الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ތަކޫވައް / (Myristica Fragrans) Nutmeg / جَوْزَةُ الطِّيْب ގެ ތަޢާރަފު
ތަކޫވަކަކީ ގަހެއްގައި އަޅާ އެއްޗެކެވެ. އޭގެ ގަހަކީ ގާތްގަނޑަކަށް 10 މީޓަރަށް ދިގުވާ، ފެހިކަން ގަދަ ގަހެކެވެ. އަދި އޭގައި އަޅާ މޭވާ އެޕްރިކޮޓް ނުވަތަ ޕިއާރސްއާ ވައްތަރެވެ. އަދި އެ ދޮންވުމަށް ފަހުގައި، ހަރުވެ ދެފަޅިވެއެވެ. އޭގެ ތެރޭގައިވާ އޮށަކީ އެއީ ތަކޫވަކެވެ.
އެއީ އިހު ޒަމާނުއްސުރެ އެކިއެކި ކަންކަމުގައި ބޭނުންކޮށް އުޅުނު އެއްޗެކެވެ. އެގޮތުން މިޞްރުގައި ޤަދީމީ ބޭސްވެރިކަމުގައި އެ ބޭނުންކޮށް އުޅުނެވެ. އަދި އެކި ބާވަތުގެ ކާނާ ތައްޔާރުކުރާ އިރުގައި، ރަހަ ހެޔޮވަރުކުރަން އަޅާ އެއްޗެއްގެ (spice އެއްގެ) ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހާރާއި މިހާރުވެސް އެ ބޭނުންކުރެއެވެ. އިންޑިއާއި ސްރީލަންކާ އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކަކީ ވަރަށް ގިނައިން އެ ހައްދާ ޤައުމުތަކެކެވެ.
ތަކޫވަކުން ޞިއްޙަތަށް ކުރާ އަސަރު
އެއީ ޙަޝީޝް ފަދައިން ހަށިގަނޑަށް އަސަރުކުރުވާ، ޙަޤީޤަތެއް ނެތް ކަންކަން އެއީ ޙަޤީޤަތެއްހެން ހީކުރުވާ (Hallucinogenic) މާއްދާތަކެއް އޭގައި އެކުލެވިގެންވާ އެއްޗެކެވެ. އަދި އެ މާ ގިނައިން ބޭނުންކޮށްފިނަމަ ކަންފަތުން އަޑެއް ކިޔާފަދަ ގޮތެއް އިޙުސާސުވެ، ބަނޑު ހަރުވެ، ކުޑަކަމުދާން ދަތިވެ، ކަންބޮޑުވެ، ހާސްވެ، ނާރުތަކުގެ މައި ނިޒާމަށް (Central Nervous System އަށް) އަސަރުކުރެއެވެ. އަދި ބައެއް ފަހަރު މާ ގިނައިން އެ ބޭނުންކުރުމުގެ ސަބަބުން މަރުވެސް ވެދާނެއެވެ.
ތަކޫވަކުގައި ހުންނަ ބައެއް މާއްދާތަކުގެ ސަބަބުން މަސްތު (Intoxicate) ވެއެވެ. އެ މާއްދާތަކުގެ ތެރޭގައި myristicin އާއި elemicin އާއި eugenol އަދި safrole އަކީ މަސްތުވާފަދަ މާއްދާތަކެކެވެ. އެހެންކަމުން ވަކި ވަރަކަށް ވުރެ ގިނައިން ތަކޫވައް ބޭނުންކުރާ މީހުންގެ ކުޑަކަމުދާ ތަކެތި ޑްރަގަށް ޓެސްޓުކުރުމުން، ފަހުގެ ޑްރަގް ޓެސްޓުތަކުން ޕޮޒިޓިވްކަމަށް ދައްކައެވެ. އަދި މި މާއްދާތަކުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ދިރާސާތައް ހަދާފައިވެސް ވެއެވެ.
