ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއިއެކު:
2. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއިމެދު ބަހައްޓަވާ ލޯބިވެތިގޮތް:
މިހާރަކަށް އައިސް ބައެއް ފިރިން އެމީހުންގެ އަނބިންނަށް އެކަށީގެންނުވާވަރަށް ބާރުފޯރުވާ، އެމީހުންގެ މައްޗަށް ނުފޫޒުފޯރުވައި އަމިއްލަ އެދުން އިސްކުރާތަން ފެންނަނީ މަދެއްކޮށެއްނޫނެވެ. މިދެންނެވީ އިސްލާމްދީނުގައި ފިރިމީހާއަށް އަނބިމީހާގެ މައްޗަށް ބާރުތަކެއް ލިބިގެން ނުވާ ވާހަކައެއް ނޫނެވެ. ނަމަވެސް ޝަރުޢީގޮތުން ލިބިފައިވާ ބާރަކީ އޭގައި މަޞްލަޙަތާއި ލޯތްބާއި އޯގާތެރިކަން އެކުލެވިގެންވާ ބާރެކެވެ. ނަމަވެސް މިހާރަކަށްއައިސް މިއާ ޚިލާފަށް ބައެއް ފިރިން އަނބިމީހާގެ މައްޗަށް އަމިއްލަ ނަފުސުގެ އެދުންތައް އިސްކޮށް އޭނާ ނިކަމެތިކޮށްލާތަން އަންނަނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިއީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ ދެއްކެވި މަގެއް ނޫނެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނުހަނު އޯގާތެރި ލޯބިވެތި ބޭފުޅެކެވެ. އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ކަންކަމުގައާއި، އެހެން ހުރިހާކަމެއްގައިވެސް އަމިއްލަ އެދުމުން ދުރުވެވަޑައިގެންފައެވެ. އަދި އަނބިއަނބިކަނބަލުންނާއިއެކު ވަރަށް ގާތްކޮށް ވާހަކަފުޅުދައްކަވާ، ހީ، ސާމާސާކުރައްވާ، ކުޅިވަރުކުޅެ ހެއްދެވިއެވެ.
އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ މައްޗަށް، އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ލޯބިވެތިކަން މި ޙަދީޘުން ދަލީލުކޮށްދެއެވެ. އެކަލޭގެފާނު ލޯބިން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް “ޢައިޝް” އޭ ވިދާޅުވެ މުޚާޠަބު ކުރައްވައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވަގެން ވެއެވެ. “އޭ! ޢައިޝް އެވެ. މިހުންނެވީ ޖިބުރީލްގެފާނެވެ. އެކަލޭގެފާނު ކަމަނާއަށް ސާލާމް ވިދާޅުވެއެވެ. އެކަމަނާ މިފަދައިން ޖަވާބު ދެއްވައެވެ:(ވަ ޢަލައިހިއްސަލާމް ވަރަޙްމަތުﷲ) އެކަލޭގެފާނަށްވެސް ﷲ ގެ ޙަޟްރަތުން ސަލާމާއި ރަޙްމަތް ހުއްޓެވެ.”(1)
އަޅުގަނޑުމެންގެ ތެރެއިން މިހާރުގެ ބައެއް މުސްލިމުންނަށް، އާދެ! ޒުވާން ކުދިންނަށް ނުވަތަ މިހާރުގެ ބައެއް މުސްލިމު ފިރިންނަށާއި އަނބިންނަށް ވިސްނިފައި އޮންނަނީ ދެމަފިރިން އެކަކުއަނެކަކަށް ލޯބިވެތި(ރޮމޭންޓިކް)ވުމާއި، އެކުއުޅެ، މަޖާ ކުރުމަކީ ހަމައެކަނި ހުޅަނގުން ތަޢާފަރުވެފައިވާ ކަންކަން ކަމުގައެވެ. މުސްލިމުންނަކީ އެފަދަ ކަމެއް ކުރާ އަދި ކުރަން އިނގޭ ބައެއްކަމުގައި ނުދެކެއެވެ. ނަމަވެސް އެއީ މުޅިން ކުއްހީއެކެވެ. ދަންނާށެވެ! އަދި ހުޝިޔާރުވާށެވެ! ހުޅަނގު ދަސްކޮށްދެނީ އިންސާނިއްޔަތު ހާލާކުގެ ތެރެއަށް ވައްޓާލާ އަބުރުވެރިކަމާއި، އިއްފަތްތެރިކަން ވެއްޔާ މޮޑެލާފަދަ ރޮމޭންޓިކްކަމެވެ. އެއީ ނާތަހުޒީބީ، ލާއިންސާނީ މުޑުދާރު ޢަމަލުތަކެވެ. އިންސާނީ ނަސްލު ފަނާކޮށްލަނިވި ޢަމަލުތަކެވެ. އެއީ ހަމައެއް ލަމައެއްނެތި ދޭދޭ ޖިންސުން، ކައިވެނީގެ މަތިވެރި ގުޅުމަކާއިނުލައި ބާއްވާ ފާހިޝް ގުޅުންތަކެވެ.
ނަމަވެސް އިސްލާމްދީން ގެނެސްދެނީ އިނސާނިއްޔަތަށްޓަކައިވާ އެންމެ ހެޔޮ އަދި އެންމެ ރިވެތިގޮތްތަކެވެ. ވިސްނާލައްވާށެވެ. މާތް ރަސޫލާގެ މަތިވެރި ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ފެނިގެން އެދަނީ އަނބިމީހާޔާ ފިރިމީހާ ދެމެދު އޮންނަންޖެހޭ ކިހާ ފުރިހަމަ ލޯބިވެތިކަމެއްތޯއެވެ. އަނބިމީހާއަށް ލޯބި ލޯބި ކުރުނަމެއް ކިޔާލުމަކީ، އަޅުގަނޑުމެންނަށް ވަރަށް ފަހުން ނޫނީ އެނގިފައިވާ ކަމެއްނޫނެވެ. ނަމަވެސް މީގެ ސާދަސަތޭކަ އެތައް އަހަރެއް ކުރިން މަތިވެރި ރަސޫލާ އަޅުގަނޑުމެންނަށް ވަނީ ލޯބިވެތިކަމުގެ މަތިވެރި ނަމޫނާ ދައްކަވާފައެވެ. އެ މަތިވެރި ނަމޫނާއަށް ބެލުމެއްނެތި، އެހެން ދިމަދިމާލަށް ބަރޯސާވެ، ލޯހިންގާނަމަ އަބަދުވެސް ޖެހޭނީ ޝައިޠާނާގެ ކެހިވެރި މަޅީގައެވެ.
އަދިވެސް ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިއެވެ.“ތިމަންކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސްލަމައާއެކު ދަތުރެއްގައި ވަޑައިގަތީމެވެ. އޭރު ތިމަންކަމަނާއަކީ ޒުވާން އަދި ހިކި ބޭކަނބަލަކީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަޙާބީންނަށް، ތިމަންކަމަނާއާ އެކަލެގެފާނު ދޫކޮށްފައި ކުރިއަވަޑައިގަތުމަށް އިރުޝާދު ދެއްވިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ރޭސްޖައްސަވަން (ދުވުމުގެ ރޭސް) ވަޑައިގަންނަވާށެވެ! ތިމަންކަމަނާ އެކަލޭގެފާނާއި ރޭސްޖައްސަވާ ކުރިހޯއްދެވީމެވެ. ދެން އެކަލޭގެފާނު، ތިމަންކަމަނާ އެކަމުގެ މަތިން ހަނދުމަފުޅުނެތެންދެން އެކަމުގެ ވާހަކަފުޅު ނުދައްކަވައެވެ. އަނެއްކާވެސް އެކަލޭގެފާނުގެ އަރިހުގައި އެފަދަ ދަތުރެއްގައި ދިމުމާއި ހަމައަށެވެ. އޭރު ތިމަންކަމަނާވަނީ ދުވަސްވެ، ހަށިގަނޑު ބުރަހެލިވެލައްވާފައެވެ. ކުރިއެކޭ އެއްފަދައިން ޞަޙާބީންނަށް ކުރިއަށްވަޑައިގަތުމަށް އެކަލޭގެފާނު އިރުޝާދުދެއްވިއެވެ. ދެން އެކަލޭގެފާނު ތިމަންކަމަނާއަށް ވިދާޅުވިއެވެ. ރޭސްޖައްސަވަން ވަޑައިގަންނަވާށެވެ! މިފަހަރު ރޭހުން ކުރި ހޯއްދެވީ އެކަލޭގެފާނެވެ. އަދި އެކަލެގެފާނު ހިނިވަރުނަކުރައްވައި ވިދާޅުވިއެވެ. މިއީ ކުރީފަހަރުގެ ބަދަލެކެވެ.(އެބަހީ: ކުރިންފަހަރު އެކަލޭގެފާނު އެކަމަނާއާއެކު ރޭސްޖައްސަވައި އެކަމަނާ މޮޅުވީމަ އެކަމަށްވާ ބަދަލެކެވެ).”(2)
ޤާޟީ ޢިޔާޟު ރަޙިމަހުﷲ މި ޙަދީޘާމެދު ވިދާޅުވެފައިވެއެވެ. ‘މި ޙަދީޘުން އެނގޭގޮތުގައި ބައެއް ވައްތަރުގެ ކުޅިވަރުތައް ކުޅުން ހުއްދަވެގެން ވެއެވެ. އަދި މިޙަދީޘުން އެކަލޭގެފާނުގެ އާންމު ދިރިއުޅުއްވުމުގައި އެކަލޭގަފާނުގެ ހިތްޕުޅުތިރިކަމާއި، އޯގާތެރިކަން ހާމަވެގެން ދެއެވެ.’(3)
އިސްލާމްދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމުކަމުގައި ވީހިނދު، މިދީނުގައި އިންސާނާއަށްޓަކައި އެންމެ ކަމުދާ އަދި އެންމެ ހިތްހަމަޖެހޭ ފަސޭހަ ގޮތްތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ފަހިކޮށްދެއްވާފައެވެ. އިންސާނާ ދިރިއުޅުމުގެ މަޤްޞަދަކީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަން ކުރުންކަމުގައިވާއިރު، ﷲ ގެ މަތިވެރި އަމުރުފުޅުތަކާއި ޚިލާފުވުމެއްނެތި އުފާކޮށް ކުޅިވަރުކުޅެ ހެދުމަކީ ހުއްދަ ކަމަކެވެ. އެގޮތުން އެފަދަ އެންމެހާ ހިތްހަމަޖެހުމަކާއި އުފަލެއް ދެމަފިރިންގެ ދެމެދުގައި ﷲ ތަޢާލާވަނީ ލައްވާފައެވެ.
ތިރީގައި މިބަޔާންކުރެވޭ ޙަދީޘުންވެސް އަޅުގަނޑުމެނަށް ދައްކައިއެދެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ހިތްވަރުދެއްވައި އެހީތެރިވެވަޑައިގަންނަވާ ފުރިހަމަ ގޮތްތަކެވެ. އަދި ކައިވެނީގައި ހިތްމޮޅިވެ، މަޤްބޫލުކަން ގެއްލިގެން ދިއުމެއްނެތްކަން ބަޔާންކޮށްދިނުމުގެ ގޮތުން އަންގައިދީފައިވާ އަންގައިދިނުމެކެވެ. އެހެންކަމުން ކައިވެންޔަކީ ހަމައެކެނި ކައްކައިގެން ކައި، އެއްޗެހިދޮވެ، ނިދައިލުންނޫންކަން ޤަބޫލުކުރަން އެބަޖެހެއެވެ. އަނބިމީހާ އަށް ޚަރަދުކުރުމާއި، އޭނަބޭނުންވާ ތަކެތި ހޯދައިދިނުމުގެ އިތުރުން އަނބިމީހާ ހިތްހަމަޖައްސައިދީ، ހިތްއުފާކޮށްދީ، އަނބިމީހާޔާއެކު ކުޅިވަރުކުޅެ ޖޯކު ކިޔައިދިނުންފަދަ ކަންކަން ކުރުމަކީ ފިރިމާހާ ކުރަންޖެހޭނެ ކަންކަމެވެ. އެއީ އެދެމެދުގައިވާ މާތްގުޅުން ފޫހިކަމެއްނެތި ދެމިގެންދިއުމަށްޓަކައެވެ.
ޢާއިޝާ ރަޟިޔަﷲ ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. “އެއްދުވަހަކު ސައުދާ ރަޟިޔަﷲ ޢަންހާ ތިމަންކަމަނާމެނަށް (އެބަހީ: ޢާއިޝާ ރަޟިޔަﷲ ޢަންހާއާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް) ޒިޔާރާތްކުރެއްވިއެވެ. ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އެއްފައިންޕުޅު ތިމަންކަމަނާގެ އުނގުފުޅަށް އަދި އަނެއް ފައިންޕުޅު އެކަމަނާގެ އުނގުފުޅަށް ލައްވައިގެން، ތިމަންކަމަނާއާއި އެކަމަނާއާއި ދޭތެރޭގައި އިށީނދެވަޑައިގަތެވެ. ތިމަންކަމަނާ އެކަމަނާއަށްޓަކައި، ‘ޙަރީރާ’ ނުވަތަ ‘ޚަޒީރާ'(މަސް ކުދިކޮށް ކޮށައިގެން ތައްޔާރުކުރާ ކާނާއެއް.) ކިޔާ ކާއެއްޗެއް ތައްޔާރުކުރައްވާ، އެކަމަނާއަށް ކޭންބެއްލެވުމަށް ދެންނެވުމުން އެކަމަނާ އެކަމާ އިންކާރު ކުރެއްވިއެވެ. ތިމަންކަމަނާ ވިދާޅުވީމެވެ. ކަމަނާއަށް ޖެހިވަޑައިގަންނަވާނީ ކެއިންބައްލަވާށެވެ. ނޫނީ ކަމަނާގެ މޫނުފުޅުގައި އުގުޅާލައްވާހުށީމެވެ. އެހެންނަމަވެސް އެކަމަނާ ކެއިންބެއްލެވުމަށް އިންކާރުކުރެއްވިއެވެ. އެހެންކަމުން ތިމަންކަމަނާ ތައްޔާރުކުރެއްވި ކާއެއްޗެހި ހުރި ތަށިން، ބައެއް ނަގައި އެކަމަނާގެ މޫނުފުޅުގައި ވަށާލީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިނިވަރުނަކުރައްވައި، އެކަމަނާގެ އުނގުފުޅުގައި އޮތް، އެކަލޭގެފާނުގެ ފައިންޕުޅު ނެންގެވިއެވެ. އެކަމަނާއަށް ތިމަންކަމަނާއާއި ދިމާއަށް ވަޑައިގަތުމަށް އެހީއެއްގެ ގޮތުންނެވެ. އެކަލޭގެފާނު އެކަމަނާއަށް ހަދީޘްކުރެއްވިއެވެ. ކަމަނާވެސް އެކަމަނާގެ މޫނުފުޅުގައި އުނގުޅުއްވާށެވެ. ދެން އެކަމަނާ އޭގެން ބައެއް ނަގައި ތިމަންކަމަނާގެ މޫނުފުޅުގައި ވަށާލެއްވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިނިވަރުނަކުރެއްވިއެވެ…..”(4)
މި ޙަދީޘުން ކުރިން އަޅުގަނޑު ދެންނެވިފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއެކު ސަމަސާކުރައްވާ އަދި އެކަނބަލުން އެއްކަނބަލަކު އަނެއް ކަނބަލަކާ ސަމާސާކުރައްވައި، އަދި އުފާކޮށް ހައްދަވާކަން ވަރަށް ސާފުކޮށް އެނގިގެންދެއެވެ.
– ނުނިމޭ –
_______________________________________
މަޞްދަރުތައް:
(1). ޞަޙީޙް މުސްލިމް (ޙަދީޘް ނަންބަރު: 2447)
(2). އިބްނުމާޖާ (ޙަދީޘް ނަންބަރު: 2010)، ޝައިޚް އަލްބާނީ ރަޙިމަހުﷲ ވަނީ މި ޙަދީޘް ޞައްޙަކުރައްވާފައެވެ.
(3). ފަތުޙުލްބާރީ (1/549)
(4). އައްނަސާއީ (ޙަދީޘް ނަންބަރު: 8917)