[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 11

ޖިންނީން އިންސީންދެކެ ބިރުގަނެއެވެ.

އިބްނު އަބިއްދުންޔާ މުޖާހިދުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އެއްރެއަކު ތިމަންކަލޭގެފާނު ނަމާދުކުރައްވަން ހުންނަވަނިކޮށް، ކުޑަކުއްޖެއްގެ ޞިފައިގައި ހުރިއެއްޗެއް ތިމަންކަލޭގެފާނުގެ ކުރިމައްޗަށް އަޔެވެ. އެހިނދު އޭނާ ހިފެހެއްޓުމަށް ތިމަންކަލޭގެފާނު މަސައްކަތްކުރެއްވީމެވެ. ދެންފަހެ އޭނާ ތެދުވެ ފާރުގެ އަނެއްފަރާތަށް ފުންމާލައިފިއެވެ. އޭނާގޮސް ބިންމަތީގައި ޖެހުނު އަޑުވެސް ތިމަންކަލޭގެފާނަށް އިވިވަޑައިގަތެވެ. އެދުވަހަށްފަހު އޭނާ އެނބުރި ނާދެއެވެ.”

މުޖާހިދު ވިދާޅުވިއެވެ. “ތިޔަބައިމީހުން އެސޮރުމެންދެކެ ބިރުގަންނަފަދައިން، އެސޮރުމެންވެސް ތިޔަބައިމީހުންދެކެ ބިރުގަނެއެވެ.” އަދިވެސް މުޖާހިދުގެ އަރިހުން ރިވާވެގެންވެއެވެ.“ތިޔަބައިމީހުން ޝައިޠާނާދެކެ ބިރުގަންނަވަރަށްވުރެ ބޮޑަށް އެސޮރު ތިޔަބައިމީހުންދެކެ ބިރުގަނެއެވެ. ތިޔަބައިމީހުންނާ ދިމާކޮށްފިނަ، ފަހެ އެސޮރުދެކެ ބިރުނުގަންނާށެވެ. (ބިރުގެންފިނަމަ) އެސޮރު ތިޔަބައިމީހުންގެ މައްޗަށް ސަވާރުވެދާނެތެވެ. ނަމަވެސް އެސޮރުގެ މައްޗަށް ގަދަވެގަންނާށެވެ. އޭރުން އެސޮރު ހިނގައިދާނެތެވެ.”

އަދިވެސް ރިވާވެގެންވެއެވެ. މުޖާހިދު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ނަމާދުކުރައްވަން ފައްޓަވާ ކޮންމެފަހަރަކުމެ ޝައިޠާނާ ތިމަންކަލޭގެފާނުގެ ކުރިމައްޗަށް އިބްނުޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ޞޫރައިގައި އާދެއެވެ. ދެން ތިމަންކަލޭގެފާނަށް އިބްނުޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ބަސްފުޅު ހަނދާންވުމުން، ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ވަޅިއެއް ބޭއްވީމެވެ. އެފަހަރުވެސް ތިމަންކަލޭގެފާނުގެ ކުރިމައްޗަށް އިބްނުޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ޞިފައިގައި އެސޮރު އައެވެ. އައުމާއެކު އެސޮރުގައިގަ ވަޅިން ޖެއްސެވީމެވެ. އެހިނދު އެސޮރު ވެއްޓުނެވެ. ތިމަންކަލޭގެފާނު އެސޮރު ވެއްޓުނު އަޑުވެސް އެއްސެވީމެވެ. އޭގެފަހުން ތިމަންކަލޭގެފާނަށް އެސޮރު ނުފެނެއެވެ.”

ޖިންނީން އިންސީންނަށް ޙަސަދަވެރިވެއެވެ.

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. “އެސްފީންނާގެ ދެވައްތަރެއްވެއެވެ. އެއީ އިންސީންގެ އެސްފީންނާއާއި ޖިންނީންގެ އެސްފީންނާއެވެ. އުއްމުސަލަމާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތިމަންކަމަނާގެ ގެކޮޅުން، ޖާރިޔާއެއްގެ މޫނު އަނދާފައި ކަހަލަގޮތަކަށް ހުއްޓާ ފެނިވަޑައިގަތެވެ. ދެންފަހެ އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. اِسْتَرْقُوْا لَهَا فَإِنَّ بِهَا النَّظْرَةُ (رواه البخاري) “އޭނާއަށް ރުޤްޔާ ހަދާށެވެ. ފަހެހަމަކަށަވަރުން އޭނާއަށް އެވަނީ އެސްފީންނާޖެހިފައެވެ.” ހުސައިން ބިން މަސްޢޫދު އަލްފައްރާއު ވިދާޅުވިއެވެ. “ސުފްޢާއަކީ ޖިންނީންގެ އެސްފީންނާއެވެ.” (ސުފްޢާއަކީ އަނދާފައިކަހަލަ ގޮތަކަށް ހުރުމެވެ.)”

ނަސާއީއާއި ތިރްމީޛީ ރިވާކުރެއްވި، ތިރްމިޛީ ޙަސަންކަމުގައި ވިދާޅުވެފައިވާ، އަބޫސަޢީދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. كَانَ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَعَوَّذُ مِنْ الْجَانِّ وَعَيْنِ الْإِنْسَانِ حَتَّى نَزَلَتْ الْمُعَوِذَتَانِ فَلَمَّا نَزَلَتَا أَخَذَ بِهِمَا وَتَرَكَ مَا سِوَاهُمَا (صححه الألباني) ” މުޢައްވިޛަތައިން (އެބަހީ، ސޫރަތުލްފަލަޤް އާއި ސޫރަތުއްނާސި) ބާވައިލެއްވިޖެއުމަށްދާންދެން، ޖިންނީންނާއި އިންސީންގެ އެސްފީންނާއިން ސަލާމަތްކޮށްދެއްވުން އެދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުޢާކުރައްވައެވެ. އެ ދެސޫރަތް ބާވައިލެއްވުމުން (މިފަދަ ކަންތައްތަކުން ރައްކާތެރިކޮށްދެއްވުން އެދި ކުރައްވަމުން ގެންދެވި) އެނޫން އެހެން ދުޢާތައް ދޫކުރައްވައި އެދެސޫރަތުގައި ހިފެހެއްޓެވިއެވެ. (އެބަހީ އެދެސޫރަތް ދުޢާއެއްގެ ގޮތުގައި ކިޔުއްވައެވެ.)”

އެހެންކަމުން، މިރިވާޔަތްތަކުން ޖިންނީންގެ އެސްފީންނާ ޖެހުމަކީވެސް އެކަށީގެންވާ ކަމެއްކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ.

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް