الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޒަމާން މިވަނީ ބަދަލުވެފައެވެ. އަޅުގަނޑުމެން މިވަނީ “ތަރައްޤީވެ ތަހުޒީބުވެފައެވެ.” ނަމަވެސް މި”ތަރައްޤީއާއި ތަހުޒީބު”ގެ އަސާސީ ބިންގަލަކަށް އަޅުގަނޑުމެން ހަދާފައިމިވަނީ ހުޅަނގުގެ ޤައުމުތަކަށް އަޅުވެތިވުމެވެ. އިސްލާމްދީނުގެ ރިވެތި އުސޫލުތައް ދޫކޮށް ހުޅަނގުގެ ދޮންމީހުންގެ އުސޫލުތައް މިވަނީ ނަކަލުކުރެވިފައެވެ. ދިވެހިންގެ އަބުރުވެރި ދިރިއުޅުން ދޫކޮށް ހުޅަނގުގެ ދެކޮޅުނުޖެހޭ ވައްޓަވާޅި މިވަނީ ޚިޔާރުކުރެވިފައެވެ. މުވާޞަލާތީ ވަޞީލަތްތައްވެސް މިވަނީ ވަރަށް ބޮޑަށް ކުރިއަރާ ގޮއްސައެވެ. މިފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އެންމެ މަޤުބޫލުކަން ހޯދާފައިވާ މުވާޞަލާތީ ވަޞީލަތަކީ އިންޓަނެޓެވެ.
“އިންޓަނެޓަކީ އިންސާނުން އީޖާދުކުރި އެންމެ ފަހުގެ އަދި އެންމެ ބާރުގަދަ މުވާޞަލާތީ ވަޞީލަތެވެ. އާދައިގެ މީހަކު ކޮންމެ ހަފްތާއަކު އެތައް ގަޑިއިރެއް އިންޓަނެޓުގައި ހޭދަކުރެއެވެ. (މަޢުލޫމާތު) ހޯދުމާއި، ކިޔުމާއި، ލިޔުމާއި، (އެއްޗެހި) ދަސްކުރުމާއި، ޗެޓްކުރުމާއި، ގަނެވިއްކުމާއި އަދި މިފަދަ އެތައްކަމެއްގައެވެ. އެތައްބަޔަކު މި އަޖައިބުކުރުވަނިވި ތަނުން، ހަޔާތުގެ ބައިވެރިން ހޯދާކަމީ ހައިރާންކުރުވަނިވި ކަމެއް ނޫނެވެ! އަންހެނުންނާއި ފިރިހެނުން “ޗެޓްކޮށް”، އީމެއިލް ފޮނުވާ އަދި ޑިޖިޓަލް ފޮޓޯވެސް ބަދަލުކުރެއެވެ!
ނަމަވެސް އިންޓަނެޓްގެ ޒަރީއާއިން ނަހަމަ ގުޅުން ބާއްވާ އަދި ކައިވެނި ކުރުމުން ގިނަފަހަރު ނޭދެވޭ ނަތީޖާތައް ނުކުމެއެވެ. އެކަމުގައި ވަރަށްގިނަ ފާފަތަކާއި ނުވަތަ ސުވާލު އުފެދޭފަދަ ކަންތައް އެކުލެވިގެންވެއެވެ. އޭގެތެރެއިން ބައެއްކަންތައްތައް ތިރީގައި އެވަނީއެވެ.
1. އަނެއް ފަރާތުގައި ހުންނަ މީހާ ޝައުޤުވެރިކުރުމަށްޓަކައި، ތިމާގެ އަމިއްލަ ނަފްސުގެ ޚިޔާލީ ތަސައްވުރެއް ކޮންމެ މީހަކުވެސް ކުރަހާލައެވެ. އޭނާގެ (އަމިއްލަ ޞޫރަ) ސިފަކޮށްދެނީ އޭނާ އެދޭ ގޮތަށެވެ. ޙަޤީޤީ ސިފައިގައެއްނޫނެވެ! ކީބޯޑަކާއި މޮނިޓަރއެއް އަމިއްލަ، ބޮޑު ކޮޓަރިއެއްގައި ހުރުމުން މިފަދަ ޚިޔާލީ މީހަކަށް ހެދިގެން އުޅުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން މިފަދަ މުޢާމަލާތްތަކުގައި ދޮގުހެދުމާއި، އޮޅުވާލުން ވަރަށް ޢާންމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް އަސްމާ رضي الله عنها ރިވާކުރެއްވިއެވެ. (( الْمُتَشَبِّعُ بِمَا لَمْ يُعْطَ كَلاَبِسِ ثَوْبَىْ زُورٍ )) [أخرجه البخاري كتاب: النكاح/ باب: المتشبع بما… / رقم الحديث: ٥٢١٩، ومسلم كتاب: اللباس والزينة / باب: النهي عن التزوير… / رقم الحديث: ٥٥٤٨] މާނައީ: “އެމީހަކަށްނުވާ އެއްޗެއް ވާކަމަށްހަދާ ޒީނަތްތެރިވާމީހަކީ ހީލަތްތެރިކަމުގެ ދެފޭރާންލާ މީހެއްފަދަ މީހެކެވެ.”
