[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝައިޚު އަބޫ އިސްޙާޤު އަލްޙުވައިނީ -رحمه الله-

ފުރިހަމަ ނަން: ޙިޖާޒީ ބުން މުޙައްމަދު ބުން ޔޫސުފް ބުން ޝަރީފް އަލްޙުވައިނީ

ކުންޔާ: އަބޫ އިސްޙާޤު

އުފަންވީ: ހިޖުރައިން 1375 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގެ 1 ވަނަ ދުވަހު / 1956 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު މިޞްރުގެ ކަފްރުއްޝައިޚުގައިވާ ޙުވައިނޭ ކިޔުނު ރަށުގައި

 

ޢިލްމު ޙާޞިލުކުރެއްވުން:

މިޞްރުގެ ރަސްމީ މަންހަޖުގެ ތެރެއިން އިބްތިދާއީ މަރުޙަލާއިން ފެށިގެން ޘާނަވީ މަރުޙަލާ ނިމެންދެން ޝައިޚު ކިޔަވާ ވިދާޅުވިއެވެ. ދެން ޤާހިރާގައި ހުންނަ ޖާމިޢަތު ޢައިނު ޝަމްސުގެ كلية الألسنة ގައި 4 އަހަރު ސްޕެއިން ބަސް ކިޔަވާ ވިދާޅުވިއެވެ. ޝައިޚަކީ ސްޕެއިން ބަހަށް ވަރަށް ފަރިތަ ބޭފުޅެކެވެ. ޖާމިޢާގެ ކިޔެވުން ނިމުމުން، އިތުރަށް ކިޔެވުމަށް ސްޕޭނަށް ދިއުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ސްޕެއިންގެ މާހައުލުވީ ޝައިޚަށް ވަރަށް އުނދަގޫ މާހައުލަކަށެވެ. އެހެންކަމުން ގާތްގަނޑަކަށް 2 އަހަރު ފަހުން ޝައިޚު އެނބުރި މިޞްރަށް ވަޑައިގެންނެވިއެވެ.

ޝައިޚު ވަރަށް ކުޑައިރުއްސުރެ ޢަރަބި ބަހުގެ ޤަވާއިދާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރެއެވެ. އަދި ވަރަށް ގިނައިން ފޮތް ކިޔާ އުޅުއްވިއެވެ. އަދި އެކަމުގެ ތެރެއިން ޢަރަބި ޅެންވެރިކަމަށް ޝައުޤުވެރިކަން އުފެދުނެވެ. އަދި ކަފްރުއްޝައިޚުގެ ޘަޤާފީ މަރުކަޒުގައި ޢަރަބި ޅެންވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ.

އޭގެ އިތުރުން ފަތުރުވެރިންނަށް ޚިދުމަތްދިނުމާއި ސްޕެއިން ބަހުން ޕްރޮގްރާމް ހުށަހައިޅައިދިނުން ފަދަ ކަންކަމުގައިވެސް ދުވަސްކޮޅަކު ޝައިޚު އުޅުއްވިއެވެ. ނަމަވެސް އެކަންކަމަކީ ޝައިޚު މާ ގަޔާވާ ކަންކަމަކަށް ނުވިއެވެ.

ދެން އެއަށްފަހު ﷲ ތަޢާލާ، ޝައިޚުގެ ހިތްޕުޅުގައި ޝަރުޢީ ޢިލްމަށް ލޯބިޖެއްސެވިއެވެ. އަދި ޝަރުޢީ ޢިލްމުގެ ފޮތްތައް ވިދާޅުވާން ފެއްޓެވިއެވެ. ޢިލްމު ޙާޞިލުކުރުމުގެ ޙަޤީޤީ ދަތުރު ފެށުނީ އެހާ ހިސާބުންނެވެ.

