[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގެ ޤުނޫތުގެ ޝަރަޙަ – 1

އިމާމު އަހުމަދުގެ مُسْنَدُ ގައި ވާރިދުވެގެން އައިސްފައިވާ ޙަދީޘެއްގައިވެއެވެ.  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފަދަރިކަލުން  ޙަސަން ބިން ޢަލީ ރަޞިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ވިތުރީގެ ޤުނޫތުގައި މިފަދައިން ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަލޭގެފާނަށް ދަސްކޮށްދެއްވިއެވެ : ” اللَّهُمُ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ إِنَّكَ تَقْضِي وَلاَ يُقْضَى عَلَيْكَ ، إِنَّهُ لاَ يَذِلُّ مَنْ وَالَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيتَ”

މިއީ ޞައްޙަ ޙަދީޘެކެވެ. މި ޙަދީޘް سنسن أبي داود އަދި سنس ابن ماجه އަދި މިނޫން ހަދީސްފޮތް ތަކުގައި ގައިވެސް ވާރިދުވެފައި ވެއެވެ.

މި ޤުނޫތަކީ، ފަތިސްނަމާދުގެ ފަހު ރަކުޢަތުގައި ކިޔަން އައިސްފައިވާ ޚާއްސަ ދުޢާއެއްނޫނެވެ. ނަމަވެސް މިއީ ވިތުރީގައި ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގަފާނު ގެ ކާފަދަރިކަލުން ޙަސަން ބިން ޢަލީ ރަޟިޔަﷲ ޢަންހުމާއަށް ދަސްކޮށްދެއްވި ދުޢާއެކެވެ.

ޝަރަޙަ :

(( اللَّهُمُ اهْدِنِي فِيمَنْ هَدَيْتَ ))

 މި ބަސްފުޅު : (( اللَّهُمُ اهْدِنِي))  މާނައީ : ( އޭ ﷲ މި އަޅާއަށް ޙައްޤަށް މަގު ދައްކަވާ އަދި އެއާއި އެއްގޮތަށް ޢަމަލުކުރުމުގައި ޘާބިތުވުމުގެ ތައުފީޤުދެއްވާންދެއެވެ.) އެއިން ފައިދާކުރަނިވި ފުރިހަމަ ހިދާޔަތަކީ އަޅާ އޭނާއަށް ހައްޤު މަގު އެނގުމާއިއެކު އެ އެއާއި އެއްގޮތައް ޢަމަލު ބެހެއްޓުމުގެ ތަވްފީޤު ﷲ ތަޢާލާ ދެއްވުމެވެ. ޢަމަލާއި ނުލާ ހިދާޔަތަކުން ކުރާނެފައިދާއެއް  ނެތެވެ. އަދި ކިއެއްތަ އޭގެން ހުރީ ގެއްލުމެވެ. އެހެނީ އިންސާނާ އޭނާއަށް އެނގިފައިވާ ޢިލްމަށް ޢަމަލުނުކުރުމަކީ އޭގެ ނިމުން ނުބައިވެގެންވާ ކަމެކެވެ. އެ ޢިލްމު އޭނައާއި ދެކޮޅަށް ހުއްޖަތެއްކަމުގައި ވެގެންދާނޭ ކަމެކެވެ.

ހައްޤުމަގު އެނގުމުގެ ހިދާޔަތުލިބި ، ނަމަވެސް އެއަށް ޢަމަލުކުރުމުގެ ހިދާޔަތުގެ ތަވްފީޤު ނުލިބުނު ބަޔެއްގެ މިޘާލު ކީރިތި ޤުރުއާންގައި ﷲ ތަޢާލާ فصلت ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. ” وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَى عَلَى الْهُدَى “(17) މާނައީ :” ތިމަން އިލާހު ޘަމޫދުގެ މީހުނަށް ހެޔޮމަގާއި ނުބައިމަގު ބަޔާންކޮށްދެއްވީމެވެ. ނަމަވެސް ހިދާޔަތުގެ ތެދުމަގު ބަދަލުގައި އަނދިރިކަމުގެ މަގަށް އެބައިމިހުން ލޯބިކުރިއެވެ.”

 މި އާޔަތުގައި ﷲ ތަޢާލާ ބަޔާންކޮށްދެއްވާފައި މިވަނީ އެ އިލާހު އެބައިމީހުނަށް ހައްޤުމަގަކީ ކޮބައިކަން ބަޔާންކޮށްދެއްވާ އެބައިމީހުން އުޅެންވީގޮތުގެ ޢިލްމު ފޯރުކޮށްދެއްވި ވާހަކައެވެ. ނަމަވެސް އެމީހުން އެ ހިދާޔަތުގެ މަގުގައި ހިނގުމުގެ ބަދަލުގައި އަނދިރިކަން ޚިޔާރުކުރި އެވެ.

ހިދާޔަތުގެ އެއްވައްތަރަކީ ، ހައްޤުމަގު އެނގުމުގެ ނުވަތަ އަނގާދިނުމުގެ ހިދާޔަތެވެ. މި ހިދާޔަތުގެ ވާހަކަ سورة الشورى ގެ 52 ވަނަ އާޔަތުގައިވެސް ވަޙީކުރައްވާފައިވެއެވެ. ” وَ إِنَّكَ لَتَهْدِي إِلى صِراطٍ مُسْتَقِيمٍ ”   މާނަ : ” ހަމަކަށަވަރުން ކަލޭގެފާނު ތިޔަ މަގުދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ.” ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާއާ މުޚާތަބު ކުރައްވާ މިއަންގަވަނީ ކަލޭގެފާނު ތިޔަ މަގުދައްކަވަނީ ނުވަތަ ބަޔާންކޮށްދެއްވަނީ ނުވަތަ މީސްތަކުންނަށް ތިިޔަ އުނގަންނަވައިދެއްވަނީ އެއްމެ ސީދާވެގެންވާމަގެވެ.

ހިދާޔަތުގެ އަނެއްވައްތަރު ކަމުގައިވާ ހައްޤުމަގަށް ޢަމަލުކޮށް އެމަގުގައި ޘާބިތުވުމުގެ ތަވްފީޤުދެއްވުމުގެ ހިދާޔަތުގެ ވާހަކަ ﷲ ތަޢާލާ އަންނަނިވި އާޔަތުގައި އަންގަވާފައިވެއެވެ. މި ހިދާޔަތަކީ ﷲ ތަޢާލާ ފިޔަވާ އެހެންފަރާތަކަށް ދެއްކޭނޭ ހިދާޔަތެއްނޫނެވެ.   ” إِنَّكَ لا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَن يَشَاء ” ( القصص 57 )  މާނަ : ” ހަމަކަށަވަރުން ކަލޭގެފާނު ލޯބިވާ މީހަކަށް ވިޔަސް ކަލޭގެފާނަކަށްވެސް ހިދާޔަތެއްނުދެއްކޭނެއެވެ. އެހެނެއްކަމަކު ﷲ ތަޢާލާ އިރާދަކުރައްވާ އަޅަކަށް ހިދާޔަތްދެއްވައެވެ. “  އެކަމަށް އެކަލޭގެފާނަށް ކުޅަދާނަވީނަމަ އެކަލޭގެފާނުގެ ލޯބިވާ ބޮޑުބޭބެ أَبُو طَالِبُ އަށް ހިދާޔަށް ދެއްކެވުނީހެވެ. أَبُوطَالِبُ މަރަށް ޙާޟިރުވެފައި ވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ބޮޑުބޭބެ أَبُو طَالِبُ އަށް ހަދީޘް ކުރެއްވިއެވެ. މާނައީ : ” އޭ ބޮޑުބޭބޭ އެވެ. لآإِلهَ إِلاَّ الله ކިޔާށެވެ. އެކަލިމައިގެ ސަބަބުން ތިމަންކަލޭގެފާނު ﷲ ގެ ހަޟްރަތުގައި ކަލޭގެފާނަށްޓަކައި ހުއްޖަތް ޤާއިމުކުރުމަށްޓަކައެވެ. ”  ނަމަވެސް އެކަލޭގެފާނުގެ ބޮޑުބޭބެ އެކަލިމައެއް ނުކިއެވެ. އެހެންކަމުން އޭނާ ވެގެންދިޔައީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. أَبُو طَالِبُ ގެ އެންމެ ފަހުކަލިމައަކަށްވެގެން ދިޔައީ ((عَلَى مِلَّةِ عَبْدِالْمُطَّلِبِ)) އެވެ.  އޭނާ ވަނީعَبْدُالْمُطَّلِبِގެ ދީނުގައި ކަމަށެވެ.  ނަމަވެސް ﷲ ތަޢާލާ ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައަލަމް އަށް އެކަލޭގެފާނުގެ ބޮޑުބޭބެއަށްޓަކައި ޝަފާޢަތްތެރިވުމުގެ އިޒުނަ ދެއްވިއެވެ. އެއީ އެކަލޭގެފާނުގެ ބޮޑުބޭބެއަށް ވީތީއެއްނޫނެވެ. ނަމަވެސް މުޝްރިކުންގެ ކިބައިން އެކަލޭގެފާނުގެ ދިފާއުކުރުމުގައި أَبُوطَالِبُ ވީ ކަމަށްޓަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޝަފާޢަތުގެ ސަބަބުން أَبُوطَالِبُ ނަރަކާގައި ވާނީ އަލިފާނުންވާ ފައިވާނެއްގައެވެ. އޭގެ ހޫނުގެ ސަބަބުން އޭނާގެ ސިކުނޑިއާއި ހަމައަށް ދާންދެން ކެކި ކެކި ހުރެއެވެ. އަދި އެއީ ނަރަކައިގެ އަހުލުވެރިންގެ އެންމެ ލުއި ޢަޒާބެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ” ތިމަންކަލޭގެފާނު ( ގެ ޝަފާޢާތް ) ނުވީނަމަ އޭނާ (أَبُوطَالِبُ ) ވީހީ ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. “

