އަލްއިމާމް ބުޚާރީ އެކަލޭގެފާނުގެ ޙަދީޘް ފޮތް (ޞަޙީޙުލް ބުޚާރީ) ގައި އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައިވާ ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
“މީހަކު ހިނގާފައިދިޔަ މަގުމަތީގައި އޭނާ ވަރަށް ބޮޑަށް ފެންބޮވައިގަނެ ކަރު ހިއްކައި ގަނެއްޖެއެވެ. ދެންފަހެ އޭނާ ވަޅަކަށް ފައިބައި ފެންބޮއި ހަދައިފިއެވެ. އަދި އޭނާ ވަޅުން އެރި ހިނދު ވަރަށްވެސް އަޖައިބު ކުރުވަނިވި މަންޒަރެއް އޭނާއަށް ފެނިގެން ދިޔައެވެ. އެއީ ކަރު ހިއްކައި ގަތުމުގެ ސަބަބުން ދޫނިކުމެފައިވާ ކުއްތާއެއް ބިންމަތީގައި ހުރި ތެތް ކިސަޑުތަކެއް ކަމުންދިޔަ މަންޒަރެވެ. ފަހެ އޭނާގެ އަމިއްލަ ނަފްސަށް ބުންޏެވެ. “ހަމަކަށަވަރުން މިސޮރު މިވަނީ ތިމަންނައަށް ދިމާވި ފަދައިން ދިމާވެފައެވެ. (އެބަހީ ފެންބޮވައިގެންފައެވެ.)”
(ދެންފަހެ އޭނާ އެވަޅަށް ފައިބައި) އޭނާގެ ޚުއްފު (ޖަނަވާރުގެ ހަމުން ހަދާފައިވާ އިސްޓާކީނު) ފުރެންދެން ފެން އަޅައިފިއެވެ. އަދި އެޚުއްފު އޭނާގެ ތުނބުލައިގެން ވަޅުން އަރައި (ފެން ބޮވައިގެންފައިވާ) އެ ކުއްތާއަށް ފެންދީފިއެވެ. ފަހެ ﷲ ތަޢާލާ (އޭނާގެ އެޢަމަލުގެ މައްޗަށް) އޭނައަށް ޝުކުރުވެރިވެ ވޮޑިގެންފިއެވެ. އަދި އޭނާގެ އެންމެހާ ފާފަތައް އެކަލާނގެ ފުއްސަވައި ދެއްވައިފި ވެސް މެއެވެ.”
ދެންފަހެ ޞަޙާބީ ބޭކަލުން ދަންނަވައިފިއެވެ. “އޭ ﷲގެ ރަސޫލާ އެވެ! ހަމަކަށަވަރުން ޖަނަވާރުންނަށް ހެޔޮކޮށް ހިތުމުގެ ސަބަބުން އަޅުގަނޑުމެންނަށް އަޖުރު (ޘަވާބު) ލިބެނީ ތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ދިރޭ ކޮންމެ އެއްޗެއްގެ ފުށުން ތިޔަބައިމީހުންނަށް އަޖުރު ލިބޭ ހުއްޓެވެ.”
އަދި ހަމަ އެފަދައިން އަލް އިމާމް މުސްލިމް އެކަލޭގެފާނުގެ ޙަދީޘްފޮތުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވާފައި ވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
“ހަމަކަށަވަރުން ހޫނު ގަދަ ދުވަހެއްގައި، ކުއްތާއެއް ފެންބޮވައިގަނެ ވަޅެއްގެ ވަށައިގެން އެނބުރޭ މަންޒަރު، ވަރަށް ނުބައި ނުލަފާކޮށް އުޅުނު އަންހެނަކަށް ފެނުނެވެ. ފެން ބޮވައި ގަތުމުގެ ސަބަބުން އޭތީގެ ދޫ ވަނީ ނުހަނު ބޮޑަށް ނުކުމެފައިވެސް މެއެވެ. ފަހެ އެ އަންހެނާ އޭނާގެ ޚުއްފަށް ފެން އަޅައިގެން ގެނެސް (ފެން ބޮވައިގެންފައިވާ) އެ ކުއްތާއަށް ފެންދީފިއެވެ. ﷲ ތަޢާލާ (އެ އަންހެނާގެ ޢަމަލު ޤަބޫލު ކުރައްވައި) އޭނާގެ ފާފަތައް ފުއްސަވައި ދެއްވާފިއެވެ.”