 

ޙަދީޘް ޢިލްމު ޙާޞިލުކުރެއްވުން

ޝައިޚު އެންމެ ފުރަތަމަ ޤުރުއާން ކިޔަވާ ވިދާޅުވީ ޝައިޚުގެ މައިފުށުގެ ބޮޑުބޭބެއެއްކަމުގައިވާ އައްޝައިޚު ޢަބްދުލްޙައްޔު ޒައްޔާނު رحمه الله ގެ އަރިހުންނެވެ. އެއީ ޤިރާއާތްތަކަށް ކިޔެވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ޙަދީޘް ޢިލްމު އުނގެނުމަށް ޝައުޤުވެރިވީ ގޮތް ޝައިޚުގެ ފޮތެއްކަމުގައިވާ، “تنبيه الهاجد إلى ما وقع من النظر في كتب الأمجاد” ގެ މުޤައްދިމާގައި ލިޔުއްވާފައިވެއެވެ. އެ ފޮތުގައި ޝައިޚް ބަޔާންކުރައްވާފައިވާ ގޮތުން ހިޖުރައިން 1395 ވަނަ އަހަރުގެ ހޫނު މޫސުމުގައި ހުކުރު ނަމާދަށް ގޮސްއުޅުނު މަސްޖިދު ޢައިނުލްޙަޔާތުގެ އިމާމު، الشيخ عبد الحميد كشك އެ މިސްކިތުގެ ބޭރުގައި ޝަރުޢީ ޢިލްމުގެ ފޮތްތައް ވިއްކަން ބަހައްޓާފައި ހުރެއެވެ. އެއް ދުވަހަކު ޝައިޚަށް ފެނިވަޑައިގެންނެވީ ޝައިޚު އަލްބާނީ رحمه الله ލިޔުއްވާފައިވާ “صفة صلاة النبي -صلى الله عليه وسلم-” އެވެ. އެ ފޮތް ގަންނަން ނުހަނު ބޭނުންވިޔަސް، އޭރު އެ ފޮތް ގަނެވޭ ވަރަށް އަތުގައި ފައިސާއެއް ނެތެވެ. ދެން އެހެން ފޮތްތައްވެސް ބައްލަވަމުން ދަނިކޮށް ފެނިވަޑައިގެންނެވީ ކުރިން ދެންނެވި ފޮތުގެ ޚުލާޞާ “تلخيص صفة صلاة النبي -صلى الله عليه وسلم-” އެވެ. އެހެންކަމުން އެވަގުތު ޖީބުގައި ހުރި ހުރިހާ ފައިސާއެއް ހޭދަކުރައްވާ އެ ފޮތް ބައްލަވައިގެންނެވިއެވެ. އަދި ގެއަށް ވަޑައިގެންނެވި މަގުތީ ފޮތް ވިދާޅުވާން ފެއްޓެވިއެވެ. ޝައިޚު ވިދާޅުވެފައިވާ ގޮތުގައި އެ ފޮތް ވިދާޅުވަމުން ދިޔައިރު އިހުސާސްކުރެވުނީ ދީނުގެ އެންމެ އަސާސީ ކަންކަމުގެ ޞައްޙަ މައުލޫމާތުވެސް ރަނގަޅަ އެނގިވަޑައިނުގަންނަވާ ކަމެވެ. އެހެންކަމުން އަޞްލު ފޮތް، “صفة صلاة النبي -صلى الله عليه وسلم-” ބައްލަވައި ނުގެންނެވުމުން އެކަމާ ނުހަނު ހިތާމަކުރައްވާ، ޖެހިގެން އަންނަ ހުކުރު ދުވަހު އެ ފޮތް ބައްލަވައިގެންނެވުމަށް ފައިސާ އެއްކުރައްވަން ފެއްޓެވިއެވެ. އަދި އެ ފޮތް ވިދާޅުވެވެންދެން ޢުމުރު ދިގުކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިކަމުގައި ޝައިޚު ވިދާޅުވިއެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު އެ ފޮތް ބައްލަވައިގެންނެވިއެވެ. އެއަށް ފަހު ޝައިޚު އަލްބާނީ رحمه الله ގެ “السلسلة الضعيفة” ވެސް ބައްލަވައިގެންނެވިއެވެ. އެ ހިސާބުން ޝައިޚު އަލްބާނީ ވެގެންދިޔައީ ޝައިޚު ޙުވައިނީ ދެނެވަޑައިގަންނަވާ އެންމެ ބޮޑު ޢިލްމުވެރިޔާއަށެވެ. “السلسلة الضعيفة” ވިދާޅުވަމުން ދިޔަވަރަކަށް ޚުޠުބާތަކުގައި އިވޭ ޙަދީޘްތައް އެއީ ޞައްޙަ ޙަދީޘެއް ތޯ ނުވަތަ ނޫން ތޯ ވިސްނަވަން ފެއްޓެވިއެވެ. އަދި ޝައިޚް އަލްބާނީ رحمه الله ގެ ފޮތުން ޙަދީޘެއް ނުފެނިއްޖެނަމަ، އެހެން ފޮތްތަކުން ފެނޭތޯ ބައްލަވާ އިތުރަށް ދިރާސާ ކުރައްވަން ފެއްޓެވިއެވެ. އެގޮތުން އެއްދުވަހަކު ޚުޠުބާގައި ޞައްޙަ ނޫން ޙަދީޘެއް ކިޔުމުން އެކަން މިސްކިތުގެ އިމާމުގެ ސަމާލުކަމަށް ގެންނެވިއެވެ. ނަމަވެސް އެކަމުގައި الشيخ عبد الحميد كشكއާ ދެބަސްވިއެވެ. ނަތީޖާއަކަށްވީ ޙަދީޘް ޢިލްމު އުނގެނެން ޝައުޤުވެރިވެ ވަޑައިގެންނެވުމެވެ.

