މި ބަސްފުޅު ((وَتَوَلَّنِي فِيمَنْ تَوَلَّيْتَ )) މާނައީ މިއަޅާގެ ވަލީކަމުގައި އިބަ އިލާހު، ވޮޑިގަންނަވާފާނދެއެވެ.(އެބަހީ މިއަޅާއަށް ވާގިވެރިވެވޮޑިގަންނަވާ ފަރާތެއްކަމުގައި ވޮޑިގަންނަވާފާނދެއެވެ.) وِلاَيَةގެ ދެވައްތަރެއް ވެއެވެ. އެއީ ޚާއްސަ وِلاَيَة އާއި އާއްމު وِلاَيَة އެވެ.
އެންމެ ފުރަތަމައީ މުއުމިނުންނަށް ޚާއްސަވެގެންވާ وِلاَيَة އެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ((اللَّـهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ…))﴿٢٥٧﴾- سورة البقرة- މާނަ : “ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، ކާފިރުވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، ޝައިޠާނުންނެވެ…” ފަހެ ތިބާ ﷲ ތަޢާލާއަށް ދަންނަވަންވީ، ﷲ ތަޢާލާ، އެކަލާނގެ ޚާއްޞަ ވިލާޔަތްތެރިކަން ތިބާއަށް ދެއްވުމަށެވެ. އެއީ އެއިލާހުގެ ވިލާޔަތްތެރިކަން ޙާޞިލުވި މީހުންނަށްދެއްވާ ޢިނާޔަތާއި، އެއިލާހު ލޯބިވވޮޑިގެންވާ އަދި ރުހިވޮޑިގަންނަވާމަގުގައި ޘާބިތުވުމަށް ތިބާއަށް ތަވްފީޤު ދެއްވުމެވެ.
ދެންއޮތީ ކޮންމެ މީހެއް އޭގައި ހިމެނޭ ޢާއްމު وِلاَيَة އެވެ. ފަހެ، ﷲ ތަޢާލާއީ ކޮންމެ މީހެއްގެ އެހީތެރި ވާގިވެރިފަރާތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((…حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ ))﴿٦١﴾ سورة الأنعام މާނަ : ” …ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންރަސްކަލާނގެ ފޮނުއްވަވާ މަލާއިކަތުން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެ މަލާއިކަތުން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ. “ މި وِلاَيَة ކޮންމެ މީހަކަށްވެސް ޢާއްމުވެގެންވެއެވެ. ދެން ﷲ ތަޢާލާ ޖެހިގެން އައި އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. ((ثُمَّ رُدُّوا إِلَى اللَّـهِ مَوْلَاهُمُ الْحَقِّ… )) ﴿٦٢﴾ سورة الأنعام މާނަ: ” ދެން އެއުރެންގެ ޙައްޤު ވަންތަ މައުލާ(އެބަހީ: އެބައިމީހުންގެ ކަންތައްތައް ބައްލެވުމުގައި ޤާއިމުވެ ވޮޑިގެންވާފަރާތް)، ﷲ ގެ ހަޟްރަތަށް އެއުރެން ރައްދުކުރައްވާނެތެވެ… “
އެހެންނަމަވެސް އަޅުގަނޑުމެން މިފަދައިން ދުޢާކުރާއިރު (( اللهمَّ اجْعَلْنِيْ مِنْ أَوْلِيَائِكَ )) ނުވަތަ ((اللهمَّ تَوَلَّنِي )) ، އަޅުގަނޑުމެން މި އެދެނީ ﷲ ތަޢާލާގެ ޚާއްސަ وِلاَيَة އަށެވެ. ﷲ ތަޢާލާގެ ޚާއްސަ ޢިނާޔަތްތެރިކަމާއި، އެއިލާހު ރުހިވޮޑިގެންވާ މަގުގައި ޘާބިތުވުމުގެ ތަވްފީޤުދެއްވުން އެ ވިލާޔަތުގައި އެކުލެވިގެން ވެއެވެ.
=ނުނިމޭ=
މަޞްދަރު : “شرح دعاء قنوت الوتر” لفضيلة الشيخ العلامة محمد بن صالح العثيمين