الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ވިޔަފާރި ކުރިއެރުވުމަށްޓަކައި، ވަކި މިންވަރަކަށް ވުރެ ގިނައިން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަކަށް އިނާމުދޭ ގޮތަށް ބާއްވާ “ލަކީޑްރޯ”ގެ (lucky draw ގެ) ޙުކުމާ ބެހޭ ގޮތުން ޝައިޚު ޢުޘައިމީން رحمه الله ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.
“ވިޔަފާރިވެރިންނާއި އެކި ބާވަތްތަކުގެ ތަކެތި އުފައްދާ މީހުން އެބައިމީހުންގެ މުދާތައް އިތުރުކުރުމަށްޓަކައި މިހާރު އެކި ބާވަތްތަކުގެ ކަންތައްތައް ކުރެއެވެ. އަދި މީސްތަކުންވަނީ އެފަދަ ތަކެތީގެ ތެރެއަށް ގެނބިފައެވެ. ކޮންމެ މީހެއްގެ ގޭގައިވެސް އެތައް ވައްތަރެއްގެ ހިފާގެންގުޅޭ ސާމާނު ނުވަތަ އެތައް ވައްތަރެއްގެ އަންނައުނު ހުރެއެވެ. މިއީ މިހާރު އަޅުގަނޑުމެންނަށް ފެންނަން ހުރި ކަންކަމެވެ. ކުންފުނިތައް ވަނީ ވަރަށް ބޮޑަށް މާއްދިއްޔަތަށް ގޮސްފައެވެ. އެބައިމީހުންގެ މުދާ ގަންނަ ފަރާތްތަކަށް ހަދިޔާ ހުށަހަޅައެވެ. ކޮންމެއަކަސް، ދެ ޝަރުޠެއް ފުރިހަމަވާނަމަ މިކަމުގައި ޝަރުޢީ ގޮތުން މައްސަލައެއް ނެތެވެ.
ފުރަތަމަ ޝަރުޠަކީ: މުދާ ވިއްކާ އަގަކީ އޭގެ ޙަޤީޤީ އަގުކަމުގައިވުން.
އެބަހީ: (މުދާ ވިއްކާ މީހާ) ހަދިޔާ ދިނުމަށްޓަކައި މުދަލުގެ އަގު އުފުލައިގެން ނުވާނެއެވެ. ހަދިޔާ ދިނުމަށްޓަކައި އަގު އުފުލާނަމަ އެވާނީ ޖުވާއަށެވެ. އަދި އެކަން ހުއްދަ ނުވާނެއެވެ.
ދެވަނަ ޝަރުޠަކީ: (މުދާ ގަންނަ މީހާ) ހަމައެކަނި ހަދިޔާ ހޯދުމަށްޓަކައި މުދާ ނުގަތުން.
މީހަކު އެއަށް ބޭނުން ޖެހިފައިނުވާ މުދަލެއް، ހަމައެކަނި ހަދިޔާ ހޯދުމުގެ ބޭނުމުގައި ގަންނަކަމުގައިވާނަމަ އެކަން ވެގެންދާނީ މުދާ ގެއްލެނި ކުރުމަށެވެ. ބައެއް މީހުން އެއަށް ބޭނުންވެފައި ނުވާ ޙާލުގައި، ހަމައެކަނި ހަދިޔާ ހޯދުމުގެ ގޮތުން ކިރުޕެކެޓުފަދަ ތަކެތި ގަންނަކަމުގެ ވާހަކަ އަޅުގަނޑުމެންނަށް އިވިފައި އެބަ ހުއްޓެވެ. ފަހެ އެފަދަ މީހުން އެތަކެތި ގަނެފައި، އޭނާ އޭތި ބޭނުން ނުވާތީ، ފިހާރައިގެ ކައިރީގައި ނުވަތަ ގޭގެ ބޭރުގައި ބަހައްޓައެވެ. މިއީ ހުއްދަ ކަމެއް ނޫނެވެ. އެއީ މުދާ ގެއްލެނި ކުރުމެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ މުދާ ގެއްލެނި ކުރުން ނަހީކުރައްވާފައެވެ.”
[لقاء الباب المفتوح للعثيمين (48 / 5)]