ޙަދީޘް ޢިލްމާއި ޝަރުޢީ ޢިލްމުގެ އެހެނިހެން ފަންނުތައް އުނގެނިވަޑައިގަތުމުގެ ޝައުޤުގައި ލައިބްރަރީތަކަށް ވަޑައިގަންނަން ޝައިޚު ފެއްޓެވިއެވެ. އަދި ޢިލްމު ޙާޞިލުކުރެއްވުމަށް ހުރި ޝައުޤުވެރިކަމުގެ ބޮޑުކަމުން އެކި މީސްމީހުންގެ ގާތު އައްސަވައިގެން ޝަރުޢީ ޢިލްމު އުނގަންނަވައިދެއްވާ ޝައިޚުން ހޯއްދަވަން ފެއްޓެވިއެވެ. އެގޮތުން އައްޝައިޚު މުޙައްމަދު ނަޖީބު އަލްމުޠީޢީ رحمه الله އާ ބައްދަލުވެ، އެ ބޭފުޅާގެ އަރިހުން ޢިލްމު ޙާޞިލުކުރައްވަން ފެއްޓެވިއެވެ.

ހިޖުރައިން 1396 ވަނަ އަހަރު ޝައިޚު އަލްބާނީ  رحمه الله މިޞްރަށް ވަޑައިގެން މިޞްރުގައި މުޙާޟަރާއެއް ބޭއްވިއެވެ. ނަމަވެސް އެކަން ޝައިޚު ޙުވައިނީއަށް އެނގިވަޑައިގެންނެވީ ޝައިޚު އަލްބާނީ  رحمه الله ފުރާވަޑައިގެންނެވި ފަހުންނެވެ. ޝައިޚު އަލްބާނީ  رحمه الله އާ ބައްދަލުވުމަށް ނުހަނު އެދިވަޑައިގެން ހުންނަވަނިކޮށް އެ ފުރުޞަތު ގެއްލުމުން އެކަމާ ޝައިޚު ވަރަށް ހިތާމަކުރެއްވިއެވެ. އޭގެ ފަހުން ޝައިޚު ގެންދެވީ ޝައިޚު އަލްބާނީ رحمه الله ގެ ޚަބަރުތަކަށް ސަމާލުކަންދެއްވާ، ވަރަށް ގާތުން ބައްލަވަމުންނެވެ.

އޭގެ އަހަރުތަކެއް ފަހުން ޝެއިޚު އަލްބާނީ رحمه الله ގެ ޢާއިލާ ބޭފުޅެއްގެ އަތުގައި ޝައިޚަށް ސިޓީއެއް ފޮނުވުމުގެ ފުރުޞަތު ޝައިޚު ޙުވައިނީއަށް ލިބިވަޑައިގެންވެނިއެވެ. އެ ސިޓީގައި ޝައިޚު ލިޔުއްވީ ޙަދީޘާ ގުޅުން ހުރި 200 އަށްވުރެ ގިނަ ސުވާލު އެބަހުރިކަމަށާއި ޝައިޚު އަލްބާނީގެ އަރިހުން ނޫނީ އެ ސުވާލުތަކުގެ ޖަވާބު ބޭނުން ނުވާކަމުގައެވެ.

