[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގެ ޤުނޫތުގެ ޝަރަޙަ – 5

 

(( وَقِنِي شَرَّ مَا قَضَيْتَ ))

ހެޔޮ ގޮތްތައްވެސް އަދި ނުބައި ގޮތްތައްވެސް ނިޔާ ކުރައްވާ ފަރާތަކީ ﷲ ތަޢާލާއެވެ. އެކަލާންގެ ހެޔޮގޮތް ނިޔާކުރެއްވުމުން، އެ ނިޔާގައި އެކުލެވިގެންވަނީ ހުސް ހެޔޮކަމެވެ. އެއީ އެކަލާންގެ ކުރެއްވެވި ނިޔާގައިވެސް އަދި ނިޔާކުރެއްވުނު ކަމުގައިވެސްމެއެވެ.

ﷲ ތަޢާލާ ހެޔޮގޮތް ނިޔާކުރެއްވުމުގެ މިޘާލު : މީސްތަކުންނަށް ހިދާޔަތާއި ނަސްރުދެއްވުން، ހިތްހަމަ ޖެހުމާއި އަމާންކަން ދެއްވުން، ރިޒްޤު ތަނަވަސްކޮށްދެއްވުން އަދި މިނޫންވެސް މިފަދަ ކަންކަމެވެ. މި ކުރެވުނު ނިޔާގައިވެސް އަދި ނިޔާކުރެވުނު ކަމުގައިވެސް ވަނީ މީސްތަކުންނަށް ހެޔޮގޮތެވެ.

ނުބައިގޮތް ނިޔާކުރެއްވުން : މީގައި، އެކަލާންގެ ކުރައްވާ ނިޔާގައިވަނީ ހެޔޮގޮތެވެ. އަދި ނިޔާކުރެވުނު ކަމުގައި ވަނީ ނުބައިގޮތެވެ. އޭގެ މިޘާލަކީ : ވާރޭ ނުވެހުން.( ވާރޭ ނުވެހި ދިގުދެމިގެން ދިޔުން). މިކަން (ނިޔާ ކުރެވުނުކަންތައް) ވާނީ މީސްތަކުންނަށް ނުބައެއްކަމުގައެވެ. ނަމަވެސް ﷲ ތަޢާލާގެ ނިޔާ ގައިވަނީ ހެޔޮގޮތެވެ. ވާރޭނުވެހި ދިގުދެމިގެންދިޔުމަށް ނިޔާކުރެއްވުން ހެޔޮގޮތެއް ކަމުގައި ވާނީ ކިހިނަކުންބާއެވެ؟ މީހަކު ބުނެފާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ، އަހަރެމެންގެ މައްޗަށް ވާރޭނުވެހުން މިންވަރުކުރައްވައިފިއެވެ. އޭގެ ސަބަބުން ހަނަފަސްކަން ކުރިމަތިވެ ޖަނަވާރުތައް މަރުވެ، ދަނޑުބިންތައް ހަލާކުވެގެން ދަނީއެވެ. އެކަމުގައި އޮތް ހެޔޮގޮތަކީ ކޮބައިހެއްޔެވެ؟

އޭގެ ޖަވާބުގައި ބުނަމެވެ. ﷲ ތަޢާލާގެ މި ވަޙީބަސްފުޅު ކަނނުލާ އަޑުއައްސަވާށެވެ. ((ظَهَرَ‌ الْفَسَادُ فِي الْبَرِّ‌ وَالْبَحْرِ‌ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْ‌جِعُونَ )) ﴿٤١﴾ سورة الروم މާނަ : ” މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ފަސާދަ ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުތަކުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތަވްބާވެ) ރުޖޫޢަ ވުމަށްޓަކައެވެ.  “ އެހެންކަމުން، މިފަދަ ނިޔާގައި، މަތިވެރިވެގެންވާ އިލާހީ ޙިކްމަތްތަކެއްވެއެވެ. އެއީ، އުރެދުމާއި ފާފަތަކުން ތަވްބާވެ ﷲ ތަޢާލާގެ ހަޟްރަތައް ރުޖޫޢަވެ، އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަގަށް މީސްތަކުން ރުޖޫޢަވުމެވެ. ނިޔާ ކުރެވުނު ކަންތައް، އެއީ ނުބައިގޮތެއް އެކުލެވުގެންވާ ކަމެއްކަމުގައިވިޔަސް، އެއިލާހުގެ ނިޔާގައި ވަނީ މީސްތަކުންނަށްޓަކައި ހޮޔޮގޮތެވެ. ފޮރުވިފައިވާ އިލާހީ ޙިކުމަތްތަކެކެވެ.

((وَقِنِي شَرَّ مَا قَضَيْتَ )) މާނަ އަކީ އިބައިލާހު ނިޔާ ކުރެއްވެވި ކަންތައްތަކުގެ ނުބައިކަމުން މި އަޅާ ރައްކާތެރިކޮށްދެއްވާފާނދެއެވެ.

 އެއްވެސް ހާލެއްގައި އޭގެ މާނައަކީ، އެ އިލާހުގެ ނިޔާގެ ނުބައިކަމުން ރައްކާތެރި ކޮށްދެއްވާ ވާހަކައެއްނޫނެވެ. ނަމަވެސް ނިޔާކުރެއްވުނު ކަންތައްތަކުގެ ނުބައިކަމުންނެވެ.

އެހެނީ، އެއިލާހު ހެޔޮގޮތެއް ނިޔާކުރެއްވިޔަސް އަދި ނުބައިގޮތެއް ނިޔާކުރެއްވިޔަސް، އެ ނިޔާގައިވަނީ ހުސް ހެޔޮގޮތެވެ. ނަމަވެސް، ނުބައިގޮތެއް ނިޔާކުރައްވައިފިނަމަ، އެ ނިޔާކުރެއްވުނު ކަމުގައި ވަނީ ނުބައިގޮތެވެ. ނަމަވެސް ކުރިންވެސް ބަޔާންކުރެއްވުނު މިޘާލުގައިވާ ފަދައިން އެއިލާހުގެ ނިޔާގައިވަނީ ހުސް ހެޔޮގޮތެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ﷲ ތަޢާލާއަށް، މިފަދައިން ޘަނާ ދަންނަވާފައި ވެއެވެ. (( އަދި އެންމެހައި ހެޔޮކަމެއްވަނީ އިބައިލާހުގެ ދެ އަތްޕުޅުގައެވެ. އަދި އެއްވެސް ނުބައިކަމެއް އިބައިލާހަށް ނިސްބަތްވެގެން ނުވެއެވެ.)) ވީމާ ﷲ ތަޢާލާއަށް ނުބައިގޮތްތައް ނިސްބަތް ވެގެން ނުވާކަން އެނގިގެން އެބަދެއެވެ.

މި ބަސްފުޅު ((إِنَّكَ تَقْضِي وَلاَ يُقْضَى عَلَيْكَ ))

((إِنَّكَ تَقْضِي )) ޝަރުޢީ ކަންތައްތަކާއި ކަވްނީ ކަންތައްތަކުގައިވެސް ނިޔާކުރައްވާ ފަރާތަކީ އިބަ އިލާހެވެ.

((وَلاَ يُقْضَى عَلَيْكَ )) މާނައީ އިބައިލާހުގެ މައްޗަށް ގޮތްކަނޑައެޅުމުގެ ބާރެއް އިޚްތިޔާރެއް އެއްވެސް ފަރާތަކަށް ނުވެއެވެ.  އެންމެހައި ކަންތައްތަކެއްގެ މައްޗަށް ޙުކުމްކުރައްވައި، ނިޔާކުރައްވާ ފަރާތަކީ އެއިލާހެވެ. އަޅުތަކުންގެ ޢަމަލުތަކާއިމެދު އެބައިމީހުންނާއި ސުވާލުކުރެއްވޭނެއެވެ. ނަމަވެސް އެއިލާހާއި ސުވާލެއްނުކުރެވޭނެއެވެ. ((لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ )) ﴿٢٣﴾ سورة الأنبياء މާނަ: ” އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ ސުވާލެއް ނުކުރެވޭހުށްޓެވެ. އެއުރެންކުރާ ކަންތަކާމެދު އެއުރެންނާ ސުވާލު ކުރައްވާނެތެވެ. “

=ނުނިމޭ=

މަޞްދަރު :  ”شرح دعاء قنوت الوتر” لفضيلة الشيخ العلامة محمد بن صالح العثيمين

ކުރީގެ ބައިތައް