2. އަންހެން ކުއްޖެއްގެ ވާންއުޅޭ ފިރިމީހާގެ ޢާއިލާއާއި، ރައްޓެހިންނާއި، އޭނާގެ ސުލޫކާއި އަދި އޭނާގެ ތަނަވަސްކަންފަދަ ކަންކަން ބެލުން އެއީ ޢާންމުގޮތެއްގައި އަންހެން ކުއްޖާގެ ވަލީވެރިޔާގެ ޒިންމާއެކެވެ. ނަމަވެސް އިންޓަނެޓުގެ ޒަރީއާއިން ނަހަމަގުޅުން ބޭއްވުމުން މިހުރިހާކަމެއް އެއަންހެން ކުއްޖާގެ އަތްމައްޗަށް ދޫކޮށްލައެވެ. އަދި އޭނާގެ އަމިއްލަ ނަފްސަކީ އެންމެ ފަހުގެ ނިޔާ ކަނޑައަޅާ ފަނޑިޔާރުކަމުގައިހަދައި، އޭނާގެ އިޙްސާސްތަކާއި އެގުޅުންބާއްވާމީހާގެ މަކަރުވެރިކަމުން ހަޔާތުގެ އެންމެ މުހިންމު ނިންމުން ނިންމައެވެ!
3. އަގުހުރި ވަގުތުގެ ބޮޑުބައި ފަށުވި އިބާރާތްތަކުން އީމެއިލް ލިޔުމުގައާއި އަގެއްނެތް “ޗެޓްކުރުންތަކުގައި” ބޭކާރުކޮށްލައެވެ. ޢަބްދުﷲ ބިން މަސްޢޫދު އަދި އަބޫ ބަރްޒާ رضي الله عنهما ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(( لَا تَزُولُ قَدَمَا ابْنِ آدَمَ يَوْمَ الْقِيَامَةِ مِنْ عِنْدِ رَبِّهِ حَتَّى يُسْأَلَ عَنْ خَمْسٍ : عَنْ عُمُرِهِ فِيمَ أَفْنَاهُ ، وَعَنْ شَبَابِهِ (أَوْ جِسْمِهِ) فِيمَ أَبْلَاهُ ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ ، وَفِيمَ أَنْفَقَهُ ، وَمَاذَا عَمِلَ فِيمَا عَلِمَ )) [أخرجه الترمذي كتاب: صفة القيامة… / باب: في القيامة / رقم الحديث: ٢٤١٦ / وصححه الألباني في الصحيحة ٩٤٦]
މާނައީ: ” ފަސް ކަމަކާމެދު ސުވާލު ވެވިއްޖައުމަށްދާންދެން، ޤިޔާމަތް ދުވަހުން އާދަމުގެ ދަރިޔާގެ ފައިތިލަ އޭނާގެ ރައްބުގެ ޙަޟްރަތުން ގުޑުވާނުލެވޭނެއެވެ. އެއީ އޭނާގެ ޢުމުރު ފަނާކުރިގޮތާއި، އޭނާގެ ޒުވާންކަން (ނުވަތަ އޭނާގެ ހަށިގަނޑު) ބޭނުންކުރިގޮތާއި، އޭނާގެ މުދާ ހޯދިގޮތާ އަދި އެ ހޭދަކުރިގޮތާއި އަދި އޭނާއަށް އެނގުނު ޢިލްމަކަށް ޢަމަލުކުރިގޮތެވެ.”
4. ޢާންމު ގޮތެއްގައި ޑިޖިޓަލް ފޮޓޯ ބަދަލުކުރެވެއެވެ. …މިކަމަކީ ވަރަށް ބޮޑަށް މަނާކުރެވިގެންވާކަމެކެވެ. އަދި ޚާއްސަކޮށް އެއީ މިފަދަ ފޮޓޯ ކޮމްޕިއުޓަރުގައި ރައްކާކޮށްފައި ބަހައްޓާ، އިންޓަނެޓާއި އެފަދަ ވަސީލަތްތަކުން “ޝައުޤުވެރިވާ” ފަރާތްތަކުގެ މެދުގައި މިތަކެތި ބަދަލުކުރެވޭތީއެވެ.