ޝައިޚު އަލްބާނީ رحمه الله ގެ އަރިހަށް އުރުދުންގެ ޢަންމާނަށް ވަޑައިގަތުމުގެ ފުރުޞަތު އެންމެ ފުރަތަމަ ޝައިޚު ޙުވައިނީއަށް ލިބިވަޑައިގެންނެވީ ހިޖުރައިން 1407 ވަނަ އަހަރެވެ. އެ ފަހަރު ޝައިޚު އަލްބާނީ رحمه الله ގެ އަރިހުގައި ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަކުރެއްވިއެވެ. ޝައިޚު އަލްބާނީ رحمه الله ގެ އަރިހަށް ޝައިޚު ޙުވައިނީ 2 ދަތުރެއްކުރެއްވިކަން މަޝްހޫރުވެފައިވެއެވެ. ދެވަނަ ދަތުރަކީ ހިޖުރައިން 1410 ވަނަ އަހަރު ކުރެއްވި ދަތުރެވެ.

ދެން ޝައިޚު ޢިލްމު ޙާޞިލުކުރެއްވުމަށް ވަޑައިގެންނެވީ ޖާމިޢަތުލް އަޒްހަރުގެ މިސްކިތަށެވެ. އެ މިސްކިތުގައި ޝައިޚު މޫސާ ޝާހީން ލާޝީން  رحمه الله ގެ އަރިހުންވެސް ޙަދީޘް ޢިލްމު ޙާޞިލުކުރެއްވިއެވެ.

އޭގެ އިތުރުން ޙައްޖާއި ޢުމްރާއަށް ސުޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުތަކުގައި އެތަނުގައި ތިއްބެވި އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ބޮޑެތި ޢިލްމުވެރިންގެ އަރިހުން ޢަޤީދާއާއި ފިޤުހާއި އުޞޫލުލް ފިޤްހު އުނގެނިވަޑައިގެންނެވިއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންނަކީ:

– އައްޝައިޚު ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله

ޖިއްދާގެ އަލްޖާމިޢުލް ކަބީރާއި ޝައިޚު އިބްނު ބާޒް رحمه الله ގެ ގެކޮޅުގެ ކައިރީގައި ހުންނަ މިސްކިތުގައި ދެއްވާ ދަރުސްތަކަށް ޝައިޚު ޙުވައިނީ ޙާޟިރުވެވަޑައިގެން، ޝައިޚު އިބްނު ބާޒް رحمه الله ގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ.

– އައްޝައިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

މަސްޖިދުލް ޙަރާމުގައި ޝައިޚު އިބްނު ޢުޘައިމީން رحمه الله ދެއްވާ ދަރުސްތަކަށް ޝައިޚު ޙުވައިނީ ޙާޟިރުވެވަޑައިގެން، ޝައިޚުގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ.

– އައްޝައިޚު ޢަބްދުﷲ ބުން ޤަޢޫދު رحمه الله

ޝައިޚު ޢަބްދުﷲ ބުން ޤަޢޫދު رحمه الله ގެ އަރިހުން އުޞޫލުލް ފިޤުހު އުނގެނިވަޑައިގެންނެވިއެވެ. އޭރު ޝައިޚުގެ ޤާރީއަކަށް އުޅުއްވީ ޝައިޚު ޞާލިޙު އާލުއްޝައިޚެވެ.

– އައްޝައިޚު ޢަބްދުﷲ ބުން ޖިބްރީން رحمه الله

ޝައިޚު އިބްނު ޖިބްރީން رحمه الله ގެ ވަރަށް ގިނަ ދަރުސްތަކަށް ޝައިޚު ޙުވައިނީ ޙާޟިރުވެވަޑައިގެންނެވިއެވެ. އަދި ޝައިޚު ޖިބްރީންވަނީ ޝައިޚުގެ ދަރުސްތަކުގައި ޝައިޚު ޙުވައިނީގެ ޢިލްމުވެރިކަން ފާހަގަކުރައްވާ ވަރަށް ތަޢުރީފުކުރައްވާފައެވެ.

 

ޝައިޚު ޙުވައިނީއާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައް

– ޝައިޚް އިބްނު ޖިބްރީން رحمه الله، ޝައިޚު ޙުވައިނީ ސިފަކުރައްވާފައިވަނީ “މިޞްރުގެ މުޙައްދިޘް”ގެ ގޮތުގައެވެ.

– ޝައިޚް ޙުވައިނީއަށް ޝައިޚު އަލްބާނީ رحمه الله ވިދާޅުވިއެވެ.

– “އެހެން މީހެއްގެ ކިބައިން ޞައްޙަ ނުކުރާނެ ކަންކަން ތިމަން، ތިބާގެ ކިބައިން ޞައްޙަ ކުރަމެވެ.”

އަދި މީގެ އިތުރުން ޝައިޚު އަލްބަނީ رحمه الله ގެ ފޮތްތަކުގައި އެކި ފަހަރު މަތިން ޝައިޚު ޙުވައިނީއަށް ޘަނާކިޔުއްވާފައިވެއެވެ. އެގޮތުން “السلسلة الصحيحة” (٥ / ٥٨٦) ގައި ވިދާޅުވެފައިވެއެވެ.

“އަހަރެމެންގެ އެކުވެރި އަބޫ އިސްޙާޤު އަލްޙުވައިނީ، އެބޭފުޅާގެ އަގުހުރި ފޮތް “غوث المكدود في تخريج منتقى ابن الجارود” ގައި އެކަން ސަމާލުކަމަށް ގެނެސްފައިވެއެވެ. އެބޭފުޅާ ވަނީ އެފޮތުގެ ފުރަތަމަ ބައި އަޅުގަނޑަށް ހަދިޔާ ކުރައްވާފައެވެ. ﷲ އެބޭފުޅާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.”

– އައްޝައިޚު ޢަބްދުލްޢަޒީޒު އައްރާޖިޙީ حفظه الله ވިދާޅުވިއެވެ.

“އައްޝައިޚް އަބޫ އިސްޙާޤު އަލްޙުވައިނީއަކީ ޙަދީޘް ޢިލްމުވެރިންގެ ތެރެއިން މިޞްރުގެ މުޙައްދިޘެވެ.”

– އައްޝައިޚް މަޝްހޫރު ޙަސަން އާލު ސަލްމާން حفظه الله ވިދާޅުވިއެވެ.

“ޝައިޚު އަލްޙުވައިނީ ވަޑައިގެންނެވުމުން އުފާވެވަޑައިގަންނަވާ މިންވަރަށް، އެހެން މީހަކު އައިސްގެން ޝައިޚު އަލްބާނީ އުފާވެވަޑައިގަންނަވާ ތަން ތިމަން ނުދެކެމެވެ.”

ޝައިޚު ޙުވައިނީއަކީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާގައި ހިފަހައްޓަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެއީ ޙަދީޘް ޞައްޙަ ކުރެއްވުމާއި ސުންނަތް ފެތުރުއްވުމުގައި ވަރަށް ސަމާލުކަން ދެއްވި ބޭފުޅެކެވެ. އަދި ޢިލްމެއް ނެތި އެހެން މީހުންގެ ބަހަށް ތަބާވުމުގެ ބަދަލުގައި، އަމިއްލައަށް ރަނގަޅު ގޮތް ދެނެގަންނަން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ޙަދީޘް ތަޚްރީޖުކުރެއްވުމާއި ތަޙުޤީޤުކުރެއްވުމުގައި އަރާހުންނެވި ބޭފުޅެކެވެ. ޝައިޚުގެ ދަޢުވަތުގެ މައިގަނޑު އަސާސަކީ ދަލީލަށް ތަބާވުމެވެ. އަދި ޝައިޚު ޙުވައިނީއަކީ ފަހުގެ ތާރީޚުގައި މިޞްރުގައި ސުންނަތް ޖަމާޢަތުގެ މަންހަޖު ފެތުރުއްވުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ފަރާތެވެ.

