[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީންނަކީ ޙަޤީޤަތެކެވެ. ޚުރާފާތެއްނޫނެވެ. 13

ޝައިޠާނުން ފެތުރިގަންނަނީ ކޮންއިރަކު؟

ޖާބިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ فَكُفُّوا صِبْيَانَكُمْ فَإِنَّ الشَّيَاطِينَ تَنْتَشِرُ حِينَئِذٍ فَإِذَا ذَهَبَ سَاعَةٌ مِنْ اللَّيْلِ فَحُلُّوهُمْ فَأَغْلِقُوا الْأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا وَأَطْفِئُوا مَصَابِيحَكُمْ (رواه البخاري) “ރޭގަނޑުވެ އަނދިރިވާހިނދު ނުވަތަ ހަވީރުވާހިނދު (އިރުއޮއްސޭހިނދު) ތިޔަބައިމީހުންގެ ދަރީންނަށް ގެއިން ބޭރަށް ނިކުމެވުނަ ނުދޭށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުންތައް އެވަގުތު (ބިންމަތީ) ފެތުރިގަނެއެވެ. ދެންފަހެ ރޭގަނޑުން ގަޑިއިރެއް ފާއިތުވުމަށްފަހު އެކުދިން ނުހިފަހައްޓާށެވެ. (އެބަހީ: އެއަށްފަހު ނިކުމެވުނަދިނަސް އެންމެ ރަނގަޅެވެ.) (ހަމައެފަދައިން ރޭގަނޑުވެ އަނދިރިވާހިނދު) ﷲގެ އިސްމުފުޅު ކިޔައި ދޮރުތައް ލައްޕާށެވެ. ފަހެ ހަމަކަށަވަރުން ލައްޕާފައިވާ ދޮރެއް، ޝައިޠާނާ ނުހުޅުވާނެތެވެ. އަދި ﷲގެ އިސްމުފުޅު ކިޔައި ތިޔަބައިމީހުންގެ ފެންކަންވާރުތަކުގެ މަތިތައް ބާރުކުރާށެވެ. އަދި ﷲގެ އިސްމުފުޅު ކިޔައި ތިޔަބައިމީހުންގެ ކަންވާރުތަކުގައި މަތިޖަހައި ނިވާކުރާށެވެ. އެއީ އޭގެމަތީގައި (ކިތަންމެ ކުޑަ އެއްޗެއް) އަޅައިގެން ނަމަވެސްމެއެވެ. އަދި ތިޔަބައިމީހުންގެ ބައްތިތައް ނިއްވާށެވެ.” މިތާގައި ބައްތިތަކޭ މިބުނެވެނީ ފުޅިބައްތިފަދަ ތަކެއްޗަށެވެ. ބޮކިތައް ނިއްވާކަށް ނުޖެހޭނެއެވެ.

 ޝެއިޚް ވަޙީދް ޢަބްދުއްސަލާމްބާލީ ވިދާޅުވިއެވެ. މިޙަދީޘުގައި 5 ކަމަކަށް އަމުރުކުރައްވާފައިވެއެވެ. އެއީ ދަރީން ގެއިންނުނެރުމަށާއި، ދޮރުތައް ލެއްޕުމަށާއި، ޖާޑިތަކުގެމަތި ބާރުކުރުމަށާއި، ކަންވާރުތަކުގައި މަތިޖެހުމަށާއި، މިކަންކަން ކުރާއިރު ﷲގެ އިސްމުފުޅުކިޔުމަށާއި، ނިދާއިރު ބައްތިތައް ނިއްވުމަށެވެ. މީގެތެރެއިން ފުރަތަމަ ދެކަމުގެ ސަބަބު މަތީގައި ބަޔާންވެދިޔަ ޙަދީޘުގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ބަޔާންކޮށްދެއްވާފައެވެ.

