|
އެނގޭތަ:
މަސްޖިދުލް އަޤްޞާގެ ނަމުން ނަންދެވިފައިވަނީ ސުލައިމާނުގެފާނު ބިނާކުރެއްވި މުޅި މިސްކިތްކޮޅަކަށެވެ. އެކަލޭގެފާނު ބިނާކުރެއްވި މިސްކިތްކޮޅު ހަލާކުވެ ދިއުމަށް ފަހުގައި، އެތަނުގައި މިސްކިތެއް ބިނާކުރެއްވީ ޢުމަރު ބުނުލް ޚައްޠާބު رضي الله عنه އެވެ. އެއީ އެކަލޭގެފާނުގެ ޚިލާފަތުގައި ބައިތުލް މަޤްދިސް ފަތަޙަކުރެއްވުމަށް ފަހުގައެވެ. މަސްޖިދުލް އަޤްޞާގެ ކައިރީގައިވާ ބޮޑު ހިލައަކީ ޔަހޫދީން މާތްކުރާ ސަރަހައްދެކެވެ. ބައިތުލް މަޤްދިސް ފަތަޙަކުރެއްވުމަށް ފަހު، ޢުމަރުގެފާނު އެ ތަނަށް ވަޑައިގެންނެވި އިރު، އެ ހިލައިގެ މަތީގައިވަނީ ބޮޑު ކުނި ފުންޏެކެވެ. އެއީ ޔަހޫދީން އެތަން މާތްކުރާތީ، އެ ތަނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ނަޞާރާއިން ކޮށްފައިވާ ކަމެކެވެ. ޢުމަރުގެފާނު އެތަން ސާފުކުރެއްވުމަށް ފަހުގައި، މަސްޖިދުލް އަޤްޞާ ހިމެނޭ ސަރަހައްދުގައި މީސްތަކުން ނަމާދުކުރުމަށް މިސްކިތެއް ބިނާކުރާނެ ތަނަކާމެދު، އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުންގެ އަރިހުން މަޝްވަރާއަކަށް އެދިވަޑައިގެންނެވިއެވެ. ކައުބުލް އަޙްބާރު رضي الله عنه މަޝްވަރާދެއްވީ އެ ހިލައިގެ ފަހަތުގައި މިސްކިތް ބިނާކުރުމަށެވެ. ނަމަވެސް އެއީ ޔަހޫދީން މާތްކުރާ ތަނަކަށްވުމުން، ޢުމަރުގެފާނު ނިންމެވީ އެ ސަރަހައްދުގެ ޤިބުލައާވީ ފަރާތުގައި މިސްކިތް ބިނާކުރެއްވުމަށެވެ. އޭރުން މީސްތަކުން މިސްކިތުގައި ނަމާދަށް ތިބޭއިރު އެ ހިލަ އޮންނާނީ، މީސްތަކުން ފަހަތުގައެވެ. ޢުމަރުގެފާނެއްވެސް އަދި އެހެން އެއްވެސް ޞަޙާބީބޭކަލެއްވެސް އެ ހިލަ އޮތް ތަނުގައި ނަމާދެއް ނުކުރައްވައެވެ. އަދި އެއަށް މާތް ކޮށެއްވެސް ނުހިއްތަވައެވެ. މިސްކިތް ބިނާކުރެއްވުމަށް ފަހު، އެތަނަށް ޒިޔާރަތްކުރެއްވި ޞަޙާބީބޭކަލުންނާއި ސަލަފުންގެ ބޭކަލުންވެސް ނަމާދުކުރެއްވީ ޢުމަރުގެފާނު ބިނާކުރެއްވި މިސްކިތްކޮޅުގައެވެ. އޭރު އެ ހިލަ އޮތީ ހާމައަށެވެ. އެ ހިލައިގެ މަތީގައި ޤުއްބެއް ބިނާކުރީ ޢަބްދުލް މަލިކު ބުން މަރްވާނުގެ ވެރިކަމުގައެވެ. އެ ޤުއްބު މަޝްހޫރުވެފައިވަނީ ޤުއްބަތުއް ޞަޚްރާގެ ނަމުންނެވެ. އެއީ މިހާރުވެސް ރަންކުލައިގައި ފެންނަން އެހުރި ޤުއްބެވެ. ޔަހޫދީން މާތްކުރާ ހިލަ މިހާރު އެވަނީ ޤުއްބުގެ ދަށުގައެވެ. އިސްރާއާއި މިޢުރާޖުގެ ރޭގައި، މަސްޖިދުލް އަޤްޞާއަށް މަޑުކުރެއްވި އިރު، ޖިބްރީލުގެފާނުގެ އަރިހުގައި ނަބިއްޔާ صلى الله عليه وسلم ދަތުރުކުރެއްވި ބުރާޤު އެ ހިލައިގައި އެއްސެވިކަމަށް ބައެއް ރިވާޔަތްތަކުގައިވެއެވެ. ނަމަވެސް އިމާމު މުސްލިމް ރިވާކުރައްވާފައިވާ ރިވާޔަތުގައިވަނީ ބުރާޤު އެއްސެވީ ނަބީބޭކަލުން އެބޭކަލުންގެ ސަވާރީތައް އެއްސެވި ބޮޅެއްގައިކަމުގައެވެ. އެ ހިލައިގައި ބުރާޤު އެއްސެވިކަމުގައި ވިޔަސް، އެ ހިލައިގެ މާތްކަމާ ބެހޭގޮތުން އެއްވެސް ޞައްޙަ ނައްޞެއް ފެންނާކަށް ނެތެވެ. އެ ހިލައިގެ މާތްކަމާބެހޭ ގޮތުން އައިސްފައިވާ ރިވާޔަތްތަކަކީ ބަޔަކު ހަދާފައިވާ ދޮގު ވާހަކަތަކެއް ކަމުގައި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ.
މަޞްދަރު: صحيح مسلم ((162) – 259) سنن الترمذي (3132) المستدرك على الصحيحين للحاكم (3370) اقتضاء الصراط المستقيم لابن تيمية (2 / (345 – 348)) المنار المنيف في الصحيح والضعيف لابن القيم (ص: 87)
|
|
Did you know:
The name Masjid Al-Aqsa is given to the mosque built by the Prophet Sulaiman (peace be upon him). After that mosque was ruined, Umar ibn Al-Khattab (may Allah be pleased with him) rebuilt it. This was after he conquered Bayt Al-Maqdis. The Jews believe that the huge rock near Masjid Al-Aqsa is holy. When Bayt Al-Maqdis was conquered, Umar (may Allah be pleased with him) went there and found the rock covered with litter. This had been done by the Christians because the Jews considered the rock holy. Umar (may Allah be pleased with him) cleaned the place and consulted the Companions who were with him regarding where the mosque should be built. Ka‘b Al-Ahbar suggested that Umar build the mosque behind the rock. However, Umar decided to build the mosque in front of the rock, facing the direction of the Ka‘bah, so that when people prayed in the mosque, the rock would be behind them. Neither Umar nor any other Companion prayed next to the rock. After the mosque was built, all the Companions and righteous scholars who visited the area prayed in the mosque built by Umar. The rock remained in an open area behind the mosque. Later, Abdul Malik ibn Marwan built a dome over the rock, which became known as the Dome of the Rock. It is the golden dome we see today. The rock that the Jews consider holy is located beneath the dome. It is said that when the Prophet Muhammad (peace and blessings be upon him) went to Masjid Al-Aqsa during the Isra and Mi‘raj with Jibril (peace be upon him), the Buraq was tied to the rock. However, Imam Muslim narrates that the Buraq was tied to a ring where the Prophets used to tie their animals. Even if the Buraq was tied to that rock, there is no authentic narration stating that the rock itself is holy. Ibn Al-Qayyim stated that the narrations claiming the holiness of the rock are fabricated.
Reference: Sahih Muslim ((162) – 259) Sunan al-Tirmidhi (3132) Al-Mustadrak ‘ala al-Sahihayn lil-Hakim (3370) Iqtida’ al-Sirat al-Mustaqim li-ibn Taymiyyah (2 / 345 – 348) Al-Manar al-Munif fi al-Sahih wa al-Da’if li-ibn al-Qayyim (p: 87) |

















