[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ މައްސަލަތަކުގައި ޚިލާފުވުން ނަހީކުރައްވާފައިވުމާއި އެއީ ގޯހެއްކަން ބަޔާންކުރައްވާފައިވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

މުސްލިމުން އެއްބައިވަންތަވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ފަދައިން، އެކަމުގެ އިދިކޮޅުކަމުގައިވާ ބައިބައިވުން ނުވަތަ ވަކިވެގަތުން، އިސްލާމްދީނުގައި ވަނީ ނަހީކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ﴾ [سورة آل عمران: ١٠٥]‏

މާނައީ: “ފާޅުވެގެންވާ ހެކިތައް އެބައިމީހުންގެ ގާތަށް އައުމަށް ފަހު، ވަކިވަކިވެ ޚިލާފުވީ މީހުން ފަދައިން (އެބަހީ: އަހުލުކިތާބީން ފަދައިން)، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ ޢަޛާބު އެބައިމީހުންނަށް ހުށްޓެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا ۖ كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ‎﴾ [سورة الروم: ٣٢]‏

މާނައީ: “އެބައިމީހުންގެ ދީން ބައިބައިކޮށް، ފިރުޤާތަކެއް ކަމުގައިވީ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! ފަހެ އޭގެ ތެރެއިން ކޮންމެ ބަޔަކުމެ އެބައިމީހުންގެ ކިބައިގައިވާ އެއްޗަކާ މެދު (އެބަހީ: ރަސޫލުބޭކަލުން ގެންނެވި ޢިލްމާ ޚިލާފުވި ޢިލްމުތަކާ މެދު) އުފާކޮށް އުޅެއެވެ.”

ނަބިއްޔާ صلى الله عليه وسلم ބަޔާންކުރައްވާފައިވާ ގޮތުގައި ޔަހޫދީންވަނީ މޫސާގެފާނަށް ބާވައިލެއްވި ޙައްޤު ދީނުން އެއްކިބާވެ 71 ބަޔަށް ބެހިގެން ގޮސްފައެވެ. އަދި ނަޞާރާއިން ވަނީ ޢީސާގެފާނަށް ބާވައިލެއްވި ޙައްޤު ދީނުން އެއްކިބާވެ 72 ބަޔަށް ބެހިގެން ގޮސްފައެވެ. އަދި މި އުންމަތުގެ މީހުން މުޙައްމަދު صلى الله عليه وسلم އަށް ބާވައިލެއްވި ޙައްޤު ދީނުން އެއްކިބާވެ 73 ބަޔަށް ބެހިގެންދާނޭ ކަމަށް އެކަލޭގެފާނު ވަނީ ޚަބަރުދެއްވާފައެވެ. އަދި އެކަލޭގެފާނު ބަޔާންކުރައްވާފައިވަނީ އޭގެ ތެރެއިން އެއް ޖަމާޢަތެއް ފިޔަވާ ދެން ތިބި ޖަމާޢަތްތައް ނަރަކައިގައި ވާނޭ ކަމަށެވެ. ނަޖާވަނިވި އެ ޖަމާޢަތަކީ ޤިޔާމަތާ ޖެހެންދެން ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން އެ ތިއްބެވި ގޮތުގައި ތިބޭ ޖަމާޢަތެވެ. އެއީ ޢަޤީދާއާއި މަންހަޖާ އަދި ދީނީ ޙުކުމްތަކުގައި އެބޭކަލުން ގެންނެވި ގޮތަށް ތަބާވާ މީހުންނެވެ. [1]

މި ޙަދީޘްގައި 73 ބަޔަށް ބެހިގެން ދާނޭ ކަމަށް އެވަނީ އަދި އެއް ބަޔަކު ފިޔަވާ އެ އެންމެން ނަރަކައިގައިވާނޭ ކަމަށް އެވަނީ މައިގަނޑު ގޮތެއްގައި ޢަޤީދާގެ ކަންކަމުގައި މި އުންމަތުގައި ހިނގާނޭ ޚިލާފުތަކުގެ ވާހަކައެވެ.

އެ ގޮތުން މި 73 ބައި ކަނޑައެޅުމުގައި ޢިލްމުވެރިން އިޖުތިހާދުކުރައްވައި ފިރުޤާތަކާ ގުޅޭ ފޮތްތައް ލިޔުއްވާފައި ވެއެވެ. އެ ނަޖާވަނިވި ޖަމާޢަތަކީ ސުންނަތް ޖަމާޢަތެވެ. (أهل السنة والجماعة އެވެ.) އެއީ ޞަޙާބީބޭކަލުންނާއި ހެޔޮ ގޮތުގައި ޤިޔަމާތާ ޖެހެންދެން އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ބޭކަލުންނެވެ. އަދި ނަރަކައިގައިވާނޭކަމަށް ބަޔާންކުރައްވާފައިވާ ފިރުޤާތަކުގެ އަސާސީ ފިރުޤާތަކަކީ: ރާފިޟީންނާއި ޚަވާރިޖުންނާއި ޤަދަރީންނާއި މުރުޖިޢާއިންނެވެ.

