الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ފުރަތަމައީ: އަންހެނުން ނަމާދުކުރުން ހެޔޮކަން ބޮޑީ ގޭގައެވެ. ނުވަތަ އޭނާ ޤާއިމުވެ ހުރި ތަނުގައެވެ. އެއްވެސް ހިލޭ މީހަކަށް އޭނާ ނުފެންނަފަދަ ތަނެއްގައި ނަމާދުކުރުމީ އަންހެނާއަށް އެންމެ ހެޔޮކަން ބޮޑު ގޮތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«خَيْرُ صَلَاةِ النِّسَاءِ فِي قَعْرِ بُيُوتِهِنَّ» [رواه أحمد (26570) والطبراني (709) وصححه الألباني في صحيح الجامع (۳۳۱۱)]
މާނައީ: “އަންހެންކަނބަލުން ކުރާ އެންމެ ހެޔޮ ނަމާދަކީ ގޭގެ އެންމެ އެތެރޭގައި ކުރާ ނަމާދެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«صَلَاةُ الْمَرْأَةِ فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا، وَصَلَاتُهَا فِي مَخْدَعِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا» [رواه أبو داود (570) وصححه الألباني في صحيح الترغيب والترهيب (345)]
މާނައީ: “ގޭގެ ފެންޑާގައި ނަމާދުކުރުމަށް ވުރެ ގޭގެ އެތެރޭގައި ނަމާދުކުރުން އަންހެނާއަށް މޮޅުއިތުރުވެގެން ވެއެވެ. އަދި ގޭގެ އެތެރޭގައި ނަމާދުކުރުމަށް ވުރެވެސް ގޭގެ އެންމެ އެތެރޭގައިވާ ކޮޓަރީގައި ނަމާދުކުރުން އަންހެނާއަށް މޮޅުއިތުރުވެގެން ވެއެވެ.”
އަދިވެސް ވާރިދުވެގެން އައިސްފައި ވެއެވެ.
އަބޫ ޙުމައިދު އައްސާޢިދިއްޔުގެ އަނބިކަނބަލުން، އުންމު ޙުމައިދު، ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ.
“އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރުމަށް ތިމަން ލޯބިކުރަމެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي، وَصَلَاتُكِ فِي بَيْتِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي حُجْرَتِكِ، وَصَلَاتُكِ فِي حُجْرَتِكِ خَيْرٌ مِنْ صَلَاتِكِ فِي دَارِكِ، وَصَلَاتُكِ فِي دَارِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ، وَصَلَاتُكِ فِي مَسْجِدِ قَوْمِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِي» [رواه أحمد (27090) وحسنه ابن حجر (2 / 349)]
މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރެއްވުމަށް ކަމަނާ ލޯބިކުރައްވާކަން ތިމަން ކަލޭގެފާނަށް ވަނީ އެނގިފައެވެ.
ކަމަނާގެ ގޭގެ ފެންޑާގައި ނަމާދުކުރުމަށް ވުރެ ކަމަނާގެ ގޭގެ އެތެރޭގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ.
އަދި ކަމަނާގެ ގޭގެ ގޯތި ތެރޭގައި ނަމާދުކުރުމަށް ވުރެ ކަމަނާގެ ގޭގެ ފެންޑާގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ.
އަދި ކަމަނާގެ ޤައުމުގެ މީހުންގެ މިސްކިތުގައި (އެބަހީ: އަވަށު މިސްކިތުގައި) ނަމާދުކުރުމަށް ވުރެ ކަމަނާގެ ގޭގެ ގޯތި ތެރޭގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ.
އަދި ތިމަންކަލޭގެފާނުގެ މިސްކިތްކޮޅުގައި (އެބަހީ: މަސްޖިދުއްނަބަވީގައި) ނަމާދުކުރުމަށް ވުރެ ކަމަނާގެ ޤައުމުގެ މީހުންގެ މިސްކިތުގައި (އެބަހީ: އަވަށު މިސްކިތުގައި) ނަމާދުކުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ.”