އަދި ހުޅަނގުގެ ޒުވާނުން ތަކޫވައް ބޭނުންކުރާ މިންވަރު ގިނަވެ، ނުރައްކާތެރި ޙާލަތްތަކަށް ގޮސްގެން ހުޅަނގުގެ ޤައުމުތަކުގެ ހޮސްޕިޓަލްތަކާއި “Poison Centers“ އަށް ދިޔުން އިތުރުވެފައިވެއެވެ.[1]
މަސްތުވާ އެއްޗެއްގެ ގޮތުގައި ތަކޫވައް އެންމެ ފުރަތަމަ ބޭނުން ކުރަންފެށީ (Abuse ކުރަން ފެށީ) 1960 ގެ އަހަރުތަކުގެ ތެރޭގައެވެ. މިހާރުވެސް އެ ބޭނުން ކުރާ ބައެއް މީހުން އެ ބޭނުންކުރަނީ އެއީ އަގު ހެޔޮ އަދި ފަސޭހައިން ލިބޭ އެއްޗަކަށް ވާތީއެވެ. ވަކިވަރަކަށް ވުރެ ގިނައިން ތަކޫވައް ބޭނުންކޮށްފިނަމަ ޙަޤީޤަތެއް ނެތް ކަންކަން އެއީ ޙަޤީޤަތެއްހެން ހީކުރުވައެވެ. (Hallucinate ކުރުވައެވެ.) އަދި އޭގެ ސަބަބުން ވާނުވާ ނޭނގި، މަސްތުވުން (Intoxicate) ފަދަ ޙާލަތަކަށް މީހާދެއެވެ. [2]
ކާބޯތަކެތި ތައްޔާރުކުރުމުގައި ތަކޫވައް ބޭނުންކުރުމުގެ ޙުކުމް
މަސްތުވާނޭ މިންވަރަށް ތަކޫވައް ބޭނުންކުރުމަކީ ޙަރާމްކަމެއްކަމުގައި ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެވަޑައިގަންނަވައެވެ.
އެހަނަސް ކާބޯތަކެތީގެ ރަހަ ހެޔޮވަރުކުރުމަށް އޭގެ ކުޑަމިންވަރެއް ބޭނުންކުރުމާ މެދުގައި ޢިލްމުވެރިންވަނީ ދެ ރައުޔަކަށް ޚިލާފުވެފައެވެ.
ފުރަތަމަ ރައުޔު: ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި ކާބޯތަކެތި ތައްޔާރުކުރުމަށް ތަކޫވަކުގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ. [3] އެބޭކަލުންގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. ސަޢުދު ބުން އަބީ ވައްޤާޞް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.
«أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى عَنْ قَلِيلِ مَا أَسْكَرَ كَثِيرُهُ» [رواه ابن حبان (5370) وصححه الألباني في الإرواء (2375)]
މާނައީ: “ހަމަކަށަވަރުން އެއެއްޗެއް ގިނައިން ބޭނުންކޮށްގެން މަސްތުވަންޏާ، އެއެއްޗެއްގެ ކުޑަ މިންވަރެއް ބޭނުންކުރުންވެސް ރަސޫލާ صلى الله عليه وسلم ނަހީކުރެއްވިއެވެ.”
އިބްނު ޙަޖަރު އަލްހައިތަމީ رحمه الله (އަވަހާރަވީ ހިޖުރައިން 974 ގައި) ވިދާޅުވިއެވެ.
“ގަސްގަހުގައި އަޅާ އެއްޗިއްސަކީ ކެއުން ހުއްދަ އެއްޗިއްސެވެ. އެއީ ވިހަ ފަދަ ފުރާނައަށް ނުރައްކާ ކުރުވާ އެއްޗެހި ފިޔަވައެވެ. ނުވަތަ ރާ ފަދައިން ބުއްދި ފިލުވާލާ އެއްޗެހި ފިޔަވައެވެ. ޙަޝީޝާއި އަފިހުނާއި ޝުޢޫރާއި އިޙްސާސް ނެތިކުރުވާ (بَنْج ފަދަ) ތަކެއްޗާ އަދި ހަމަ އެފަދައިން ތަކޫވައް ހިމެނެނީ ޙަރާމް އެއްޗެހީގެ ތެރޭގައެވެ. އެކަމުގައި އަޅުގަނޑުވާނީ ފަތުވާދީފައެވެ. އަދި މަޛްހަބުތަކުގެ ތެރެއިން ޝާފިޢީންނާއި މާލިކީންނާއި ޙަންބަލީންގެ އިސް ބޭކަލުންގެ ބަސްތައް އަޅުގަނޑުވާނީ ގެނެސްދީފައެވެ. އަދި ޙަނަފީންގެ ބަސްފުޅުތަކުންވެސް ނެގެނީ ހަމަ އެ މާނައެވެ.” [4]
އިބްނު ޢާބިދީން رحمه الله (އަވަހާރަވީ ހިޖުރައިން 1252 ގައި) ވިދާޅުވިއެވެ.
