عَنْ عُبَادَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ شَهِدَ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَرَسُولُهُ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ أَدْخَلَهُ اللَّهُ الْجَنَّةَ عَلَى مَا كَانَ مِنْ الْعَمَلِ (متفق عليه)
ޙަދީޘުގެ މާނަ
“ޢުބާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ﷲފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި، އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާކަމަށް ހެކިވެ، މުޙައްމަދު (ޞައްލަﷲ ޢަލައިހިވަސައްލަމަ) އަކީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވެ، ޢީސާ (ޢަލައިހިއްސަލާމް) އަކީ މަރްޔަމްގެފާނުގެ މައްޗަށް، ﷲބާވައިލެއްވި އެއިލާހުގެ ކަލިމަފުޅުން (ޢީސާޢަލައިހިއްސަލާމް، އެކަމަނާގެ ރަޙިމުފުޅުގައި ވާށޭ އެންގެވި ‘ކުން’ މިކަލިމައިން) ޚަލްޤުކުރެއްވި، ﷲގެ އަޅާކަމަށާއި، ރަސޫލާކަމަށާއި، އެއިލާހުގެ ޙަޟްރަތުންވާ ރޫޙެއްކަމަށް ހެކިވެ، ސުވަރުގެއަކީ މިހާރުވެސް ޚަލްޤުކުރެވިފައިވާ ތަނެއް ކަމާއިމެދު އެއްވެސް ޝައްކެއް ނުކޮށް، ނަރަކައަކީވެސް މިހާރުވެސް ޚަލްޤުކުރެވިފައިވާ ތަނެއް ކަމަށް ހެކިވެ ޔަޤީންކުރާ މީހާ، އޭނަގެ ޢަމަލުތަކުގެ ސަބަބުން، ﷲ ތަޢާލާ، ސުވަރުގެ ވައްދަވާހުއްޓެވެ.”
ޙަދީޘް ރިވާކުރެއްވި ޞަޙާބީ
މި ޙަދީޘް ރިވާކުރައްވާފައިވަނީ ޢުބާދާ ބިން އައްޞާމިތުލް އަންޞާރީ ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނަކީ ޢަޤަބާގެ ފުރަތަމަ ބައިޢަތާއި، ދެވަނަ ބައިޢަތުގައި ވެސް ބައިވެރިވެލެއްވި ބޭކަލެކެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާ އެކު ހުރިހާ ހަނގުރާމައެއްގައިވެސް ބައިވެރިވެލެއްވިއެވެ. އެކަލޭގެފާނަކީ މަދީނާގައި، ޤުރުއާން އުނގަންނަވައި ދެއްވަން އުޅުއްވި ޞަޙާބީ ބޭކަލެކެވެ. އަދި އެއަށްފަހު ޝާމުކަރައިގަވެސް ޤުރުއާން އުނގަންނަވައި ދެއްވަން އުޅުއްވިއެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 32ވަނަ އަހަރު، ބައިތުލް މަޤްދިސްގައެވެ.
ޙަދީޘުގެ ތަފްޞީލީ މާނަ
އެއަށް އީމާންވެ، އެތެރެފުށާއި ބޭރުފުށުންވެސް އެއިން ދަލާލަތުކުރާ ކަންތައްތަކަށް ޢަމަލުކޮށްފިނަމަ، ސުވަރުގެ ވަންނާނޭ 5 ކަމެއް، މި ޙަދީޘުގައި ބަޔާންވެފައިވެއެވެ.