5. މިފަދަ ގިނަ ޙާދިޘާތަކުގައި، އިންޓަނެޓުން މުޢާމަލާތު ކުރެވެނީ ފިރިހެނަކާއި ކައިވެނިކޮށްގެންއުޅޭ (ގިނަފަހަރަށް ދަރިންވެސް ތިބި) އަންހެނަކާއި ދެމެދެވެ! މި އަންހެންމީހާއަށް އޭނާގެ ފިރިމީހާގެ ކުށްތައް ވަރަށް ބޮޑުކޮށް ފެންނަން ފަށައެވެ. އަދި އޭނާ އިންޓަނެޓުން ޗެޓްކުރާމީހާގެ ހިޔާލުތައް އިތުރުވެއެވެ. އަދި އޭނާ ޔަޤީންކުރާގޮތުގައި، އެމީހާއަކީ އޭނާގެ ފިރިމީހާއާއި އެކު އެދިރިއުޅޭ ހިތްދަތި ދިރިއުޅުމުން ސަލާމަތްކޮށްދޭނެ ފުރިހަމަ ބަޠަލެކެވެ. އޭނާއަށް ދުވަހަކުވެސް ބައްދަލުވެފައި ނެތް ބަޠަލަކާއި ގުޅުމަށްޓަކައި ވަރިވާން ނުވަތަ ފިރިމީހާގެ ގެއިން ފިލައިގެންދާ އަންހެނުންގެ ވަރަށް ގިނަ ޙާދިޘާތަކެއް އަހަރެމެންނަށް ވަނީ ފެނިފައެވެ! އަންހެނަކު އޭނާގެ ފިރިމީހާއާއި ދެކޮޅުވެރިކުރުމަކީ ވަރަށް ބޮޑު ފާފައެކެވެ.
މަތީގައި ބަޔާންކުރެވުނު ސަބަބުތަކުގެ އިތުރުންވެސް އެތަކެއް ސަބަބުތަކެއް ހުރުމާއެކު، އިންޓަނެޓު މެދުވެރިކޮށް ގުޅުންތައް ބޭއްވުމަކީ ނުރައްކާތެރި އާދައެކެވެ. އަދި ޞާލިޙު މުސްލިމުން މިކަމުން ވަރަށް ބޮޑަށް ދުރުހެލިވާންޖެހެއެވެ.” 1
މައިގަނޑުގޮތެއްގައި މިލިޔުމުގައި އަލިއަޅުވާލެވިފައިވަނީ އިންޓަނެޓު މެދުވެރިކޮށް ފެށޭ ނަހަމަގުޅުންތަކުގެ މައްޗަށް ކަމުގައިވިޔަސް، އަޅުގަނޑުމެން ސަމާލުވާންވީކަމަކީ ހިލޭ ފިރިހެނަކާއި އަންހެނަކާއި ދެމެދު ބޭއްވޭ ކޮންމެ ނަހަމަ ޤުޅުމަކުން ޝައިޠާނާ ފުރުޞަތު ހޯދާނެކަމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (( …أَلَا لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا كَانَ ثَالِثُهُمَا الشَّيْطَانُ… )) [أخرجه الترمذي كتاب: الفتن… / باب: ما جاء في لزوم الجماعة / رقم الحديث: ٢١٦٥ وصححه الألباني في الصحيحة ٤٣٠] މާނައީ: “ދަންނާށެވެ! (ހިލޭ) ފިރިހެނަކު (ހިލޭ) އަންހެނަކާއެކު އެކަހެރިވުމުން ތިންވަނަ މީހަކަށް ޝައިތާނާ ނުވެ ނުމެވެ.”
މިއީ ވިސްނާ ފިކުރުކުރާ މީހަކަށް ޢިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ. ﷲ ތަޢާލާ އިންސާނުންނަށް ބުއްދި ދެއްވީ ވިސްނާ ފިކުރުކުރުމަށްޓަކައެވެ. މިބުއްދީގެ ބޭނުން ހެޔޮގޮތުގައިހިފާ ހެޔޮ މަގަށް ރުޖޫޢަވާން އަދިވެސް ލަހެއްނުވެއެވެ. ﷲ ތަޢާލާ ގަދަފަދަވެގެންވާ ހިތްޕެވުމަކުން ނުހިއްޕަވަނީސް ޣާފިލްކަމުގެ ނިދިން ހޭލާ، އިޚްލާސްތެރި ހިތަކާއެކު އެކަލާނގެ ޙަޟްރަތުން ތައުބާވުމަށް އަވަސްވެގަންނަންވީއެވެ. ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް އިސްލާމްދީނުގައި ފައިތިލަ ޘާބިތުކުރުމުގެ ތައުފީޤު މިންވަރުކޮށްދެއްވުމެވެ.
_____________________________________________
[1] އަލްކިތާބް އެންޑް އައްސުންނަތް ޕަބްލިޝިން އިން ޗާޕްކޮށްފައިވާ (ދަ ކުއެސްޓް ފޯރ ލަވް އެންޑް މާސީ- މުޙައްމަދު އަލްޖިބާލީ) އެފޮތުން ނަގާފައި