[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބީބޭކަލުން ފިޔަވައި މަޢުޞޫމު ބަޔަކު ނުވެއެވެ.

الحمد لله الذي هدانا وما كنا لنهتدي لولا أنْ هدانا الله . والصلاة والسلام على من بعثه الله رحمة للعالمين بشيرا و نذيرا وداعيا إلى الله بإذنه وسراجا منيرا.

ހަނދާންކޮށްދިނުމުން، މުއުމިނުންނަށް ފައިދާކުރާނެކަމުގައި ﷲ ތަޢާލާ އަންގަވާފައިވެއެވެ.

އާދެ! ﷲ ތަޢާލާގެ ނަބިއްޔުން ފިޔަވައި، އެއްވެސް މީހަކީ ކުށްކުރެވުމުން  ސަލާމަތް ވެގެންވާ  މަޢުޞޫމު ބައެއްނޫނެވެ. (މާނައަކީ އެބޭކަލުންނަށް ކުށެއް ކުރެވިއްޖެ ކަމުގައިވާނަމަ، ﷲ ތަޢާލާ އެބޭކަލުންނަށް އެކަމެއްގެ ރަނގަޅު ގޮތް ވަގުތުން އަންގަވައިދެއްވުމެވެ.)  ނަބީ ބޭކަލުންނަށްފަހުގައި، ދުނިޔޭގައި ދިރިއުޅުއްވި އެންމެ މާތް ބަޔަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނެވެ. އެބޭކަލުންގެ ތެރެއިންވެސް އަބޫބަކުރު ގެފާނެވެ. (ރިޟްވާނުﷲ ޢަލައިހިމް) . އެ ބޭކަލުންނަކީވެސް ކުށްކުރެވުމުން ސަލާމަތްވެގެންވާ ބޭކަލުންނެއް ނޫނެވެ. ޚުލަފާއުއް ރާޝިދޫންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނު ޚަލީފާ ކަމަށް އިސްކުރެވުމަށްފަހުގައި ދެއްވި ފުރަތަމަ ޚުތުބާގައި ވިދާޅުވިއެވެ. (( ހަމަކަށަވަރުން ތިމަންކަލޭގެފާނު، ތިޔަބައިމީހުންގެ ވެރިޔަކަށް އިސްކުރެވިއްޖެއެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހާ ކަމުގައި ނުވެދާނެއެވެ. ތިމަންކަލޭގެފާނަށް ރަނގަޅަށް ކަމެއްކުރެވިއްޖެނަމަ ތިޔަބައިމީހުން އެކަމުގައި ތިމަންކަލޭގެފާނަށް އެއްބާރުލުން ދޭށެވެ. އަދި ތިމަންކަލޭގެފާނަށް ކުށެއްކުރެވިއްޖެ ނަމަ، ތިޔަބައިމީހުން އެކަން، ތިމަންކަލޭގެފާނަށް ރަނގަޅުކޮށްދޭށެވެ. )) ސުބްޙާނަﷲ. އެ މާތް ޞަޙާބީ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ތަވާޟުޢުވެރިކަމާއި، އެފަދަ މަޤާމަކަށް އިސްކުރެވުމުންވެސް ބޮޑާކަމެއް ނެއްކަމާއި، އަދި އެންމެ މާތް ޞަޙާބީއަށް އެކަލޭގެފާނު ވީ ހިނދުގައިވެސް، އެކަލޭގެފާނަށްވެސް ކުށެއް ކުރެވިދާނެކަމަށް، ޚުދް އެކަލޭގެފާނު އިޢްތިރާފުވެ ލައްވައެވެ.

ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެ މީހެއްކަން ޤަބޫލުކުރަން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ސަލަފުއްޞާލިޙުންގެ މަގަކީ އެއީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަދަރުސާއިން ފުރިހަމަ ތަރުބިއްޔަތާއި ޢިލްމު ހާޞިލްކުރެއްވި މާތް ޞަޙާބީންވެސް އެބޭކަލުންނަކީވެސް ކުށުން، ސަލާމަތްވެފައިވާ ބައެއްނޫންކަމަށް ޤަބޫލުކުރައްވައެވެ. އަޅުގަނޑުމެންނަށް އޮތީ އެބޭކަލުންގެ މަގުން ހިނގުމެވެ.
މިއަދު އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު މުޞީބާތަކީ، މިމަންހަޖާއި ޚިލާފަށް ބައެއްބޭފުޅުންނަށް ޢަމަލުކުރެވުމުން ދިޔުމެވެ. ނުވަތަ އެކަމާއިމެދު ޖާހިލުވެފައި ވުމެވެ. ނަބީބޭކަލުންނަށް ޚާއްސަ މި މަޢުސޫމުކަމުގެ ސިފަ، އެނޫން މީހުންނަށް ނިސްބަތްކުރުމުގެ މުޞީބާތެވެ. އޭގެ ސަބަބުން އެތައް ބަޔަކު މަގުފުރެދިގެން ދަނީއެވެ. ވަކި މިވެނި ޝެއިޚެއްގެ ބަސް ނޫނީ ތިމަންނަ ގަބޫލު ނުކުރާނެކަމަށް ބުނާކުދިން ދިވެހި ރާއްޖޭގައިވެސް އެބަ އުޅެއެވެ. އެކުއްޖަކު ގަބޫލު ކުރާ ޝެއިޚަކީ ހަމައެކަނި ޢިލްމު ނެގުން ހުއްދަވާ ޝެއިޚުކަމަށް ޤަބޫލުކޮށް، ހައްޤެއް ބާތިލެއް ބެލުމެއްނެތި، ތަބާވަމުން ދަނީއެވެ. އޭގެ ސަބަބުން ތިމާ މަގުފުރެދި، އެހެންމީހުންނަށް ގޯސްމަގު އަންގާދެވޭ އިރުވެސް އިޙްސާސެއްނުވެއެވެ. ތިމާ ގަބޫލުކުރާ ޝެއިޚުގެ ދުލުން، ކުށްބަހެއް ނުކުމެދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. މިއީ މިއަދު ވަރަށް ހިތާމަކުރަން ޖެހޭ ކަމެއްކަމުގައި ދަންނަވަން ޖެހެއެވެ.

އެހެނީ، މިއީ އަޅުގަނޑުމެންގެ ސަލަފުއްޞާލިޙުންގެ މަންހަޖެއްނޫނެވެ. މިފަދަ މަންހަޖެއް ސަލަފުންނަށް ނިސްބަތްކުރެވޭނީ ކިހިނަކުންތޯއެވެ. މަތީގައި ބަޔާންކުރެވިގެންދިޔަ، އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ މިޘާލަށް ބަލާލިކަމުގައިވިޔަސް މިކަން ޔަޤީންކުރެވޭނެއެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއްނޫނެވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ބަސްފުޅު، އެފަދައިން ބަޔާން ވެފައިވާއިރު، ކުށްބަސް ބުނެވުމާއި ކުށްކުރެވުމުން ދެން ސަލާމަތްވާނީ އޭގެފަހުން އަންނަ ކާކުތޯއެވެ؟ އެއީ އުއްމަތުގެ އެންމެ މާތްބޭކަލުންނެވެ. އެންމެމާތް ސަލަފުންނެވެ. އިމާމް މާލިކު ރަޙިމަހުﷲ މަސްޖިދުއްނަބަވީގައި، ދަރުސް ދެއްވަން އިންނަވާފައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޤަބުރުފުޅަށް އިޝާރަތްކުރައްވައި ވިދާޅުވިއެވެ. (( މި ޤަބުރުގައި އޮތް ކަލޭގެފާނު ފިޔަވައި، އެމީހެއްގެ ބައެއްބަސްތައް ޤަބޫލުކޮށް، އަނެއްބައި ބަސްތައް ދޫކޮށްލަން ނުޖެހޭ އެކަކުވެސް މީސްތަކުންގެ ތެރޭގައި ނުވެއެވެ. )) މިއީ އުއްމަތުގެ ބޮޑު އިމާމެއްގެ ބަސްފުޅެވެ.
އެހެންކަމަށްވާއިރު، އަޅުގަނޑުމެންގެ ތެރެއިން އާދައިގެ މީހެއްގެ ޙާލަތު ހުންނާނީ ކިހިނަކުންތޯއެވެ. އިމާމް މާލިކު ރަޙިމަހުﷲ ގެ ބަސްފުޅުގެ މުރާދަކީ، އެމީހަކީ ކިތައްމެ މޮޅު ޢިލްމުވެރިއެއްކަމުގައި ވިޔަސް، އެމީހަކަށް ކުށެއް ކިޔިދާނެކަމާއި، ކިތައްމެ މޮޅުވިޔަސް ނޭންގޭ އެއްޗެއް އޮވެދާނެކަމެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި، އަޅުގަނޑުމެން ސައްތައިން ސައްތަ، ތަބާވާން ޖެހޭ އެކަކުވެސް ނެތެވެ. އެއީ ކިތައްމެ މޮޅު މީހަކަށް ވިޔަސް، އެމީހާއަށްވެސް ކުށެއް ކިޔިދާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ.
ކުރީގައި ބަޔާންކުރެވުނު، އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ޚުތުބާއިން އަޅުގަނޑުމެންނަށް ލިބޭ އިބްރަތަކީ، އެކަލޭގެފާނުގެ ތަވާޟުޢުވެރިކަމެވެ. ޢިލްމުވެރިކަމާއި މަޤާމުގެ ސަބަބުން ކިބުރުވެރިވެ އެހެން މީސްތަކުންގެ މައްޗަށް ބޮޑާވުމެއް ނެއްކަމެވެ. ނަމަވެސް ހިތާމަޔަކީ މިއަދު މިކަން މިވަނީ ބަދަލުވެފައެވެ. މިއަދު ފެންނަނީ، ބައިބައިވުމާއި، ދެކޮޅުވެރިވުމަށް މަގުފަހިވާފަދަ މަންޒަރުތަކެވެ. ކޮންމެ ކަމެއްގައި ތިމާގެ ރައުޔާއި(ދެކޭގޮތާއި) ދީމާނުވާ ކޮންމެ ޝެއިޚެއްނަމަ “މަންހަޖުން” ބޭރުކުރުމެވެ. އަދި އެ ޝެއިޚަކާއި މެދު މީސްތަކުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރުމެވެ. މިއީ މަދުންނަމަވެސް މިއަދު ފެންނަ ކަމެކެވެ. މިއީ ސަލަފުއްޞާލިޙުންގެ ކިބައިން ފެނިފައިވާ ކަމެއް ނޫނެވެ. ލާ ޙައުލަ ވަލާ ޤުއްވަތަ އިއްލާ ބިﷲ. ﷲ ތަޢާލާ އަޅުގަނޑަށާއި، ތިޔަ އެންމެހައި އަޚުންނާއި އުޚްތުންނަށް ހިދާޔަތް ދެއްވާށި!