ތިންވަނަ ކަމާއި، ހަތަރުވަނަ ކަމުގެ ސަބަބު އެކަލޭގެފާނުވަނީ އެހެން ހަދީޘެއްގައި ބަޔާންކުރައްވާފައެވެ. ޖާބިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނުވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. غَطُّوا الإِنَاءَ وَأَوْكُوا السِّقَاءَ وَأَغْلِقُوا الْبَابَ وَأَطْفِئُوا السِّرَاجَ فَإِنَّ الشَّيْطَانَ لاَ يَحُلُّ سِقَاءً وَلاَ يَفْتَحُ بَابًا وَلاَ يَكْشِفُ إِنَاءً فَإِنْ لَمْ يَجِدْ أَحَدُكُمْ إِلاَّ أَنْ يَعْرُضَ عَلَى إِنَائِهِ عُودًا وَيَذْكُرَ اسْمَ اللَّهِ فَلْيَفْعَلْ فَإِنَّ الْفُوَيْسِقَةَ تُضْرِمُ عَلَى أَهْلِ الْبَيْتِ بَيْتَهُمْ (رواه مسلم) “ކަންވާރުގެ މަތިޖަހައި ނިވާކުރާށެވެ. އަދި ފެންކަންވާރުގެ މަތި ބާރުކުރާށެވެ. އަދި ދޮރުލައްޕާށެވެ. އަދި ބައްތި ނިއްވާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ، މަތި ބާރުކޮށްފައިވާ ފެންކަންވާރެއްގެ މަތި ނުހުޅުވާނެއެވެ. އަދި ލައްޕާފައިވާ ދޮރެއް ނުހުޅުވާނެއެވެ. އަދި މަތިޖަހައި ނިވާކޮށްފައިވާ ކަންވާރެއްގެ މަތިނުނަގާނެއެވެ. ފަހެ ކަންވާރުގެ މަތިޖަހައި ނިވާކުރުމަށްޓަކައި ދަނޑިކޮޅެއް މެނުވީ ނުފެނިއްޖެނަމަ، ﷲގެ އިސްމުފުޅު ކިޔުމަށްފަހު އެއަޅައިގެންވެސް އެކަންވާރު ނިވާކުރާށެވެ. ފަހެ ހަމަކަށަވަރުން މީދާތައް އައިސް ގޭގެ އަހުލުވެރިންނާއެކު ގެ ރޯކޮށްފާނެއެވެ.” އެބަހީ، ބައްތިތައް ނުނިވައިފިނަމަ ޝައިޠާނުންގެ އަޢުވާނުންކަމުގައިވާ ކުދި މީދާތައް އެބައްތިން މުޅިގެ ރޯކޮށްފާނެއެވެ.

ފަސްވަނަ ކަމުގެ ސަބަބު އެކަލޭގެފާނު ވަނީ މަތީގައި ބަޔާންވެދިޔަ ޙަދީޘްގައި ބަޔާންކުރައްވާފައެވެ. އަދި ހަމައެހެންމެ އަބޫ ދާވޫދު ރިވާކުރައްވާފައިވާ ހަދީޘެއްގައިވެސް އެސަބަބު ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. عَنِ ابْنِ عَبَّاسٍ قَالَ جَاءَتْ فَأْرَةٌ فَأَخَذَتْ تَجُرُّ الْفَتِيلَةَ فَجَاءَتْ بِهَا فَأَلْقَتْهَا بَيْنَ يَدَىْ رَسُولِ اللَّهِ -صلى الله عليه وسلم- عَلَى الْخُمْرَةِ الَّتِى كَانَ قَاعِدًا عَلَيْهَا فَأَحْرَقَتْ مِنْهَا مِثْلَ مَوْضِعِ الدِّرْهَمِ فَقَالَ: إِذَا نِمْتُمْ فَأَطْفِئُوا سُرُجَكُمْ فَإِنَّ الشَّيْطَانَ يَدُلُّ مِثْلَ هَذِهِ عَلَى هَذَا فَتَحْرِقَكُمْ (رواه أبوداود وصححه الألباني) “އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މީދަލެއް އައިސް (ބައްތީގެ) ފީތާ ނަގައިގެން ދަމަމުންގޮސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިށީންދެވަޑައިގެން އިންނެވި މުސައްލަ މައްޗަށް، އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް އެއްލާލިއެވެ. އެހިނދު އެއިން ދިރުހަމެއްހައިތަން އެނދިއެވެ. ދެންފަހެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ނިދާއިރު، ތިޔަބައިމީހުންގެ ބައްތިތައް ނިއްވާށެވެ. ފަހެ ހަމަކަށަވަރުން މިކަންކަމަށް ޝައިޠާނާ މިފަދައެއްޗިއްސަށް މަގުދައްކައި ތިޔަބައިމީހުން އަންދާލަފާނެތެވެ.”

ޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ. “މީދަލަށް (ބައްތީގެ)ފީތާ ދަމަމުންދާން ވަސްވާސްދީ އެހީތެރިވަނީ ކޮންއެއްޗެއްކަން މިޙަދީޘުގައި މިވަނީ ބަޔާންކުރައްވާފައެވެ. އެއީ ޝައިޠާނާއެވެ. ފަހެ އިންސާނުންގެ ޢަދުއްވު (އެބައިމީހުން ހަލާކުކުރުމަށް) އެހީތެރިކަން މިހޯދަނީ، އެބައިމީޙުންގެ އެހެން ޢަދުއްވެއް ކަމުގައިވާ އަލިފާނުންނެވެ. ﷲތަޢާލާ އެއިލާހުގެ ދީލަތިވަންތަކަމާއި ރަޙުމަތުން އަހަރެމެން މަކަރުވެރީންގެ ކެހިވެރި މަޅިތަކުން ސަލާމަތް ކުރައްވާށިއެވެ! އެއިލާހީ އެންމެ އޯގާވަންތަ ރަޙީމްވަންތަ އިލާހެވެ.”

ޞަޙީޙް މުސްލިމްގައި ޖާބިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. لاَ تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتِ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتِ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ  (رواه مسلم) “ތިޔަބައިމީހުންގެ ނަޢަމުސޫފިތަކާއި ދަރީންތައް އިރުއޮއްސުމުން، ރޭގަނޑުގެ އަނދިރިކަމުގެ ފުރަތަމަވަގުތު ފާއިތުވެއްޖެއުމަށް ދާންދެން ދޫނުކުރާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުންތައް ފޮނުވެނީ(ބިންމަތީގައި ފެތުރެނީ) އިރުއޮއްސުމަށްފަހު ރޭގަނޑުގެ އަނިދިރިކަމުގެ ފުރަތަމަވަގުތު ނިމުމާ ހަމައަށެވެ.”

އިބްނުލް ޖައުޒީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެވަގުތުގައި އެމީހުން ފެތުރިގަންނަނީ، ދުވާލަށްވުރެ ރޭގަނޑުގައި އެމީހުންނަށް ޙަރަކާތްކުރުން ފަސޭހަވާނެތީއެވެ. އެހެނީ އަނދިރިކަމަކީ ޝައިޠާނީ ބާރު ގަދަކުރާ އެއްޗެކެވެ.”

ޢަބްދުﷲ ބިން އަޙްމަދު ބިން ޙަންބަލް ވިދާޅުވިއެވެ. “ހޫނުމޫސުމާއި ފިނިމޫސުމުގައިވެސް މެންދުރުވަގުތު، އަހުރެންގެ ބައްޕަ (އިމާމް އަޙުމަދު) ނިދިކުރައްވައެވެ. އަދި އަހުރެނަށް އެކަމަށް ބާރުއަޅުއްވައި ވިދާޅުވެއެވެ. ޢުމަރުބިން އަލްޚައްޠާބު ރަޟިޔަﷲޢަންހު ވިދާޅުވެއެވެ. ޤައިލޫލާ ކުރާށެވެ. (މެންދުރު ނިދާށެވެ.) ފަހެ ހަމަކަށަވަރުން ޝައިޠާނާ ޤައިލޫލާ ނުކުރެއެވެ.” ޝެއިޚް ވަޙީދު ޢަބްދުއްސަލާމްބާލީ ވިދާޅުވިއެވެ. މިއީ އަބޫ ނުޢައިމު  ރިވާކުރައްވާފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަގެ ޙަދީޘްފުޅެކެވެ. އަދި ޝެއިޚް އަލްބާނީ މިޙަދީޘުގެ ސަނަދު ރަނގަޅުކަމުގައި ވިދާޅުވެއެވެ.

– ނުނިމޭ –

________________________

އަޞްލު: وِقَايَةُ الْإِنْسَانِ مِنْ الْجِنِّ وَالشَّيْطَانِ

މި ސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް