ރަމަޟާން މަހުގެ ދުވާލުގެ ވަޤުތެއްގައި ކުޑަކުއްޖަކު ބާލިޣުވެއްޖެ ނަމަ، އަދި ކާފަރަކު އިސްލާމުވެއްޖެ ނަމަ، އެ ރޯދަ ޤަޟާކުރަން ޖެހޭނެތަ؟
ރަމަޟާން މަހުގެ ދުވާލުގެ ވަޤުތެއްގައި ކުޑަކުއްޖާ ބާލިޣުވެއްޖެނަމަ އަދި މޮޔަވެފައި ހުރި މީހާގެ ބުއްދި ރަނގަޅު ވެއްޖަނަމަ އަދި ކާފަރަކު އިސްލާމްވެއްޖަނަމަ އެކަމުގެ ޙުކުމާ މެދު ޢިލްމުވެރިން ޚިލާފުވެފައި ވެއެވެ. މި މައްސަލައިގަ ރާޖިޙު ބުނުމަކީ އެ ދުވަހުގައި އޭނާ ބާކީ ބައިގައި ރޯދައަށް ހުންނާނީއެވެ. އަދި އޭނާގެ މައްޗަށް އެ ދުވަހުގެ ރޯދަ ޤަޟާކުރުމެއް ނުވެއެވެ.
އައްޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُއާ ސުވާލު ދެންނެވުނެވެ. ރަމަޟާން މަހުގެ ދުވާލު ކާފިރަކު އިސްލާމުވެއްޖެ ނަމަ، އޭނާ އިސްލާމުވި ދުވަހުގެ ބާކީ ބައިގައި ރޯދައަށް ހުންނަން ޖެހޭނެ ހެއްޔެވެ؟
ޖަވާބުގައި އެކަލޭގެފާނު ވިދާޅު ވިއެވެ.
“އާނއެކެވެ. އޭނާ އިސްލާމުވި ދުވަހުގެ ބާކީ ބައިގައި ރޯދައަށް ހުންނަން ޖެހޭނެއެވެ. އެހެނީ އިސްލާމުވާ ހިސާބުން ފެށިގެން އޭނާ ވާނީ ރޯދަ ވާޖިބުވާ މީހުންގެ ތެރެއިންނެވެ. ވުމާއެކު ބާކީ ބައިގައި ރޯދައަށް ހުންނަން ޖެހޭނެއެވެ. މިއީ ރޯދަ ހިފުން މަނާވާ ކަމެއް ފިލައި ދިއުމާ ޚިލާފު ކަމެކެވެ. ރޯދަ ހިފުން މަނާވާ ކަމެއް ފިލައިގޮސްފިނަމަ، އެ ދުވަހުގެ ބާކީ ބައިގައި ރޯދަ ހިފުން ލާޒިމެއް ނޫނެވެ. މީގެ މިޘާލަކީ ދުވާލުގެ ވަޤުތުގައި އަންހެނާ ޙައިޟުން ޠާހިރުވުމެވެ. ފަހެ އެ އަންހެނާގެ މައްޗަށް ދުވަހުގެ ބާކީ ބައިގައި ރޯދަ ހިފުން ލާޒިމުވެގެން ނުވެއެވެ.
ހަމަ އެފަދައިން ބައްޔެއްގެ ސަބަބުން ރޯދަ ދޫކޮށްފައިވާ މީހާ، ދުވާލުގެ ވަޤުތުގައި އޭނާގެ ބަލި ރަނގަޅުވެއްޖެނަމަ، އޭނާގެ މައްޗަށް އެދުވަހުގެ ބާކީ ބައިގައި ރޯދަހިފުން ލާޒިމުވެގެން ނުވެއެވެ. އެއީ އޭނާ ރޯދަ ވާޖިބުވެގެންވާ މީހުންގެ ތެރެއިން ވިޔަސް، އެ ދުވަހަކީ އޭނާ ރޯދަ ދޫކޮށްލުން ހުއްދަ ދުވަހަކަށް ވާތީއެވެ.
މިއީ ދުވާލުގެ ވަގުތުގައި އިސްލާމުވާ މީހާއާ ޚިލާފަށެވެ. ފަހެ ދުވާލުގެ ވަގުތުގައި އިސްލާމްވާ މީހާގެ މައްޗަށް ދުވަހުގެ ބާކީ ބައިގައި ރޯދައަށް ހުރުން ލާޒިމުވެގެން ވެއެވެ. އަދި އެ ދުވަހުގެ ރޯދަ ޤަޟާކުރުން ލާޒިމުވެގެން ނުވެއެވެ. އަދި އިސްވެ ދެންނެވުނު މީހުން: ޙައިޟުވެރިޔާ އަދި ބަލިމީހާ، ދުވަހުގެ ބާކީ ބައިގައި ރޯދަހިފުން ލާޒިމުވެގެން ނުވެއެވެ. ނަމަވެސް މި މީހުންގެ މައްޗަށް އެ ރޯދަ ޤަޟާކުރުން ލާޒިމުވެގެން ވެއެވެ.”[1]
[1] مجموع فتاوى ورسائل العثيمين 19 / 97