[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 10

ޖިންނީންގެ ޢަޤީދާތަކާއި ދީންތައް

އިންސީންފަދައިން ޖިންނީންގެ ތެރޭގައިވެސް މުސްލިމުންނާއި، ނަޞާރާއިންނާއި، ޔަހޫދީން އުޅެއެވެ. އަދި މުސްލިމް އިންސީންގެ ތެރޭގައިވެސް ބާޠިލު އަޤީދާތަކުގެ މީހުންނާއި، ފާސިޤު ފާޖިރު މީހުން އުޅޭފަދައިން އެސޮރުމެންގެ ތެރޭގައިވެސް އުޅެއެވެ. އެސޮރުމެން ބުނިކަމުގައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَلِكَ كُنَّا طَرَائِقَ قِدَدًا (الجن: ١١) ” އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ.” އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ” كُنَّا طَرَائِقَ قِدَدًا ގެ މުރާދަކީ، އަހަރެމެންގެ ތެރޭގައި މުއުމިނުންނާއި ކާފަރުންވެއެވެ.” އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެބަހީ މުސްލިމުންނާއި، ކާފަރުންނާއި، އަހުލުއްސުއްނަތުގެ މީހުންނާއި، އަހުލުލް ބިދުޢައާއި، ތަފާތު މަޛްހަބްތަކެވެ.”

މުއުމިނު ޖިންނިން ސުވަރުގެ ވަންނާނެތޯއެވެ؟

ޖިންނީންގެ ތެރެއިންވާ ކާފަރު ޖިންނީން ވަންނާނީ ނަރަކައަށްކަމާމެދު، ކުރީގެ ޢިލްމުވެރިންނާއި ފަހުގެ ޢިލްމުވެރިންވެސް އެއްބަސްވެލައްވައެވެ. އަދި މުއުމިނު ޖިންނީން ސުވަރުގެއަށް ވަނުމާމެދު އެބޭކަލުންގެ ރައުޔު ތަފާތުވެފައިވެއެވެ. ޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ. “މިމައްސަލައިގައި 4 ރައުޔެއް އައިސްފައިވެއެވެ:

1-މުއުމިނު ޖިންނީންތައް ސުވަރުގެއަށް ވަންނާނެއެވެ. މިއީ ގިނަ ޢިލްމުވެރިންގެ ރައުޔެވެ.

2-އެމީހުން ވާހުށީ ރަބަޟުލް ޖަންނާ ގައެވެ. މިއީ އިމާމް މާލިކާއި، ޢިލްމުވެރިންގެ ޖަމާޢަތެއްގެ ރައުޔެވެ. (ރަބަޟުލް ޖަންނާއޭ ބުނެވޭ ބަހުގެ މުރާދަކީ، ސުވަރުގޭގެ ފުރަތަމަ ދަރަޖައެވެ.)

3-އެމީހުންނީ އަޢުރާފުގެ އަހުލުވެރީންނެވެ.

4-ސުވަރުގެ ވަންނާނެއޭ، ނުވަތަ ނުވަންނާނެއޭވެސް ނުބުނެ ތަވައްޤުފު ވުމެވެ.”

އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ޙައްޤުގޮތަކީ، މުއުމިނު ޖިންނީންވެސް، މުއުމިނު އިންސީންފަދައިން ވަންނާނީ ސުވަރުގެއަށެވެ. މިއީ ސަލަފުންގެތެރެއިން ޖަމާޢަތެއްގެ ރައުޔެވެ. އޭގެތެރެއިން ބައެއް ބޭކަލުން މިކަމުގެ ދަލީލެއްގެގޮތުގައި އަންނަނިވި އާޔަތް ގެންނަވައެވެ. لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلا جَانٌّ (الرحمن: ٥٦) “އެބައިމީހުންގެ ކުރިން އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.” ނަމަވެސް މިއާޔަތުން މިކަމަށް އިސްތިދުލާލުކުރުމަކީ އިތުރަށް ބަލާލަންޖެހޭ ކަމެކެވެ. އަންނަނިވި އަޔާތުން މިކަމަށް މާރަގަޅަށް ދަލާލަތު ކުރެއެވެ. وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ (٤٦)فَبِأَيِّ آلاءِ رَبِّكُمَا تُكَذِّبَانِ (الرحمن: ٤٦-٤٧) “ވެރިރައްބުގެ ޙަޟްރަތުގައި ހުއްޓި ހުންނަންޖެހޭ ހުރުމާމެދު ބިރުވެތިވެއްޖެ މީހާއަށް ދެ ބަގީޗާހުއްޓެވެ. (އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަދެބައިމީހުންގެ ވެރިއިލާހުގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟” ފަހެ ﷲތަޢާލާގެ ދީލަތިވަންތަކަމާއި އޯގާވަންތަކަމުން އެއިލާހުވަނީ، އިންސީންނާއި ޖިންނީންގެ ތެރެއިންވެސް އިޙްސާންތެރީންނަށް ސުވަރުގެ ކަނޑައަޅުއްވާފައެވެ. އަދި މިނިޢުމަތް އެއިލާހުތަޢާލާ އެބައިމީހުންނަށް ހަނދުމަކޮށްދެއްވިއެވެ. ދެންފަހެ އެއިލާހުތަޢާލާގެ މިއާޔަތަށް އިންސީންނަށްވުރެ ބޮޑަށް ބަހުން ޝުކުރު އަދާކުރީ ޖިންނީންނެވެ. އެބައިމީހުން ބުންޏެވެ. “އަޅަމެން ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އިބައިލާހުގެ ނިޢުމަތްތަކުގެ ތެރެއިން އެއްވެސް ނިޢުމަތެއް ދޮގުކޮށް އިންކާރުކުރާ ބަޔަކުކަމުގައި އަޅަމެން ނުވަމުއެވެ. އެންމެހައި ޙަމްދެއްވަނީ އިބައިލާހަށެވެ.” ޖިންނީންވެސް ސުވަރުގެ ނުވަންނާނެނަމަ، ﷲތަޢާލާ އެބައިމީހުންނަށް ނުދެއްވާނެ ނިޢުމަތެއް އެބައިމީހުންނަށް ހަނދުމަކޮށްނުދެއްވާނެއެވެ.” 

ޝެއިޚް ވަޙީދް އަބްދުއްސަލާމްބާލީ ވިދާޅުވިއެވެ. އިބްނު ކަޘީރު ރަޙިމަހުﷲ އެއިޝާރާތްކުރައްވަނީ ޖާބިރު ރަޟިޔަﷲޢަންހުގެ އަރިހުން ރިވާވެގެންވާ، ތިރުމީޛީގެ ރިވާޔަތަކަށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ސޫރަތުއްރަޙްމާން ނިމެންދެން ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ހަނު ތިޔަތިއްބެވީ ކީއްވެތޯއެވެ؟ (މިއާޔަތުގައި މިވާ ވާހަކަތަކަށް) ޖިންނީން ތިޔަބައިމީހުންނަށް ވުރެ މާރަގަޅަށް އިޖާބަދިނެވެ. ތިމަންކަލޭގެފާނު، (فَبِأَيِّ آلاءِ رَبِّكُمَا تُكَذِّبَانِ) މިއާޔަތް ކިޔަވާވިދާޅުވާ ކޮންމެފަހަރަކުމެ އެބައިމީހުން ބުނެތެވެ. އަޅަމެން ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އިބައިލާހުގެ ނިޢުމަތްތަކުގެ ތެރެއިން އެއްވެސް ނިޢުމަތެއް ދޮގުކޮށް އިންކާރުކުރާ ބަޔަކުކަމުގައި އަޅަމެން ނުވަމުއެވެ. އެންމެހައި ޙަމްދެއްވަނީ އިބައިލާހަށެވެ.” (މިއީ ޙަސަންދަރަޖައިގެ ރިވާޔަތެއް ކަމުގައި އަލްބާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.)

އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ޖިންނީންގެ ތެރެއިން ކާފަރުންނަށް ޤިޔާމަތްދުވަހު ޢަޛާބު ދެވޭނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. އަދި މުއުމިނު ޖިންނީން ސުވަރުގެ ވަންނާނޭ ކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “މުއުމިނު ޖިންނީން ވާނީ ރަބަޟުލް ޖަންނާގައިކަމަށްވެސް ރިވާވެގެންވެއެވެ. އެދުވަހުން އެބައިމީހުންނަކަށް އިންސާނުންނެއް ނުފެންނާނެއެވެ. ނަމަވެސް އިންސާނުންނަށް އެބައިމީހުން ފެންނާނެތެވެ. މިއީ މާލިކާއި، ޝާފިޢީއާއި، އަޙްމަދާއި، އަބޫޔޫސުފާއި، މުޙައްމަދުގެ ކިބައިން ރިވާވެގެންވާ ރައުޔެކެވެ. އަދި މުއުމިނު ޖިންނީންގެ ޖަޒާއަކީ ނަރަކައިން މިންޖުވުންކަމުގައިވެސް ބުނެވެއެވެ. މިއީ އަބޫޙަނީފާ ރަޙިމަހުﷲގެ އަރިހުން ރިވާވެގެންވާ ރިވާޔަތެކެވެ.”

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް