[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލޯބިކުރުން.

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ. (رواه البخاري)

ޙަދީޘުގެ މާނަ

އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެމީހެއްގެ ބައްޕައާއި ދަރިއާއި އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނުދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް (ފުރިހަމައަށް) އީމާންވީ ކަމުގައި ނުވެއެވެ.”

ޙަދީޘް ރިވާކުރެއްވި ޞަޙާބީ

މި ޙަދީޘް ރިވާކުރައްވާފައިވަނީ، ޚަޒްރަޖުވަންހައިގެ މާލިކުގެ ދަރިކަލުން އަނަސް ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނަކީ އަންޞާރިއްޔާ ބޭކަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޚިދުމަތް ކުރެއްވުމުގައި 10 އަހަރު، އެކަލޭގެފާނުގެ ޚާދިމެއްގެ ގޮތުގައި ދެމިހުންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން، 1286 ޙަދީޘް ރިވާކުރެއްވިއެވެ. އޭގެތެރެއިން 168 ޙަދީޘް، ބުޚާރީ އާއީ މުސްލިމު ރިވާކުރައްވާފައިވެއެވެ. އަވަހާރަވެވަޑައިގެންނެވީ ބަޞަރާގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން ވަނީ 100އަށް ވުރެ ގިނަ އަހަރުވެފައެވެ.

ޙަދީޘުގެ ތަފްޞީލީ މާނަ

އެކުވެރިންނާއި، ގާތްތިމާގެ މީހުންނާއި، އެންމެހައި މީސްތަކުންނަށްވުރެވެސް ބޮޑަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލޯބިކޮށްފުމަށް ދާންދެން އެއްވެސް މީހަކު ޙައްޤުގޮތުގައި އީމާންވިކަމުގައި ނުވާނެއެވެ. އެކަލޭގެފާނަށް، މިފަދައިން ލޯބިވާކަމުގެ އެންމެބޮޑު ޢަލާމާތަކީ، އެހެން ހުރިހާ މީސްތަކުންގެ ބަސްތަކަށްވުރެ އެކަލޭގެފާނުގެ ބަސްފުޅުތަކަށް އިސްކަންދީ، އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވުމެވެ.

ޞަޙީޙުލްބުޚާރީ އާއި މުސްލިމުގައި ވާރިދުވެގެންވާ، އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ހަދީޘެއްގައިވެއެވެ. “3 ކަމެއް އެމީހެއްގެ ކިބައިގައި ވެއްޖެ މީހަކަށް އީމާންކަމުގެ ފޮނިކަން ލިބޭހުއްޓެވެ. (އެއީ) އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް، ﷲއާއި އެއިލާހުގެ ރަސޫލަށް ލޯބިކުރުމާއި، ﷲއަށްޓަކައި މެނުވީ އެއްވެސް މީހަކުދެކެ ލޯބިނުވުމާއި، ނަރަކައިގެ އަލިފާނުގެ ތެރެއަށް އެއްލާލެވެން ނޭދޭފަދައިން، އީމާންވުމަށްފަހު ކުފުރަށް އެނބުރި ދިއުމަށް ނޭދުމެވެ.” މި ތިންކަން އެމީހެއްގެ ކިބައިގައި ވެއްޖެމީހަކަށް އީމާންކަމުގެ ފޮނިކަން ލިބިގެންދާނެކަން ކަށަވަރެވެ. ﷲ އަންގަވާފައިވާ ކަމެއް ކުރުމުގެ ސަބަބުން މީސްތަކުން ކިޔަފާނެ އެއްޗަކަށް، އެބައިމީހުން ކޮށްފާނެ މަލާމާތަކަށް، އެފަދަ މީހުން ނުބަލާނެއެވެ. އަދި ﷲގެ މަގުގައި އޭނާގެ ޖާނާއިމާލު ޤުރުބާން ކުރުމަށް ފަސްނުޖެހޭނެއެވެ.

އަލް ޤައުލުއް ސަދީދު އޭ ކިޔުނު ފޮތުގައި އައިސްފައިވެއެވެ: “ދަންނާށެވެ! 3 ވައްތަރެއްގެ ލޯތްބެއް ވެއެވެ. އެއީ:

1-ﷲ އަށް ލޯބިވުން. މިއީ އީމާންކަމާއި ތަވްޙީދުގެ އަސާސެވެ.

2-ﷲއަށްޓަކައި ލޯބިވުން. މިއީ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުންނާއި، އެބޭކަލުންނަށް ތަބަޢަވީ މީހުންނަށް ލޯބިވުމެވެ. އަދި ޢަމަލުތަކާއި، ޒަމާންތަކާއި، މަކާންތަކާއި، އެހެނިހެން އެއްޗެހީގެ ތެރެއިންވެސް، ﷲތަޢާލާ ލޯބިވެވޮޑިގަންނަވާ އެއްޗިއްސަށް ލޯބިކުރުމެވެ. މި ލޯބި އަންނަނީ ﷲއަށް ލޯބިވުމުގެ ދަށުންނެވެ. މިއީ އެއިލާހަށް ލޯބިވުން ފުރިހަމަވުމުގެ ތެރެއިންވާ ކަމެކެވެ.

3-ﷲތަޢާލާ އާއެކު އެހެން ފަރާތަކަށް ލޯބިކުރުން. މިއީ ޝިރިކުގެ އަޞްލެވެ. މުޝްރިކުން، އެބައިމީހުންގެ އިލާހުންތަކަށް ލޯބިކުރުން ހިމެނެނީ މިބައިގައެވެ.”

މިޙަދީޘުން ލިބޭ ބައެއް ފައިދާތައް

1-ޙައްޤުގޮތުގައި އީމާންވެފައިވާ ފުރިހަމަ މުއުމިނަކީ، އެންމެހައި މީސްތަކުންނަށްވުރެވެސް ބޮޑަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލޯބިކުރާ މީހާކަން.

2-ދަރިންނާއި، މައިންބަފައިން ޚާއްޞަކުރައްވާފައިވަނީ، ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާނީ އެމީހުންދެކެ ކަމުގައި ވާތީއެވެ.

3-އެކަލޭގެފާނަށް ތަބާވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެއްކަން.