- عَنْ ابْنِ مَسْعُوْدٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُوْلَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ مَاتَ وَهُوَ يَدْعُوْ مِنْ دُونِ اللَّهِ نِدًّا دَخَلَ النَّارَ (رواه البخاري)
- عن جَابِرِ بْنِ عَبْدِ اللَّهِ قَالَ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ: مَنْ لَقِيَ اللَّهَ لاَ يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ وَمَنْ لَقِيَهُ يُشْرِكُ بِهِ دَخَلَ النَّارِ (رواه مسلم)
ޙަދީޘުގެ މާނަ
- އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ﷲފިޔަވައި އެހެންފަރާތަކަށް ދުޢާކޮށް އަޅުކަންކުރާ ޙާލު މަރުވެއްޖެމީހާ ވަންނަހުށީ ނަރަކައަށެވެ.
- ޖާބިރު ބިން ޢަބްދިﷲ ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. ޝަރީކު ނުކުރާ ޙާލު، ﷲތަޢާލާއާ ބައްދަލުކޮށްފި މީހާ ސުވަރުގެ ވަންނަ ހުއްޓެވެ. އަދި ޝަރީކު ކުރާ ޙާލު އެއިލާހާއި ބައްދަލުކޮށްފި މީހާ ވަންނަހުށީ ނަރަކައަށެވެ.
ދެ ޙަދީޘް ރިވާކުރެއްވި ޞަޙާބީން
ފުރަތަމަ ޙަދީޘް ރިވާކުރެއްވީ، ހުޛައިލު ވަންހައިގެ ޙަބީބްގެ ދަރިކަލުން ޣާފިލްގެ ދަރިކަލުން މަސްޢޫދުގެ ދަރިކަލުން އަބޫ ޢަބްދިއްރަޙްމާން ޢަބްދުﷲ ރަޟިޔަﷲ ޢަންހުއެވެ. އެކަލެގެފާނަކީ އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަދި ޞަޙާބީބޭކަލުންގެ ތެރެއިން އެންމެ ބޮޑެތި ޢިލްމުވެރީންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި، ކުފާގެ އަމީރެއްގެ ގޮތުގައި، ހުންނެވިއެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 32ވަނަ އަހަރު، މަދީނާގައެވެ.
ދެވަނަ ޙަދީޘް ރިވާކުރެއްވީ ސުލައިމު ވަންހައިގެ ޙަރާމްގެ ދަރިކަލުން ޢަމްރުގެ ދަރިކަލުން އަބްދުﷲގެ ދަރިކަލުން ޖާބިރު ރަޟިޔަﷲ ޢަންހުމާއެވެ. އެކަލޭގެފާނަކީ އަންޞާރިއްޔާ ބޭކަލެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީވެސް ޞަޙާބީބޭކަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު 19 ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަދީނާގައެވެ.
ޙަދީޘުގެ ތަފްޞީލީ މާނަ
މި ޙަދީޘުގައި ބަޔާންވެފައި މިވަނީ ދުޢާއަށް އިސްލާމްދީނުގައި ދެވިފައިވާ ދަރަޖައެވެ. އެއީ އަޅުކަމުގެ އަސާސް ކަމެވެ. އަދި ﷲއަށް އަދާކުރަންޖެހޭ އެންމެ ބޮޑު އެއް ޙައްޤުކަމެވެ. އެހެންކަމުން އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދުޢާކޮށްފި މީހާ، އެއިލާހަށް ޝިރުކުކޮށްފިއެވެ. އުލޫހިއްޔަތުގައި، އެއިލާހާއި އެހެން ފަރާތްތަކެއް ބައިވެރި ކޮށްފިއެވެ. މިއީ އޭނާ އުފެއްދެވި މަޤުޞަދާއި ޚިލާފުވުމެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރިސާލަތަށް ކާފަރުވުމެވެ. އަދިކިއެއްތަ! ހުރިހާ ރަސޫލުބޭކަލުންގެ ރިސާލަތަށްވެސް ކާފަރުވުމެވެ. އެހެނީ އެހުރިހާ ބޭކަލުންވެސް ގޮވާލެއްވީ ﷲތަޢާލާ އެއްކައުވަންތަ ކުރުމަށެވެ. އެއިލާހާއި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. الدُّعَاءُ هُوَ الْعِبَادَةُ (رواه أبو داود وغيره و صححه الألباني) “އަޅުކަމަކީ ދުޢާއެވެ.” އަދި ﷲތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لا يُحِبُّ الْمُعْتَدِينَ (الأعراف: ٥٥) “މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިއިލާހަށް ދުޢާ ކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިގެނެއް ނުވެތެވެ.” وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ (غافر: ٦٠) “އަދި ތިޔަބައިމީހުންގެ ވެރިއިލާހު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާ ކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.”
އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދުޢާނުކުރުމަށް އަންގަވައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَلا تَدْعُ مِنْ دُونِ اللَّهِ مَا لا يَنْفَعُكَ وَلا يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ (يونس: ١٠٦) “އަދި ﷲ ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! ފަހެ، ކަލޭގެފާނު އެކަންކުރައްވައިފިނަމަ، ހަމަކަށަވަރުން، އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.” فَلا تَدْعُ مَعَ اللَّهِ إِلَهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ (الشعراء: ٢١٣) “ފަހެ، ﷲއާއެކު އެހެން އިލާހަކަށް ކަލޭގެފާނު ދުޢާ ކުރައްވައި، އަޅުކަން ނުކުރައްވާށެވެ! ފަހެ، އޭރުން ޢަޛާބު ލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ.”
ﷲފިޔަވައި އެހެންފަރާތަކަށް ދުޢާކުރުމީ، އެފަރާތަކީވެސް އިލާހެއްކަމުގައި ބެލުންފަދަ ކަމެކެވެ. ذَلِكُمْ بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ وَإِنْ يُشْرَكْ بِهِ تُؤْمِنُوا فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ (١٢) هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا وَمَا يَتَذَكَّرُ إِلا مَنْ يُنِيبُ (13) فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ (غافر: ١٢- ١٤) “އެއީ ހަމައެކަނި ﷲއަށް އަޅުކަން ކުރުމަށް ގޮވައިލެވުނުހިނދު، ތިޔަބައިމީހުން ކާފިރު ވިކަމަށްޓަކައެވެ. އަދި އެއިލާހަށް ޝަރީކު ކުރާހިނދު، ތިޔަބައިމީހުން (އެކަމަށް) އީމާންވާ ކަމަށްޓަކައެވެ. ފަހެ، ޙުކުމް ކުރެއްވުންވަނީ، އެންމެމަތިވެރި، އެންމެ ޢަޟަމަތްތެރި ﷲއަށެވެ. (١٢) އެއިލާހީ، ތިޔަބައިމީހުންނަށް އެއިލާހުގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި ރިޒުޤު (އެބަހީ: އޭގެސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ އިލާހެވެ. އަދި ތައުބާވެ، ރުޖޫޢަވާ މީހަކު މެނުވީ (އެކަމުން) ނަޞީޙަތް ލިބިއެއް ނުގަނެތެވެ.(13) ފަހެ، ތިޔަބައިމީހުން ﷲއަށް ދުޢާކޮށް، އަޅުކަން ކުރާށެވެ! އެއިލާހަށް އަޅުކަން ޚާލިޞްކުރާ ޙާލުގައެވެ. ކާފިރުތަކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ.”
