މި މަޢުޟޫގައި ކޮންމެވެސް އެއްޗެއް ބަޔާންކޮށްދިނުމުގެ ބޭނުމަކީ، ފަޓްލޫނުލުމާއި ފަޓްލޫނު ލައިގެން ކުރާ ނަމާދުގެ ޞައްޙަ ނުޞައްޙަ ކަމާއިމެދު ބައެއް އަޚުންގެ ހިތުގައި ޝައްކު އުފެދެމުންދާތީ އެކަމާއި މެދު، ފަހުގެ އިތުބާރުހުރި ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިންގެ ފަތުވާ ބަޔާން ކޮށްދިނުމެވެ. އެއްވެސް ޙާލެއްގައި ގަޔަށްބާރު ފަޓްލޫނުލުމާއި އަދި އެފަދަ އެއްޗެއް ލައިގެން ނަމާދުކުރުމަށް ބާރުއެޅުމުގެ ގޮތުންނެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް އެންމެ ރަނގަޅު ގޮތަކަށްވާނީ ވީހާވެސް ގަޔަށް ދޫކޮށް ހެދުން އެޅުމެވެ.
ތިރީގައި މިވަނީ އެފަދަ ބައެއް ފަތުވާއެވެ.
“އިސްލާމްދީނުގައި، ހެދުން އެޅުމުގެ އާއްމު ގަވައިދަކީ، ދީނުގެ ނައްޞަކުން ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ އެއްޗެއް މެނުވީ، ހުއްދަވުމެވެ. މިޘާލަކަށް ބައްޔެއްގެ ސަބަބުން ނުވަތަ އެފަދަ ޟަރޫރިއްޔަތަކަށްޓަކައި މެނުވީ ފިރިހެނުންނަށް ރަނާއި ފަށުވިފަދަ ތަކެތި ޙަރާމްވާނެއެވެ. ފަޓްލޫނުލުމަކީ ހަމައެކަނި ކާފަރުންނަށް ޚާއްސަ ކަމެއްނޫނެވެ. ނަމަވެސް އެ ފަޓްލޫނު ހަނިވުމުގެ ސަބަބުން ގަޔަށްބާރުވެ، ބައްޓަމާއި ޢައުރަ ފާޅުވާނަމަ، އެ ހުއްދައެއްނުވާނެއެވެ. ނަމަވެސް ލައިގެންހުންނައިރު، ގަޔަށް ދޫކޮށްހުންނަ ފަޓްލޫނު ހުއްދަވާނެއެވެ. އެހާލަތުގައިވެސް ހުއްދަވާނީ ، އެފަދައިން ހެދުން އަޅާ ކާފަރުންނާއި އެއްގޮތްވުމުގެ ޤަޞްދު އޭނާގެ ކިބައިގައި ނެތްނަމައެވެ. ހަމައެފަދައިން، ކޯޓާއި، ޓައީ އަކީވެސް ކާފަރުންނަށް ޚާއްސަ އެއްޗެއްސެއްނޫނެވެ. ވީމާ އެތަކެތިވެސް ހުއްދަވާނެއެވެ. ނަމަވެސް އެއީ ކާފަރުންނާއި، ވައްތަރުވުމުގެ ޤަސްދު، އެތަކެތި ލުމުގައި ނެތްނަމައެވެ. ޖުމްލަގޮތެއްގައި ދަންނަވާނަމަ ދެންނެވޭނީ، ކުރިންވެސް ބަޔާންކުރެވުނު ފަދައިން، ވަކި މިވެނި އެއްޗެއް ނުވަތަ ގޮތެއް ޙަރާމްކަމުގެ ޝަރުޢީ ދަލީލެއް ނެއްނަމަ އިސްލާމްދީނުގައި ހެދުންއެޅުމުގައި އަޞްލަކީ ހުއްދަވުމެވެ. وبالله التوفيق ، وصلى الله على نبينا محمد وآله وصحبه وسلم “ ނިމުނީ
ފަތުވާދެއްވީ:ސަޢޫދީޢަރަބިއްޔާގެ އައްލަޖްނަތުއްދާއިމާ ލިލް ބުޙޫޘިލް ޢިލްމިއްޔަތި ވަލް އިފްތާއި(40/24) – ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ : ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަލްޢައްލާމާ އައްޝައިޚު ޢަބްދުލް ޢަޒީޒު ބިން ޢަބްދުﷲ ބިން ބާޒް ، އައްޝައިޚު ޢަބްދުއްރައްޒާޤު ޢަފީފީ ، އައްޝައިޚު ޢަބްދުﷲ ބިން ޣަދްޔާން ، އައްޝައިޚު ޢަބްދުﷲ ބިން ޤުޢޫދު . (1)
