الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ޞައްޙަ ޙަދީޘެއްގައި ވާރިދުވެގެން އައިސްފައި ވެއެވެ.
ޢަޠާއު رحمه الله ވިދާޅުވިއެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވަނިކޮށް ތިމަން އަޑު އެހީމެވެ. އަންޞާރިއްޔަ ބޭކަނބަލަކަށް ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. – (ޢަޠާއުގެ އަރިހުން މި ޙަދީޘް ރިވާކުރެއްވި އިބްނު ޖުރައިޖު ވިދާޅުވީ) އެކަމަނާގެ ނަން އިބްނު ޢައްބާސް ވިދާޅުވިއެވެ. އެހެނަސް ތިމަން އެ ނަން ހަނދާނެއް ނެތެވެ. –
«مَا مَنَعَكِ أَنْ تَحُجِّي مَعَنَا؟»
މާނައީ: “ކަމަނާ ތިމަންބޭކަލުންނާ އެކު ޙައްޖު ނުކުރެއްވީ ކީއްވެގެން ހެއްޔެވެ؟”
އެކަމަނާ ދެންނެވިއެވެ.
“ތިމަންމެންގެ އަތުގައި ދެ ޖަމަލު މެނުވީ ނުވެއެވެ. ތިމަންގެ ފިރިމީހާއާއި ތިމަންގެ ދަރިފުޅު އޭގެ ތެރެއިން އެއް ޖަމަލުގައި ޙައްޖުކުރިއެވެ. އަދި އަނެއް ޖަމަލު ބޭނުން ކުރަން ޖެހުނީ ފެން ގެނައުމަށެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«فَإِذَا جَاءَ رَمَضَانُ فَاعْتَمِرِي، فَإِنَّ عُمْرَةً فِيهِ تَعْدِلُ حَجَّةً»
މާނައީ: “ފަހެ ރަމަޟާން މަސް އައުމުން ޢުމްރާކުރާށެވެ. އެހެނީ ހަމަކަށަވަރުން ރަމަޟާން މަހު ކުރާ ޢުމްރާއެއް ޙައްޖަކާ އެއްފަދައެވެ.” [1]
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
«حَجَّةً مَعِي» [2]
މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުގައި ކުރާ ޙައްޖަކާ އެއްފަދައެވެ.”
މި ޙަދީޘްގައިވާ މާތްކަން ޙާޞިލުކުރުމަށްޓަކައި މުސްލިމުން ރަމަޟާން މަހުގައި ޢުމްރާ އަދާކުރުމަކީ ވަރަށް މަތިވެރި ޢަމަލެކެވެ. މި މާތްކަން ޙާޞިލުކުރުމަށްޓަކައި ރަމަޟާން މަހުގައި އެއް ފަހަރަށް ވުރެ ގިނައިންވެސް ޢުމްރާ ކުރެވިދާނެއެވެ. އަދި ކޮންމެ ފަހަރަކުވެސް އެމީހަކަށް އެ އަޖުރު ލިބިގެންދާނެ ކަމަށްވެސް އުންމީދު ކުރެވެއެވެ. إن شاء الله.
އެހެނަސް އެކަމުގައި ސަމާލުވާންވީ ކަމަކީ މީސްތަކުންނަށް ދަތިވާނޭ ގޮތަށް ޢަމަލު ނުކުރުމެވެ. އެގޮތުން ފަހު ދިހައެއްގައި ބާރުބޮޑުވާ ދުވަސްތަކުގައި ވިޔަސް ނުވަތަ އެ ނޫން ދުވަސްތަކެއްގައިވިޔަސް ބާރުބޮޑުވެގެން ވަރަށް ދަތި އުނދަގުލުން މެނުވީ ޢުމްރާ އަދާ ނުކުރެވޭނަމަ ރަމަޟާން މަހުގައި އެއް ފަހަރު ޢުމްރާކޮށްފައި ދެން ރަމަޟާން މަހުގައި ޢުމްރާ ނުކުރާ މީހުންނަށް އެ ފުރުޞަތު ދިނުމަށްޓަކައި އިތުރު ޢުމްރާއެއް ނުކުރުމަކީވެސް ހަމަ ރަނގަޅު ވިސްނުމެކެވެ. އެހެނީ އެމީހެއްގެ މުސްލިމު އަޚުންނާއި އުޚްތުންނަށް ދަތިވާނޭ ގޮތަށް ޢަމަލު ނުކުރުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ. [3]
އަދި މިކަމުގައި އިތުރުކަމެއްވެސް ފާހަގަކޮށްލަން ޖެހެއެވެ. އެއީ މީސްތަކުން ގިނަވެފައިވާ ދުވަސްވަރެއްގައި ޢުމްރާކުރުމަށް ވަޑައިގަންނަވާ ބައެއް ބޭފުޅުންނަށް ވަކި ޙިސާބަކުން އެ ޢުމްރާ ފުރިހަމަކުރުމަށް ދަތިވެއެވެ. އަދި ޢުމްރާ ފުރިހަމަ ކުރުމަކީ ވަރަށް ބުރަކަމެއްގެ ގޮތުގައިވެސް އިޙްސާސުވާ ގޮތް މެދުވެރިވެއެވެ. އެހެންވެ ޢުމްރާ ފުރިހަމަ ނުކޮށް ހުއްޓާލުމަށް ބޭނުންވާ ޙާލަތްތައްވެސް މެދުވެރިވެއެވެ. ޚާއްޞަކޮށް އެ ދަތުރުގައި ކުރިން ޢުމްރާއެއް ނުވަތަ ޢުމްރާތަކެއް ކޮށްފައިވާނަމަ، މަސްޖިދުލްޙަރާމަށް ވަނުމުން އެތަނުގައި މީހުން ގިނަވެފައިވާ ވަރު ފެނުމުން އެގޮތަށް ޚިޔާލު ބަދަލުވާ ގޮތް ވެއެވެ.
ފަހެ އިހަށް ވުރެ މިހާރު ޢުމްރާ ކުރާ މީހުން ގިނައެވެ. އަދި ކޮންމެ އަހަރެއްގައިވެސް ޢުމްރާ ކުރާ މީހުންގެ ޢަދަދު ގިނަވަމުން ދާ މިންވަރަށް ބަލާއިރު، މިފަދައިން ޢުމްރާ އަދާކުރުމުގެ ބުރަކަންވެސް ބޮޑުވެގެންދެއެވެ. އަދި ކަޢުބާގެ ކައިރިން ތިރީގައި ޠަވާފު ނުކުރެވިގެން ދެން މަތީ ފަންގިފިލާތަކުގައި ޠަވާފު ކުރަން ޖެހި، ހިނގަން ޖެހޭ މިންވަރު ދިގުވެ އަދި އެކަމަށް ހޭދަކުރަން ޖެހޭ ވަގުތުވެސް އިތުރުވެގެން ދެއެވެ.
ވަކިން ޚާއްޞަކޮށް ޢުމުރުން ދުވަސްވީ މީހެއް ނުވަތަ ބަލިމީހެއް ނަމަ މިކަމުގެ ބުރަކަން ބޮޑުވެއެވެ. އެހެންކަމުން އެ ދަތުރުގައި އެއް ފަހަރު ޢުމްރާ އަދާކޮށްފައިވާނަމަ، މަދީނާއިން މައްކާއަށް ދާއިރުގައި ނުވަތަ ޠާއިފުން މައްކާއަށް ދާއިރުގައި އިތުރު ޢުމްރާއަކަށް ނިޔަތް ނުގަނެ އަދި އިޙްރާމް ނާޅާ މައްކާއަށް ގޮސް، މަސްޖިދުލް ޙަރާމްގައި ނަމާދުކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ދުޢާކުރުމާ އަދިވެސް އެހެނިހެން އަޅުކަންތައް އަދާކުރުމުގައި އެމީހެއްގެ ވަގުތުތައް ހޭދަކުރެވިދާނެއެވެ.
މިކަމުގައި ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ: ޢުމްރާއެއް ކުރުމަށް އިޙްރާމު ބަނދެ މީޤާތުން އެކަމަށް ނިޔަތް ގަނެއްޖެ މީހަކު ދެން އެ ޢުމްރާ ފުރިހަމަކުރަން ޖެހޭނެކަމެވެ. [4] އެހެނީ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ﴾ [سورة البقرة: ١٩٦]
މާނައީ: “ތިޔަބައިމީހުން ﷲ އަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ.”
އެހެންކަމުން ޢުމްރާ ފުރިހަމަކުރުމުގައި ދަތިކަމެއް މެދުވެރިވެދާނެހެން ހީވާ މީހަކު އެއް ދަތުރެއްގައި ގިނަ ޢުމްރާތަކެއް ނުކުރިޔަސް މަސްޖިދުއްނަބަވީއާއި މަސްޖިދުލްޙަރާމްގައި ގިނަ ނަމާދުތަކެއް ކުރުމުގެ މަތިވެރި ދަރުމައާއި ސަވާބު އެމީހަކަށް ޙާޞިލުކުރެވިދާނެއެވެ.
ޢުމްރާއަށް ނިޔަތް ގަތް އަންހެނަކު އިޙްރާމު ބަނދެ ޢުމްރާ ފެށުމަށް ފަހުގައި އެ ޢުމްރާ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. ދެން ދުވަސްތަކެއް ފަހުން އަނެއްކާވެސް އެމީހާ އަލުން އިޙްރާމު ބަނދެގެން އެހެން ޢުމްރާއެއް ކުރިއެވެ. އެކަމާ ބެހޭގޮތުން ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله އާ ސުވާލު ދެންނެވުނެވެ.
