ޖިންނީން ކައިވެނިކޮށް ދަރިން ހޯދާހެއްޔެވެ؟
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَإِذْ قُلْنَا لِلْمَلائِكَةِ اسْجُدُوا لآدَمَ فَسَجَدُوا إِلا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِنْ دُونِي وَهُمْ لَكُمْ عَدُوٌّ بِئْسَ لِلظَّالِمِينَ بَدَلا (الكهف: ٥٠) “ތިމަންއިލާހު މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އާދަމްގެފާނަށް ސަޖިދަކުރާށެވެ! ދެން އިބްލީސް މެނުވީ، އެ އެންމެ ބޭކަލުން ސަޖިދަ ކުރެއްވިއެވެ. އެ އިބްލީސްވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިއިލާހުގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ އިބްލީހާއި، އޭނާގެ ދަރިފަސްކޮޅު، ތިމަންއިލާހު ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނީ، ތިޔަބައިމީހުންނަށްހުރި ޢަދުއްވުންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ!” ޤާޟީ ބަދްރުއްދީން މުޙައްމަދު ބިން ޢަބްދިﷲ އައްޝިބްލީ ވިދާޅުވިއެވެ. “ޖިންނީންތައް ދަރިފަސްކޮޅު ބިނާކުރުމަށްޓަކައި ކައިވެނިކޮށް އުޅޭކަން މިއާޔަތުން ދޭހަކޮށްދެއެވެ.”
އަންނަނިވި ވަޙީބަސްފުޅުންވެސް ޖިންނީން ކައިވެނިކުރާކަމަށް ބައެއް ޢިލްމުވެރިން އިސްތިދުލާލުކުރައްވައެވެ. لَمْ يَطْمِثْهُنَّ إِنْسٌ قَبْلَهُمْ وَلا جَانٌّ (الرحمن: ٥٦) “އެބައިމީހުންގެ ކުރިން އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެކަނބަލުންގައި ބީހިފައެއް ނުވެއެވެ.”
އިބްނު ޖަރީރް ވިދާޅުވެފައިވެއެވެ. “ވަހުބް ބިން މުނައްބިހް އަށް ޖިންނީންނާ ބެހޭގޮތުން ސުވާލުދެންނެވުނެވެ. އެސޮރުމެން ކައިބޮއެ، ކައިވެނިކޮށް އުޅޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. “ޖިންނީންގެ ތަފާތު ވައްތަރުތަކެއް ވެއެވެ. އެސޮރުމެންގެ މައިގަނޑު ވައްތަރަކީ ވަޔެވެ. މިވައްތަރުގެ ޖިންނީން ކައިބޮއެ ނަހަދާނެއެވެ. އަދި އެސޮރުމެން ދަރިން ނުވިހާނެއެވެ. އަދި ޖިންނީންގެ ތެރޭގައި، ކައިބޮއެ ހަދާ، ދަރިން ވިހާ ވައްތެރެއްގެ ބަޔަކުވެސް އުޅެއެވެ.”
ޤިޔާމަތްދުވަހު ޖިންނީންތައް ބަންގިގޮވާމީހާއަށްޓަކައި ހެކިވާނެއެވެ.
އަބްދުﷲ ބިން ޢަބްދިއްރަޙްމާން ބިން އަބީ ޞަޢުޞަޢާ އަލްއަންޞާރީ އަށް އަބޫސަޢީދުލް ޚުދްރީ ރަޟިޔަﷲ އަންހު ދެންނެވިއެވެ. إِنِّي أَرَاكَ تُحِبُّ الْغَنَمَ وَالْبَادِيَةَ فَإِذَا كُنْتَ فِي غَنَمِكَ أَوْ بَادِيَتِكَ فَأَذَّنْتَ بِالصَّلَاةِ فَارْفَعْ صَوْتَكَ بِالنِّدَاءِ فَإِنَّهُ لَا يَسْمَعُ مَدَى صَوْتِ الْمُؤَذِّنِ جِنٌّ وَلَا إِنْسٌ وَلَا شَيْءٌ إِلَّا شَهِدَ لَهُ يَوْمَ الْقِيَامَةِ قَالَ أَبُو سَعِيدٍ سَمِعْتُهُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (رواه البخاري) “ތިބާ ސަހަރާ(ތެރޭގައި އުޅުމަށް) އާއި، ބަކަރި ގެންގުޅުއްވުމަށް ލޯބިކުރައްވާތީ ތިމަންކަލޭގެފާނަށް ފެނިވަޑަގަންނަވައެވެ. ފަހެ ތިބާ ބަކަރިތައް ކައިރީ އުޅޭއިރާއި ސަހަރާގައި އުޅޭއިރު، ނަމާދު ވަގުތު ޖެހުމުން ބަންގި ގޮވާކަމުގައިވަނީނަމަ، ބާރަށް ގޮވާށެވެ. ފަހެ ހަމަކަށަވަރުން، ބަންގި ގޮވާ މީހާގެ އަޑުއިވޭ (ކޮންމެ) ޖިންނިއެއްވެސް އަދި އިންސިއެއްވެސް އަދި (އެހެން) ހުރިހާ އެއްޗެއްވެސް، އޭނައަށްޓަކައި ޤިޔާމަތްދުވަހު ހެކިވާނެތެވެ.” މިއީ، ތިމަންކަލޭގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން އަޑުއެއްސެވި ޙަދީޘެއްކަމުގައި އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ބަޔާންކުރެއްވިއެވެ.
އެހެންކަމުން ބަންގިގޮވާއަޑު އިވޭއިރަށް ފުރަގަސްފަރާތުން ވައިބޭރުކުރަމުން ޝައިޠާނާ ދުވެރައްކާވާނެއެވެ. އެއީ އެބަންގީގެ އަޑު ނެއެހުމަށްޓަކައެވެ. އެހެނީ އޭނާ އެބަންގީގެ އަޑުއަހައިފިނަމަ، ޤިޔާމަތްދުވަހު މުއުމިނުއާޅާއަށްޓަކައި ހެކިދޭންޖެހޭނެއެވެ. އެއީ އޭނާ ބެނުންވާކަމެއް ނޫނެވެ. މުއުމިނުންނަކީ އޭނާގެ ޢަދުއްވުންނެވެ.
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِذَا نُودِيَ لِلصَّلَاةِ أَدْبَرَ الشَّيْطَانُ وَلَهُ ضُرَاطٌ حَتَّى لَا يَسْمَعَ التَّأْذِينَ فَإِذَا قَضَى النِّدَاءَ أَقْبَلَ حَتَّى إِذَا ثُوِّبَ بِالصَّلَاةِ أَدْبَرَ حَتَّى إِذَا قَضَى التَّثْوِيبَ أَقْبَلَ حَتَّى يَخْطِرَ بَيْنَ الْمَرْءِ وَنَفْسِهِ يَقُولُ اذْكُرْ كَذَا اذْكُرْ كَذَا لِمَا لَمْ يَكُنْ يَذْكُرُ حَتَّى يَظَلَّ الرَّجُلُ لَا يَدْرِي كَمْ صَلَّى (رواه البخاري) “ނަމާދަށް (ބަންގި) ގޮވުމާއެކު ޝައިޠާނާ ފުރަގަސްފަރާތުން ވައި ބޭރުކުރަމުން ދުވެރައްކާވެއެވެ. އެއީ ބަންގީގެ އަޑު ނެއެހުމަށްޓަކައެވެ. ދެންފަހެ ބަންގިގޮވާ ނިމުމުން އޭނާ އެނބުރި އާދެއެވެ. އަދި ނަމާދަށް ޤަމަތްދޭން ފެށުމާއެކު (އަނެއްކާވެސް) ދުވެރައްކާވެއެވެ. އަދި ޤަމަތްދީ ނިމުމުން އެނބުރި އާދެއެވެ. އަދި އިންސާނާއާ އޭނާގެ ނަފްސާދެމެދަށް ވަދެއެވެ. ޚިޔާލުގައި ނުވެސްނެތް ކަންތައް، އެމީހާގެ ޚިޔާލަށް ގެނެސްދީ، (ވަސްވާސްދެމުން) ބުނާނެއެވެ. އެވެނި ކަމެއް ހަނދާންކޮށްބަލާށެވެ! މިވެނިކަމެއް ހަނދާންކޮށްބަލާށެވެ! އެންމެފަހުން މިގޮތުގައި (އެމީހާއަށް ވަސްވާސްދީ) ކުރެވުނީ ކިތައް ރަކުޢަތްކަން ނޭނގޭ މިންވަރަށް އެމީހާގެ ޚިޔާލާއި ފިކުރު (ނަމާދުން) އެއްކިބާކުރުވާނެއެވެ.”
– ނުނިމޭ –
________________________
އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