[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާ ރޯދައާއި ގުޅޭ ޝަރުޢީ ބައެއް ޙުކުމްތައް – 10

ރަމަޟާން މަހު ދުވާލު ޖިމާޢުވާ މީހާގެ ކައްފާރާ

ރަމަޟާން މަހު ދުވާލު ރަށުގައި ޤާއިމުވެ ހުންނަ ރޯދަވެރިޔާ ޖިމާޢުވުމަކީ ވަރަށް ބޮޑު ފާފައެކެވެ. ގިނަގިނައިން އިސްތިޣުފާރުކޮށް، އެކަމުގެ މައްޗަށް ދެރަވެ، ފާފައަށް އިޢުތިރާފުވެ، އެކަން ކުރެވުނީތީ ހިތާމަކޮށް، ހެޔޮ ޢަމަލުތައް ގިނަކޮށް އަދި ދެވަނަ ފަހަރަށް އެކަން ނުކުރުމަށް ޢަޒުމު ކަނޑައަޅައި މިކަމުން ތައުބާވުން ވާޖިބުވެގެން ވެއެވެ. އަދި މީގެ ސަބަބުން ފަސް ކަމެއް ލާޒިމުވެއެވެ.

  1. ފާފަވެރިވުން.
  2. ރޯދަ ފަސާދަވުން.
  3. ދުވަހުގެ ބާކީ ބައިގައި ރޯދައަށް ހުރުން.
  4. އެ ދުވަސް ޤަޟާކުރުން ވާޖިބުވުން.
  5. ކައްފާރާ ވާޖިބުވުން.

ރަމަޟާން މަހުގެ ދުވާލު ޖިމާޢުވުމުގެ ކައްފާރާއަކީ ތިން ކަމަކުން އެއް ކަމެއް ކުރުމެވެ. އެއީ ތަރުތީބުންނެވެ. މި ކަމުގައި އޭނާއަށް އިޚްތިޔާރު ލިބިގެން ނުވެއެވެ. މާނައަކީ ފުރަތަމަ އޮތްކަންތައް ކުރުމަށް ނުކުޅެދިއްޖެ ނަމަ މެނުވީ ދެވަނަ ކަމަށް ބަދަލެއް ނުވެވޭނެއެވެ. އެއީ:

  1. އަޅަކު މިނިވަންކުރުމެވެ.
  2. މިނިވަން ކުރާނޭ އަޅަކު ނުލިބިއްޖެ ނަމަ، ވިދިވިދިގެން 2 މަސްދުވަހު ރޯދަހިފުމެވެ.
  3. ވިދިވިދިގެން 2 މަސްދުވަހު ރޯދަހިފުމަށް ނުކުޅިދިއްޖެ ނަމަ، 60 މިސްކީނުންނަށް ކާންދިނުމެވެ.

 

މިނިވަންކުރާނެ އަޅަކު ލިބިއްޖެ ޙާލަތެއްގައި ވިދިވިދިގެން 2 މަސްދުވަހު ރޯދަހިފުން ހުއްދަވެގެން ނުވެއެވެ. އަދި ފުރަތަމަ ދެ ކަންތަކަށް؛ އަޅަކު މިނިވަންކުރުމާއި ވިދިވިދިގެން 2 މަސްދުވަހު ރޯދަހިފުމަށް ނުކުޅެދިއްޖެ ޙާލަތުގައި މެނުވީ 60 މިސްކީނުންނަށް ކާންދިނުން ހުއްދަ ނުވާނެއެވެ.

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ.

يَا رَسُولَ اللَّهِ هَلَكْتُ. قَالَ: «مَا لَكَ؟» قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ تَجِدُ رَقَبَةً تُعْتِقُهَا؟» قَالَ: لاَ، قَالَ: «فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ»، قَالَ: لاَ، فَقَالَ: «فَهَلْ تَجِدُ إِطْعَامَ سِتِّينَ مِسْكِينًا». قَالَ: لاَ …[1]

މާނައީ: “اللهގެ ރަސޫލާއެވެ! އަހަރެން ހަލާކުވެއްޖެއެވެ!

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާއަށް ކިހިނެއް ވީ ހެއްޔެވެ؟

އޭނާ ދެންނެވިއެވެ. ރަމަޟާން މަހު އަހަރެންގެ އަނބިމީހާއާ އެކު ޖިމާޢުވެވިއްޖެއެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މިނިވަންކުރާނެ އަޅަކު ތިބާއަށް ހޯދޭނެ ހެއްޔެވެ؟

އޭނާ ދެންނެވިއެވެ. ނޫނެކެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ ވިދިވިދިގެން ދެ މަސްދުވަހު ތިބާއަށް ރޯދަ ހިފޭނެ ހެއްޔެވެ؟

އޭނާ ދެންނެވިއެވެ. ނޫނެކެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ ތިބާއަށް 60 މިސްކީނުންނަށް ކާންދެވޭނެ ހެއްޔެވެ؟

އޭނާ ދެންނެވިއެވެ. ނޫނެކެވެ..”

ލަޖްނާ ދާއިމާގެ ޢިލްމުވެރިން ވިދާޅުވިއެވެ.

“ރަމަޟާން މަހުގެ ދުވާލު ޖިމާޢުވާ [ރޯދަވެރިޔާގެ] ކައްފާރާވަނީ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް އޭގެ ތަރުތީބުންނެވެ. ފަހެ އަޅަކު މިނުވަންކުރަން ނުކުޅިދިއްޖެ ޙާލަތުގައި މެނުވީ ވިދިވިދިގެން 2 މަސްދުވަހު ރޯދަހިފުމަށް ނުވެއެވެ. އަދި ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިމުފުމަށް ނުކުޅިދިއްޖެ ޙާލަތުގައި މެނުވީ 60 މިސްކީނުންނަށް ކާންދިނުމަށް ނުވެއެވެ. އަޅަކު މިނުވަންކުރުމަށް އަދި ވިދިވިދިގެން 2 މަސްދުވަހު ރޯދަހިފުމަށް ނުކުޅެދުމުގެ ސަބަބުން 60 މިސްކީނުންނަށް ކާންދޭ މީހާ، މިސްކީނުންނާއި ފަޤީރުންގެ ތެރެއިން އެ ރަށެއްގައި ޢާންމުކޮށް ކައިބޮއި އުޅޭ އެއްޗަކުން 60 މީހުންނަށް ކާންދިނުން ހުއްދަވެގެން ވެއެވެ. އެއްފަހަރު އޭނާގެ ފަރާތުން (އެބަހީ: ފިރިމީހާ) އަދި އަނެއް ފަހަރު އޭނާގެ އަނބިމީހާގެ ފަރާތުން ކާންދޭނީއެވެ. (އެބަހީ އެއްފަހަރު 60 މިސްކީނުންނަށް ފިރިމީހާގެ ފަރާތުން އަދި އަނެއް ފަހަރު 60 މިސްކީނުންނަށް އަނބިމީހާގެ ފަރާތުންނެވެ.) ނުވަތަ 60 މިސްކީނުންނަށް 60 ޞާޢުގެ މިންވަރު އޭނާގެ ކިބައިން އަދި އޭނާގެ އަނބިމީހާގެ ކިބައިން ދޭނީއެވެ. އެއީ ކޮންމެ މިސްކީނަކަށް ގާތްގަނޑަކަށް 3 ކިލޯއެވެ.”[2]

ޖިމާޢުވުމުގައި މަނި ބޭރު ވުމާއި މަނި ބޭރު ނުވުމުގައި އެއްވެސް ތަފާތެއް ނުވެއެވެ. މަނި ބޭރު ނުވިޔަސް ޖިމާޢުވެއްޖެ ނަމަ، ކައްފާރާ ލާޒިމުވާނެއެވެ.

އެއީ ޖިމާޢު ވުމަކާއި ނުލައި މަނި ބޭރުކުރުމާއި ޚިލާފަށެވެ. މި ޙާލަތުގައި ކައްފާރާ ދިނުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ފާފަވެރިވާނެއެވެ. އަދި ދުވަހުގެ ބާކީ ބައިގައި ރޯދައަށް ހުރެ، ފަހުން އެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ.

ރަމަޟާން މަހުގެ ދުވާލު ޖިމާޢުވުމުގެ ކައްފާރާ ފިރިހެނާ އަދި އަންހެނާގެ މައްޗަށް ވަނީ ހަމަހަމަކޮށެވެ.

ކައްފާރާ ދިނުމަށް ފިރިހެނާ ނުވަތަ އަންހެނާ ނުކުޅެދިއްޖެނަމަ، އެކަން އެ މީހެއްގެ މައްޗަށް ލާޒިމެއް ނުވާނެއެވެ. އެއީ الله ތަޢާލާގެ އަންނަނިވި އާޔަތުގެ މައްޗަށް ބިނާކޮށެވެ.

﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾ [سُورَةُ التَّغَابُن 16]

މާނައީ: “ފަހެ ތިޔަބައިމީހުން ކުޅަދާނަ ވީވަރަކުން އަށް ތަޤުވާވެރިވާށެވެ.”

