الحمد لله رب العالمين والصلاة والسلام على النبي المصطفى و على آله وصحبه أجمعين
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاء الْأَرْضِ أَإِلَهٌ مَّعَ اللَّهِ قَلِيلاً مَّا تَذَكَّرُونَ “النمل 62 މާނަ: ” ނުވަތަ ދަތި އުނދަގޫ ޙާލެއް ޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާ ކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ. “
އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ” وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ “غافر60 މާނަ: ” އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން ދަންނާށެވެ! ނިކަންހުރެ ނިކަމެތިވެގެންވާ ހާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ. “
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (( ثَلَاثُ دَعُواَت مُسْتَجَابَات لَا شَكَّ فِيْهِنَّ ، دَعْوَةُ الوَالِدِ عَلَى وَلَدِهِ ، وَدَعْوَةُ المسَافِرِ ، وَدَعْوَةُ المَظْلُومِ )) [ حسنه الألباني في صحيح الجامع الصغير ] މާނަ : ” ތިން މީހެއްގެ ދުޢާ އިޖާބަވުމާއިމެދަކު ޝައްކެއްނެތެވެ. މައިންބަފައިން ދަރީންނަށްޓަކައި ކުރާ ދުޢާ އާއި ، ދަތުރުވެރިޔާގެ ދުޢާ އާއި ، އަނިޔާ ލިބެމުންދާ މީހާގެ ދުޢާއެވެ. “
އެހެންކަމުން ، ދަރީންދެކެ ރުޅި އައިސްގެންވެސް ނުވަތަ ހިތްހަމަ ނުޖެހިގެން ކަމުގައި ވިޔަސް އެކުދިންނަށްޓަކައި ނުބައި ދުޢާއެއް ނުކުރާށެވެ. ބަދުބަހެއްވިޔަސް ނުބުނާށެވެ. އަދި އެފަދަކަމެއް ދިމާވެދާނެކަމާއި މެދު ހުޝިޔާރުވެ ތިބޭށެވެ. އެހެނީ މައިންބަފައިން ދަރީންނަށްޓަކައި ކުރާ ދުޢާއަކީ ، ޝައްކެއްވެސް ނެއްގޮތުގައި އިޖާބަކުރެވޭ ދުޢާއެއް ކަމުގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެވަނީ ބަޔާންކޮށްދެއްވާފައެވެ. އަޅުގަނޑުމެންނަށް އެކަށީގެންވަނީ އެކުދިންނަށްޓަކައި ހެޔޮ ރަނގަޅު ދުޢާ ކުރުމެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ބާއްޖަވެރި ބަޔަކަށް އެކުދިން ވޭތޯ ދުޢާކުރުމެވެ. އެގޮތުން ، ކީރިތި ޤުރުއާންގައި ވާރިދުވެފައިވާ ، ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާތައް ބަޔާންކޮށްދެވޭތޯ ބަލާނަމެވެ.
1 – (( رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا)) ﴿٧٤﴾ سورة الفرقان
މާނަ : ” އޭ އަޅަމެންގެ ވެރި ރައްބު! އަޅަމެންގެ އަނބިންގެ ކިބައިންނާއި ދަރީންގެ ކިބައިން ލޮލައް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާފާނދެއެވެ! އަދި އަޅަމެންނަކީ ތަޤުވާވެރިންނަށް މަގުދައްކާ އިމާމުން ކަމުގައި ލައްވާފާނދެއެވެ! “
2 – (( رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ )) ﴿٣٨﴾ سورة آل عمران
މާނަ : ” އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ. “
3 – (( رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ )) ﴿١٦٩﴾ سورة الشعراء
މާނަ :” އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ (ފާޙިޝް ނުބައި ) ޢަމަލުން މިއަޅާއާއި މިއަޅާގެ އަހުލުވެރިން ސަލާމަތް ކުރައްވާނދޭވެ! “
4 – (( رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ )) ﴿١٥﴾ سورة الأحقاف
މާނަ : ” އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރު ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙުޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމު ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙު ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް ތަވްބާ ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. “
5 – (( رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ )) ﴿٤٠﴾ سورة ابراهيم
މާނަ : ” އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއީ، ނަމާދު ޤާއިމުކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ! “
6 – (( وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ)) ﴿٣٥﴾ سورة ابراهيم
މާނަ: ” އަދި މިއަޅާއާއި، މިއަޅާގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ! “
7 – (( رَبِّ هَبْ لِي مِنَ الصَّالِحِينَ )) ﴿١٠٠﴾ سورة الصافات
މާނަ : ” އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ! “
وأصلي على النبي الأكرم محمد بن عبد الله – صلى الله عليه وسلم – وما كان من صواب فمن الله عز وجل وما كان من خطأ فمني ومن الشيطان