ފުރަތަމައީ: ﷲފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި، އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާކަމަށް ހެކިވުމެވެ. އެބަހީ: ތެދުވެރިކަމާއި، ޔަޤީންކަމާއެކު ﷲގެ އެއްކައުވަންތަކަމަށް އިޢުތިރާފުވާހާލު، އެއިލާހަށް އީމާންވެ، އެއިލާހު ފިޔަވައި އެހެން އެއަވެސް ފަރާތަކަށް އަޅުކަންނުކޮށް، لا إله إلا الله އިން ލާޒިމުކުރާ ކަންތަކަށް ބަހާއި ޢަމަލުން ކިޔަމަންވުމެވެ. އެއިލާހު، ކުރުމަށް އަމުރުކުރައްވާފައިވާ އެންމެހައި ކަންތަކަށް ތަބަޢަވެ، ނަހީކުރައްވާފައިވާ އެންމެހައި ކަންތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ.
ދެވަނައީ: މުޙައްމަދު (ޞައްލަﷲ ޢަލައިހިވަސައްލަމަ) އަކީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވުމެވެ. އެބަހީ: އެއްވެސް ޝައްކެއް އެކުލެވިގެންނުވާ ޔަޤީންކުރުމަކުން، މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމައީ، ފުރިހަމަވެގެންވާ ޝާމިލު ރިސާލަތަކާއިގެން އިންސީންނާއި ޖިންނީންގެ ގާތަށް ފޮނުއްވުނު ﷲގެ ރަސޫލާކަން ހިތުންތެދުކޮށް ޤަބޫލުކޮށް، އެކަލޭގެފާނަކީ އެންމެފަހުގެ ރަސޫލާ އަދި ނަބިއްޔާކަމާއި، ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި ފޮނުއްވަވައި، ﷲ ތަޢާލާ ޝަރަފުވެރި ކުރައްވާފައިވާ އެއިލާހުގެ އަޅެއްކަމަށް ޤަބޫލުކޮށް، އެކަލޭގެފާނު ގެންނަވާ އެންމެހާ ޚަބަރުތައް ތެދުކޮށް، އަމުރުފުޅުތަކަށް ތަބަޢަވެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ.
ތިންވަނައީ: ޢިސާ ޢަލައިހިއްސަލާމަކީވެސް، ﷲގެ އަޅެއްކަމަށާއި އެއިލާހުގެ ރަސޫލެއްކަމަށް ޤަބޫލުކުރުމެވެ. އަދި، އެކަލޭގެފާނަކީ ﷲތަޢާލާ ކަމަށް، ނުވަތަ އެއިލާހުގެ ދަރިކަލެއްކަމަށް ބުނެ ނަޞާރާއިން ދައްކަމުންދަނީ ބާޠިލު ވާހަކަތަކެއްކަމަށް ޤަބޫލުކުރުމާއެކު، އެކަލޭގެފާނީ ޒިނޭގެ ދަރިއެއްކަމަށް ބުނެ ޔަހޫދީން ދައްކަމުންދާ ވާހަކައަކީ، ބޮޑުވެގެންވާ ބުހުތާނު ދޮގެއްކަން ޤަބޫލުކުރުމެވެ. އަދި ކިއެއްތަ! އެކަލޭގެފާނަކީ ﷲގެ އަޅެއްކަމަށާއި، އިސްރާއީލުގެ ދަރިންގެ ގާތަށް، ﷲގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމަށްޓަކާ ފޮނުއްވުނު އެއިލާހުގެ ރަސޫލެއްކަން ޤަބޫލުކުރުމެވެ.
