[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާ ރޯދައާއި ގުޅޭ ޝަރުޢީ ބައެއް ޙުކުމްތައް – 9

އަންހެނާ ޤަޟާ ރޯދަ ހިފަންވީމާ، ފިރިމީހާގެ އިޛުނަ ހޯދަން ޖެހޭނެތަ؟

 

ޤަޟާ ރޯދަ ހިފުމުގައި އަންހެނާ އޭނާގެ ފިރިމީހާގެ އިޛުނަ ހޯދުމަކީ ޝަރުޠެއް ނޫނެވެ. އެހެނީ ފަރުޟު ރޯދައެއް ފާއިތުވުމުން އެ ޤަޟާކުރުމަކީ ވާޖިބެކެވެ. ނަމަވެސް ސުންނަތް ރޯދަ ހިފުމުގައި ފިރިމީހާ ކައިރީގައި ހުރި ނަމަ، ފިރިމީހާގެ އިޛުނަ ހޯދަން ވާނެއެވެ.

ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«لاَ يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ» [1]

މާނައީ: “އަންހެނަކަށް، އެ ކަނބުލޭގެ ފިރިމީހާ ޙާޟިރުވެ ހުއްޓާ، އޭނާގެ އިޛުނައާ ނުލައި ރޯދަ ހިފުން (އެބަހީ: ސުންނަތް ރޯދަ ހިފުން) ހުއްދަވެގެން ނުވެއެވެ.”

ލަޖްނާ ދާއިމާގެ ފަތުވާގައި ވިދާޅުވެފައި ވެއެވެ.

“އަންހެނާ އޭނާގެ ފިރިމީހާއަށް ނޭނގި ނަމަވެސް ރަމަޟާން މަހުން ދޫކޮށްލި ރޯދަތައް ޤަޟާކުރުން ވާޖިބުވެގެން ވެއެވެ. ވާޖިބު ރޯދަ ހިފުމުގައި ފިރިމީހާގެ އިޛުނަ ޝަރުޠުވެގެން ނުވެއެވެ. އެހެންކަމުން އެފަދަ ރޯދަ ޞައްޙަވާނެއެވެ. އެހެން ނަމަވެސް ވާޖިބު ނޫން ރޯދައެއް ނަމަ، ފިރިމީހާ ކައިރީގައި ހުންނައިރު ފިރިމީހާގެ އިޛުނައާ އެކު މެނުވީ އަންހެނާ ރޯދަ ހިފައިގެން ނުވާނެއެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ވަނީ ފިރިމީހާ ކައިރީގައި ހުރިނަމަ، ފިރިމީހާގެ އިޛުނައާ އެކު މެނުވީ އަންހެނާ (ސުންނަތް) ރޯދައަށް ހުރުން ނަހީކުރައްވާފައެވެ.”[2]

މި ތަނުގައި މިބުނާ ރޯދައަކީ ސުންނަތް ރޯދަކަން އަންނަނިވި ރިވާޔަތުން އެނގެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«لَا تَصُومُ الْمَرْأَةُ وَبَعْلُهَا شَاهِدٌ، إِلَّا بِإِذْنِهِ غَيْرَ رَمَضَانَ» [3]

މާނައީ: “އަންހެނަކު، އޭނާގެ ފިރިމީހާ ޙާޟިރުވެ ހުއްޓާ، އޭނާގެ އިޛުނައާ ނުލައި ރަމަޟާން މަހުގެ ރޯދައެއް މެނުވީ ނުހިފާ ހުށިކަމެވެ.”

އެހެން ނަމަވެސް ޤަޟާރޯދައިގެ ވަގުތުތަނަވަސްވެފައިވާ ހިނދު، ފިރިމީހާގެ ކަންތައްތަކުގައި މަޝްޣޫލުވުމާއި ފިރިމީހާގެ ޙާލަތަށް ރިޢާޔަތްކުރުން ހުއްޓެވެ. ޢާއިޝާ رَضِيَ اللهُ عَنْهَاގެ ކިބައިން އެކަމަނާ ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ.

«كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَهُ إِلَّا فِي شَعْبَانَ» [4]

މާނައީ: “[ފާއިތުވި] ރަމަޟާން މަހުން ތިމަންކަމަނާގެ ޤަޟާ ރޯދަ ހުންނަވައެވެ. އަދި ޝަޢުބާން މަހު މެނުވީ ތިމަންކަމަނާއަށް އެ ރޯދަތައް ޤަޟާ ނުކުރެވެއެވެ.”

 


 

[1] صحيح البخاري، كتاب النكاح – باب لا تأذن المرأة في بيت زوجها لأحد إلا بإذنه (5195)

[2] فتاوى اللجنة الدائمة – المجموعة الأولى 353/10

[3] سنن أبي داود، كتاب الصوم – باب المرأة تصوم بغير إذن زوجها (2458)

[4] صحيح البخاري، كتاب الصوم – باب متى يقضى قضاء رمضان (1950)، صحيح مسلم، كتاب الصيام – باب قضاء رمضان فِي شعبان (1146)

 

ޤަޟާ ރޯދައާ ގުޅޭ ޝަރުޢީ ބައެއް ޙުކުމްތައް