73 ފިރުޤާއެއް ނަރަކައިގައިވާނޭ ކަމަށް ބަޔާންކުރައްވާފައި އެވަނީ ވަޢީދުގެ ބަސްފުޅެކެވެ. އެބައިމީހުންގެ ތެރޭގައި ޢަޤީދާގެ ކަންކަމުގައި ޚިލާފުވެ، ބިދުޢަތަކުގެ ސަބަބުން ދީނުން ބޭރުވާފަދަ ކުފުރުގެ ބަސްތަކާއި ޢަމަލުތަކުގެ އަހުލުވެރިން ވެއެވެ. އަދި ބިދުޢައިގައި އެ ދަރަޖައަށް ނުދާ ފާފަވެރިންވެސް ވެއެވެ. އެބައިމީހުންގެ ތެރެއިން:

– ކުފުރުގެ މަތީގައި މަރުވާ މީހަކު ވާހުށީ ދާއިމީ ގޮތެއްގައި ނަރަކައިގައެވެ.

– ކުފުރުގެ ދަރަޖައަށް ނުދާ ބިދުޢައެއްގައި މަރުވި މީހަކު ނުވަތަ ފާފައެއްގެ މަތީގައި ހުރެ މަރުވި މީހަކުވާހުށީ ﷲ ގެ މަޝީއަތުގެ ދަށުގައެވެ. ﷲ ތަޢާލާ އެބައިމީހުން ނަރަކައަށް ވައްދަވާނޭ ކަމުގެ އިންޛާރުދެއްވާފައި ވެއެވެ. އެފަދަ މީހަކު ނަރަކައަށް ވައްދަވާ، ދެން ސުވަރުގެއަށް ވައްދަވާފާނެއެވެ. ނުވަތަ އެއިލާހު އިރާދަކުރައްވާނަމަ އެފަދަ މީހަކަށް ޢަފޫކޮށް، ފާފަފުއްސަވާ ނަރަކައަށް ނުވައްދަވާ މިންޖުކުރައްވަފާނެއެވެ. [2]


[1] ބައްލަވާ: سنن ابن ماجه (3992) والكبير للطبراني (129)، وقال العراقي رحمه الله بعد تخريج الحديث: “وأسانيدها جياد” (المغني في تخريج الإحياء (1 / 1133))، وقال شيخ الإسلام ابن تيمية: “حديث صحيح مشهور” (مجموع الفتاوى (3 / 345))، وقال ابن كثير:  “الحديث المروي في المسانيد والسنن، من طرق يشد بعضها بعضا” (تفسير ابن كثير (4 / 361))، وصححه الألباني (انظر: السلسلة الصحيحة (1 / 402 – 414)).

[2] ބައްލަވާ: فتاوى نور على الدرب لابن باز (3 / 134 – 135) والمباحث العقدية في حديث افتراق الأمم لد. أحمد سردار (ص: 766 – 772) އަދި ޖަހުމީންނާއި ޤަދަރީންނާއި ރާފިޟީންގެ ތެރެއިން ޢަލީގެފާނަކީ އިލާހެއްކަމުގައި ދަޢުވާކުރި ޣާލިޔާއިންފަދަ އިސްލާމްދީނުގެ ދާއިރާއިން ބޭރުވެފައިވާކަމަށް ޢިލްމުވެރިން އެއްބަސްވެވަޑައިގެންފާ ފިރުޤާތައް މި 73 ބައިގެ ތެރޭގައި ނުހިމެނޭނެކަމަށްވެސް ސުންނަތް ޖަމާޢަތުގެ ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. މިއީ ސަލަފުންގެ ދުވަސްވަރުގައިވެސް އޮތް ޚިލާފެކެވެ. ޤަދަރީންގެ ތެރެއިން އިސްލާމްދީނުގެ ދާއިރާއިން ބޭރުވާނޭކަމަށް ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައިވަނީ ﷲ ތަޢާލާގެ ޢިލްމުފުޅާއި ލިޔުއްވުމަށް (الكتابة އަށް) އިންކާރުކުރާ މީހުންނެވެ. އެބައިމީހުން ދަޢުވާކުރާ ގޮތުގައި މީހަކު ކަމެއް ކުރުމުގެ ކުރިން އެކުރަން އުޅޭކަމެއް ﷲ ތަޢާލާއަށް އެނގިވޮޑިގެން ނުވާނެއެވެ. މިއީ ﷲ ތަޢާލާގެ ޢިލްމުފުޅު ނަފީކުރުމެވެ. ޚަވާރިޖުންނާއި އެ ނޫން ބައެއް ފިރުޤާތައް މި 73 ބައިގެ ތެރޭގައި ވާނެތޯ ނުވަތަ އެ ދާއިރާއިން ބޭރުވާނެތޯ ޢިލްމުވެރިން އެއްބަސްވެވަޑައި ނުގަންނަވައެވެ. (ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (3 / 350 – 358) وفتاوى اللجنة الدائمة، المجموعة الأولى (2 / 231) الرقم: (4246) والمباحث العقدية في حديث افتراق الأمم لد. أحمد سردار (ص: 766 – 772)).