“ޙަޝީޝް ފަދައިން ތަކޫވައް ޙަރާމްވެގެންވެއެވެ. ޝާފިޢީ މަޛްހަބުގެ ގިނަ ޢިލްމުވެރިން ފަތުވާ ދެއްވާފައިވަނީ އެ ޙަރާމްކަމަށެވެ. އަދި ބައެއް ބޭކަލުން އެގޮތަށް ވަރަށް ޞަރީޙަކޮށް ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި އިބްނު ޙަޖަރު (އަލްހައިތަމީ)، އެއާ ބެހޭގޮތުން ދެއްވާފައިވާ ފަތުވާގައާއި އައްޝައިޚު ކަމާލުއްދީން ބުން އަބޫ ޝަރީފު އެކަމާ ބެހޭގޮތުން ލިޔުއްވާފައިވާ ރިސާލާއެއްގައިވެސް އެފަދައިން ވިދާޅުވެފައިވެއެވެ. އަދި އަހަރެމެންގެ އަޞްޙާބުންގެ ތެރެއިން އަލްއަޤްޞަރާވީވެސް އެފަދައިން ފަތުވާ ދެއްވާފައިވެއެވެ.” [5]
ދެވަނަ ރައުޔު: ބައެއް ޢިލްމުވެރިން ބުރަވެވަޑައިގެންފައިވަނީ އޭގައި އެވާ މާއްދާއަކީ މަސްތުވާ އެއްޗެއް ނޫންކަމުގައެވެ. އެހެނަސް އޭގައި އެވާ މާއްދާއަކީ ހަށިގަނޑުގެ ހެލިފެލިކަން ކުޑަކުރުވާ، ޝުޢޫރާއި އިޙްސާސް ނެތިކުރުވާ (anesthetic) އަދި ގިނައިން ބޭނުންކޮށްފިނަމަ ގެއްލުންވާ މާއްދާއެއްކަމުގައެވެ. އެހެންކަމުން އެބޭކަލުން ބުރަވެވަޑައިގަންނަވަނީ އެ ގިނައިން ބޭނުންކޮށްފިނަމަ ހުއްދަ ނުވާނެ ކަމުގައެވެ. އެހެނަސް ކާބޯތަކެތީގެ ރަހަ ހެޔޮވަރުކޮށްލަން ކުޑަ މިންވަރެއް ބޭނުންކުރުން ހުއްދަވާނެ ކަމުގައެވެ. އެފަދައިން އެބޭކަލުން ވިދާޅުވަނީ ތަކޫވަކަކީ މަސްތުވާ ދިޔާ އެއްޗެއްކަމުގައި ނުވެފައި އަދި އެއީ ރަލާ އެއްގޮތަށް މަސްތުވާ އެއްޗެއްކަމުގައި އެބޭކަލުންނަށް ފެނިވަޑައި ނުގަންނަވާތީއެވެ. [6]
އަލްޙައްޠާބު رحمه الله (އަވަހާރަވީ ހިޖުރައިން 954 ގައި) ވިދާޅުވިއެވެ.
“އިބްނު ފަރްޙޫން ވިދާޅުވިއެވެ. ‘(ތަކޫވައްފަދަ) އިންޑިއާއިން ގެންނަ އެކި ބާވަތްތަކުގެ ތަބީޢީ ބޭސްތަކާ މެދުގައި ދަންނައެވެ. ޙަޝީޝް ބޭނުންކުރާ ފަދައިން އެ ބޭނުން ކުރާނަމަ އެ ބޭނުންކުރުމަކީ މަނާ ކަމެކެވެ. އެހެނަސް ބަނޑު ހަރުވާތީ ނުވަތަ އެ ނޫން ފައިދާ ހުރި ކަމަކަށް ބޭނުންކުރާނަމަ އެ ޙަރާމެއް ނުވާނެއެވެ. އަދި އެއިން ޙަރާމުވަނީ ބުއްދި ފަސާދަކުރާ ތަކެއްޗެވެ. ކުރިން ޛިކުރުކުރި ފަދައިން ތަކޫވަކާއި ޒަޢުފަރާންގެ ގިނަ މިންވަރާއި الْبَنْج (anesthesia) އަދި السَّيْكَرَان އަކީ (الْبَنْج ގެ ގަހަކީ) ފަސާދަކުރާ އެއްޗިއްސެވެ. އޭގެ މަދު މިންވަރު ހުއްދައެވެ. އަދި އެއީ ޙުކުމުގައި ޠާހިރު އެއްޗެއްސެވެ.” [7]
ރާޖިޙު
މިކަމާ ބެހޭގޮތުން ޢިލްމުވެރިން ގެންނަވާފައިވާ ދަލީލުތަކާއި ދައްކަވާފައިވާ ވާހަކަފުޅުތަކުގެ އަލީގައި އަދި މިކަމާ ބެހޭގޮތުން ކޮށްފައިވާ ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ބުރަވެވެނީ ތަކޫވަކުގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް ބޭނުން ކުރުމަކީ ހުއްދަކަމެއް ނޫންކަމުގައެވެ. އެހެނީ:
– ޙަދީޘްގައި ވާރިދުވެފައިވަނީ އެއެއްޗެއް ގިނައިން ބޭނުންކޮށްގެން މަސްތުވަންޏާ، އެއެއްޗެއްގެ ކުޑަ މިންވަރެއް ބޭނުންކުރުން ހުއްދަވެގެން ނުވާ ކަމެވެ. ފަހެ ތަކޫވަކަކީ އެފަދައިން ގިނައިން ބޭނުންކުރުމުން މީހާ މަސްތުކުރުވާ ނުވަތަ އިޙްސާސް ނެތި ކުރުވާ އެއްޗެކެވެ. ސަޢުދު ބުން އަބީ ވައްޤާޞް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.
«أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى عَنْ قَلِيلِ مَا أَسْكَرَ كَثِيرُهُ» [رواه ابن حبان (5370) وصححه الألباني في الإرواء (2375)]
މާނައީ: “ހަމަކަށަވަރުން އެއެއްޗެއް ގިނައިން ބޭނުންކޮށްގެން މަސްތުވަންޏާ، އެއެއްޗެއްގެ ކުޑަ މިންވަރެއް ބޭނުންކުރުންވެސް ރަސޫލާ صلى الله عليه وسلم ނަހީކުރެއްވިއެވެ.”
– ކާބޯތަކެއްޗާއި ގުޅުން ހުރި ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ މިފަދަ ޝައްކުވާފަދަ ކާބޯތަކެތި ބޭނުން ނުކޮށް ދޫކޮށްލުމެވެ. އަބުލްޙައުރާ އައްސަޢުދީ ވިދާޅުވިއެވެ. އަލްޙަސަނު ބުން ޢަލީ رضي الله عنهما ގެ އަރިހުގައި ތިމަން ދެންނެވީމެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެއްވެސް ވާހަކައެއް ކަލޭގެފާނު ހަނދުމަފުޅުވޭތޯއެވެ؟
އެކަލޭގެފާނު ވިދާޅުވިއެވެ. “ޞަދަޤާތްކުރުމަށް ބަހައްޓާފައި ހުރި ކަދުރުތަކުގެ ތެރެއިން ކަދުރެއް ތިމަން ނެގީމެވެ. އަދި އަނގަ ތެރެއަށް އެ ލުމާއެކުގައި، ﷲ ގެ ރަސޫލާ صلى الله عليه وسلم ވަޑައިގެން އަނގަ ތެރޭގައި އެ އޮއްވާ އެ ނަންގަވާފައި އެ ހުރި ތަނަށް އެއްލަވާލެއްވިއެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި މީހަކު ދަންނަވައިފިއެވެ. “އެ ކެއުމުގައި މައްސަލައެއް އެބަ އޮތްތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِنَّا لَا نَأْكُلُ الصَّدَقَةَ»
މާނައީ: “ތިމަން ބޭކަލުން (އެބަހީ: ނަބިއްޔާ صلى الله عليه وسلم ގެ އާލު ބައިތުން) ޞަދަޤާތެއް ފަރީއްކުޅުއްވާ ނުއުޅުއްވަމެވެ.”
އަދި އެކަލޭގެފާނު ޙަދީޘްކުރައްވާ އުޅުއްވިއެވެ.
«دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ ُ»
މާނައީ: “ތިބާއަށް ޝައްކުވާ ކަންކަން ދޫކޮށްލާފައި ޝައްކު ނުވާ ކަންކަމުގައި ހިފާށެވެ.” [رواه أحمد (1723) وصححه محققو المسند (3 / 249)]
– އެއްޗަކީ ޙަލާލު އެއްޗެއްތޯ ނުވަތަ ޙަރާމް އެއްޗެއްތޯ އެމީހަކަށް ޔަޤީން ނުވާކަމުގައިވާ ނަމަވެސް އެކަމުގައި ރައްކާތެރި ގޮތް ޚިޔާރުކުރުމަށް ރަސޫލާ صلى الله عليه وسلم ވަނީ އިރުޝާދުދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ، وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى، يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللهِ مَحَارِمُهُ» [رواه مسلم 107 – (1599)]
މާނައީ: “ހަމަކަށަވަރުން ޙަލާލު ކަންތައްތައްވަނީ ބަޔާންވެގެންނެވެ. އަދި ހަމަކަށަވަރުން ޙަރާމު ކަންތައްތައްވެސްވަނީ ބަޔާންވެގެންނެވެ. އަދި އެދެމެދުގައި (އެބަހީ: ޙަލާލުކަންތައްތަކާއި ޙަރާމްކަންތައްތަކުގެ ދެމެދުގައި) އެއީ ކޮންކަހަލަ ކަންތައްތަކެއްކަން މީސްތަކުންގެ ތެރެއިން ގިނަބަޔަކަށް ނޭނގޭ ކަންތައްތަކެއް ވެއެވެ. ފަހެ އެކަންކަމުން ރައްކާތެރިވެގެންފިމީހާ އެމީހާގެ ދީނާއި އަބުރު ރައްކާތެރިކޮށްފިއެވެ. އަދި އެކަންކަމަށް އަރައިގެންފިމީހާ ޙަރާމްކަންތައްތަކަށް އަރައިގެންފިއެވެ. (އޭގެ މިސާލަކީ) ޙިމާޔަތް ކުރެވިފައިވާ އިމެއްގެ ވަށައިގެން، ބަކަރި ހުއިހައްޕާ މީހެއްގެ މިސާލެވެ. ފަހެ އެ ބަކަރިތައް އެ ޙިމާޔަތް ކުރެވިފައިވާ އިމަށް ވަދެ، ހުއިކެއުން ގާތެވެ. ދަންނާށެވެ. ކޮންމެ ރަސްކަލަކަށްމެ ޙިމާޔަތްކުރެވިފައިވާ އިމެއް ވެއެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ލައްވާފައިވާ އިމަކީ، އެއިލާހު ޙަރާމްކުރެއްވި ކަންކަމެވެ.”
– ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރެވިދާނެ ޙަލާލު ބާވަތްތައް ޢަދަދު ނުކުރެވޭހާ ގިނައެވެ. އޭގެ ތެރެއިން ގިނަ ތަކެއްޗަކީ އޭގެ ޙަލާލުކަމާ މެދުގައި އެއްވެސް ޝައްކެތް ނެތް، ބަހުޘްކުރުމުގެ ޖާގައެއްވެސް ނުވާ އެއްޗިއްސެވެ. އަދި ތަކޫވަކުގެ ބަދަލުގައި އެއާ ރަހަ އެއްގޮތް ޙަލާލު އެހެނިހެން ތަކެތި ބޭނުންކުރެވިދާނެއެވެ. އެހެންކަމުން ކެއްކުމުގައި ތަކޫވައް ބޭނުންކުރުމަކީ ޟަރޫރީކޮށް ކުރަން ޖެހިފައިވާ ކަމަކަށް ނުވާ އިރުގައި ނުވަތަ އެ ބޭނުންކުރުމަށް ބޮޑު ޙާޖަތެއް ޖެހިފައިވާ އެއްޗަކަށް ނުވާ އިރުގައި އެންމެ ރަނގަޅު ގޮތަކީ އެ ދޫކޮށްލުމެވެ.
[1] ބައްލަވާ: Nutmeg intoxication in Texas, 1998 – 2004: Mathias B. Forrester (page: 563 – 566), Human & Experimental Toxicology, Volume 24, Issue 11, November 2005 and Abuse of Nutmeg (Myristica fragrans Houtt.): Studies on the Metabolism and the Toxicologic Detection of its Ingredients Elemicin, Myristicin, and Safrole in Rat and Human Urine Using Gas Chromatography/Mass Spectrometry: Beyer J, Ehlers D, Maurer HH. (page: 568 – 575) , Therapeutic Drug Monitoring, Volume 28, Issue 4, August 2006.
[2] ބައްލަވާ: Encyclopedia of Toxicology (Third Edition), 2014, Pages 630 – 631 and Encyclopedia of Toxicology (Fourth Edition), Volume 7, 2024, Pages 5 – 8.
[3] ބައްލަވާ: الفتح المبين بشرح الأربعين لابن حجر الهيتمي (ص: 233) ورد المحتار على الدر المختار لابن عابدين (6 / 458).
[4] الفتح المبين بشرح الأربعين لابن حجر الهيتمي (ص: 233).
[5] رد المحتار على الدر المختار لابن عابدين (6 / 458).
[6] ބައްލަވާ: عون المعبود للعظيم آبادي (10 / 96 – 97).
[7] المواهب الجليل للحطابي (1 / 90).