ﷲ ތަޢާލާ ކަމަކަށް އިރާދަކުރައްވާ ހިނދު، ‘ކުން’ އޭ ވަޙީކުރެއްވުމާއެކީ އެކަމެއް ވެނިމިދާ ގޮތަށް، ޢީސާ ޢަލައިހިއްސަލާމަކީ، ‘ކުން’ މިކަލިމަ ވަޙީކުރައްވައި، އެއިލާހު ޚަލްޤުކުރެއްވި ބޭކަލެއްކަމަށާއި، އެއިލާހު ޚަލްޤުކުރައްވާފައިވާ ފުރާނަ(ރޫޙު) ތަކުގެ ތެރެއިން ފުރާނައެއްކަން ޤަބޫލުކުރުމެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ مَثَلَ عِيسَى عِنْدَ اللَّهِ كَمَثَلِ آدَمَ خَلَقَهُ مِنْ تُرَابٍ ثُمَّ قَالَ لَهُ كُنْ فَيَكُونُ (آل عمران: ٥٩) “ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި، ޢީސާގެފާނުގެ (ހެއްދެވުމުގެ) މިސާލު އާދަމުގެފާނު(ހެއްދެވުމުގެ) މިސާލުފަދައެވެ. އެއިލާހު އާދަމުގެފާނު ހެއްދެވީ ވެލީންނެވެ. ދެން އެކަލޭގެފާނަށް (އިންސާނަކަށް) ވާށޭ ވަޙީކުރެއްވިއެވެ. ދެން (އެއިލާހު ވަޙީކުރެއްވި ފަދައިން) ވެއްޖެއެވެ.”
ހަތަރުވަނައީ: ސުވަރުގެއަކީ މިހާރުވެސް ޚަލްޤުކުރެވިފައިވާ ތަނެއްކަން އެއްވެސް ޝައްކަކާނުލައި ޤަބޫލުކުރުމެވެ. އެއީ އެއިލާހުގެ އަޅުންގެ ތެރެއިން ކިޔަމަންތެރި އަޅުންނަށްޓަކައި، އެއިލާހު ތައްޔާރުކުރައްވާފައިވާ ތަނެއްކަމާއި، އެތަނުގައި އެބައިމީހުން ދެމިތިބޭނެކަން ޤަބޫލުކުރުމެވެ
ފަސްވަނައީ: ނަރަކައަކީވެސް މިހާރުވެސް ޚަލްޤުކުރެވިފައިވާ ތަނެއްކަން އެއްވެސް ޝައްކަކާނުލައި ޤަބޫލުކުރުމެވެ. އެއީ ފާފަވެރިންނާއި، ކާފިރުންނާއި، މުނާފިޤުންނަށްޓަކައި، އެއިލާހު ތައްޔާރުކުރައްވާފައިވާ ތަނެއްކަމާއި، ތަވްޙީދުގެ އަހުލުވެރިންގެ ތެރެއިން ފާފަވެރިންނަށް ސަޒާދެއްވުމަށްފަހު، އެބައިމީހުން އެތަނުން ނެރުއްވައި ސުވަރުގެ ވައްދަވާނެކަމާއި، ކާފިރުންތައް އެތަނުގައި އަބަދުގެއަބަދަށް ދެމިތިބޭނެކަން ޤަބޫލުކުރުމެވެ.
މިޙަދީޘުން ލިބޭ ބައެއް ފައިދާތައް:
1-ތަވްޙީދުގެ މާތްކަމާއި މަތިވެރިކަން. ތަވްޙީދުގެ ސަބަބުން، ފާފަތައް ފުއްސަވާކަން.
2-ﷲގެ ރަޙުމަތް އެއިލާހުގެ އަޅުންގެ މައްޗަށް ތަނަވަސްވެގެންވާ މިންވަރު.
3-ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލޯބިކުރުމުގައި ހައްދު ފަހަނަޅައިގޮސް، އެކަލޭގެފާނަށް އުލޫހިއްޔަތުގެ ދަރަޖަދޭ މިންވަރަށް ގޮސްގެން ނުވާނެކަން. އަދި ހަމައެއާއެކު އެކަލޭގެފާނަށް ލޯބިކުރުން ޙައްޤުގޮތުގައި ލޯބިކޮށް، އެކަލޭގެފާނުގެ ޙައްޤުތައް އަދާކުރަން ޖެހޭނެކަން.
4-ތަވްޙީދުގެ އަހުލުވެރިންގެ ތެރެއިން، ފާފަވެރިން ނަރަކައިގައި އަބަދަށް ދެމިނުތިބޭނެކަން.
5-ސުވަރުގެއާއި ނަރަކައަށް އިމާންވުމަކީ ވާޖިބެއްކަން.