الحمد لله. والصلاة والسلام على رسول الله. وعلى آله وصحبه ومن والاه.
މަންމައަށް ވަރަށް ހެޔޮކޮށް ހިތާ އުޅުނު ޞާލިޙު މީހެކެވެ. އޭނާގެ މަންމައަށް ޚިދުމަތް ކޮށްދިނުމުގައި ދެމިހުރިއެވެ. އެއްދުވަހަކު އޭނާގެ މަންމަގެ ފައިމޮޑެދޭން ހުރެފައި މަންމަގެ ފައިތިލައަށް ބޮސްދިނެވެ. އެވަގުތު އޭނާގެ ދަރިފުޅު އެތަނުގައި ކުޅެން އުޅުނެވެ. އޭގެ ދުވަސްތަކެއް ފަހުން ގޮނޑީގެ މައްޗަށް ފައިއަރުވައިގެން އޭނާ އެއްޗެއް ކިޔަން އިންދާ އެދަރިފުޅު އައިސް އޭނަގެ ފަޔަށް ބޮސްދިނެވެ. ކީއްވެތޯ ސުވާލުކުރުމުން ދަރިފުޅު ބުންޏެވެ. މާމަގެ ފަޔަށް ބައްޕަވެސް ބޮސްދިނީމުއެއްނޫންހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ ޝެއިޚެއްގެ ދަރުސެއްގައި ކިޔާދީފައިވާ ޙަޤީޤީ ވާހަކައެކެވެ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ މައިންބަފައިންނާމެދު ކަންތައް ކުރާގޮތަށް، އަޅުގަނޑުމެންގެ ދަރީން އަޅުގަނޑުމެންނާމެދު ކަންތައް ކުރާނެއެވެ. އަޅުގަނޑުމެން އެހެން މީހުންނާމެދު ކަންތައް ކުރާގޮތަށް، ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބަޔަކު އަޅުގަނޑުމެންނާމެދުވެސް ކަންތައް ކުރާނެއެވެ. އަޅުގަނޑުމެންގެ ބާރުގެ ދަށުގައިވާ މީހުންނާމެދު ނިކަމެތި ގޮތްގޮތަށް އަޅުގަނޑުމެން ކަންތައްކުރާނަމަ، އެހީއާއި މަދަދަށް އެންމެ ބޭނުންވާ ދުވަހު އަޅުގަނޑުމެންނާމެދުވެސް އެގޮތަށް ކަންތައް ވެގެންދާނެއެވެ. ﷲތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. هَلْ جَزَاءُ الإحْسَانِ إِلا الإحْسَانُ (الرحمن: ٦٠) “އިޙްސާންތެރިކަމުގެ ޖަޒާއަކީ އިޙްސާންތެރިކަންކަމުގައި މެނުވީ ވާނެހެއްޔެވެ؟” މިއާޔަތުންވެސް ހެޔޮކޮށް ކަންތައްކުރާ މީހަކާމެދު ހެޔޮކޮށް ކަންތައް ވެގެންދާނެކަން ދޭހަވެއެވެ. އަދި ނުބައިކޮށް ކަންތައްކުރާ މީހަކާމެދު ދެރަނިކަމެތިކޮށް ކަންތައްވެގެންދާނެކަން ދޭހަވެއެވެ.
އަބޫ މަސްޢޫދުލް އަންޞާރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންކަލޭގެފާނުގެ އަޅެއްގެ ގައިގަ ތިމަންކަލޭގެފާނު ޖެހީމެވެ. އެވަގުތު ތިމަންކަލޭގެފާނުގެ ފަހަތްޕުޅުން އަޑެއްއިވުނެވެ. “އޭ އަބޫމަސްޢޫދެވެ. ދަންނާށެވެ! އޭ އަބޫމަސްޢޫދެވެ. ދަންނާށެވެ!” އެހިނދު ތިމަންކަލޭގެފާނު ފަހަތަށް ބެއްލެވިއިރު އެތަނުގައި ހުންނެވީ ރަޙުމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. ދެންފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. اللَّهُ أَقْدَرُ عَلَيْكَ مِنْكَ عَلَيْهِ “އެއަޅުމީހާގެ މައްޗަށް ކަލޭގެފާނަށް ލިބިގެންވާ ބާރަށްވުރެ، ކަލޭގެފާނުގެ މައްޗަށްވާ ﷲތަޢާލާގެ ކުޅަދުންވަންތަކަން ބޮޑެވެ.” އަބޫމަސްޢޫދު ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. އެދުވަހަށްފަހު ތިމަންކަލޭގެފާނުގެ އެއްވެސް އަޅެއްގެ ގައިގަ ތިމަންކަލޭގެފާނު ނުޖަހަމެވެ.” (رواه الترمذي وصححه الألباني)
އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވެއެވެ. إِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ. “ﷲގެ އަޅުންގެތެރެއިން އެއިލާހު ރަޙުމްކުރައްވައި އޯގާތެރިވެވޮޑިގަންނަވަނީ (އެހެން އަޅުންނަށް) ރަޙުމްކޮށް އޯގާތެރިވާ މީހުންނަށެވެ.” އަދި އިމާމް ތިރްމިޛީ އެކަލޭގެފާނުގެ ސުނަނުގައި ގެންނަވާފައިވާ ޞައްޙަ ޙަދީޘްފުޅެއްގައިވެއެވެ. الرَّاحِمُوْنَ يَرْحَمُهُمُ الرَّحْمَنُ اِرْحَمُوْا مَنْ فِيْ الْأَرْضِ يَرْحَمْكُمْ مَنْ فِيْ السَّمَاءِ. “(އެހެންމީހުންނަށް) ރަޙުމްކޮށް އޯގާތެރިވާ މީހުނަށް، ރަޙުމާންވަންތަ އިލާހު އޯގާތެރިވެވޮޑިގަންނަވައެވެ. ބިމުގައިވާ މީހުންނަށް ތިޔަބައިމީހުން އޯގާތެރިވާށެވެ. އޭރުން ޢުޑުގައިވާ އިލާހު ތިޔަބައިމީހުންނަށް އޯގާތެރިވެވޮޑިގަންނަވާނެއެވެ.”
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެހީއާއި މަދަދަށް އެންމެ ބޮޑަށް އަޅުގަނޑުމެން ބޭނުންވާނީ އުޑުފަޅަފަޅައިގެން ގޮސް، ބިން އެއްވެސް އަޑިގުޑަންކަމެއްނެތްގޮތުގައި ފެތުރުއްވެވޭ ދުވަހުއެވެ. އެދުވަހަކީ މައިން އެމީހުންގެ ދަރީންތައް ވައްޓާލާ ދުވަހެވެ. ފަރުބަދަތައް ބުރުވާލެވޭ ކެހެރިތަކަކަށް ވެގެންދާނޭ ދުވަހެވެ. އިރު އެހާމެ ގާތުގައިވާނޭ ދުވަހެވެ. ﷲގެ އަރުޝީގެ ހިޔާވަހިކަން މެނުވީ އެއްވެސް ހިޔާވަހިކަމެއް ނުވާނޭދުވަހެވެ. އެދުވަހު އަޅުގަނޑުމެންނަށް އެހީތެރިވާކަށް އަޅުގަނޑުމެންގެ ރަޙުމަތްތެރީންނެއް ނައަންނާނެއެވެ. އަޅުގަނޑުމެންގެ ޖަމާޢަތުގެ މީހުންވެސް އަދި އަޅުގަނޑުމެންގެ ގޭންގުގެ މީހުންވެސް އެދުވަހު އަޅުގަނޑުމެންނަށް ނަޞްރުދޭކަށް ނައަންނާނެއެވެ. އެމީހުންވެސް ބަލާނީ އަޅުގަނޑުމެން ފިދުޔައެއްގެ ގޮތުގައި ދީފައިވެސް ސަލާމަތްވެވޭތޯއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ (١١) وَصَاحِبَتِهِ وَأَخِيهِ (١٢) وَفَصِيلَتِهِ الَّتِي تُؤْوِيهِ (١٣) وَمَنْ فِي الأرْضِ جَمِيعًا ثُمَّ يُنْجِيهِ (المعارج: ١١-١٤) “އެދުވަހުގެ ޢަޛާބުން ސަލާމަށްވުމަށްޓަކައި (ފާފަވެރި) އަނިޔާވެރި އަޅާ، އޭނާގެ ދަރީން ފިދުޔައެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ. އަދި އޭނާގެ އަނބިމީހާއާއި އޭނާގެ އަޚާވެސްމެއެވެ. އަދި އޭނާއަށް ހިޔާވަހިކަންދޭ އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ. (އެބަހީ: އެމީހުން ފިދުޔައެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށްވެސް އޭނާ އެދޭނެއެވެ.) އަދި ބިމުގައިވާ އެންމެން (ފިދުޔައެއްގެ ގޮތުގައި) ދީފައިވެސް އޭނައަށް ސަލާމަތް ވެވޭނެނަމައޭ ހިތައި އެކަމަށްވެސް އެދޭނެތެވެ.”
މިބިރުވެރި ދުވަހު އަޅުގަނޑުމެން ހެއްދެވި އިލާހު ﷲތަޢާލާގެ އޯގާވެވޮޑިގަތުން އަޅުގަނޑުމެން ބޭނުންނަމަ މިއަދު އެހެން މީހުންނަށް އޯގާތެރިވާށެވެ. އެދުވަހު އަޅުގަނޑުމެންގެ ފާފަތަށް ފޮހެވި ސުވަރުގެވަންތަވެރީންގެ ތެރެއިންވުމަށް ބޭނުންނަމަ މިއަދު މީހުންނަށް މަޢާފު ކުރާށެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَإِنْ تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ (التغابن: ١٤) “ތިޔަބައިމީހުން ޢަފޫކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.” އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. وَلْيَعْفُوا وَلْيَصْفَحُوا أَلا تُحِبُّونَ أَنْ يَغْفِرَ اللَّهُ لَكُمْ وَاللَّهُ غَفُورٌ رَحِيمٌ (٢٢) ” އަދި ޢަފޫކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”
އޯގާތެރިވުމުގެ ބަދަލުގައި އަނިޔާކޮށް މީހުން މަރަމުންދާނަމަ، އަޅުގަނޑުމެން އޯގާތެރިކަމަށް ބޭނުންވާ ދުވަހު ﷲތަޢާލާ އަޅުގަނޑުމެންނަށް ވަރުގަދަވެގެންވާ ޢަޛާބުދެއްވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَنْ لاَ يَرْحَمِ النَّاسَ لاَ يَرْحَمْهُ اللَّهُ عَزَّ وَجَلَّ (رواه مسلم) ” މީސްތަކުންނަށް އޯގާތެރިނުވާ މީހަކަށް ﷲތަޢާލާ އޯގާތެރިވެވޮޑިނުގަންނަވާނެއެވެ.” މިގޮތަށް ކަންތައްވެ ނަރަކަވަންތަވެރީންގެ ތެރެއިން ވުމަށް އެދޭނީ ފަހެ ކާކުހެއްޔެވެ؟