ކުރީގެ އުއްމަތްތަކުގެ ވާހަކަ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ އަޅުގަނޑުމެން އެއިން ޢިބުރަތް ޙާޞިލުކުރުމަށްޓަކައެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَكُلا نَقُصُّ عَلَيْكَ مِنْ أَنْبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ وَجَاءَكَ فِي هَذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَى لِلْمُؤْمِنِينَ (هود: ١٢٠)
“އަދި ރަސޫލުންގެ ޚަބަރުތަކުގެ ތެރެއިން މިއެންމެހާ ޚަބަރުތައް، ތިމަންއިލާހު ކަލޭގެފާނަށް އަންގަވަނީ، އެއިން ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި ޚަބަރުތަކުގައި ކަލޭގެފާނާއި ހަމަޔަށް އައިސްފައިވަނީ، ޙައްޤު ތެދުބަސްފުޅެވެ. އަދި މުއުމިނުތަކުންނަށް ވަޢުޡަކާއި، ހަނދާންކޮށްދިނުމެކެވެ.”
މިގޮތުން އެއިލާހު ބަޔާންކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގަމުންދާ ކަންތައްތަކާއިމެދު ވިސްނާފިކުރުކުރާ ބަޔަކަށް އެންމެ ޢިބުރަތްތެރި އެއްވާހަކައަކީ މޫސާޢަލައިހިއްސަލާމާއި ފިރުޢައުނުގެ ވާހަކައެވެ.
ފިރުޢައުނަކީ، ރުބޫބިއްޔަތަށް ދަޢުވާކޮށް، ބޮޑާކަމާއި ކިބުރުވެރިކަންމަތީ ދިރިއުޅެމުންދިޔަ ވެރިއެކެވެ. ބަނޫ އިސްރާއީލުގެ މީހުން އޭނާގެ އަޅުންގެ ގޮތުގައި ގެންގުޅެމުން ދިޔައެވެ. އަދި އެމީހުންގެ ފިރިހެން ދަރީންތައް ކަތިލަމުން ދިޔައެވެ. ﷲގެ ނަބިއްޔާ މޫސާޢަލައިހިއްސަލާމް އުފަންވެވަޑައިގަތީ މި ނުރައްކާތެރި ދުވަސްވަރުގައެވެ. ނަމަވެސް އޭނާގެ ނުބައި ވަކިތަކުން، ﷲތަޢާލާ، އެއިލާހުގެ ނަބިއްޔާ ސަލާމަތްކުރެއްވިއެވެ. އަދި ފިރުޢައުނުގެ ގަނޑުވަރުގައި، ފުރިހަމަ ރައްކާތެރިކަމުގައި އެކަލޭގެފާނު ލެއްވިއެވެ. ސުބުޙާނަﷲ.. ﷲގެ ކުޅަދުންވަންތަކަމާއެވެ! އެއިލާހު ކަމަކަށް އިރާދަކުރައްވައިފިނަމަ ‘ވާށޭ’ ވަޙީކުރެއްވުމާއެކު އެކަމެއް ވެނިމިދެއެވެ.
ކޮންމެއަކަސް މިގޮތުގައި ދުވަސްތައް ވޭތުވަމުންދިޔައެވެ. އެންމެފަހުން ވަގުތު އައިސް ޖެހިއްޖެއެވެ. މޫސާޢަލައިހިއްސަލާމާ ބުރަ މަސްއޫލިއްޔަތެއް ޙަވާލުކުރެވިއްޖެއެވެ. އާދެ، ﷲތަޢާލަގެ ރިސާލަތު ފޯރުކޮށް ދެއްވުމުގެ މަސްއޫލިއްޔަތެވެ. ފިރުޢައުނު، އެކަލޭގެފާނުގެ ރިސާލަތަށް ފާޅުގައި އިންކާރު ކުރިއެވެ. އަދި އެކަލޭގެފާނަށް މަލާމާތް ކުރަންފެށިއެވެ. އެހިނދު، ﷲތަޢާލާ ދެއްވި މުޢުޖިޒާތްތައް، މޫސާޢަލައިހިއްސަލާމް ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންނަށް ދެއްކެވިއެވެ. ނަމަވެސް އެކަލޭގެފާނަކީ ސިޙުރުވެރިއެއް ކަމުގައި ބުނެ، އިހުނަށްވުރެ ބޮޑަށް، ފިރުޢައުނު އެކަލޭގެފާނަށް ދުއްތުރާ ކުރިއެވެ. އަދި ދުވަހެއް ކަނޑައެޅުމަށްފަހު، އެދުވަސްވަރު އުޅުނު އެންމެ ބޮޑެތި ސިޙުރުވެރިން ޖަމަޢަކުރިއެވެ. ނަމަވެސް ﷲތަޢާލާ، އެސިޙުރުވެރިންގެ ސިޙުރު ބާޠިލުކުރެއްވިއެވެ. އަދި މޫސާޢަލައިހިއްސަލާމަށް ނަޞްރުދެއްވިއެވެ. އެހިނދު އެކަލޭގެފާނަކީ ޙައްޤު ރަސޫލެއްކަން ޤަބޫލުކޮށް، އެހުރިހާ ސިޙުރުވެރީންތައް އީމާންވިއެވެ. ނަމަވެސް ފިރުޢައުނު، ބޮޑާކަމާއި ކިބުރުވެރިކަމުން ދުރުވާކަށް ބޭނުމެއް ނުވިއެވެ. އަދި މޫސާޢަލައިހިއްސަލާމްގެ ނަޞޭޙަތަށް ބީރުކަންފަތެއް ދިނެވެ. މިކަން ބަޔާންކުރައްވައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَقَالُوا مَهْمَا تَأْتِنَا بِهِ مِنْ آيَةٍ لِتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ (الأعراف: ١٣٢)
“އެމީހުން ބުންޏެވެ. ތިމަންމެން، އޭގެ ޖާދޫގައި ޖެއްސެވުމަށްޓަކައި އާޔަތްތަކުގެ (މުޢުޖިޒާތްތަކުގެ) ތެރެއިން ކޮންމެފަދަ އާޔަތެއް (މުޢުޖިޒާތެއް) ކަލޭގެފާނު ތިމަންމެންނަށް ގެނެސްދެއްވި ކަމުގައިވިޔަސް، ކަލޭގެފާނަށް އިމާންވާ ބަޔަކު ކަމުގައި ތިމަންމެން ނުވާހުށީމުއެވެ.”
އެންމެފަހުން، ﷲތަޢާލާ، ފިރުޢައުނާއި އޭނާގެ އަޢުވާނުންގެ މައްޗަށް ޠޫފާނާއި، ގޮއްފުޅަންގާއި، ބޮކާއި، އުކުނާއި، ލޭ ފޮނުއްވައި ދަތި ދުވަސްތަކެއް އެބައިމީހުންނަށް ދެއްވިއެވެ. އެހިނދު އެބައިމީހުން ބުންޏެވެ.
يَا مُوسَى ادْعُ لَنَا رَبَّكَ بِمَا عَهِدَ عِنْدَكَ لَئِنْ كَشَفْتَ عَنَّا الرِّجْزَ لَنُؤْمِنَنَّ لَكَ وَلَنُرْسِلَنَّ مَعَكَ بَنِي إِسْرَائِيلَ (الأعراف: ١٣٤)
“އޭ މޫސާގެފާނެވެ! ކަލޭގެފާނުގެ ވެރިއިލާހުގެ ހަޟްރަތަށް ތިމަންމެންނަށްޓަކައި، ދުޢާ ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެއިލާހު ޢަހުދުކުރައްވައި އަންގަވާފައިވާ ގޮތުގެ މަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި ޢަޛާބު ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން އީމާންވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި އިސްރާއީލުގެ ދަރިން ފޮނުވާހުށީމެވެ.”
