މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަކަލައިހި ވަސައްލަމައަށްޓަކައި، އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށްވާ މަތިވެރި ޙައްޤުތަކެއްވެއެވެ.
އޭގެތެރޭގައި : އެހެނިހެން މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް މުޚާޠަބުކުރާފަދައިން، ކޮންމެ ކޮންމެގޮތަކަަށް އެކަލޭގެފާނާއި މުޚާޠަބު ނުކުރުން، އެހެނެއްކަމަކު އަދަބު އިޙްތިރާމާއިއެކު މުޚާޠަބު ކުރުން. މިސާލަކަށް، ރަސޫލުﷲ(ﷲ ގެ ރަސޫލާ) ޞައްލަﷲ ޢަލައިހިވަސައްލަމަ ނުވަތަ ނަބިއްޔުﷲ(ﷲ ގެ ނަބިއްޔާ) ޞައްލަﷲ ޢަލައިހި ވަސައްލަމަ، މިފަދައިން އަދަބުވެރިކޮށް މުޚާޠަބުކުރުން. މުޙައްމަދު، މުޙައްމަދު ބިން ޢަބްދިﷲ، ހަމައެކަނި މިފަދައިން، މި މިންވަރަށް ކިޔައި ފުއްދާނުލުން. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((لَّا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُم بَعْضًا… ))﴿٦٣﴾ سورة النور – މާނަ: ” ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ގޮވައިއުޅޭފަދައިން ތިޔަބައިމީހުންގެ މެދުގައި ރަސޫލާއަށް ގޮވައިނޫޅޭށެވެ! … “
އޭގެތެރޭގައި : އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް “އަލްވަސީލާ” ދެއްވުމަށް އެދި ﷲ ތަޢާލާއަށް ދުޢާދެއްނެވުން. އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. ” … ثُمَّ سَلُوا اللَّهَ لِىَ الْوَسِيلَةَ فَإِنَّهَا مَنْزِلَةٌ فِى الْجَنَّةِ لاَ تَنْبَغِى إِلاَّ لِعَبْدٍ مِنْ عِبَادِ اللَّهِ وَأَرْجُو أَنْ أَكُونَ أَنَا هُوَ فَمَنْ سَأَلَ لِىَ الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ ” رواه مسلم – މާނަ : “… ދެން ތިޔަބައި މީހުން ތިމަންކަލޭގެފާނަށް އަލްވަސީލާ ދެއްވުމަށް އެދި ﷲ ތަޢާލާއަށް ދުޢާ ދައްނަވާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ސުވަރުގޭގައި ވާ މަންޒިލެކެވެ. ﷲ ތަޢާލާގެ އަޅުތަކުންގެ ތެރެއިން އެންމެ އަޅަކަށް މެނުވީ އެތަން އެކަށީގެންނުވެއެވެ. އެ މީހަކީ ތިމަންކަލޭގެފާނު ކަމުގައި ވުމަށް، ތިމަންކަލޭގެފާނު އެދެމެވެ. ތިމަންކަލޭގެފާނަށް އަލްވަސީލާ ދެއްވުމަށް އެދި ﷲ އަށް ދަންނަވައިފިމީހަކަށް، ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެއެވެ. “
އޭގެތެރޭގައި : އެކަލޭގެފާނަށް ޞަަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރުން. އަދި މިކަމަކީ ނަމާދުގެ ފަހު އައްތަހިއްޔާތުގައި ކިޔަންޖެހޭ، ނަމާދުގެ ވާޖިބެކެވެ. އަދި ބައެއް ޢިލްމުވެރިން އެއީ، އެއާއި ނުލައި ނަމާދު ޞައްޙަ ނުވާނެ، ނަމާދުގެ ރުކުނެއްކަމުގައި ދެކެވަޑައިގަންނަވައެވެ.
ޚާއްސަކޮށް އެކަލޭގެފާނުގެ ނަންފުޅު ޒިކުރުކުރެވޭ ހިނދުގައާއި، ހުކުރުދުވަހާއި، ހުކުރުދުވަހުގެ ރެއާއި ، ދުޢާކުރާއިރުގައާއި، އަދި މިނޫނަސް އެހެނިހެން ވަގުތުތަކުގައިވެސް ގިނަގިނައިން، އެކެލޭގެފާނަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރުމަކީ ޝަރުޢުކުރެވިގެންވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا )) ﴿٥٦﴾ سورة الأحزاب – މާނަ : ” ހަމަކަށަވަރުން ﷲ އާއި އެކަލާންގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުމަށާއި ސަލާމްލެއްވުން އެދި ދުޢާ ކުރާށެވެ. “
އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ” للشيخ عبدالعزيز بن عبدالله بن محمد