- عَنْ أَنَسٍ شُجَّ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ أُحُدٍ فَقَالَ كَيْفَ يُفْلِحُ قَوْمٌ شَجُّوا نَبِيَّهُمْ فَنَزَلَتْ {لَيْسَ لَكَ مِنْ الْأَمْرِ شَيْءٌ} (رواه البخاري)
- عَنْ ابْنِ عُمَرَ أنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا رَفَعَ رَأْسَهُ مِنْ الرُّكُوعِ فِي الرَّكْعَةِ الْآخِرَةِ مِنْ الْفَجْرِ يَقُولُ: اللَّهُمَّ الْعَنْ فُلَانًا وَفُلَانًا وَفُلَانًا، بَعْدَ مَا يَقُولُ سَمِعَ اللَّهُ لِمَنْ حَمِدَهُ رَبَّنَا وَلَكَ الْحَمْدُ. فَأَنْزَلَ اللَّهُ {لَيْسَ لَكَ مِنْ الْأَمْرِ شَيْءٌ } إِلَى قَوْلِهِ فَإِنَّهُمْ ظَالِمُونَ. وَفِيْ رِوَايَةٍ يَدْعُو عَلَى صَفْوَانَ بِنْ أُمَيَّةَ وَسُهَيْلٍ بِنْ عَمْرُو وَالْحَارِثِ بِنْ هِشَامٍ. فَنَزَلَتْ {لَيْسَ لَكَ مِنْ الْأَمْرِ شَيْءٌ } (رواه البخاري)
ޙަދީޘުގެ މާނަ
- އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އުޙުދުގެ ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އިސްތަށިފުޅު ޒަހަމްވެވަޑައިގަތެވެ. ދެންފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެބައިމީހުންގެ ނަބިއްޔާގެ އިސްތަށިފުޅު ޒަހަމްކޮށްލި ބަޔަކަށް ކާމިޔާބުލިބޭނީ ކިހިނަކުން ހެއްޔެވެ. ދެންފަހެ، ﷲ ތަޢާލަ ވަޙީކުރެއްވިއެވެ. لَيْسَ لَكَ مِنْ الْأَمْرِ شَيْءٌ (آل عمران: 128) “(އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި ﷲ އަށެވެ.)”
- އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ފަތިސްނަމާދުގެ ފަހުރަކުޢަތުގައި، ރުކޫޢިން ތެދުވެވަޑައިގެން، سَمِعَ اللَّهُ لِمَنْ حَمِدَهُ އާއި رَبَّنَا وَلَكَ الْحَمْدُ ވިދާޅުވުމަށްފަހު، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވިދާޅުވާ ޢަޑު ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އޭ ﷲއެވެ! އެވެނި މީހަކާއި، މިވެނި މިހަކާއި،އެވެނި މީހަކަށް ލަޢުނަތްލައްވާނދޭވެ! ދެންފަހެ ﷲ ތަޢާލާ، لَيْسَ لَكَ مِنْ الْأَمْرِ شَيْءٌ އިން فَإِنَّهُمْ ظَالِمُونَ އާ ހަމަޔަށް، (ޢާލަ ޢިމްރާން ސޫރަތުގެ 128ވަނަ އާޔަތް) ބާވައިލެއެވިއެވެ. (އެ އާޔަތަކީ: لَيْسَ لَكَ مِنَ الأمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ (آل عمران: 128) “(އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި ﷲއަށެވެ.) އެއިލާހު (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، ތަވްބާ ލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް ޢަޛާބު ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ.”) އެހެން ރިވާޔަތެއްގައި ވެއެވެ. އެކަލޭގެފާނު ދުޢާކުރެއްވީ ޞަފްވާން ބިން އުމައްޔާ އާއި ސުހެއިލު ބިން ޢަމްރު އާއި ހާރިޘް ބިން ހިޝާމުގެ މައްޗަށެވެ. ދެންފަހެ ﷲ ތަޢާލާ މި އާޔަތް ބާވައިލެއްވިއެވެ. لَيْسَ لَكَ مِنْ الْأَمْرِ شَيْءٌ (آل عمران: 128) “(އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި ﷲ އަށެވެ.)”
ދެ ޙަދީޘް ރިވާކުރެއްވި ޞަޙާބީން
ފުރަތަމަ ޙަދީޘް ރިވާކުރެއްވީ، ޚަޒްރަޖުވަންހައިގެ މާލިކުގެ ދަރިކަލުން އަނަސް ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނަކީ އަންޞާރިއްޔާ ބޭކަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޚިދުމަތް ކުރެއްވުމުގައި 10 އަހަރު، އެކަލޭގެފާނުގެ ޚާދިމެއްގެ ގޮތުގައި ހުންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން، 1286 ޙަދީޘް ރިވާކުރެއްވިއެވެ. އޭގެތެރެއިން 168 ޙަދީޘް، ބުޚާރީ އާއީ މުސްލިމު ރިވާކުރައްވާފައިވެއެވެ. އަވަހާރަވެވަޑައިގެންނެވީ ބަޞަރާގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން ވަނީ 100އަށް ވުރެ ގިނަ އަހަރުވެފައެވެ.
ދެވަނަ ޙަދީޘް ރިވާކުރެއްވީ ޤުރައިޝުވަންހައިގެ ޢުމަރު ރަޟިޔަﷲ ޢަންހުގެ ދަރިކަލުން ޢަބްދުﷲ ރަޟިޔަﷲ ޢަންހުމާ އެވެ. މައްކާގައި، އެކަލޭގެފާނުގެ ބައްޕާފުޅު ޢުމަރު ރަޟިޔަﷲ ޢަންހު އާއެކު އިސްލާމްވެ ވަޑައިގަތެވެ. އަދި އުމުރުފުޅުން އެންމެ 10 އަހަރުފުޅުގައި މަދީނާއަށް ހިޖުރަކުރެއްވިއެވެ. ޚަންދަޤު ހަނގުރާމައާއި، އެ ހަނގުރާމައަށްފަހު ކުރެވުނު އެންމެހައި ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ ސުންނަތަށް ތަވަޢަވެވަޑައިގަތުމާއި، ބިދުޢަތަކުން ރައްކާތެރިވެވަޑައިގަތުމާއި، އުއްމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވުމުގައި ލާމަޘީލު ނަމޫނާއެއް ދައްކަވާފައިވާ ޞަޙާބީ ބޭކަލެކެވެ. އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 74ވަނަ އަހަރުގައެވެ.
ޙަދީޘުގެ ތަފްޞީލީ މާނަ
ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، އުޙުދުގެ ދުވަހުގައި މުޝްރިކުންނާއި ހަނގުރާމަކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ހަނގުރާމައިގެ ކުރީކޮޅުގައި މުޝްރިކުން ބަލިވެގެން ދިޔައެވެ. ނަމަވެސް، ބައެއް ޞަޙާބީބޭކަލުންނަށް، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވި އިރުޝާދާއި ޚިލާފުވެވަޑައިގެންނެވުމުގެ ނަތީޖާއަކަށްވީ، މުޝްރިކުންނަށް ކުރިލިބި އެތަކެއް ޞަޙާބީބޭކަލުންނެއް ޝަހީދުވުމެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޒަޚަމްވެވަޑައިގަތުމެވެ. އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެމުޝްރިކުންނަށް ކާމިޔާބުލިބުމަކީ ވަރަށް ދުރުކަމެއްކަން ބަޔާންކުރައްވައި ޙަދީޘްކުރެއްވިއެވެ. “އެބައިމީހުންގެ ނަބިއްޔާގެ އިސްތަށިފުޅު ޒަހަމްކޮށްލި ބަޔަކަށް ކާމިޔާބުލިބޭނީ ކިހިނަކުން ހެއްޔެވެ.”
ދެންފަހެ، ހުރިހާކަމެއް މިލްކުވެވޮޑިގެންވާ އިލާހު، ﷲތަޢާލާ ވަޙީކުރެއްވިއެވެ. لَيْسَ لَكَ مِنَ الأمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ (آل عمران: ١٢٨)”(އެއުރެންގެ) ކަންތަކުގެ ތެރެއިން އެއްވެސްކަމެއް، ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. (އެކަންއޮތީ ހަމައެކަނި ﷲއަށެވެ.) އެއިލާހު (އިރާދަކުރައްވާނަމަ) އެއުރެންގެ މައްޗަށް، ތަވްބާ ލައްވައިފާނެތެވެ. ނުވަތަ، އެއުރެންނަށް ޢަޛާބު ދެއްވައިފާނެތެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ އަނިޔާވެރިންނެވެ.” އެބަހީ، އެމީހުންނަށް ހިދާޔަތުދައްކަވައި، ކާމިޔާބުގެމަގު ދެއްކެވުމަކީ ހަމައެކަނި ތިމަންއިލާހަށް މިލްކުވެވޮޑިގެންވާ ކަމެކެވެ. އެކަމުގެ އެއްވެސް ބާރެއް ކަލޭގެފާނަށް މިލްކުވެގެންނުވެއެވެ.
އެއަށްފަހު، އޭގެތެރެއިން އެތައް ބޭކަލުންނަކަށް ﷲތަޢާލަ ހިދާޔަތުދެއްކެވިއެވެ. އަދި އިސްލާމްދީނުގެ ދިފާޢުގައި ޖާނާއިމާލު ޤުރުބާންކުރެއްވި ވަރުގަދަ ފަހުލަވާނުންތަކެއް ކަމުގައި އެބޭކަލުން ވެވަޑައިގަތެވެ. އެބޭކަލުންގެ އަތްމައްޗަށް އެތައްތަނެއް ފަތަޙަވެގެންދިޔައެވެ.
މިކަންތަކުންވެސް އެނގިގެންދަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޣައިބުގެ ކަންތައް އެނގިވަޑައިނުގަންނަވާކަމެވެ. ނަމަވެސް ހިތާމައާއެކު ބުނަންޖެހެނީ މިއަދު އިސްލާމީ އުއްމަތުގައިވެސް އެކަލޭގެފާނަށް ލޯބިކުރުމުގެ ނަމުގައި އެކަލޭގެފާނަށް ޙައްޤުނޫން ދަރަޖަތަކެއް ދެމުންގެންދާ ބަޔަކު އެބައުޅެއެވެ. މިގޮތުން ދަތިތަކާއި މުޞީބާތްތަކުން ސަލާމަތްކޮށްދެއްވުން އެދިވެސް އެބައިމީހުން، ﷲތަޢާލާ ފިޔަވައި އެކަލޭގެފާނަށް ދަންނަވައި ހަދައެވެ. މިއީ ކަނޑައެޅިގެން ޝިރުކެވެ. މިހަދީޘާއި، މިފަދަ އެހެން ޙަދީޘްތަކުންވެސް އެކަލޭގެފާނަށް މިފަދަ ދަރަޖަތައް ދީގެން ނުވާނެކަން އެނގެއެވެ.
މި ދެޙަދީޘުން ލިބޭ ބައެއް ފައިދާތައް
1-ނަބީބޭކަލުންނަށްވެސް މުޞީބާތްތަކާއި ބަލިތަކާއި ކުރިމަތިވާކަން. އެހެނީ އެބޭކަލުންނަކީވެސް އާދަމުގެ ދަރީންނެވެ. އެބައިމީހުންނަށް އިމްތިޙާނުތައް ކުރިމަތިވާފަދައިން އެބޭކަލުންނަށްވެސް އިމްތިޙާނުތައް ކުރިމަތިވެއެވެ. އެބޭކަލުންނަށް ދެއްވިފައިވާ މުޢުޖިޒާތްތަކުގެ ސަބަބުން، އެބޭކަލުންނަކީ އިންސާނުންތަކެއް ނޫންކަމުގައި، ޝައިޠާނާ ދޭ ވަސްވާހަށް ހެއްލި ފިތުނަވެރިވުމުން ސަލާމަތްވުމަށްވާ ބާރަކަށް މިކަން ވެގެންދެއެވެ.
2-ދިމާވާ ކާރިޘާތަކުން ސަލާމަތްކޮށްދެވުން އެދި ދެންނެވުމަށްޓަކައި ކިޔޭ ޤުނޫތު (ޤުނޫތު ނާޒިލާ) އަކީ ޝަރުޢުކުރެވިފައިވާ އެއްޗެއްކަން.
3-މުޝްރިކުންގެ ތެރެއިން ވަކިވަކި ފަރުދުންގެ މައްޗަށްވެސް ދުޢާ ކުރެވިދާނެކަން. އަދި އެދުޢާ ނަމާދުގައި ކުރިއަސް، ނަމާދަށް އެއްވެސް އުނިކަމެއް ނައަންނާނެކަން.
4-ހުރިހާ ކަމެއް ކަނޑައަޅުއްވައި ނިންމެވުން ވަނީ ﷲ ތަޢާލާއަށް ކަން.