[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަސްމަލާގެ ތަފްސީރު

بسم الله الرحمن الرحيم

الحمد لله والصلاة والسلام على أشرف الأنبياء والمرسلين نبيِّنا محمّد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين.

އަރަބި ބަހުގައި “ބަސްމަލާ” ގެ މާނައަކީ بسم الله الرحمن الرحيم ކިއުމެވެ. ހަމަ އެގޮތަށް حسبنا الله ونعم الوكيل ކިޔުމަށް “ޙަސްބަލާ” މިލަފުޒު ބޭނުން ކުރެވެއެވެ. އަދި لا حول ولا قوة إلا بالله ކިޔުމަށް “ޙައުޤަލާ” މިލަފުޒު ބޭނުން ކުރެވެއެވެ. އަދިވެސް މިފަދައިން ބައިވަރު ލަފުޒުތައް ޢަރަބި ބަހުގައި ބޭނުން ކުރެވެއެވެ.

ރަނގަޅު ކޮންމެ ކަމެއް ފެށުމުގެ ކުރިން ބިސްމި ކިޔުމަކީ މުސްތަޙައްބު ވެގެންވާ ކަމެއްކަމަށް އަލްޙާފިޠް އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ.

ބިސްމީގައި މުޅިއެކު ﷲ سبحانه وتعالى ގެ 3 އިސްމުފުޅު ހިމެނިގެން ވެއެވެ. އެއީ ﷲ، الرحمن، الرحيم އެވެ.

-ފުރަތަމައީ ﷲ އެވެ. މި ނަންފުޅުގެ އަޞްލަކީ الإله އެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބަށް ޚާއްޞަ ވެގެންވާ ނަމެކެވެ. އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނަން ބޭނުން ކުރުން ހުއްދަ ވެގެން ނުވެއެވެ.

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ.  الله ذو الألوهية، والعبودية على خلقه أجمعين “ﷲ އީ، އެފަރާތަކަށް އަޅުކަންކުރުން ހުރިހާ ޚަލްޤުތަކުންގެ މައްޗަށް ވާޖިބުވެގެންވާ އިލާހުވަންތަ ރަސްކަލާނގެއެވެ. “

-ދެވަނައީ الرحمنއެވެ. މިއީ ވެސް ﷲ سبحانه وتعالى އަށް ޚާއްޞަވެގެންވާ އިސްމުފުޅެކެވެ. މިއިސްމަކީވެސް އަލްޚާލިޤް، އައްރާޒިޤް މިފަދަ އިސްމުފުޅުތައް ފަދައިން ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނިސްބަތްކޮށް ބޭނުން ނުކުރެވޭނެ އިސްމެކެވެ. الرحمن އަކީ އެންމެހައި މަޚްލޫޤުންގެ މައްޗަށް އެފަރާތެއްގެ ރަޙްމަތް ތަނަވަސް ވެގެންވާ ފަރާތެވެ. އެއީ ހަމައެކަނި ﷲ عز وجل އެވެ.

-ތިންވަނައީ الرحيم އެވެ. މިއީވެސް ﷲ سبحانه وتعالى ގެ އިސްމު ފުޅެކެވެ. މި އިސްމު ފުޅު ނިސްބަތްވަނީ، އެއިލާހު އިރާދަ ކުރައްވާ އަޅަކަށް ލައްވާ ރަޙުމަތަށެވެ. އެއީ މުއުމިނުންނަށް އާޚިރަތް ދުވަހުން ﷲ سبحانه وتعالى ލައްވާ ޚާއްޞަ ރަޙްމަތެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. يُعَذِّبُ مَنْ يَشَاءُ وَيَرْحَمُ مَنْ يَشَاءُ وَإِلَيْهِ تُقْلَبُونَ “އެކަލާނގެ އިރާދަކުރައްވާ އަޅަކަށް عذاب ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް رحمة ލައްވަތެވެ. އަދި ތިޔަބައިމީހުން (قيامة ދުވަހުން) އެނބުރިދާހުށީ އެކަލާނގެ حضرة އަށެވެ.” (سورة العنكبوت، الآية: 21) އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَكَانَ بِالْمُؤْمِنِيْنَ رَحِيْمًا “އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.” (سورة الأحزاب، الآية: 34) މިނަން ﷲ ފިޔަވައި އެހެން ފަރާތްތަކަށް ވެސް ނިސްބަތް ކުރެވެއެވެ. އެގޮތުން އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު  صلى الله عليه وسلم ސިފަ ކުރައްވަމުން ﷲ ވަޙީ ކުރައްވާފައި ވެއެވެ. بِالْمُؤْمِنِيْنَ رَءُوْفٌ رَّحِيْم ” مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ.” (سورة التوبة، الآية: 128)

