނޑުން އަދާކުރެވޭ އަޅުކަންތައްތަކުގެ އަޞްލަކީ އެ މީހަކު އަމިއްލައަށް އެ އަޅުކަމެއް އަދާކުރުމެވެ. މިކަންކަމަށް ނިޔާބަތުކަމެއް (އެބަހީ: މީހެއްގެ ފަރާތުން ބަދަލުގައި ކަމެއް އާދަކުރުމެއް) ނުވަންނާނެއެވެ. ދިރިހުރި މީހެއްގެ ފަރާތުން އެހެން މީހަކު ނަމާދު ކުރުން ހުއްދަވެގެން ނުވާކަމަށް ޢިލްމުވެރިންވަނީ އިޖުމާޢު ވެވަޑައިގެންފައެވެ. ނަމަވެސް ނިޔާބަތުކަން ވަންނަނީ ދުނިޔޭގައި ހުއްޓައި ޙައްޖު އަދި ޢުމްރާ އަދާކުރުމަށް ނުކުޅެދޭ މީހާއަށް ޙައްޖާއި ޢުމްރާ އަދާކުރުމުގައެވެ. މިކަމަށް ޞައްޙަ ޞަރީޙަ ނައްޞު (ދަލީލު) އައިސްފައި ވެއެވެ.


 

[1] عون المعبود وحاشية ابن القيم 7 / 26

[2] صحيح البخاري، كتاب الصوم – باب من مات وعليه صوم (1952)، صحيح مسلم، كتاب الصيام – باب قضاء الصيام عَنْ الميت (1147)، سنن أبي داود، كتاب الصوم – باب فيمن مات وعليه صيام (2400)

[3] المغني لابن قدامة – ت التركي 4 / 398

[4] الشرح الممتع على زاد المستقنع 6 / 450

[5] الشرح الممتع على زاد المستقنع 6 / 452

 

ޤަޟާ ރޯދައާ ގުޅޭ ޝަރުޢީ ބައެއް ޙުކުމްތައް