ދެންފަހެ މޫސާޢަލައިހިއްސަލާމް ﷲތަޢާލާއަށް ދުޢާ ދެންނެވިއެވެ. ނަމަވެސް އެމީހުންގެ ކިބައިން އެ ޢަޛާބު ގެންދެވުމާއެކު، އިހުނަށްވުރެވެސް ކާފަރުކަމާއި އަނިޔާވެރިކަން ބޮޑު ބަޔަކު ކަމުގައި އެބައިމީހުން ވިއެވެ. ނަމަވެސް އެ އަނިޔާވެރިކަމުގައި އެބައިމީހުންނަށް މާގިނަ ދުވަހަކު ދެމިނުތިބެވުނެވެ. ﷲ ތަޢާލާ ވަރުގަދަވެގެންވާ ހިއްޕެވުމަކުން އެބައިމީހުން ހިއްޕެވިއެވެ. އަދި އަނިޔާ ލިބެމުން ދިޔަ މީހުންނަށް އާރާއި ބާރު ދެއްވިއެވެ. މިކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގައި، ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَانْتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ فِي الْيَمِّ بِأَنَّهُمْ كَذَّبُوا بِآيَاتِنَا وَكَانُوا عَنْهَا غَافِلِينَ (١٣٦) وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُوا يُسْتَضْعَفُونَ مَشَارِقَ الأرْضِ وَمَغَارِبَهَا (الأعراف: ١٣٦-١٣٧)
“ދެން ތިމަންއިލާހު އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެޔަށް އެއުރެން ޣަރަޤު ކުރެއްވީމެވެ. އެއީ ތިމަންއިލާހުގެ އާޔަތްތައް އެއުރެން ދޮގުކޮށް، އެ އާޔަތްތަކާމެދު ޣާފިލުވީ ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ. ނިކަމެތިކޮށް ހިތެމުންދިޔަ ޤައުމުގެ މީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަންއިލާހު ވާރުތަކޮށްދެއްވީމެވެ.”
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލްކޮށް، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތަކާއިމެދު ވިސްނާ ފިކުރު ކުރައްވާށެވެ! ﷲގެ ދީނަށް ފުރައްސާރަކޮށް، ހުރިހާ އާރަކާއި ބާރެއް ވަނީ ތިމަންނައަށޭ ބުނަމުންދިޔަ ފިރުޢައުނަށް، މޫސާ ޢަލައިހިއްސަލާމް ފޮނުއްވައި ﷲތަޢާލާ ނަޞޭޙަތްދެއްވިއެވެ. ނަމަވެސް އޭނާ އެ ނަޞޭޙަތަށް ބީރުކަންފަތެއް ދިނެވެ. ނަތީޖާއަކަށްވީ އޭނައަށް އެއްވެސް އާރެއް ބާރެއް ނުވާކަން އިޙުސާސް ކޮށްދެއްވުމަށްޓަކައި، ﷲތަޢާލާ، އޭނައާއި އޭނާގެ ޤައުމަށް ބޮޑުވެގެންވާ މުޞީބާތެއް ކުރިމަތިކުރެއްވުމެވެ. އެހިނދު އޭނާ އެހީއާއި މަދަދަށް އެދުނެވެ. ނަމަވެސް، ރައްކާތެރި ކޮށްދެއްވި ހިނދު، އަނެއްކާ ބޮޑާވެ ކިބުރުވެރިވެގަތީއެވެ. އިހުނަށްވުރެވެސް ބޮޑަށް، ބިންމަތި ފަސާދަކުރީއެވެ. ދެން ﷲތަޢާލާ އޭނާ ވަރުގަދަ ހިއްޕެވުމަކުން ހިއްޕެވީއެވެ.