[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޓިކްޓޮކާއި މީސްމީޑިއާގެ އެކިއެކި މަންސަތަކުގެ ފިތުނަ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާ ގޮސް، މުޅި ދުނިޔެ މިވަނީ ކުޑަ ތަނަކަށް ވެފައެވެ. އަތުގައި އޮންނަ ސްމާޓް ފޯނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން ވަގުތުން ވަގުތަށް، ނުހަނު ފަސޭހަކަމާއެކު ބަލައިލެވެއެވެ. އަދި މިފަހުން ޢާންމުވެފައި މީސްމީޑިއާގެ މަންސަތައް (Social Media Platforms) މިވަނީ ދުނިޔޭގެ ހުރިހާ ބިތެއްގައި އުޅޭ އެންމެން އެއްތަން ކުރުވާފައެވެ. ދުވަހަކު ލޮލުން ދެކި، ބައްދަލުވެފައި ނުވާ އެތައް ބަޔަކު މިވަނީ އެފަދަ މަންސަތަކުގެ ޒަރިއްޔާއިން ރައްޓެހިންނަށްވެފައެވެ. އެފަދަ މަންސަތައް މިއަދު ވެފައިވަނީ ގިނަ ބައެއްގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށެވެ.

ހެނދުނު ހޭލުމާއެކު އެންމެ ފުރަތަމަ ބަލައިލެވެނީވެސް އޭގައި އައު ކަމެއް ނުވަތަ ޚަބަރެއް ވޭތޯއެވެ. އަދި ނިދަން އޮށޯވެ އެންމެ ފަހުން ކުރާ ކަމަކަށްވެސް ވެފައިވަނީ އެކަމެވެ. އޭގެ އިތުރުން އެފަދަ މަންސަތައް ވެފައިވަނީ ބައެއް މީހުންގެ “ޑައިރީ”އަށެވެ. އެފަދަ މީހުން ކުރާ ކޮންމެ ކަމެއް، އަޅާ ކޮންމެ ފިޔަވަޅެއް އޭގައި ހިއްސާކުރެއެވެ. އަދި އެއީ އެއް ބަޔަކު ދިރިއުޅުމަށްކުރާ އަދި ޢާމްދަނީ ލިއްބައިދޭ މަސައްކަތަކަށްވެސް ވެއްޖެއެވެ. މިކަމުގައި ކުޑައެއް، ބޮޑެއް، ޒުވާނެއް، މުސްކުޅިއެއް ތަފާތެއް ނެތެވެ. މިކަންކަމުން މުޖުތަމަޢުގެ އަދަބު އަޚުލާޤަށް ނޭދެވޭ އަސަރު ކުރާތަން ދަނީ ފެންނަމުންނެވެ. ދިވެހި މުޖުތަމަޢުންވެސް މިކަންކަމުގެ ނޭދެވޭ އަސަރުތައް ފެންނަން ފަށައިފިއެވެ. އެގޮތުން ދިވެހިރާއްޖޭގައި މިފަހުން އެންމެ ޢާންމުވެފައިވާ އެއް މަންސައަކީ “ޓިކްޓޮކް” (Tiktok) އެވެ.

“ޓިކްޓޮކް”އަކީ ކުރު ވީޑިއޯ ހަދާ އެޑިޓުކޮށް އެ މަންސައިގެ ބޭނުންކުރާ މީހުންނާ ހިއްސާކުރެވޭ ގޮތަށް ހަދާފައިވާ މީސްމީޑިއާގެ މަންސައެކެވެ. އެ އުފެއްދީ ޗައިނާގެ ކުންފުންޏަކުންނެވެ. އެ މަންސަ ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ޓިކްޓޮކަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ. އަދި އޭގައި ވީޑިއޯ “ލައިވް”ވެސް ކުރެވެއެވެ. އެހެންކަމުން އެއީ ހުރިހާ ޢުމުރެއްގެ މީހުންގެ މެދުގައިވެސް މަޤުބޫލު އެއްޗަކަށްވެގެން ދިޔައެވެ. އަދި އެއީ ގިނަ ޢަދަދެއްގެ ބަޔަކު އެއަށް ދެވިހިފާފައިވާ އެއްޗަކަށް ވެގެން ދިޔައެވެ. އޭގައި އެކި ފިކުރުގެ މީހުން، އެކި ފާޑުފާޑުގެ ވީޑިއޯ ހިއްސާކުރެއެވެ. އަދަބު އަޚުލާޤުގެ ކަންފުޅެއްވެސް ނެތި، ބޭއަދަބީ ވީޑިއޯތައް އޭގައި ހިއްސާކުރެއެވެ. އެހެންކަމުން އެ ވެފައިވަނީ އިންޓަނެޓުގައިވާ ކުނިގޮނޑަކަށެވެ.

ހިތާމައަކީ ދިވެހިންގެ ތެރެއިން ބައެއް މީހުންވެސް އޭގެ ވަބައިގައި ޖެހިފައިވުމެވެ. އަޅުގަނޑުމެންގެ އިސްލާމީ ޢަޤީދާއާއި އަދަބު އަޚުލާޤާ ފުށުއަރާ އެތައް ވީޑިއޯއެއް ޚުދު ދިވެހިންވެސް އޭގައި ހިއްސާކުރެއެވެ. އަދި ޙަރާމް އެތައް ވާހަކަތަކެއް މަޖަލަކަށް ހަދައިގެން އެތަނުގައި ދައްކައި އަދި ބެލުން ޙަރާމް އެތައް މަންޒަރުތަކެއްވެސް އެއްވެސް ބިރެއް، ލަދުވެތިކަމެއް އަދި ޖެހިލުމެއް ނެތި ދައްކައެވެ. އަދި ވީޑިއޯ ލައިވްކުރާއިރު ހަޑިހުތުރު ބަސްތަކުން އެކަކު އަނެކާ ޒުވާބުކުރެއެވެ. އޭގެ ސަބަބުން މުޖުތަމަޢުގެ އަދަބު އަޚުލާޤަށް ނޭދެވޭ އަސަރުކުރާކަމީ މިއަދު ދިވެހި މުޖުތަމަޢުން ފެންނަންއޮތް ޙަޤީޤަތެކެވެ.

ޓިކްޓޮކާއި ޓްވިޓާއާއި އިންސްޓަރގްރާމާއި ޓެލެގްރާމާއި ފޭސްބުކް އަދި މި ނޫންވެސް މީސްމީޑީއާގެ މަންސަތަކަކީ ފާޙިޝްކަންކަން ފަތުރާ ވަސީލަތްތަކަކަށް ވެއްޖެއެވެ. އެފަދަ މަންސަތައް މެދުވެރިކޮށް ފާޙިޝް އަޑުތަކާއި މަންޒަރުތަކާއި ލިޔުންތައް މީސްތަކުންގެ މެދުގައި ފެތުރުން އާންމު ވެއްޖެއެވެ. ފާޙިޝް ކަންކަން ފަތުރާމީހުންނާ މެދު ﷲ ތަޢާލާވަނީ ވަޢީދުގެ ބަސްފުޅު ވަޙީކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴾ [سورة النور: ‎١٩]

މާނައީ: “ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާހިޝް ޢަމަލުތައް ފެތުރިގެން ދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެބައިމީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެއެވެ.”

މިފަދަ މަންސަތަކުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނެތި، ﷲ ތަޢާލާ އެބައިމީހުން ޚަލްޤުކުރައްވާފައިވާ ފިޠުރަތާވެސް ޚިލާފުވެގަތުން ޢާންމުވެއްޖެވެ. ފިރިހެނުން އަންހެނުންނާ ވައްތަރުވެގަނެ އަދި އަންހެނުން ފިރިހެނުންނާ ވައްތަރުވެގަނެ، ލަވަކިޔާ، ނަށާ، ފާޙިޝް ގޮތްގޮތަށް އުޅެއެވެ. މިއީ ނަބިއްޔާ صلى الله عليه وسلم ލަޢުނަތް ދެއްވާފައިވާ ކަމެކެވެ.

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

«لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالمُتَرَجِّلاَتِ مِنَ النِّسَاءِ» [رواه البخاري (5886)]

މާނައީ: “ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް ނަބިއްޔާ صلى الله عليه وسلم ލަޢުނަތް ދެއްވިއެވެ.”

މި ޙަދީޘްގެ ޝަރަޙައިގައި އިބްނު ޢުޘައިމީން رحمه الله ވިދާޅުވިއެވެ.

“މި ތަނުގައި ލަޢުނަތް ދެއްވުމުގެ މުރާދަކީ ފިރިހެނުން އަންހެނުންނާ ވައްތަރުވެގަތްކަމަށްޓަކައި އަދި އަންހެނުން ފިރިހެނުންނާ ވައްތަރުވެގަތްކަމަށްޓަކައި، އެބައިމީހުން ﷲގެ ރަޙުމަތުން ދުރުކޮށް ބޭރުކުރެވުމެވެ. ފަހެ، އަންހެނުންނާ ވައްތަރުވެގަންނަ މީހާ ދަންނައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން އޭނާގެ މައްޗަށް ލަޢުނަތް ދެއްވާފައިވެއެވެ. އަދި ފިރިހެނުންނާ ވައްތަރުވެގަންނަ މީހާ ދަންނައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން އޭނާގެ މައްޗަށްވެސް ލަޢުނަތް ދެއްވާފައިވެއެވެ.”

އަދިވެސް ވިދާޅުވިއެވެ.

“ފަހެ ފިރިހެނުން އަންހެނުންނާ ވައްތަރުވެގަތުން ދަންނައެވެ. އެއީ ފަށުވި ފޭރާމާއި ރަންފަދަ ޙަރާމް އެއްޗަކުން ކަމުގައިވިޔަސް ނުވަތަ ހެދުން އެޅުމުގައިވިޔަސް އަންހެނުންނާ ވައްތަރުވެގަތުމެވެ. ނުވަތަ ވާހަކަ ދެއްކުމުގައި، އާންމުކޮށް ފިރިހެނުން ވާހަކަ ދައްކާ އުޅޭ ގޮތާ ޚިލާފަށް، އަންހެނުން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކުމެވެ. ނުވަތަ ހިނގުމުގައި އަންހެނުންނާ ވައްތަރުވެގަތުމެވެ. ނުވަތަ މިނޫންވެސް އަންހެނުންނަށް ޚާއްޞަ ކަންކަމުގައި އެބައިމީހުންނާ ވައްތަރުވެގަތުމެވެ. ފަހެ، އެފަދަ މީހަކީ ﷲގެ ޚަލްޤުތަކުންގެ ތެރެއިން އެންމެ ޝަރަފުވެރި ފަރާތުގެ ދޫފުޅުން ލަޢުނަތް ދެއްވާފައިވާ މީހެކެވެ. އަދި ﷲގެ ރަސޫލާ صلى الله عليه وسلم ލަޢުނަތް ދެއްވާފައިވާ މީހުންނަށް އަހަރެމެންވެސް ލަޢުނަތް ދެމެވެ. ފަހެ، ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނަކީ އެކަލޭގެފާނު ލަޢުނަތް ދެއްވާފައިވާ ބައެކެވެ.

ހަމަ އެފަދައިން އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަކީވެސް ލަޢުނަތް ދެއްވާފައިވާ ބައެކެވެ. އެއީ އެބައިމީހުން ފިރިހެނުން ވާހަކަ ދައްކާގޮތަށް ވާހަކަ ދެއްކުމުންނެވެ. ނުވަތަ ފިރިހެނުން ބޮލުގައި ފަގުޑިއަޅާ ފަދައިން ފަގުޑި އެޅުމުންނެވެ. ނުވަތަ ފިރިހެނުން ހެދުން އަޅާގޮތަށް ހެދުން އެޅުމުންނެވެ. އެއީ ފިރިހެނުންނަށް ޚާއްޞަ، ފަޓުލޫނުފަދަ އެއްޗެހި ލުމުންނެވެ. އަންހެނުންނަށް އޮތީ ނިވާވާފަދަ ހެދުން ލުމެވެ.” [شرح رياض الصالحين للشيخ محمد بن صالح بن محمد العثيمين (6 / 370 – 372)]

ބެލުންތިރިކުރުމަށާއި އެބައިމީހުންގެ ފަރުޖުތަކަށް ރައްކާތެރިވުމަށް ﷲ ތަޢާލާވަނީ މުއުމިނު އަންހެނުންނާއި ފިރިހެނުންނަށްވެސް އަންގަވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ ‎﴿٣٠﴾‏ وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ‎﴿٣١﴾ [سورة نور: 30 – 31]

މާނައީ: “މުއުމިނު ފިރިހެނުންނަށް، އެބައިމީހުންގެ ބެލުންތައް ތިރިކުރުމަށާއި އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެބައިމީހުންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ، އެބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [30] އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ޚިމާރުތައް (ބުރުގާތައް)، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވައިކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް ނުވަތަ ބަފައިންނަށް ނުވަތަ ފިރިންގެ ބަފައިންނަށް ނުވަތަ ފިރިހެން ދަރިންނަށް ނުވަތަ ފިރިންގެ ފިރިހެން ދަރިންނަށް ނުވަތަ އަޚުންނަށް ނުވަތަ އަޚުންގެ ފިރިހެން ދަރިންނަށް ނުވަތަ އުޚްތުންގެ ފިރިހެން ދަރިންނަށް ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) ނުތަޅާ ހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ. [31]”

މި އާޔަތާމެދު ވިސްނާ ފިކުރުކުރައްވާށެވެ. ބެލުން ތިރިކޮށް ފަރުޖުތަކަށް ރައްކާތެރިވުމަށް އަންހެނުންނާއި ފިރިހެނުންނަށްވެސް އެންގެވުމަށް ފަހުގައި، ދެން އެބައެއްގެ ކުރިމަތީގައި، އަންހެނުން އެކަނބަލުންގެ ޒީނަތް ފާޅުކުރުން ހުއްދަ ނުވާ މީހުން ވަރަށް ތަފްސީލުކޮށް އެވަނީ ބަޔާންކުރައްވާފައެވެ. އަދި އެކަނބަލުންގެ ފައިގައި އަޅާފައިވާ ގަހަނާތަކުގެ ތެރެއިން ފޮރުވިފައިވާ ތަކެތީގެ އަޑުވެސް ނީއްވުމަށް އެވަނީ އަންގަވާފައެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި މިފަދައިން ޞަރީޙަކޮށް މިކަން ބަޔާންކުރައްވާފައިވާއިރު، މީސްމީޑީއާގެ މަންސަތަކުގައި ނަށާ، އެކި ފާޑުފާޑުގެ ވައްތަރުޖައްސާފައި ވީޑީއޯތައް ޢާންމުކުރުން ހުއްދަވާނީ ކިހިނެތް ހެއްޔެވެ؟

ޢައުރަ ނިވާނުވާފަދަ ހެދުން ލައިގެން ވީޑިއޯތައް ހަދާ މީހުން އެކަންކަމުން ދުރުހެލިވާށެވެ. އަދި ބުރުގާ އަޅައިގެން އެފަދަ ކަންކަން ކުރާ މީހުންނާމެދު ދަންނައެވެ. އެބައިމީހުން އެވަނީ ބުރުގާގެ މަޤްޞަދާ ޚިލާފުވެފައެވެ. ގަޔަށް ބާރު ހެދުން ލާފައި، ބޮލުގައި ފޮތިގަނޑެއް އޮޅުމަކުން އިސްލާމީ ޙިޖާބުން ނިވާވިކަމަކަށް ނުވާނެއެވެ. އެހެނީ ބުރުގާ އެޅުކަމީ ފެޝަނެއް ނޫނެވެ. އެކަންވާންޖެހޭނީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންވުމުގެ ގޮތުން ކުރާކަމަކަށެވެ. އަދި އެއިލާހު އެންގެވި ގޮތަށް ކުރާ ކަމަކަށެވެ.

ނަރަކަވަންތަވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބަޔަކު ވާކަން ބަޔާންކުރައްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ، رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لَا يَدْخُلْنَ الْجَنَّةَ، وَلَا يَجِدْنَ رِيحَهَا، وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا» [صحيح مسلم (125 – (2128))]

މާނައީ: “ނަރަކަވަންތަވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. (އޭގެ ތެރެއިން އެއް ބަޔަކީ) އެބައިމީހުންގެ އަތުގައި ގެރީގެ ނަގޫފަދަ ޗާބޫކުތަކެއްވާ ބަޔެކެވެ. އެބައިމީހުން މީސްތަކުންގެ ގައިގައި އެއިން ތަޅާނެއެވެ. އަދި (އަނެއް ބަޔަކީ) ހެދުންލިޔަސް އޮރިޔާމުންވާ އަންހެނުންތަކެކެވެ. އެބައިމީހުންގެ ފަރާތަށް ފިރިހެނުން ލަންބުވާ، ޚުދު އެބައިމީހުން ފިރިހެނުންގެ ފަރާތަށް ލެނބިގެންވާ އަންހެނުންތަކެކެވެ. އެބައިމީހުންގެ ބޮލުގެ އިސްތަށިގަނޑު ޖަމަލުގެ ގޮށްގަނޑު ފަދައިން ލެނބިފައި ހުންނާނެވެ. އެބައިމީހުން ސުވަރުގެއަށް ނުވަންނަ ހުއްޓެވެ. އަދި އެބައިމީހުން ސުވަރުގޭގެ (މީރު) ވަސްވެސް ނުދެކޭނެއެވެ. ހަމަކަށަވަރުން، އެ ތަނުގެ (މީރު) ވަސް އެވެނި މިވެނި ރާސްތާގެ ދުރުމިނަށް ހުންނާނެއެވެ.”

ޢައުރަ ނިވާކުރުމަކީ ހަމައެކަނި އަންހެނުންގެ މައްޗަށް އޮތް ކަމެއް ނޫނެވެ. ފިރިހެނުންވެސް އެބައިމީހުންގެ ޢައުރަ ނިވާނުވާވަރުގެ ކުރު ސޯޓުލައިގެން ފޮޓޯއާއި ވީޑިއޯ ޢާންމުކުރުން ހުއްދަވެގެން ނުވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«غَطِّ فَخِذَكَ، فَإِنَّ الْفَخِذَ عَوْرَةٌ» [رواه البيهقي (7367) وصححه الألباني في صحيح الجامع (4157)]

މާނައީ: “ފަލަ މަސްގަނޑު ނިވާކުރާށެވެ. ފަހެ، ހަމަކަށަވަރުން ފަލަ މަސްގަނޑަކީ ޢައުރައެވެ.”

ފިރިހެންނާއި އަންހެނުންވެސް އެއްބައެއް އަނެއް ބައެއްގެ ޢައުރައަށް ބެލުން ހުއްދަވެގެންނުވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«لَا يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ، وَلَا الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ» [صحيح مسلم (74 – (338))]

 މާނައީ: “ފިރިހެނުން، ފިރިހެނުންގެ ޢައުރައަށް ނުބަލާށެވެ. އަދި އަންހެނުން، އަންހެނުންގެ ޢައުރައަށް ނުބަލާށެވެ.”

ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. އެއީ އަދަބު އަޚުލާޤުގެ ތެރޭގައި ހިމެނޭ މަތިވެރި ސިފައެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الْإِيمَانُ بِضْعٌ وَسَبْعُونَ شُعْبَةً، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ» [صحيح مسلم (57 – (35))]

މާނައީ: “އީމާންކަމުގެ ހަތްދިހަ އެތައް ބައެއްވެއެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ، إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ» [رواه البخاري (3484)]

މާނައީ: “ހަމަކަށަވަރުން އިހުޒަމާނުގައި (އެބަހީ: ނަބިއްޔާ صلى الله عليه وسلم، ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން) އުޅުއްވި ނަބީބޭކަލުންގެ ބަސްފުޅުތަކުގެ ތެރެއިން، މީސްތަކުންނާ ހަމައަށް ފޯރި ބަސްފުޅުތަކުގެ ތެރޭގައި ވެއެވެ. ތިބާ ލަދުވެތިނުވާނަމަ، ފަހެ ތިބާ ބޭނުންކަމެއް ކުރާނެއެވެ.”

އަމިއްލައަށް އެފަދަ ވީޑިއޯތަކާއި ފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރުމުގެ އިތުރުން، އެ ފަދަ އެއްޗެހި ފަތުރައި ދިނުމުގައި ބައިވެރިވުމަކީވެސް ހުއްދަކަމެއް ނޫނެވެ. ފާޙިޝް ވީޑިއޯތަކާއި ފޮޓޯތައް ބަލާ، އިތުރަށް އެފެތުރުމުންވެސް ދުރުހެލިވާން ޖެހެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«فَزِنَا العَيْنِ النَّظَرُ» [رواه البخاري (6612) ومسلم (20 – (2657))]

މާނައީ: “ފަހެ، ލޮލުގެ ޒިނޭއަކީ ބެލުމެވެ.”

ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް ޢާންމުކޮށް ފެތުރުމަކީ ކުޑަކަމެއް ނޫނެވެ. ފާޙިޝް ތަކެތި މީސްމީޑިއާގައި ހިއްސާކުރާ މީހުންނަށް އެކަންކަމަށް އިތުރަށް ހިތްވަރުލިބެނީވެސް އެފަދަ އެއްޗެހި އިތުރަށް ފަތުރައިދޭ މީހުން ތިބޭތީއެވެ. މަޖަލަކަށް ހަދައިގެން ވިޔަސް، އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ! އެއީ މަޖާކަމެއް ނޫނެވެ. އެހެނެއްކަމަކު އެއީ ބިރުހުރި ކަމެކެވެ. އެއީ އެފަދަ ކަންކަން ބައެއްގެ ތެރޭގައި ޢާންމުވެއްޖެނަމަ ﷲ ތަޢާލާގެ ކޯފާއެއް އަތުވެދާނެ ފަދަ ކަންކަމެވެ. އެފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނުވަތަ ލިޔުމެއްވިޔަސް ފެތުރުމުން ދުރުހެލިވާށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ، وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ: لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا إِلَّا فَشَا فِيهِمُ الطَّاعُونُ وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا» [رواه ابن ماجة (4020) وصححه الألباني في صحيح الجامع الصغير (7978)]

މާނައީ: “އޭ މުހާޖިރުންނޭވެ. ފަސްކަމެއް ތިޔަބައިމީހުންނާއި ކުރިމަތިވެ އޭގެ ފިތުނަވެރިކަން ޖެހިއްޖެނަމަ (ތިޔަބައިމީހުންނަށް އެކަމުގެ ސަބަބުން ހެވެއް ނުލިބޭނެއެވެ.) ފަހެ އެކަންތައްތައް ތިޔަބައިމީހުންނަށް ލައިނުގަތުމަށް ތިމަންކަލޭގެފާނު ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. (އޭގެ ތެރެއިން ފުރަތަމަ ކަމަކީ): ބައެއްގެ ތެރޭގައި ފާޙިޝްކަންތައްތައް ފާޅުވެ އެކަމެއް އިޢުލާނުކޮށް ޢާންމުކޮށްފިނަމަ ދަންނައެވެ. ފަހެ އެހިނދު އެބައެއްގެ ތެރޭގައި ޠާޢޫނާއި (ގައިން ގަޔަށް އަރާ ބަލިތަކާއި) އެމީހުންގެ ކުރިން އެއްވެސް ބަޔަކު ދެކެފައި ނުވާފަދަ އާ ބަލިތަކާއި ރޯގާތަކާއި ތަދުމަޑުކަން ފެތުރި ޢާންމުވެދެއެވެ.“

އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. “ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.”

سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «كُلُّ أُمَّتِي مُعَافًى إِلَّا المُجَاهِرِينَ، وَإِنَّ مِنَ المُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلًا، ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ، فَيَقُولَ: يَا فُلاَنُ، عَمِلْتُ البَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ، وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ» [رواه البخاري (6069)]

މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގެ އެންމެންނަށް ޢަފޫކުރެއްވިގެން ވެއެވެ. (މުންކަރާތްތައް ކުރުމަށް ފަހުގައި އެކަންކަން) ފާޅުކުރާ މީހުން ފިޔަވައެވެ. ހަމަކަށަވަރުން (މުންކަރާތްތައް ކުރުމަށްފަހުގައި އެކަންކަން) ފާޅުކުރާ މީހުންގެ ތެރޭގައި ރޭގަނޑު (މުންކަރާތުގެ) ޢަމަލެއް ކޮށްފައި، ދެން ހެނދުނުވުމުން ﷲ އެކަން ވަންހަނާކޮށްދެއްވާފައި ވަނިކޮށް މިފަދައިން ބުނާމީހާ ހިމެނެއެވެ. “އޭ މިވެނި މީހާއެވެ! ރޭގައި އަހަރެން އެވެނި މިވެނި ކަމެއް ކުރީމެވެ.” ރޭގަނޑު އޭނާގެ ރައްބު އޭނާގެ އެކަންތައް ވަންހަނާކޮށްދެއްވިއެވެ. އަދި ﷲ އޭނާއަށްޓަކައި ސިއްރުކޮށްދެއްވި ކަންތައް، ހެނދުނުވުމުން އޭނާ ކަޝްފުކުރިއެވެ.”

ޓިކްޓޮކާއި ޓްވިޓާއާއި އިންސްޓަރގްރާމާއި ޓެލެގްރާމާއި ފޭސްބުކް އަދި މި ނޫންވެސް މީސްމީޑީއާގެ މަންސަތަކުގައި ކުރާ ކަންކަމާއި ދައްކާ ވާހަކަތަކާ އަދި ލިޔާ ލިޔުންތަކަކީވެސް އެއާމެދު ސުވާލުވެވޭނޭ، ކަންތައްތަކެވެ. އެކަން ހަނދާން ނައްތާނުލާށެވެ. އަދި ކިއެއް ހެއްޔެވެ! ޤިޔާމަތް ދުވަހުން އެމީހެއްގެ އަތާއި ފައި އަދި ދޫވެސް އެމީހަކު އެއިން ކުރި ކަންކަމަށް ހެކިވާނެކަން ދަންނާށެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ ‎﴿٢٤﴾‏ يَوْمَئِذٍ يُوَفِّيهِمُ اللَّهُ دِينَهُمُ الْحَقَّ﴾ [سورة النور: ‎24 – 25]‏

މާނައީ: “އެބައިމީހުންގެ މައްޗަށް އެބައިމީހުންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެބައިމީހުން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ. (24) އެދުވަހުން ﷲ، އެބައިމީހުންނަށް އެބައިމީހުންގެ ޙައްޤު ޖަޒާ ހަމައަށް ދެއްވާނެއެވެ.”

މީސްމީޑީއާގެ މަންސަތަކުގައި ދައްކާ ވާހަކަތަކާއި ހިއްސާކުރާ އެއްޗެއްސާމެދު ސަމާލުވާށެވެ. ތިބާ ދައްކާ ވާހަކަތަކާއި ލިޔާ ލިޔުންތަކާ އަދި ހިއްސާކުރާ ލިޔުންތަކަކީވެސް ތިބާގެ ޢަމަލުތަކުގެ ފަތުގައި ލިޔުއްވޭނެ އެއްޗެހިކަން ދަންނާށެވެ. އެއީ އެކަންކަމާ މެދުގައި ޤިޔާމަތްދުވަހު ސުވާލުވެވޭނެ ކަންކަމެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ العَبْدَ لَيَتَكَلَّمُ بِالكَلِمَةِ مِنْ رِضْوَانِ اللَّهِ، لاَ يُلْقِي لَهَا بَالًا، يَرْفَعُهُ اللَّهُ بِهَا دَرَجَاتٍ، وَإِنَّ العَبْدَ لَيَتَكَلَّمُ بِالكَلِمَةِ مِنْ سَخَطِ اللَّهِ، لاَ يُلْقِي لَهَا بَالًا، يَهْوِي بِهَا فِي جَهَنَّمَ» [رواه البخاري (6478)]

މާނައީ: “ހަމަކަށަވަރުން އަޅާ ވިސްނުމެއް ނެތި، ﷲ ރުހިވޮޑިގަންނަވާ ބަހެއް ބުނުމުން، އޭގެ ސަބަބުން ﷲ އޭނާ ދަރަޖަތަކަކަށް އުފުއްލަވައެވެ. އަދި ހަމަކަށަވަރުން އަޅާ ވިސްނުމެއް ނެތި، ﷲ ރުހިވޮޑިނުގަންނަވާ ބަހެއް ބުނުމުން، އޭގެ ސަބަބުން ﷲ އޭނާ ނަރަކައަށް އެއްލައިލައްވައެވެ.”

މީސްމީޑީއާގެ މަންސަތަކުގައި ދައްކާ ވާހަކައިގައިވެސް ތެދުވެރިވާށެވެ. ފެންނަ ކޮންމެ އެއްޗެއް ނުފަތުރާށެވެ. ތިބާއަކީ އެހެން މީހުން މަގުފުރެދުމުގެ ސަބަބަކަށް ނުވާށެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ﴾ [سورة العنكبوت: ‎١٣]

މާނައީ: “އަދި ހަމަކަށަވަރުން އެބައިމީހުންގެ އަމިއްލަ ނަފުސުގެ ފާފަތަކާ އަދި އަމިއްލަ ފާފަތަކާއެކު، އެބައިމީހުން (މަގުފުރެއްދި މީހުން) ގެ ފާފަތައްވެސް އެބައިމީހުން އުފުލާނެއެވެ.”

އެހެންކަމުން ތިބާ ހިއްސާކުރާ އެއްޗެއްސަކީ އަދި ދައްކާ ވާހަކަތަކަކީ އެހެން މީހުންނަށް ފައިދާކުރާ އެއްޗެހިކަމުގައި ހަދާށެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ دَعَا إِلَى هُدًى، كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا، وَمَنْ دَعَا إِلَى ضَلَالَةٍ، كَانَ عَلَيْهِ مِنَ الْإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا» [رواه مسلم (16 – (2674))]

މާނައީ: “ހެޔޮ މަގަށް ގޮވާލާ މީހާއަށް، އޭނާގެ ގޮވާލުމަށް ތަބާވާ މީހުންގެ އަޖުރުވެސް ލިބޭ ހުއްޓެވެ. އެއީ އެ ހެޔޮ މަގަށް ތަބާވާ މީހުންގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ. އަދި ނުބައި މަގަށް ގޮވާލާ މީހާއަށް، އޭނާގެ ގޮވާލުމަށް ތަބާވާ މީހުންގެ ފާފަވެސް ލިބޭ ހުއްޓެވެ. އެއީ އެ ނުބައި މަގަށް ތަބާވާ މީހުންގެ ފާފައިން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ.”

ކާކުކަން ނޭނގޭ ގޮތަށް ތަފާތު އެކި ނަންނަމުގައި އެކައުންޓުތައް ހަދައިގެން، ފިލާތިބެ މުންކަރާތާއި ފާޙިޝް ކަންކަން ފަތުރާ އަދި ހިތަށް އެރިހާ އެއްޗެއް މީހުންނާ ދިމާއަށް ގޮވާމީހުންވެސް މަދެއް ނޫނެވެ. އެފަދަ މީހުންނަށް މީސްތަކުންނަށް ފިލައިގެން ތިބެވިދާނެއެވެ. އެހެނަސް އެބައިމީހުން އެކުރާ ކަންކަމާއި ބުނާ ބަސްތައް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެބައިމީހުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން، އެބައިމީހުން އެކުރާ ކަންކަމާއި ބުނާ ބަސްތައް ލިޔުއްވާނެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَسْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ الْقَوْلِ ۚ وَكَانَ اللَّهُ بِمَا يَعْمَلُونَ مُحِيطًا﴾ [سورة النساء: ‎١٠٨]‏

މާނައީ: “އެބައިމީހުން މީސްތަކުންނަށް ވަންހަނާވެގަނެއެވެ. އެކަމަކު ﷲ ގެ ޙަޟްރަތަށް އެބައިމީހުންނަކަށް ވަންހަނާވެއެއް ނުގަނެވެއެވެ. އެއިލާހު ރުހިވޮޑިގެންނުވާ ބަސްތައް، އެބައިމީހުން ވަންހަނާގައި ތަދުބީރުކޮށް އުޅޭހިނދު، އެބައިމީހުންނާ އެކުގައި އެއިލާހު ވޮޑިގެންވެއެވެ. އެބައިމީހުން ކުރާ ޢަމަލުތައް، ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”

އަދި އެބައިމީހުން އަމިއްލަ ނަފްސާއި ހަންގަނޑުވެސް އެބައިމީހުންނާ ދެކޮޅަށް ޤިޔާމަތްދުވަހުން ހެކިދޭނެއެވެ. ﷲ ވަޙީކުރެއްވިއެވެ.

﴿وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوا أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ﴾‏ [سورة فصلت: ٢١]

މާނައީ: “އަދި އެބައިމީހުންގެ ހަންތަކަށް އެބައިމީހުން ބުނާނެއެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެން ހެއްޔެވެ؟ އެތަކެތި ބުނާނެއެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުން ދެއްވި ﷲ، ތިމަންމެންނަށް ބަސްމޮށުން ދެއްވީއެވެ. އަދި އެއިލާހީ ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި ތިޔަބައިމީހުން އެނބުރި ރުޖޫޢަކުރައްވާ ހުށީ އެއިލާހުގެ ޙަޟްރަތަށެވެ.”

މީސްމީޑިއާގެ މަންސަތަކުގައިވެސް މީސްތަކުންގެ އަބުރަށް އަރައިގަތުމާއި ޤަޛްފުކުރުމާއި ޣީބަބުނުމާ އަދި ބޭކާރު ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ اللَّهَ كَرِهَ لَكُمْ ثَلاَثًا: قِيلَ وَقَالَ، وَإِضَاعَةَ المَالِ، وَكَثْرَةَ السُّؤَالِ» [رواه البخاري (1477)]

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުން ތިން ކަމެއް ކުރުމަށް، ﷲ ނުރުހުންތެރިވެވޮޑިގެން ވެއެވެ. (އެއީ) ބޭކާރު ވާހަކަތައް ދެއްކުމާއި މުދާ ގެއްލެނި ކުރުމާއި ސުވާލު ގިނަކުރުމެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«إِنَّكَ لَنْ تَدَعَ شَيْئًا لِلَّهِ إِلَّا بَدَّلَكَ اللَّهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ» [رواه أحمد (23074) وقال الألباني: “وسنده صحيح على شرط مسلم” في السلسلة الضعيفة (1 / 62)]

މާނައީ: “ހަމަކަށަވަރުން ﷲ އަށްޓަކައި ތިބާ ކަމެއް ދޫކޮށްލައިފިނަމަ، އެއިލާހު ތިބާއަށް އެއަށްވުރެ ހެޔޮކަމެއް ބަދަލުގައި ދެއްވާނެއެވެ.”

ކޮންމެ މީހަކީވެސް މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވާ މީހެކެވެ. އަދި އެމީހެއްގެ މަސްއޫލިއްޔަތާމެދު ސުވާލުވެވޭނެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައިވާ މީހުންނާމެދު ސަމާލުވާށެވެ. އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހި ރަޙުމަތްތެރިންވެސް ހެޔޮ މަގުން އެއްކިބާވިޔަ ނުދޭށެވެ. އަދި އެފަދަ މަގަކުން ދަންޏާ، އެކަން ހުއްޓުވުމުގެ ބާރު ލިބިފައިވާ މީހާ އެކަން ހުއްޓުވާށެވެ. ޚާއްޞަކޮށް ޓިކްޓިކާއި ޓުވިޓާއާއި އިންސްޓާގްރާމާއި ޓެލެގްރާމާއި ފޭސްބުކްފަދަ މީސްމިޑީއާގެ އެކިއެކި މަންސަތަކުގައި ތިބާގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައިވާ މީހުން ހިއްސާކުރާ އެއްޗެއްސާމެދު ސަމާލުވާށެވެ. ނުރަނގަޅު މަގުން ދާނަމަ އެބައިމީހުންނަށް ނަސޭހަތްދީ ހެޔޮ މަގަށް މަގުދައްކާށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރާށެވެ. އަދި ވެރިންވެސް އެބައިމީހުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާށެވެ. މުޖުތަމަޢުގެ ކަންކަން އިޞްލާޙު ކުރެވޭނީ މުޖުތަމަޢުގެ އެންމެންވެސް އެއްބާރުލުން ދީގެންނެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«كُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ، فَالإِمَامُ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالرَّجُلُ فِي أَهْلِهِ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالمَرْأَةُ فِي بَيْتِ زَوْجِهَا رَاعِيَةٌ وَهِيَ مَسْئُولَةٌ عَنْ رَعِيَّتِهَا، وَالخَادِمُ فِي مَالِ سَيِّدِهِ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ» [رواه البخاري (2409)]

މާނައީ: “ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ ބެލެހެއްޓުންތެރިޔަކާ، އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާ ބެހޭގޮތުން (ޤިޔާމަތްދުވަހުން) ސުވާލުކުރެވޭނެއެވެ. ފަހެ ވެރިމީހާއަކީ ރައްޔިތުންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާ ބެހޭގޮތުން (ޤިޔާމަތްދުވަހުން) އޭނާއާ ސުވާލުކުރެވޭނެއެވެ. އަދި ފިރިހެނާއަކީ އޭނާގެ އަހުލުވެރިންގެ (އެބަހީ: ޢާއިލާގެ) ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާ ބެހޭގޮތުން (ޤިޔާމަތްދުވަހުން) އޭނާއާ ސުވާލުކުރެވޭނެއެވެ. އަދި އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އެކަނބުލޭގެ ބެލުމުގެ ދަށުގައިވާ ކަންކަމާ ބެހޭގޮތުން (ޤިޔާމަތްދުވަހުން) އޭނާއާ ސުވާލުކުރެވޭނެއެވެ. އަދި ޚާދިމަކީ އޭނާގެ ސާހިބުމީހާގެ މުދަލުގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ ބެލުމުގެ ދަށުގައިވާ ތަކެއްޗާ ބެހޭގޮތުން (ޤިޔާމަތްދުވަހުން) އޭނާއާ ސުވާލުކުރެވޭނެއެވެ.”