ޝައިޚު ޙުވައިނީއަކީ ހަމައެކަނި ބާޙިޘެއް އަދި މުޙައްޤިޤެއް  ނޫނެވެ. ނަމަވެސް ހަރަކާތްތެރި ދާޢީއެކެވެ. ދަރުސް ދެއްވުމަށް އެކި ރަށްރަކަށް ވަޑައިގެންނެވި ބޭފުޅެކެވެ. ޝައިޚުވަނީ މީގެ 40 ވަރަކަށް އަހަރު ކުރިން ޚުޠުބާ ދެއްވަން ފައްޓަވާފައެވެ. ޤާހިރާގެ ވަރަށް ގިނަ މިސްކިތްތަކުގައި ޝައިޚުވަނީ ޚުޠުބާ ދެއްވާފައެވެ. 1998 ވަނަ އަހަރު ކަފްރުއްޝައިޚުގައި މަސްޖިދު ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާ ބިނާކުރުމުން އެ މިސްކިތް ވެގެންދިޔައީ ޝައިޚުގެ ދަޢުވަތުގެ މައި މަރުކަޒަށެވެ. އޭގެ އިތުރުން ޝައިޚު ޙުވައިނީވަނީ ޓީވީއާއި ރޭޑިއޯއިން ދީނީ އެކިއެކި ޕްރޮގްރާމުތައް ގެނެސްދެއްވާފައެވެ. ނަމަވެސް މިޞްރުގައި ޝައިޚަށް އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާން ޖެހުމުން، މިޞްރު ދޫކުރައްވާ ޤަޠަރަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައިވެސް ދަޢުވަތުގެ މަސައްކަތްތައް ކުރިއަށް ގެންދެވިއެވެ.

 

ޝައިޚު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި:

 

– ޗާޕުކޮށްގެން ނެރެވިފައިވާ ބައެއް ފޮތްތައް:

1- فصل الخطاب بنقد المغني عن الحفظ والكتاب، لأبي حفص الموصلي الحنفي: (جزء طبع بدار الكتب العلمية في بيروت – 1405هـ).

2- الأربعون في ردع المجرم عن سب المسلم، للحافظ ابن حجر: (طبع بمؤسسة الكتب الثقافية، في بيروت – 1406 هـ ).

3- الانشراح في آداب النكاح: (جزء طبع بدار الكتاب العربي في بيروت – 1407هـ).

4- خصائص أمير المؤمنين على بن أبي طالب -رضي الله عنه-، للنسائي: (جزء طبع بدار الكتاب العربي في بيروت – 1407هـ).

5- النافلة في الأحاديث الضعيفة والباطلة: (طبع في جزئين بدار الصحابة للتراث في مصر – 1408هـ).

6- كشف المخبوء بثبوت حديث التسمية عند الوضوء: (جزء طبع بمكتبة التوعية الإسلامية في مصر – 1408هـ).

7- نهي الصحبة عن النزول بالركبة: (تأليف، طبع في جزء بدار الكتاب العربي في بيروت، ودار المشرق العربي في مصر – 1408هـ)، (وبمكتبة التوعية الإسلامية في مصر – 1408هـ ).

8- البعث، لعبد الله بن أبي داود: (جزء طبع بدار الكتاب العربي في بيروت – 1408هـ).

9- الأربعون الصغرى، للبيهقي: (جزء طبع بدار الكتاب العربي في بيروت – 1408هـ).

10- غوث المكدود بتخريج منتقى ابن الجارود: (طبع بدار الكتاب العربي في بيروت، في ثلاثة أجزاء – 1409هـ).

11- بذل الإحسان بتقريب سنن النسائي أبي عبد الرحمن: (طبع في مجلدين بمكتبة التربية الإسلامية، في مصر – 1410هـ ).

12- طليعة سمط اللآلى في الرد على الشيخ محمد الغزالي: (تأليف، طبع بمكتبة التوعية الإسلامية في مصر – 1410هـ).

13- كتاب الصمت وآداب اللسان، لابن أبي الدنيا: (جزء طبع بدار الكتاب العربي في بيروت – 1410هـ).

14- فضائل فاطمة -رضي الله عنها-، لابن شاهين: (جزء طبع بمكتبة التربية الإسلامية في مصر – 1411هـ).

15- صحيح القصص النبوي: (تأليف طبع في جزء بمكتبة الصحابة في جدة، – 1411هـ).

16- الأحاديث القدسية الأربعينية، لملا علي القاري: (جزء طبع بمكتبة الصحابة في جدة، وبمكتبة التابعين في مصر – 1412هـ).

17- جزء في تصحيح حديث القلتين والكلام على أسانيده، للحافظ العلائي: (جزء طبع بمكتبة التربية الإسلامية في مصر – 1412هـ).

18- كتاب الزهد لأسد بن موسى: (تحقيق وتخريج، طبع بمكتبة التوعية الإسلامية، ومكتبة الوعي الإسلامي في مصر – 1413هـ).

19- جزء فيه مجلسان من أمالي لصاحب نظام الملك أبي علي الحسن بن علي: (طبع بمكتبة العلم بجدة، ومكتبة ابن تيمية بمصر، في مجلد – 1413هـ).

20- مسند سعد بن أبي وقاص، للبزار: (جزء طبع بمكتبة ابن تيمية في مصر-1413هـ).

21- رسالتان في الصلاة والسلام على النبي -صلى الله عليه وسلم-، وعقيدة أهل السنة والجماعة في الصحابة الكرام: (تحقيق، طبع بمكتبة التربية الإسلامية في مصر – 1414هـ).

22- جُزء فيه مجلسان من إملاء أبي عبد الرحمن النسائي: (جزء طبع بمكتبة التربية الإسلامية في مصر – 1414هـ).

23- جُنة المرتاب بنقد المغني عن الحفظ والكتاب، لأبي حفص الموصلي الحنفي: (جزء طبع بدار الكتاب العربي في بيروت – 1414هـ).

24- فضائل القرآن، لابن كثير: (طبع بمكتبة العلم بجدة، ومكتبة ابن تيمية بمصر، في مجلد – 1416هـ).

25- الديباج على صحيح مسلم بن الحجاج، للسيوطي: (طبع بدار ابن عفان في السعودية، في ست مجلدات-1416هـ).

26- تفسير القرآن العظيم، لابن كثير: (طبع بدار ابن الجوزي بالسعودية، في مجلدين – 1417هـ).

27- الجزء فيه من الفوائد المنتقاة الحسان العوالي، لأبي عمرو السمرقندي: (جزء طبع بمكتبة ابن تيمية في مصر، وتوزيع مكتبة الخراز في جدة – 1418هـ).

28- كتاب الأمراض والكفارات والطب والرقيات، لضياء الدين المقدسي: (طبع بدار ابن عفان، في مصر – مقدمة الطبعة الأولي 1413هـ، ونشرت الطبع الثانية 1420هـ).

29- تنبيه الهاجد إلى ما وقع من النظر في كتب الأماجد: (طبع المجلد الأول بمكتبة البلاغ في الإمارات – 1418هـ، ثم طبع في ست مجلدات، طبعة دار المحجة، بالإمارات أيضًا – 1424هـ، وسيُدفع قريبًا للطبع في أكثر من خمسة عشر مجلدًا بإذن الله ).

30- فتاوى أبي إسحاق الحويني المسمى إقامة الدلائل على عموم المسائل: (جزء طبع بدار التقوى في مصر – 1429هـ).

31- الجزء فيه الثاني من حديث الوزير أبي القاسم الجراح، يشتمل على سبعة مجالس متوالية، أولها السابع، وآخرها الثالث عشر: (جزء طبع بدار التقوى في مصر – 1431هـ).

32- الفتاوي الحديثية المسمى إسعاف اللبيث بفتاوى الحديث: (ثلاثة أجزاء طبع بدار التقوى في مصر – 1432هـ)، ثم (زاد مجلدًا رابعًا، وطبع بنفس الدار -1432هـ )، ثم (زاد مجلدًا خامسًا، وطُبع أيضًا بنفس الدار – 1432هـ).

 

– ޗާޕުނުކުރެވޭ ބައެއް ފޮތްތައް:

1- مسند أبي عوانة، تحقيق، وقد تم، والحمد لله، وسيدفع به للطبع قريبًا بإذن الله.

2- تسلية الكظيم بتخريج أحاديث وآثار تفسير القرآن العظيم.

3- تعلة المفئود بشرح المنتقى لابن الجارود.

4- جنة المستغيث بشرح علل الحديث، لابن أبي حاتم.

5- درة التاج على صحيح مسلم بن الحجاج.

6- سد الحاجة بتقريب سنن ابن ماجه.

7- فك العاني بشرح تعليل الطبراني.

8- العُباب بتخريج قول الترمذي: وفي الباب.

9- فك الوثاق بشرح كتاب الرقاق.

10- كنز البخيل بما ورد عن السلف من تأويل آي التنزيل، وهذا من أجلّ كتب الشيخ عنده.

11- نوح الهديل بشرح ما في سنن أبي داود من التذييل.

12- كسوة العاري ببيان علة الحذف عند البخاري.

13- مسند أبي هريرة، جمع وترتيب، وكان للذب عنه وبيان جلالة قدره، وسعة حفظه، والتمييز بين ما ثبت عنه، وما لم يثبت.

14- مَجَمَّة الفؤاد فيما اتفق عليه الشيخان في المتن والإسناد.

15- الهدية بشرح صحيح الأحاديث القدسية.

16- نبع الأماني في ترجمة الشيخ الألباني.

17- مسامرة الفاذ بمعنى الحديث الشاذ.

18- القول الرجيح في صلاة التسبيح.

19- القالات الحسان عن ليلة النصف من شعبان.

20- ما رواه أبو الزبير عن غير جابر، لأبي الشيخ الأصبهاني.

21- الفجر السافر على أوهام الشيخ أحمد شاكر.

22- كشف الخفاء عما ورد في فضل عاشوراء.

23- الظل الوريف في حكم العمل بالحديث الضعيف.

 

އަވަހާރަވުން:

ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައި ޝައިޚު އަވަހާރަވީ ހިޖުރައިން 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 މީ ހޯމަ ދުވަހު (17 މާރޗް 2025 ވަނަ ދުވަހު) ޤަތަރުގެ ދޯހާގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅުން 68 އަހަރެވެ. އަދި ޝައިޚުގެ މައްޗަށް ކަށުނަމާދުކުރީ ޖެހިގެން އައި ދުވަހު ޢަޞުރު ނަމާދަށް ފަހުގައި ޤަޠަރުގެ ޖާމިޢު އަލްއިމާމު މުޙައްމަދު ބުން ޢަބްދުލްވައްހާބުގައެވެ. އަދި ފަސްދާނު ލެވުނީ މަޤްބަރަތު މުސައިމީރުގައެވެ.

 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ اللَّهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلَكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ» [رواه البخاري (100)]

މާނައީ: “ހަމަކަށަވަރުން ﷲ ޢިލްމު ހިއްޕަވަނީ އަޅުތަކުންގެ ކިބައިން އަތުލެވޭ އަތުލެއްވުމަކުން ނޫނެވެ. ނަމަވެސް އެއިލާހު ޢިލްމު ހިއްޕަވަނީ ޢިލްމުވެރިން ހިއްޕަވައިގެންނެވެ. (އެބަހީ: ޢިލްމުވެރިން މަރު ގެންނަވައިގެންނެވެ.)”

 

ޝައިޚު އަވަހާރަވުމުން އިސްލާމީ އުންމަތަށް ގެއްލިގެން އެދިޔައީ ބޮޑު ޢިލްމުވެރިއެކެވެ. އަދި ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގައި މުޅި ޢުމުރު ހޭދަކުރެއްވި މުޙައްދިޘެކެވެ. ޝައިޚު އެ ވަޑައިގެންނެވީ އަންނަން އޮތް ޖީލުތަކަށް ޢިލްމުގެ ބޮޑު ތަރިކައެއް ދޫކުރައްވާފައެވެ. ޝައިޚަށް ފަހު ޝައިޚު ދޫކުރެއްވި ޢިލްމުގެ ވޮށަކީ ޝައިޚުގެ ފޮތްތަކާއި ދަރުސްތަކާއި ދަރިވަރުންނެވެ.

 

اللهم اغفر له واعف عنه وأكرم نزله وتقبل منه.

 

މަޞްދަރު