ސަޢުދު ބިން އަބީ ވައްޤާސް ރަޟިޔަﷲ ޢަންހު އިސްލާމްވުމަށްފަހުގައި، އެކަލޭގެފާނަށް ތަޖުރިބާކުރައްވަން ޖެހިވަޑައިގަތީ ވަރަށްވެސް ހިތްދަތި ދުވަސްތަކަކެވެ. އެކަލޭގެފާނަށް ﷲ ތަޢާލާގެ ހަޟްރަތުން ކުރިމަތިވި އިމްތިޙާނަކީ، ވަރުގަދަ އީމާނެއްގެ ވެރި އަޅަކަށް މެނުވީ ތަޙައްމަލު ނުކުރެވޭނޭ ފަދަ ބޮޑު އިމްތިޙާނެކެވެ. އެކަލޭގެފާނު މި އިމްތިޙާނުން ފާސްވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ކުރިމަތިވި ކަންތަކާއި ގުޅިގެން ﷲ ތަޢާލާ ވަނީ ކީރިތިޤުރުއާނުގައި އާޔަތެއް ބާވައިލައްވާފައެވެ.
ސަޢުދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އަނދިރިކަމުގެ މައްޗަށްވާ އަނދިރިކަމެއްގެ ތެރެއަށް ތިމަންކަލޭގެފާނު ޣަރަޤުވާތީ، ތިމަންކަލޭގެފާނު އިސްލާމްވުމުގެ ތިންރޭކުރިން ހުވަފެނުގައި ފެނިވަޑައިގަތެވެ. އެ ބިޔަރާޅުތަކުގެ ތެރޭގައި ތިމަންކަލޭގެފާނު ވަނިކޮށް ހަނދެއްގެ އަލިކަން ތިމަންކަލޭގެފާނާއި ހަމައަށް ފޯރިއެވެ. ދެން އެއަލިކަމާއި ދިމާއަށް ތިމަންކަލޭގެފާނު ވަޑައިގެންނެވީމެވެ. އެހިނދު ތިމަންކަލޭގެފާނަށްވުރެ ކުރިން އެ ހަނދުގެ ކައިރިއަށް ގޮސްފައިވާ ބަޔަކު ތިމަންކަލޭގެފާނުގެ ކުރިމަތިން ފެނިވަޑައިގެންނެވިއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ، ޒައިދު ބިން ޙާރިޘާއާއި، ޢަލީ ބިން އަބީ ޠާލިބާއި އަބޫބަކުރުއްޞިއްދީޤު އެވެ. (ރަޟިޔަﷲ ޢަންހުމް)
ތިމަން އެބޭކަލުންނަށް ދެންނެވީމެވެ. މިތަނުގައި ތިޔަބޭކަލުން ތިޔަ ތިއްބެވީ ކޮން އިރަކުން ފެއްޓިގެން ހެއްޔެވެ. އެބޭކަލުން ދެންނެވިއެވެ. (ތިމަންބޭކަލުން މިތަނަށް އައީ) ހަމަދެންމެޔަކުއެވެ.
ދެން، ހެނދުނުވުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސިއްރިޔާތުގައި އިސްލާމްދީނަށް ގޮވާލައްވާ ޚަބަރު ތިމަންކަލޭގެފާނާއި ހަމައަށް ފޯރައިފިއެވެ. ﷲ ތަޢާލާ ތިމަންކަލޭގެފާނަށް ހެވެއް އިރާދަކުރައްވައި، އޭގެ ސަބަބުން ޖާހިލިއްޔަތުގެ އަނދިރިކަމުން އިސްލާމްދީނުގެ އަލިކަމުގެ ތެރެއަށް ތިމަންކަލޭގެފާނު ނެރުއްވަން ﷲ ތަޢާލާ އިރާދަކުރެއްވީކަމުގައި، ތިމަންކަލޭގެފާނަށް ވިސްނިވަޑައިގެންނެވިއެވެ.
ދެން ތިމަންކަލޭގެފާނު އަވަސްވެގަތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ބައްދަލުކުރުމަށް ވަޑައިގަތުމަށެވެ. ތިމަންކަލޭގެފާނާއި، އެކަލޭގެފާނު ބައްދަލުވީ ޖިޔާދު ޤަބީލާގެ ތެރޭގައި ހުންނަވަނިކޮންނެވެ. ދެން ތިމަން އިސްލާާމްވީމެވެ. ތިމަންކަލޭގެފާނަށް ހުވަފެނުގައި ފެނިވަޑައިގެންނެވި ތިން ބޭކަލުން ފިޔަވައި، އިތުރު މީހަކު، އިސްލާމުވުމުގައި ތިމަންކަލޭގެފާނަށްވުރެ ކުރި އަރައިނުދެއެވެ.
އިސްލާމްވުމުގެ ކުރީގައިވެސް ތިމަންކަލޭގެފާނަކީ މައިންބަފައިންނަށް ހެޔޮކޮން ހިތާ ބޭކަލެއްކަމުގައި ވީމެވެ. ނަމަވެސް ތިމަންކަލޭގެފާނު އިސްލާމްވުމުގެ ޚަބަރު މަންމައަށް ލިބުމުން، މަންމަގެ ހިތުގައި ރުޅިވެރިކަމުގެ ހުޅުގަނޑު ރޯވިއެވެ. މަންމަ ބުންޏެވެ.
އޭ ސަޢުދެވެ. ކަލޭގެފާނުގެ މަންމައާއި ބައްޕަގެ ދީން ދޫކޮށް، ކަލޭގެފާނު ތިޔަ ޤަބޫލިކުރީ ކޮން ހެވެއް އޮތް ދީނެއް ހެއްޔެވެ! ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ތިޔަ އާ ދީން، ދޫކޮށްލާހުށިކަމެވެ. އެހެންނޫނީ، ތިމަން މަރުވެއްޖައުމަށް ދާންދެން، އެއްވެސް އެއްޗެއް ނުކާނަމެވެ. އަދި އެއްވެސް އެއްޗެއް ނުބޯނަމެވެ. އެހިނދުން ތިމަންނައަށްޓަކައި، ކަލޭގެފާނުގެ ހިތް ހިތާމައިން ކުދިކުދިވެދާނެތެވެ. އަދި ތިޔަކުރި ކަންތަކުގެ މައްޗަށް ކަލޭގެފާނު ދެރަވާންޖެހޭނެއެވެ. އަދި ޒަމާން ދެމިއޮތްހާ ހިނދަކު މީސްތަކުން އެވާހަކަ ދައްކާނެތެވެ.
ތިމަން ބުނީމެވެ. އޭ މަންމާއެވެ. ތިޔަގޮތަށް ކަންތައް ނުކުރާށެވެ. އެއްވެސް ކަމަކަށްޓަކައި ތިމަން، ތިމަންނަގެ ދީން ދޫކޮށެއްނުލާނަމެވެ.
އެހެންނަމަވެސް ކެއުން ބުއިން ދޫކޮށް، މަންމަ އެބުނި ބަހުގައި ހިފަހައްޓައިގެން ހުއްޓެވެ. އެގޮތުގައި ނުކައި ނުބޮއި ހުރުމުގެ ސަބަބުން މަންމަގެ ހަށިގަނޑު އަނަރޫފަވެ، ކަށިތަށް ނިކަމެތިވެ ގައިގެ ބާރުދެރަވާންފެށިއެވެ. އެހެންކަމުން، ތިމަންނަ އިރުއިރުކޮޅުން މަންމަގެ ގާތަށްގޮސް، ކުޑައެތިކޮޅެއްނަމަވެސް ކާލުމަށް ނުވަތަ ބޯލުމަށް އެދެމުން ދިޔައީމެވެ. ނަމަވެސް ކުރިޔަށްވުރެ ބޮޑަށް މަންމަ އެކަމަށް ދެކޮޅުހެދިއެވެ. އަދި ތިމަންކަލޭގެފާނު އިސްލާމްދީން ދޫކޮށްލަންދެން ނުވަތަ މަންމަ މަރުވަންދެން އެގޮތުގައި ނުކައިހުރުމަށް ހުވާކުރިއެވެ.
އެ ހިނދު ތިމަންކަލޭގެފާނު މަންމައަށް ބުނީމެވެ. އޭ ލޯބިވާ މަންމާއެވެ. މަންމަ ދެކެ ތިމަންނާ ވަރަށްބޮޑަށް ލޯބިވެއެވެ. ނަމަވެސް ﷲ އާއި އެއިލާހުގެ ރަސޫލާއަށް އޮތްލޯބި މާބޮޑެވެ. އަދި ﷲ ގަންދީ ބުނަމެވެ. މަންމައަށް 1000 ފުރާނަ ލިބިފައި، ފުރާނައަކަށްފަހު ފުރާނައެއް، މަންމަގެ ހަށިގަނޑުން ނުކުމެގެން ދިޔަކަމުގައިވިޔަސް، އެއްވެސް ކަމަކަށްޓަކައި ތިމަންނަގެ މި ދީން ދުލެއްނުކުރާނަމެވެ.
ތިމަންކަލޭގެފާނު އިސްލާމްދީނަށްޓަކައި އޮތް ލޯބި ފެނި، ތިމަންކަލޭގެފާނު ބަދަލުނުވާނެކަން އެނގުމުން މަންމަ ގޮތްދޫކުރިއެވެ. ނުރުހި ހުރެގެންވެސް ކައިބޮއި ހަދަން ފަށައިފިއެވެ. ދެންފަހެ ﷲ ތަޢާލާ މިއާޔަތް ބާވައިލައްވައިފިއެވެ.
(( وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ )) ﴿١٥﴾ سورة لقمان މާނަ: ” އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް، ތިމަންއިލާހާއި ޝަރީކުކުރުމަށް، އެ ދެމީހުން(މައިންބަފައިން) ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ ޙަޟްރަތަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބަޢަވާށެވެ! ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަވުން ވަނީ ތިމަންރަސްކަލާނގެ ހަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލު ތަކުގެ ޚަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. “