މި ޙަދީޘްތަކުން އެނގިގެން ދަނީ ހިލޭ ފިރިހެނުން އުޅޭ ތަންތަނާ ދުރުގައި އަދި އަންހެނާއަށް ނިވާކަން ބޮޑު، ރައްކާތެރިކަން ބޮޑު ތަނެއްގައި އޭނާ ނަމާދުކުރުމީ އޭނާއަށް އެންމެ ރަނގަޅު އަދި އެންމެ މޮޅު އިތުރު ގޮތް ކަމުގައެވެ.
ދެވަނައީ: މި ޙަދީޘްތަކުން އެއްވެސް ޙާލެއްގައި އަންހެން ކަނބަލުން މިސްކިތްތަކަށް ދިޔުމަކީ ހުއްދަކަމެއް ނޫންކަމަށް ދޭހައެއް ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ އަންހެން ކަނބަލުން މިސްކިތަށް ދިޔުން މަނާ ނުކުރުމަށް ޞަޙާބީ ބޭކަލުންނަށް އިރުޝާދު ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«لاَ تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ» [رواه البخاري (900)]
މާނައީ: “ﷲ ގެ އަންހެން އަޅުތަކުން، ﷲ ގެ މިސްކިތަށް ދިޔުން ތިޔަބައިމީހުން މަނާނުކުރާ ހުށިކަމެވެ.”
އަދި އެހެން ރިވާޔަތެއްގައި ވެއެވެ.
«لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ، وَبُيُوتُهُنَّ خَيْرٌ لَهُنَّ» [رواه أبو داود (567) وصححه الألباني في إرواء الغليل (2 / 293 – 294)]
މާނައީ:“ތިޔަބައިމީހުންގެ އަނބިން މިސްކިތަށް ދިޔުން ތިޔަބައިމީހުން މަނާނުކުރާ ހުށިކަމެވެ. އެކަނބަލުންގެ ގެތައް އެކަނބަލުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ.”
އަދިވެސް ޙަދީޘްކުރެއްވިއެވެ.
«إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ إِلَى الْمَسَاجِدِ فَأْذَنُوا لَهُنَّ» [رواه مسلم 137 – (442)]
މާނައީ: “ތިޔަބައިމީހުންގެ އަނބިން މިސްކިތަށް ދިޔުމަށް އިޛުނައަށް އެދިއްޖެއްޔާ، އެކަނބަލުންނަށް އެކަމުގެ އިޛުނަ ދޭށެވެ.”
އަދި ވަކިން ޚާއްޞަކޮށް ގޭގައި ނަމާދުކުރުމުގެ ދަތިކަމެއް ހުރިއްޔާ ނުވަތަ ގޭގައި އުޅޭ މީހުންގެ ޢަދަދު ގިނަވުމުން ނަމާދުތައް ރަނގަޅަށް އަދާކުރުމަށް ހުރަސް އެޅޭނަމަ ނުވަތަ ރަމަޟާން މަހު ގޭގައި ރޭއަޅުކަންކުރުމުން އެކަމަށް ފަރުވާ ކުޑަކުރެވޭނަމަ މިސްކިތުގެ ޖަމާޢަތުގައި ބައިވެރިވުމަކީ ޝަރުޠުތަކަކާ އެކުގައި ހުއްދަކަމެކެވެ. [1] އެ ޝަރުޠުތަކަކީ:
- މިސްކިތަށް ދިޔުމާއި އައުމުގައި ފިތުނަވެރިވުމުން އަމާންކަން ލިބިފައިވުން.
- ބުރުގާ އަޅާ ރަނގަޅަށް ނިވާވެގެން މިސްކިތަށް ދިއުން.
- ކައިރިން ދާހާ މީހަކަށް ވަސްދުވާނޭހެން ސެންޓު ޖަހައިގެން މިސްކިތަށް ނުދިޔުން.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِذَا شَهِدَتْ إِحْدَاكُنَّ الْعِشَاءَ فَلَا تَطَيَّبْ تِلْكَ اللَّيْلَةَ» [رواه مسلم 141 – (443)]
މާނައީ: “ތިޔައިގެ ތެރެއިން ކަނބަލަކު ޢިޝާނަމާދަށް (އެބަހީ: ޖަމާޢަތަށް) ދާކަމުގައިވާނަމަ އެ ރޭގައި މީރުވަސް ދުވާ އެއްޗެއް ލައިގެން ނުދާށެވެ.”
އަދި އެހެން ރިވާޔަތެއްގައި ވެއެވެ.
«إِذَا شَهِدَتْ إِحْدَاكُنَّ الْمَسْجِدَ فَلَا تَمَسَّ طِيبًا» [رواه مسلم 142 – (443)]
މާނައީ: “ތިޔައިގެ ތެރެއިން ކަނބަލަކު މިސްކިތަށް ދަންޏާ، މީރުވަސް ދުވާ އެއްޗެއް ބޭނުންނުކުރާށެވެ.”
ދެން މި ގެނެސްދެނީ އަންހެނަކު މިސްކިތަށް ދާ އިރުގައި ސަމާލުކަން ދޭންވީ ކަންތައްތަކާ ބެހޭގޮތުން ސުންނަތުގައި ވާރިދުވެފައިވާ ކަންތައްތަކުގެ އަލީގައި ޝައިޚް ބަކްރު އަބޫ ޒައިދު رحمه الله ބަޔާންކުރައްވާފައިވާ އިރުޝާދުތަކެކެވެ. [2]
- މިސްކިތަށް ދިޔުމުގައި އޭނާއަށް ފިތުނައެއް މެދުވެރި ނުވުން. ނުވަތަ އެކަނބުލޭގެ ފުށުން މީހަކަށް ފިތުނަވެރި ނުވުން.
- މިސްކިތަށް ދިޔުމުގައި ދީނުގައި މަނާކުރައްވާފައިވާ ކަމެއް ނުކުރުން.
- މިސްކިތުގައި ނުވަތަ މިސްކިތަށް ދާ މަގުމަތީގައި ފިރިހެނުން ޖަމާވާ ތަނެއްގެ ތެރެއަށް ނުވަނުން.
- (އެހެން މީހުންނަށް އޭގެ ވަސް ދުވާފަދަ) ސެންޓެއް ޖަހައިގެން ނުދިޔުން.
- ބުރުގާ އަޅައިގެން ރަނގަޅަށް ނިވާވެގެން ދިޔުމާ އަދި އޭނާގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅުނުކުރުން.
- އެ ދާ މިސްކިތެއްގައި އަންހެންކަނބަލުންނަށް ޚާއްޞަ ދޮރެއް ހުރުމާއި މިސްކިތަށް ވަދެ ނުކުތުމުގައި އެ ދޮރު ބޭނުންކުރުން.
- އަންހެން ކަނބަލުންގެ ސަފުތައް ފިރިހެނުންގެ ސަފުތަކުގެ ފަހަތުގައި ހެދުން.
- ފިރިހެނުންގެ ސަފުތަކާ ޚިލާފަށް، އަންހެންކަނބަލުންގެ އެންމެ ރަނގަޅު ސަފުތަކަކީ އެންމެ ފަހު ސަފުތައް ކަމުގައި ދަނެގެން ސަފަށް އެރުން.
- އިމާމު ކުށެއް ކިޔައިފިނަމަ ފިރިހެނުން ތަސްބީޙަ ކިޔާ ގޮތަށް، އަންހެންކަނބަލުންނަށް އޮތީ އެ ޙާލަތުގައި އަތާ އަތްޖެހުން.
- ފިރިހެން ބޭފުޅުން މިސްކިތުން ނުކުތުމުގެ ކުރިން އަންހެންކަނބަލުން މިސްކިތުން ނުކުތުން.
ތިންވަނައީ: އިސްވެ ދިޔަ ޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم އަންހެން ކަނބަލުންނާ މުޚާޠަބުކުރައްވާ، ގެތަކުގައި ނަމާދުކުރުމަށް އިރުޝާދުދެއްވާފައިވަނީ މިސްކިތްތަކުގައި ނަމާދުކުރުމުގެ މާތްކަމާއި ތަރާވީޙް ނަމާދު މިސްކިތުގައި ކުރުމުގެ މާތްކަމާއި ޚުދު އެކަލޭގެފާނުގެ ފަހަތްޕުޅުގައި އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ނަމާދުކުރުމުގެ މަތިވެރި ފަޟްލު އެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ޙާލުގައެވެ.
ފަހެ އެކަމުން ހާމަވަނީ އަންހެނާ އޭނާގެ ގޭގައި ނަމާދުކުރުމަކީ އެއްވެސް މިސްކިތެއްގައި ނަމާދުކުރުމަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ގޮތްކަމުގައެވެ. އެއީ މަސްޖިދުއްނަބަވީއާއި މަސްޖިދުލް ޙަރާމާ އަދި އެނޫން މިސްކިތެއްކަމުގައި ވިޔަސް މެއެވެ. އަދި އިމާމުގެ ފަހަތުގައި ތަރާވީޙް ނަމާދުކުރުމާ މެދުގައިވެސް އެންމެ ޞައްޙަ ބަސްފުޅަކީ އެއީއެވެ. [3]
ޝައިޚް ޢުޘައިމީން رحمه الله ގެ އަރިހުގައި ސުވާލު ދެންނެވުނެވެ.
ވަރަށް ގިނަ އަންހެނުން ތަރާވީޙު ނަމާދު ކުރަނީ ފިރިހެނުންނާއެކު މިސްކިތުގައެވެ. ފަހެ، އަންހެނުންނަށް އެންމެ ހެޔޮކަން ބޮޑީ އެގޮތް ހެއްޔެވެ؟ ނުވަތަ އެންމެ ހެޔޮކަން ބޮޑީ ގޭގައި ތަރާވީޙު ނަމާދުކުރުން ހެއްޔެވެ؟ ޚާއްޞަކޮށް (މިސްކިތަށް ދާ) އަންހެނުން ބުނާ ގޮތުގައި (މިސްކިތަށް ތަރާވީޙު ނަމާދަށް ދިއުމަކީ) އެކަން ކުރުމަށް ލިބޭ ހިތްވަރެކެވެ. (އެއީ) ޚާއްޞަކޮށް މުޞްޙަފުން ބަލައިގެން ކިޔަވަން އުނދަގޫވީމައެވެ.
ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ.
“އެންމެ ހެޔޮކަން ބޮޑީ އަންހެނާ ގޭގައި ކުރާ ނަމާދެވެ. ނަމަވެސް މިސްކިތުގައި ނަމާދުކުރުމުން (އަޅުކަމުގައި) އޭނާ ހީވާގިވެ، އޭނާގެ ޚުޝޫޢަތްތެރިކަން އިތުރުވާނަމަ އަދި ގޭގައި ނަމާދުކުރުމުން ނަމާދަށް ފަރުވާކުޑަކުރެވުމުގެ ބިރުއޮތްނަމަ، އެ ޙާލަތުގައި މިސްކިތުގައި ނަމާދުކުރުން އޭނާގެ ޙައްޤުގައި މޮޅުއިތުރު ވެދާނެއެވެ.
އެހެނީ އެއް ކަމަކީ ސީދާ އެ އަޅުކަމަށް ލިބިގެންވާ ޚާއްޞަކަމެކެވެ. އަދި ގެއާ ގުޅިފައިވާ ޚާއްޞަކަން ގުޅެނީ އެ އަޅުކަން އަދާކުރާ ތަނާއެވެ. އަޅުކަން އަދާކުރާ ތަނަށް ޚާއްޞަވާ ކަންކަމަށް ވުރެ، ސީދާ އެއަޅުކަމަށް ޚާއްޞަވާ ކަންކަމަށް ރިޢާޔަތްކުރުން މާ އައުލާވެގެންވެއެވެ. ނަމަވެސް އަންހެނާ (މިސްކިތަށް ދިއުމަށްޓަކައި) ނުކުންނައިރު ރަނގަޅަށް ނިވާވެގެން، މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކޮށް ނުކުތުން ވާޖިބުވެގެންވެއެވެ.” [4]
ބައްލަވާ: مجموع الفتاوى للعثيمين (14 / 211). [1]
[2] ބައްލަވާ: حراسة الفضيلة (ص: 68 – 69).
[3] ބައްލަވާ: أضواء البيان للشنقيطي (5 / 547 – 548).
[4] ބައްލަވާ: اللقاء الشهري للعثيمين (8 / 29).