ސަލަފިއްޔަތާއި އަހުލުއްސުންނާ އާއި އެއީ ވަކިނުކުރެވޭނެ ދެ އެއްޗެކެވެ. ދެ ނަމެއް ކިޔުނު ކަމުގައި ވިޔަސް، ކީރިތި ޤުރުއާނާއި ސުންނަތުގެ މައްޗަށް އެއްބައިވެ، އެދެ މަޞްދަރަށް ޢަމަލުކުރުމުގައި ސަލަފުއްޞާލިޙުންގެ މަގަށް ތަބާވި މީހުންނަކީ ސަލަފީންނެވެ. އެއީ އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އަހުލުވެރިންނެވެ. އެއިން މީހަކު އުމުރު ދުވަހުގައި، އެންމެ ފަހަރަކުވެސް، ތިމަންނާއަކީ ސަލަފީއެކޭ ނުބުނި ކަމުގައިވިޔަސް، އެމީހަކީ ސަލަފުންގެ މަންހަޖުން ބޭރުވެފައިވާ މީހެކޭ ނުބުނެވޭނެއެވެ. އެއީ ކުރެވޭ ލޭބަލެއްނޫނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއްނޫނެވެ. ސުވަރުގެ ޔަޤީންވެފައިވާމީހެއްނޫނެވެ. ސަލަފުންގެ މަންހަޖަކީ، ހިންގާ ކޮމެޓީއެއްގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާއެއްނޫނެވެ. ތިމާ ބޭނުންމީހަކު މަންހަޖައްވައްދައި، ތިމާ ނުރުހޭ މީހަކު މަންހަޖުން ނެރެހަދަން އަޅުގަނޑުމެންނަކީ ކޮންބައެއްތޯއެވެ؟ ތިމާ ހުރީ ހައްޤު ގައިކަމަށާއި، ތިމާއަށް ގޯހެއް ނުހެދޭނެކަމަށް ޤަބޫލުކޮށް، އެހެންމީހުންނަށް އެއްޗެހިގޮވާ ހަދާނީ އެންމެ ނިކަމެތިމީހާއެވެ. އަޅުގަނޑުމެންނަށް އޮތީ ﷲ ތަޢާލާގެ ހަޟްރަތުގައި ހައްޤަށް މަގު ދައްކަވައި ދެއްވުމަށް އެދި ދުޢާ ދެންނެވުމާއި އެކު އެކަމަށް މަސައްކަތްކުރުމެވެ. ހިދާޔަތަށް ތަވްފީޤު ދެއްވާފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. ފުރައްސާރަ ކުރާމީހާއަށްވުރެ، ފުރައްސާރާ ކުރެވޭ މީހާ ﷲ ތަޢާލާގެ ހަޟްރަތުގައި މާ ހެޔޮވެދާނެއެވެ. އަމިއްލަ ނަފްސާއިމެދު ފަޚުރުވެރިވެ، ތިމާއަކީ އެންމެ ފުރިހަމަ މީހާކަމުގައި ނުދެކޭށެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ((فَلَا تُزَكُّوا أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ ))﴿٣٢﴾ سورة النجم މާނަ: ” ފަހެ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތަޢުރީފުކޮށް ފަޚުރުވެރިނުވާށެވެ! ތަޤުވާ ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. “