އަދި ރަމަޟާން މަހު ޖިމާޢުވެވިގެން އައި މީހާއަށް ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ކައްފާރާ ދިނުމަށް އަމުރު ކުރައްވައި އަދި އޭނާ އެކަމަށް ކުޅަދާނަވެގެން ނުވާކަމަށް ބުނުމުން، އެކަން އޭނާގެ ޛިއްމަތުގެ ދަށުގައި ދެމި އޮންނާނެ ކަމަކަށް ޙަދީޘްފުޅު ނުކުރައްވައެވެ. ފަހެ ވާޖިބު ކަންތައްތަކަކީ އެކަން ކުރުމުގެ ކުޅަދާނަކަށް ލިބިފައި ނުވާނަމަ އޭގެ ވާޖިބުކަން ފިލައިގެންދާ ކަންކަމެވެ.

 

ރަމަޟާން މަހު ދުވާލު ފިރިމީހާއާ އެކު ޖިމާޢުވާ އަންހެނާ ދެ ޙާލަތުން ކުރެ ޙާލަތަކުން ބޭރު ނުވާނެއެވެ.

 

ފުރަތަމަ ޙާލަތަކީ: ޖިމާޢުގެ ޙާލަތުގައި އެކަމުގެ މައްޗަށް ނުރުހުންތެރިވެ ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނުވަތަ ރަމަޟާން މަހު ދުވާލު ޖިމާޢުވުމަކީ ޙަރާމު ކަމެއްކަމުގެ ޙުކުމް ނޭނގުމުގެ ސަބަބުން ޢުޛުރުވެރިވެގެންވުމެވެ. މި ޙާލަތުގައި އެ އަންހެނާގެ ރޯދަ ޞައްޙަވާނެއެވެ. އަދި އެ އަންހެނާގެ ރޯދަ ޤަޟާކުރުމެއް ވެސް އަދި ކައްފާރާ ދިނުމެއް ވެސް ނުވެއެވެ. މިއީ އިމާމު އަޙްމަދު رَحِمَهُ اللَّهُގެ އެއް ރިވާޔަތެވެ. އަދި ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން އިބްނު ޢުޘައިމީން އަދި އަބްނު ބާޒު رَحِمَهُمَا اللَّهُ މި ބަސްފުޅު އިޚްތިޔާރު ކުރެއްވިއެވެ. އެއީ އަންނަނިވި އާޔަތުގެ މައްޗަށް ބިނާކޮށެވެ.

﴿رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا﴾ [سُورَةُ البَقَرَة 286]

މާނައީ: “އަޅަމެންގެ ރައްބެވެ! އަޅަމެން ހަނދާންނެތިގެން ކުރެވޭ ކުށަށް ނުވަތަ އޮޅުމަކުން އަޅަމެންނަށް ނޭނގިގެން ކުރެވޭ ކުށަށް އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!”

އަދި އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ أَكَلَ نَاسِيًا، وَهُوَ صَائِمٌ، فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ» [3]

މާނައީ: “މީހަކު ރޯދައަށް ހުރެ ހަނދާންނެތިގެން ކައިފި ނަމަ ނުވަތަ ބޮއެފި ނަމަ، ފަހެ އެ މީހެއްގެ ރޯދަ ފުރިހަމަކުރާށެވެ. ފަހެ އެއީ الله އެ މީހަކަށް ދެއްވި ކެއުމެއް ނުވަތަ ބުއިމެކެވެ.”

ދެވަނަ ޙާލަތަކީ: އެ އަންހެނާ ޢުޛުރުވެރިވެގެން ނުވުމެވެ. އަދި ކިއެއް ހެއްޔެވެ! އެ އަންހެނާ ފިރިމީހާއާ އެކު ރުހި ޤަބޫލުވެގެން ރަމަޟާން މަހު ދުވާލު ޖިމާޢުވުމެވެ. މި ޙާލަތުގައި އެ އަންހެނާގެ މައްޗަށް ކައްފާރާ ވާޖިބުވެގެންވުމާ މެދު ޢިލްމުވެރިން ޚިލާފުވެލައްވައެވެ. މިކަމުގައި ރާޖިޙު ބުނުމަކީ ފިރިމީހާގެ މައްޗަށް ކައްފާރާ ވާޖިބުވެގެންވާ ގޮތަށް އެ އަންހެނާގެ މައްޗަށްވެސް ކައްފާރާ ވާޖިބުވެގެން ވުމެވެ.

 


 

[1] صحيح البخاري، كتاب الصوم – باب إذا جامع في رمضان ولم يكن له شيء فتصدق عليه (1936)، صحيح مسلم، كتاب الصيام – باب تغليظ تحريم الجماع فِي نهار رمضان على الصائم (1111)

[2] فتاوى اللجنة الدائمة – المجموعة الثانية 245/9

[3] صحيح البخاري، كتاب الأيمان والنذور – باب إذا حنث ناسيا في الأيمان يت (6669)، صحيح مسلم، كتاب الصيام – باب أكل الناسي وشربه وجماعه لا يفطر (1155)

 

ޤަޟާ ރޯދައާ ގުޅޭ ޝަރުޢީ ބައެއް ޙުކުމްތައް