ފަހެ އެކަމާ ބެހޭގޮތުން ޝައިޚު ވިދާޅުވެފައިވަނީ އެއީ ރަނގަޅު ޢަމަލެއް ނޫން ކަމަށެވެ. އެހެނީ ޢުމްރާއެއް ނުވަތަ ޙައްޖެއް ކުރުމަށް ފަށައިފި މީހަކަށް ދެން އެކަން ދޫކޮށްލެވޭނީ ޝަރުޢީ ސަބަބެއް އޮވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ﴾ [سورة البقرة: ١٩٦]
މާނައީ: “ތިޔަބައިމީހުން ﷲ އަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުން އިޙްޞާރުވެއްޖެނަމަ (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް، ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ) ހަދްޔުގެ ތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ.”
ފަހެ އެހެންކަމުން އެކަން ކުރި މީހާއަށް އޮތީ ތައުބާވުންކަމުގައި ޝައިޚު ވިދާޅުވިއެވެ. އަދި އެގޮތަށް ޢުމްރާ މެދުކަނޑާލައި ދޫކޮށްލަން އުޅުނަސް، އެފަދައިން އެ މެދު ނުކެނޑޭނެ ކަމުގައި ޝައިޚު ވިދާޅުވިއެވެ. އެހެނީ އެއީ ޙައްޖާއި ޢުމްރާއަށް ލިބިގެންވާ ޚާއްޞަކަމެކެވެ. އެހެނީ އެހެން އަޅުކަންތަކާ ޚިލާފަށް ޙައްޖު ނުވަތަ ޢުމްރާ ބާޠިލުކޮށްލަން ނިޔަތް ގަތަސް އެ ބާޠިލުވެގެން ނުދެއެވެ. އެއީ ޙައްޖާއި ޢުމްރާގެ ނުސުކަށް ލިބިގެންވާ ޚާއްޞަކަމެކެވެ.
އެހެންކަމުން ޢުމްރާއަށް ނިޔަތް ގަތުމަށް ފަހު، ޢުމްރާ މެދުކަނޑާލަން ނިޔަތް ގަތް މީހަކުވެސް އެ ފުރިހަމަކުރަން ޖެހެއެވެ. އަދި ޢުމްރާ މެދުކަނޑާލަން ނިޔަތް ގަތަސް އެއީ ޢުމްރާއަށް އަސަރުކުރާނޭ ކަމެއް ނޫނެވެ. އެ ފުރިހަމަކުރަންދެން އެކަން ދެމި އޮންނާނެއެވެ. އަދި އޭނާ ޢުމްރާ ފުރިހަމަކުރަންދެން އޭނާ އެ ހުރީ އިޙްރާމުގައެވެ. އަދި އިޙްރާމުގައި ހުރެގެން ކުރުން މަނާ ކަންތައްތަކުން އޭނާ ދުރުހެލިވާން ޖެހޭނެއެވެ. [5]
ފަހެ ޢުމްރާއެއް ކުރުމަށް ފަށާއިރުގައި މިކަމަށް ސަމާލުވެލައްވާށެވެ. އަދި އެއް ދަތުރެއްގައި ގިނަ ޢުމްރާތަކެއް ކުރުމުގެ ބަދަލުގައި މަސްޖިދުލް ޙަރާމްގައި ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާ އަދި އެހެނިހެން އަޅުކަންތައްވެސް އަދާކުރާށެވެ. މަސްޖިދުލް ޙަރާމްގައި ކުރާ އެންމެ ނަމާދަކަށް އެހެން މިސްކިތެއްގައި ކުރާ 100000 ނަމާދުގެ ދަރުމައާއި ޘަވާބު ލިބިގެންދާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«صَلَاةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلَاةٍ فِيمَا سِوَاهُ» [رواه ابن ماجه (1406) وصححه الألباني في الإرواء (1129)]
މާނައީ: “މަސްޖިދުލް ޙަރާމުގައި ކުރާ އެންމެ ނަމާދެއް އެ ނޫން އެހެން މިސްކިތެއްގައި ކުރާ އެއް ލައްކަ ނަމާދަށް ވުރެ މޮޅުއިތުރުވެގެންވެއެވެ.”
[1] رواه مسلم 221 – (1256).
[2] رواه البخاري (1863).
[3] ބައްލަވާ: فتاوى نور على الدرب لابن باز (17 / 173 – 174).
[4] ބައްލަވާ: فتاوى اللجنة الدائمة – المجموعة الأولى (8507) السؤال الثالث.
[5] ބައްލަވާ: مجموع فتاوى ورسائل للعثيمين (21 / 351 – 353).