އަޅުގަނޑުމެން ޤުނޫތުގެ ދުޢާގައި (( اللَّهُمُ اهْدِنِي فِيمَنْ هَدَيْتَ ))  ކިޔައި މިދަންނަވަނީ ދެ ވައްތަރުގެ ހިދާޔަތަށެވެ. އެއީ ހައްޤުމަގު ދެއްކެވުމުގެ ހިދާޔަތާއި އަދި އެމަގުގައި ޘާބިތުވެ ޢަމަލުކުރުމުގެ ހިދާޔަތެވެ. ﷲ ތަޢާލާގެ މި ވަޙީބަސްފުޅުގައި ވާފަދައިންނެވެ. ” اهدِنَا الصِّرَاطَ المُستَقِيمَ ” –الفاتحة –  މާނަ : ” އަޅަމެނަށް ސީދާވެގެންވާ މަގަށް ހިދާޔަތްދެއްވާފާންދެއެވެ. “ މި އާޔަތުގައިވެސް ކުރީގައި ބަޔާން މިކުރެވުނު ދެ ހިދާޔަތުގެ ވާހަކަވެސް ހިމެނިގެންވެއެވެ. އެހެންކަމުން އާޔަތް ކިޔަވާ ވަޤުތުގައި އަދި ދުޢާކުރާ ވަޤުތު އޭނާގެ ހިތްމައްޗަށް ، މި ދެ ހިދާޔަތަށްވެސް އެދޭކަން ގެނެސްގަތުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

 މި ބަސްފުޅު (( فِيمَنْ هَدَيْتَ ))  މިއީ ﷲ ތަޢާލާގެ ރަޙުމަތުން ނިޢުމަތްދެއްވި އަޅުންނަށް އެ ނިޢުމަތް ދެއްވި ދެއްވުމުގެ ވާހަކަ ބަޔާންކޮށް އެއިލާހުގެ ހަޞްރަތުގައި ދުޢާ ދެންނަވެވުމުގެ އުސްލޫބެކެވެ. މާނައަކީ އިބައިލާހުގެ ރަޙުމަތް އެބައެއްގެ މައްޗަށް އިސްވެ ގޮސްފައިވާ އަޅުތަކުންނަށް އިބައިލާހު ރަޙުމަތުން، އިބަ އިލާހުވަނީ ހިދާޔަތް ދެއްވާފައެވެ. އަޅަމެންނަށްވެސް އެމީހުންގެތެރެއިން ވުމަށްޓަކައި ހިދާޔަތް ދެއްވާފާންދެއެވެ.

= ނުނިމޭ =

މަޞްދަރު :  “شرح دعاء قنوت الوتر” لفضيلة الشيخ العلامة محمد بن صالح العثيمين