[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިނގިރޭޓު ބުއިން ޙަރާމްވާ ސަބަބު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ސިނގިރޭޓު ބުއިން ޙަރާމްވާ ސަބަބުތަކުގެ ތެރޭގައި:

  1. ގެއްލުންވާ ކޮންމެ އެއްޗެއް އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވޭ

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ވަރަށް ގެއްލުން ހުރި އެއްޗެއްކަން އެނގުމުން، ދުނިޔޭގެ ހުރިހާ ޤައުމެއްގައި، މުސްލިމުންނާއި ކާފިރުންވެސް، އެކަމާ ދެކޮޅު ހަދަން ފަށައިފިއެވެ. އަދި ކިއެއް ހެއްޔެވެ! ގެއްލުންދޭ ކޮންމެ އެއްޗެއް އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَا ضَرَرَ وَلَا ضِرَارَ» [رواه ابن ماجه (2341) وصححه الألباني في إرواء الغليل (896)]

މާނައީ: ” ގެއްލުން ލިބުމެއްވެސް އަދި (ޙައްޤަކާ ނުލާ) ގެއްލުން ދިނުމެއްވެސް ނުވެއެވެ.”

ކާބޯތަކެތީގެ ތެރޭގައި ފައިދާހުރި ރަނގަޅު ތަކެއްޗާއި ގެއްލުންހުރި ނުބައި އެއްޗެހިވެސް ވާކަމާމެދުގައި ޝައްކެއް ނެތެވެ. ނަބިއްޔާ صلى الله عليه وسلم ސިފަކުރައްވަމުން ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ.

﴿وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾ [سورة الأعراف: ١٥٧]

މާނައީ: “އަދި ރަނގަޅު ތަކެތި އެބައިމީހުންނަށް ޙަލާލު ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް ޙަރާމްކުރައްވައެވެ.”

ފަހެ، ދުންފަތް ހިމެނެނީ “ރަނގަޅު ތަކެތީގެ” ނުވަތަ “ނުބައިވެގެންވާ ތަކެތީގެ” ތެރެއިން ހެއްޔެވެ! ޝައްކެތްވެސް ނެތް ގޮތުގައި އެ ހިމެނެނީ ނުބައިވެގެންވާ ތަކެތީގެ ތެރޭގައެވެ. އެއީ އޭގެ ނުބައި ވަހާ، އޭގެން ހަށިގަނޑަށް ލިބޭ ގެއްލުންތަކާ އަދި އެހެން މީހުންނަށް އޭގެ ސަބަބުން ވާ އުނދަގޫތަކުންނެވެ.

 

  1. ސިނގިރޭޓު ބުއިމަށް ކުރާ ހޭދައަކީ ގެއްލުން ހުރި ކަމަކަށް ކުރާ ހޭދައެއް

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ اللَّهَ كَرِهَ لَكُمْ ثَلاَثًا: قِيلَ وَقَالَ، وَإِضَاعَةَ المَالِ، وَكَثْرَةَ السُّؤَالِ» [رواه البخاري (1477)]

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުން ތިން ކަމެއް ކުރުމަށް، ﷲ ނުރުހުންތެރިވެވޮޑިގެން ވެއެވެ. (އެއީ) ބޭކާރު ވާހަކަތައް ދެއްކުމާއި މުދާ ގެއްލެނި ކުރުމާއި ސުވާލު ގިނަކުރުމެވެ.”

އަދި ﷲ ތަޢާލާވަނީ އިސްރާފުކުރުން ނަހީކުރައްވާފައެވެ.

﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ [سورة الأعراف: 31]

މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެއިލާހު ލޯބިވެ ވޮޑިނުގަންނަވައެވެ.”

އަދި ރަޙްމާނުވަންތަ އިހާލުގެ އަޅުން ސިފަކުރައްވާ ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا﴾ [سورة الفرقان: 67]

މާނައީ: “އަދި އެބައިމީހުންނަކީ ހޭދައެއް ކޮށްފިނަމަ އިސްރާފު ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ.”

ދުންފަތުގެ އިސްތިޢުމާލުކުރުމަށް ކުރާ ހޭދައަކީ އެއިން އެއްވެސް ފައިދާއެއް ހާސިލު ނުވާ، ގެއްލިގެންދާ ފައިސާތަކެއްކަން މިއަދު މުޅި ދުނިޔޭގެ އެންމެންވެސް ދަނެއެވެ. އެއީ ގެއްލުންހުރި ކަމަކަށް ކުރެވޭ ހޭދައެކެވެ. އެކަމަށް އެ ހޭދަކުރާ ހުރިހާ ފައިސާއެއް ޖަމާކޮށްފިނަމަ، ބަނޑުހައި ހޫނުކަމުގައި މަރުވެގެންދާ އެތައް ބަޔަކު، އެފައިސާއިން ސަލާމަތްކުރެވިދާނެކަން ކަށަވަރެވެ.

ޑޮލަރު ނޫޓެއް ނަގާ، އޭގައި އަލިފާން ރޯކުރާނީ ކިހާ ނުވިސްނޭ މީހެއް ހެއްޔެވެ؟ އެފަދަ މީހަކާ ސިނގިރޭޓު ބޯ މީހަކާ ދެމެދުގައި ވަނީ ކޮން ތަފާތެއް ހެއްޔެވެ! އެ ދެމީހުން ކުރެވެސް އެންމެ ނުވިސްނޭ މީހަކީ ސިނގިރޭޓު ބޯ މީހާއެވެ. އެއީ ޑޮލަރު ނޫޓެއްގައި ރޯކޮއްލާ މީހާ އެ ކުރިކަމެއް، އެ ނޫޓު އަނދާ ނިމުމުން އެ ނިމުނީއެވެ. އެހެނަސް ސިނގިރޭޓު ބޯ މީހާ އެ އަންދާލަނީ އޭނާގެ މުދަލެވެ. އަދި އޭގެ އިތުރުން އޭނާ އެ ބުއި ސިނގިރޭޓުގެ ސަބަބުން އޭނާގެ ހަށިގަނޑަށްވެސް އެތައް ގެއްލުމެއް ވެއެވެ. އަދި އޭނާގެ ވަށައިގެން އުޅޭ މީހުންނަށްވެސް އެކަމުން އެތައް އުނދަގުލަކާއި ގެއްލުމެއް ކުރެއެވެ.

 

  1. ސިނގިރޭޓު ބުއިމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރިމަތިވޭ

ސިނގިރޭޓު ބޮއެފަ އެއްލައިލާ ސިނގިރޭޓު ބުރީގެ ސަބަބުންވެސް އެތައް ގެއްލުމެއްވެފައި އެބަހުއްޓެވެ. އެގޮތުން އެފަދައިން އެއްލައިލާ ސިނގިރޭޓު ބުރީގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ.

އެއްލައިލާ ސިނގިރޭޓު ބުރީގެ އިތުރުން އެހެން ގޮތްގޮތުންވެސް އެފަދަ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން ގޭގައި ކައްކަން ގެންގުޅޭ ގޭސްފުޅިން ގޭސް ލީކުވެފައިވަނިކޮށް ސިނގިރޭޓު ރޯކުރުމުގެ ސަބަބުން ގޭގައި ތިބި މީހުންނާއެކު މުޅި ގެ އަނދާފައިވެސް އެބަހުއްޓެވެ. ރޭގަނޑު ނިދުމުގެ ކުރިން ފުޅިބައްތި ނިވައިލުމަށް ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށެވެ.

 

  1. ސިނގިރޭޓުގެ ވަހުން އެހެން މީހުންނަށް އުނދަގޫވޭ

ސިނގިރޭޓު ބޯ މީހާގެ ކިބައިން ދުވާ ވަހުން މީހުންނަށް އެތައް އުނދަގުލެއް ވެއެވެ. ޚާއްޞަކޮށް މިސްކިތުގައި ނަމާދަށް ހުންނައިރު، ސިނގިރޭޓު ބޮއެގެން މިސްކިތަށް އަންނަ މީހާގެ ކައިރީގައި ހުރިނަމަ އޭނާގެ ކިބައިން ދުވާ ވަހުން ނަމާދަށް ހުރުމަށް އުނދަގޫވާ ފަހަރުވެސް އާދެއެވެ. އެހެން ވަސްވަހަށް ވުރެ، ސިނގިރޭޓު ބޯ މީހަކު ނިދާ ހޭލާއިރު އެދުވާ ވަހުން މީސްތަކުންނަށްވާ އުނދަގޫ ބޮޑުކަން ބައެއް މީހުން ފާހަގަ ކުރެއެވެ. ސިނގިރޭޓު ބޯ ފިރިންނާއެކު އުޅޭ އަނބިންގެ ކެތްތެރިކަމާމެދުވެސް ބައެއް މީހުން އަޖައިބުވެއެވެ!

(ރޯ) ފިޔާ ނުވަތަ ލޮނުމެދުފަދަ އެއްޗެހި ކައިގެން މިސްކިތަށް ދިއުން ނަބިއްޔާ صلى الله عليه وسلم މަނާކުރައްވާފައިވެއެވެ. އެއީ މީސްތަކުންނަށް އޭނާގެ އަނގައިން ދުވާ ވަހުން އުނދަގޫވާނެތީއެވެ. ފިޔާ ނުވަތަ ލޮނުމެދަށް ވުރެ، ސިނގިރޭޓު ބޯ މީހާގެ ކިބައިން މާ ނުބައި ވަސް ދުވައެވެ.

މިއީ ސިނގިރޭޓު ބުއިން ޙަރާމްވާ ބައެއް ސަބަބުތަކެވެ.

_____________

މަޞްދަރު

ދުންފަތުގެ އިސްތިޢުމާލުކުރުމާއި ސިނގިރޭޓާއި ވޭޕާ ގުޅުން ހުރި ލިޔުންތައް