ފަޓްލޫނު ލައިގެން ކުރާ ނަމާދުގެ ޙުކުމާއިމެދު އައްޝައިޚު ޢަބްދުލް ޢަޒީޒު ބިން ޢަބްދުﷲ ބިން ބާޒް ރަޙިމަހުﷲ މިފަދައިން ފަތުވާދެއްވާފައިވެއެވެ. ” އެ ފަޓްލޫނަކީ ގަޔަށްބާރުނޫން ، ދޫ ފަޓްލޫނެއްނަމަ އަދި ފިރިހެނާގެ (ޢަވްރަ) ފޫޅާއި ކަކުލާއި ދެމެދު ނިވާވާނަމަ، އެމީހެއްގެ ނަމާދު ޞައްޙަވާނެއެވެ. ނަމަވެސް އޭގައި އެންމެ ރަނގަޅުގޮތަކީ އެ ފަޓްލޫނުގެ މަތިން ކަކުލާއި ހަމައަށް ނުވަތަ ތަނބިކަށީގެ މެދާކަށްހަމައަށް އަންނަ ވަރުގެ ގަމީހެއް ލައިގެން ހުރުމެވެ. އެހެނީ ނިވައިކުރުމުގައި އެންމެ ފުރިހަމަ ރައްކާތެރި ގޮތަކީ އެއީއެވެ. އެންމެ ރަނގަޅުގޮތަކީ، ފަޓްލޫނާއި އެކު ލާނެ ދިގު ގަމީހެއް ނެއްނަމަ، ނިވައިވާވަރުގެ ޢިޒާރެއް (މުންޑެއް ނުވަތަ އެފަދައެއްޗެއް) އަނދެގެން ނަމާދުކުރުމެވެ. އެހެނީ، ފަޓްލޫނަށްވުރެ މުންޑުފަދައެއްޗެއް އަނދެގެން ނަމާދުކުރުން، ނިވައިވުމުގައި ފުރިހަމަވެގެންދާނެއެވެ. “ نشرت في مجلة الدعوة في العدد (1333) بتاريخ 8/9/1412هـ. وفي كتاب الدعوة (الفتاوى) لسماحته، الجزء الأول ص (68 – 69) – مجموع فتاوى ومقالات متنوعة المجلد العاشر. (2)
ސަޢޫދީ ޢަރަބިއްޔާގެ ފަހުގެ ބޮޑުޢިލްމުވެރިއެއްކަމުގައިވާ، އަލްޢައްލާމާ ޢައްޝައިޚު މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އައްތަޝައްބުހު(އެއްގޮތްވުން ނުވަތަ ވައްތަރުވުން) އޭ ބުނެވޭ ބަހުގެ މުރާދަކީ، އެއީ ކާފަރުންގެ ނުވަތަ ކާފަރުންނަށް ޚާއްސަވެގެންވާ ކަމެއް މީހަކު ކުރުމެވެ. މާނައަކީ، މީހަކު ގަހަނާއެއް ނުވަތަ ހެދުމެއްލައިގެން ހުއްޓާ އެހެންމީހަކަށް ފެނިއްޖެނަމަ، އޭނަ ލައިގެންހުރީ ކާފަރުންގެ ޚާއްސަ ހެދުމެއް ނުވަތަ ގަހަނާއަކަށްވުމުގެ ސަބަބުން، އެއީ ކާފަރެއްކަމުގައި ހީވެގެން ދިޔުމެވެ. ކާފަރުން ކުރާ ކޮންމެ ކޮންމެކަމެއް ކޮށްގެން އަހަރެމެން އެމީހުންނާ އެއްގޮތްވަނީ ކަމުގައެއްނުވާނެވެ. އަދި ކާފަރުން ތައްޔާރުކުރާ ޒާތްޒާތުގެ ކޮންމެ ކޮންމެ ކެއުމެއް އަހަރެމެން ކެއުމުން، އެއީ އަދި އެމީހުންނާ އެއްގޮތްވުންކަމުގައެއްނުވާނެއެވެ. އައްތަޝައްބުހު(އެއްގޮތްވުން ނުވަތަ ވައްތަރުވުން) ގެ މުރާދަކީ، ކާފަރުންނަށް ޚާއްސަވެގެންވާ ކަމެއް ކުރުމެވެ. ފަހެ، (އެބީދައިން) ބަޔަކާއި ވައްތަރުވެއްޖެނަމަ އެއީ އެމީހުންގެ ތެރެއިންވާ މީހެކެވެ. ވީމާ، މުސްލިމު ފިރިހެނަކު ފަޓްލޫނުލުމަކީ ކާފަރުންނާއި ވައްތަރުވުމަކަށް ނުވާނެއެވެ. އެހެނީ ފަޓްލޫނަކީ މުސްލިމުން ކުރިންލައި އުޅުނު އެއްޗެއް ކަމުގައި ނުވިޔަސް، ފަހުން މުސްލިމުންގެ ތެރޭގައި ފަޓްލޫނުލުން ޢާއްމުވެ ފެތުރިގެންގޮސް، އެއީ (މިހާރު) ކާފަރުންގެ ޚާއްސަ އެއްޗެއް ނޫނެވެ. އެހެންކަމުން މިހާރު މުސްލިމު ފިރިހެނުންނަށް ފަޓްލޫނުލުން ހުއްދައެވެ.” نور على الدرب ގައި ޝައިޚު ދެއްވާފައިވާ ފަތުވާއިން ބައެއް. (3)
މަޢުލޫމާތު ނެގި މަޞްދަރުތައް:
(1) http://islamqa.info/ar/ref/105412
(2) http://www.binbaz.org.sa/mat/2480
(3) http://www.ibnothaimeen.com/all/noor/article_8965.shtml