އެއިލާހު ފިޔަވައި އެހެން ފަރާތްތަކަށް ދުޢާކުރާ މީހާއީ ކަނޑައެޅި ބަޔާންވެގެންވާ މަގުފުރެދުމެއްގައިވާ މީހެއްކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވަފައިވެއެވެ. وَمَنْ أَضَلُّ مِمَّنْ يَدْعُو مِنْ دُونِ اللَّهِ مَنْ لا يَسْتَجِيبُ لَهُ إِلَى يَوْمِ الْقِيَامَةِ وَهُمْ عَنْ دُعَائِهِمْ غَافِلُونَ (٥) وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ (الأحقاف: ٥-٦) “ޤިޔާމަތްދުވަހަށް ދާންދެން، އެމީހަކަށް އިޖާބަ ނުދޭފަރާތަކަށް ﷲފިޔަވައި އަޅުކަންކޮށް، ދުޢާކޮށްއުޅޭ މީހަކަށްވުރެން މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ އަދި އެތަކެތިވަނީ، އެއުރެންގެ ދުޢާތަކަށް ޣާފިލުވެގެންނެވެ.(٥) އަދި މީސްތަކުން (ޤިޔާމަތް ދުވަހުން) އެއްކުރައްވާހިނދު އެއުރެންނަށް، އެ އެއެއްޗެހިތައް ޢަދާވާތްތެރިންކަމުގައި ވާނެތެވެ. އަދި އެތަކެއްޗަށް އަޅުކަންކުރި ކަމާމެދު އިންކާރުކުރާ ތަކެތި ކަމުގައި އެތަކެތި ވާނެތެވެ.” يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لأجَلٍ مُسَمًّى ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ (١٣)إِنْ تَدْعُوهُمْ لا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ وَلا يُنَبِّئُكَ مِثْلُ خَبِيرٍ (فاطر: ١٣-١٤) “އެއިލާހު ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި، އިރާއި ހަނދު ޚިދުމަތްތެރިކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އެއީ ﷲއެވެ. (އެއިލާހީ) ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ ތިޔަބައިމީހުންގެ ވެރިއިލާހެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެއިލާހު ފިޔަވައި ތިޔަބައިމީހުން ދުޢާކޮށް އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެތެވެ. (١٣) ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން ޝަރީކު ކުޅަކަމާމެދު ޤިޔާމަތްދުވަހުން އެފަރާތްތައް އިންކާރު ކުރާނެތެވެ. ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހު ފަދައިން ކަލޭގެފާނަށް ޚަބަރުދޭނެ ހަމަ އެކަކުވެސް ނެތެވެ.”
ހިދާޔަތުގެ މަގު ދައްކަވާފައިވާ ކޮންމެ މީހަކަށްވެސް، މި ދަލީލުތަކާއި، ޤުރުއާނާއި ސުންނަތުގެ އެހެން ދަލީލުތަކުންވެސް، އިސްލާމީ ޢަޤީދާގައި ދުޢާއަށް ދެވިފައިވާ ދަރަޖަ ހާމަވެގެންދާނެއެވެ. ދުޢާއަށް މިފަދަ މަތިވެރި ދަރަޖައެއް ދެވިފައިވީހިނދު، އެއިލާހު ފިޔަވައި އެހެން ފަރާތްތަކަށް ދުޢާކުރާ މީހާއީ ބޮޑުވެގެންވާ އަނިޔާވެރިއެއްކަން ކަށަވަރެވެ. އެހެންކަމުން އެފަދަ މީހުންގެ ތެރެއިން ތައުބާނުވެ މަރުވެގެންދާ މީހުންނަށް އޮތް ޖަގަހައަކީ ނަރަކަކަން މި ޙަދީޘުން އެނގިގެންދެއެވެ. އަދި އެތަނަށްވެސް އޭނާ ވެއްދޭނީ ނިކަމެތިކުރެވިގެންވާ ޙާލުގައިކަން ބަޔާންކުރައްވާއި ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (غافر: ٦٠) “ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެބައިމީހުން ނަރަކަޔަށް ވަންނާނެތެވެ.”
މި ދެޙަދީޘުން ލިބޭ ބައެއް ފައިދާތައް
1-ދުޢާއަކީ އެންމެ ބޮޑު އަޅުކަންކަން.
2-ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދުޢާކުރުމަކީ ބޮޑުވެގެންވާ ޝިރުކެއްކަން.
3-ﷲ ފިޔަވައި އެހެން ފަރާތްތަކަށް ދުޢާކުރާ މީހާ، ތައުބާނުވަނީސް މަރުވެއްޖެނަމަ، އޭނާ ދާންއޮތް ތަނަކީ ނަރަކަ ކަން.