އިސްވެދިޔަ ދެޙަދީޘުން ލިބިގަންނަންވީ ބައެއް ފައިދާ:
* ދިރޭ ތަކެއްޗަށް އޯގާތެރިކޮށް ހިތުމުގެ މާތްކަމާއި މަތިވެރިކަން އިސްވެދިޔަ ދެޙަދީޘުން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެއެވެ. އެހެނީ އިސްވެދިޔަ ދެ ޙަދީޘުގައިވާ ދެމީހުންގެ ފާފަތައް ފުއްސެވީ، ފެންބޮވައިގެންފައިވާ ކުއްތާއަކަށް ފެން ދިނުމުގެ ސަބަބުން އެދެމީހުންނަށް ﷲ ތަޢާލާގެ ރުއްސެވާ ވޮޑިގަތުން ޙާޞިލްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
* ﷲ ތަޢާލާގެ ރަޙްމަތް ވަންތަ ކަމުގެ ބޮޑުކަމާއި އެކަލާނގެ ދީލަތި ވަންތަ ކަމުގެ ތަނަވަސްކަން އެނގި ބަޔާންވެއެވެ. އެހެނީ ޙަދީޘްގައި އައިސްފައިވާ ދެމީހުންގެ ފާފަތައް ﷲ ތަޢާލާ ފުއްސެވީ އެމީހުންކުރި ވަރަށްވެސް ކުޑަކުޑަ ޢަމަލައްގެ ސަބަބުންނެވެ.
* ކިތަންމެ ކުޑަކުޑަ ހެޔޮ ކަމެއްގައި ވެސް އިޚްލާޞްތެރިކަން އިސްކުރުމުގެ މުހިންމުކަން އިސްވެދިޔަ ދެޙަދީޘުން ދޭހަވެއެވެ. އެހެނީ ޙަދީޘްގައި ނަންގަނެވިފައިވާ ދެމީހުން އެމީހުންގެ އެޢަމަލު (ކުއްތާ އަށް ފެންދިނުން) ކުރީ އޭތީގެ ފަރާތުން އެއްވެސް ފައިދާއެއް ހޯދުމަކަށްވެސް ނޫންމެއެވެ. އަދި ކިއެއްތަ؟ އެކަން އެމީހުން ކުރީ އެކުއްތާގެ ފުރާނަ ސަލާމަތް ކޮށްދިނުމަށްޓަކައި، އިޚްލާޞްތެރި ނިޔަތަކާ އެކުގައެވެ.
* ތިމާއަށް ކިތަންމެ ގިނަ ކުދިފާފަތަކެއް ކުރެވިފައި ވީކަމުގައި ވީނަމަވެސް ﷲ ތަޢާލާ ރުއްސަވާ ވޮޑިގެންވާ ހެޔޮ ޢަމަލު ކުރާ ކަމުގައި ވަނީނަމަ ﷲ ގެ ތަނަވަސް ރަޙްމަތުން އެފާފަތައް ފުއްސަވާފާނެކަން މިދެޙަދީޘުން އެނގެއެވެ. އިންސާނުންނަކީ ކުއްފާފަތައް ކުރެވޭ ބައެއް ކަމުގައި ކުރާ ހެޔޮ ޢަމަލުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވީ، އެކަލާނގެ ރުއްސަވާ ގޮތަށް ކުރެވޭ ޢަމަލެއް ކަމުގައި ހެދުމަށް ގަދައަޅައި މަސައްކަތް ކުރަން ވާނެއެވެ.
* ދިރޭތަކެއްޗަށް އޯގާތެރި ވުމަކީ އަޅުގަނޑުމެންގެ މައްޗަށްވާ ވާޖިބެއްކަން މި ދެޙަދީޘުން އޮޅުމެއްނެތި އެނގެއެވެ. ދިރޭތަކެއްޗާމެދު އޯގާތެރިކޮށް ހިތުމަށް އިސްލާމްދީން މިފަދަ މިންވަރަކަށް ބާރު އަޅާއިރު އަޅުގަނޑުމެންގެ ތެރެއިން މުސްކުޅިންނަށާއި ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙްމަތްތެރިންނަށާއި އަވަށްޓެރިންނަށް އޯގާތެރިކޮށް ހިތުމުގެ ވާޖިބުކަން ވަރަށް ރަނގަޅަށް މި ދެޙަދީޘުން ދޭހަކޮށްދެއެވެ.