الرحمن އަދި الرحيم މިދެނަންފުޅުވެސް ނެގިފައިވަނީ ރަޙްމަތުންނެވެ. އެކަމަކު الرحمن މި ނަންފުޅު الرحيم އަށްވުރެ ރަޙްމަތުގެ ގޮތުން މާ ތަނަވަސް ވެގެންވެއެވެ.

بسم الله ގެ ލަފްޒީ މާނައަކީ “ﷲގެ އިސްމުފުޅުން” މިއެވެ. ނަމަވެސް މުރާދަކީ “ﷲ ގެ އިސްމުފުޅުން އަހަރެން ފަށަމެވެ” މިއެވެ. އެބައި ވަނީ މަޙްޛޫފު ވެގެންނެވެ. ނުވަތަ ފޮރުވިފައެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، بسم الله ގެ ب އަކީ باء الإستعانة  އެވެ. الإستعانة އަކީ އެހީއާއި ވާތްގަށް އެދުމެވެ. އެއީ سورة الفاتحة ގައި އަޅުގަނޑުމެން ކިޔަވާ ފަދައިންނެވެ. إياك نعبد وإياك نستعين “އަޅަމެން އަޅުކަން ކުރަނީ އިނބަރަސްކަލާނގެ އަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް އިނބަރަސްކަލާނގެ ޙަޟްރަތުންނެވެ.” އެހެންކަމުން بسم الله ގެ މާނައަކީ ﷲގެ އިސްމުފުޅުގެ ބަރަކާތުން ވާގިއެދިގެން (ފަށަމެވެ.)

ﷲ سبحانه وتعالى ގެ ކަލާމްފުޅު ކީރިތި ޤުރްއާންގެ ސޫރަތްތައް ފައްޓަވާފައިވަނީ ބިސްމިންނެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ގެ ސިޓީ ފުޅުތައް ފައްޓަވާފައިވަނީވެސް ބިސްމިންނެވެ. އެގޮތުން ބުޚާރީގެ كتاب بدء الوحي ގައި ރިވާ ކުރައްވާފައިވާ އަބޫ ސުފްޔާން ރަޟިޔަﷲ ޢަންހުގެ ޙަދީޘްގައި ރޯމަނުންގެ ވެރިޔާ ހިރަޤަލް އަށް ރަސޫލުﷲ صلى الله عليه وسلم  ފޮނުއްވި ސިޓީފުޅު ފައްޓަވާފައިވަނީ ބިސްމިންނެވެ. އެހެންކަމުން ކިޔެވުމާއި ލިޔުންތައް ބިސްމިން ފެއްޓުމަކީ ﷲއާއި އެކަލާނގެ ރަސޫލް صلى الله عليه وسلم ގެ ސުއްނަތަށް ތަބަޢަވުމުގެ ތެރެއިން ހިމެނިގެންދާނެ ކަމެކެކެވެ.

އެހެން ކަމުން ބިސްމީގެ ތަފްސީރީ މާނައަކީ، ދުނިޔޭގައި ހުރިހައި ޚަލްޤުތަކުން ޝާމިލް ވާގޮތުގައި ރަޙްމަތް ތަނަވަސްވެގެންވާ، އަދި މުއުމިނުންނަށް ޚާއްޞަގޮތެއްގައި ޤިޔާމަތްދުވަހުން ރަޙްމަތް ވާސިލް ކޮށްދެއްވާ، ހުރިހާ ޚަލްޤުތަކުންގެ މައްޗަށް އެފަރާތަކަށް އަޅުކަން ކުރުން ވާޖިބުވެގެންވާ، އިލާހުވަންތަ ﷲ ގެ އިސްމުފުޅުގެ ބަރަކާތުން އެހީ އާއި މަދަދު އެދިގެން އަހަރެން ކިޔަވަން ފައްޓަމެވެ. ނުވަތަ ލިޔަން ފައްޓަމެވެ. ނުވަތަ ކަމެއް ކުރަން ފައްޓަމެވެ. والله أعلم

وصلى الله على محمد وآله وصحبه وسلم