ޙަސަނުލް ބަޞަރީ ރަޙިމަހުﷲ އަކީ ކޮންބޭކަލެއް؟
ހަސަނުލް ބަޞަރީ ރަޙިމަޙުﷲ އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 21 ވަނަ އަހަރު ޢުމަރު ބުނުލް ޚައްޠާބުގެ ޚިލާފަތުގެ ފަހުކޮޅު މަދީނާގައެވެ. އެކަލޭގެފާނުގެ މަންމާ ފުޅަކީ މުއުމިނުތަކުންގެ މައިކަނބަލެއްކަމަށްވާ އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ޚިދުމަތުގައި އުޅުއްވި ބޭކަނބަލެކެވެ. ބައެއްފަހަރު އެކަލޭގެފާނު ކުޑައިރު ކީރިތި ކުރައްވަން ފެއްޓެވުމުން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ އެކަލޭގެފާނު އުރުވަޑުވައި މަސަލަސް ކުރައްވަން މަސައްކަތްކުރައްވައެވެ. މިކަލޭގެފާނުގެ ތުއްޕުޅުއިރުގެ ތަރުބިއްޔަތުގެ ބިންގާ އެޅުނީ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ގެކޮޅުގެ ތެރޭންނެވެ.
ޢުމަރު ބިން ޚައްޠާބު ޙަސަނުލްބަޞަރީއަށް ދުޢާކުރެއްވިއެވެ. ” އޭ ހައްދަވާ ބޮޑުކުރައްވާ އިލާހު! މިކުއްޖާއަށް ދީން އުގަންނައިދެއްވައި މީސްތަކުންގެ ލޯބި ލިބޭ މީހެއްކަމުގައި ލައްވާށިއެވެ. “
ޢުމުރުފުޅުން ދިހަ އަހަރުގައި ޤުރުއާން ހިތުދަސްކުރެއްވިއެވެ.
އެކަލޭގެފާނު މަދީނާގައި އުޅުއްވީ ވާދިލްޤުރާ އޭ ކިޔުނުތަނެއްގައެވެ. އެކަލޭގެފާނު ހުކުރުނަމާދަށް ވަޑައިގަންނަވަނީ ޢުޘްމާން ރަޟިޔަﷲ އަންހުއާއެކުއެވެ. ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުނު އިރު އެކަލޭގެފާނު ޢުމުރުފުޅަކީ 14 އަހަރެވެ.
އަދި ފަހުން ޢަލީ ރަޟިޔަﷲ އަންހުގެ ޚިލާފަތުގައި ޢިރާޤަށް ބަދަލުވުމުން އެކަލޭގެފާނުވެސް ޢިރާޤަށް ހިޖުރަކުރެއްވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނުގެ ދިރިއުޅުއްވާފައިވަނީ ބަޞަރާގައެވެ.
އެކަލޭގެފާނަކީ ދީންވެރި، ވާހަކަދައްކަވާ އިރު ފަޞާޙާތްތެރި، މަޑުމައިތިރި ދިރިއުޅުމެއް އުޅުއްވި އަޅުވެރި ބޭކަލެކެވެ. އަދި ބަޞަރާގައި އެކަލޭގެފާނު ކިޔަވާދެއްވާފައިވެއެވެ.
އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 110 ވަނައަހަރު 1ވީ ރަޖަބުމަހުއެވެ. އޭރު އުމުރުފުޅުން 88 އަހަރެވެ. މާތްﷲ އެކަލޭގެފާނަށް ހެޔޮރަޙުމަތްލައްވައި ހެޔޮޖަޒާދެއްވާށިއެވެ.
އެއީ ބަޞަރާގެ އަހުލުވެރިންގެ ތެރޭގައި އެންމެ މަޝްހޫރު ތާބިޢީ އެއްބޭކަލެވެ. ތާބިޢީ ބޭކަލުންނަކީ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުގައި ނުވަތަ އެކަލޭގެފާނާ ބައްދަލުވެ ވަޑައިގެންނެވި ޞަޙާބީ ބޭކަލުންނާ ބައްދަލުވެވަޑައިގެންފައިވާ ބޭކަލުންނެވެ. އަދި އެގޮތުގައި އީމާންކަމުގައި އަވަހާރަވެ ވަޑައިގެންފައިވާ ބޭކަލުންނެވެ.
އެކަލޭގެފާނުގެ ނަޞީޙަތްކޮޅު
އެކަލޭގެފާނުގެ ބައެއް ދަރިވަރުންނަށް ކިބުރުވެރިކަމާއި ފަޚުރުވެރިވުމާ ބެހޭގޮތުން އިންޒާރު ދެއްވަމުން ދެންނެވިއެވެ.
1. ތިބާ ރަނގަޅުތަނެއް ނުވަތަ ރަނގަޅުބަޔެއްގެ ތެރޭގައި ވުމުން އެކަމާ މާބޮޑަށް ފަޚުރުވެރިވެ ކިބުރުވެރިނުވާށެވެ. އެހެނީ ސުވަރުގެއަށްވުރެ ވަކިމަތިވެރި މޮޅުތަނެއް ނުވެއެވެ. އެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރި ފަރާތަކީ އަހަރެމެންގެ އެންމެންގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމެވެ.
2. ތިބާއަށް ގިނައިން އަޅުކަން ކުރެވުމުން އެކަމާ ފަޚުރުވެރިވެ ބޮޑާނުވާށެވެ. އެހެނީ އިބިލީހަށް (ޝާއިޠާނާއަށް) ވީގޮތާ މެދު ތިޔަބައިމީހުން ވިސްނާށެވެ. އެހެނީ އޭނާއަށް އެކަން މެދުވެރިވީ އޭނާ އެތައް ޒަމާނަކު އަޅުކަން ކުރުމަށްފަހުގައެވެ.
3. ޞާލިޙު ހެޔޮލަފާ މީހަކާއި، ނުވަތަ ބަޔަކާ ބައްދަލުވެގެން ތިބާ އެކަމާ ފަޚުރުވެރި ނުވާށެވެ. އެހެނީ އެންމެ ހެޔޮ އެންމެ މަތިވެރި އިންސާނަކީ އަހަރެމެން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައެވެ. ނަމަވެސް މުނާފިޤުންނާއި އަދި ކާފަރުންނަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމައާ ބައްދަލުވެގެން އެއްވެސް ފައިދާއެއްނުކުރިއެވެ. ( ޙަސަނުލް ބަޞަރީގެ ބަސްކޮޅު ނިމުނީ)
ފުރަތަމަ ނުކުތާ
ވަރަށްވެސް ބޮޑު ތެދެކެވެ. މޮޅުތަނެއްގައި މީހަކު ވުމަކީ މީހަކު މޮޅުވުމަށް އޮތް ސަބަބެއް ނޫނެވެ. އަދި އެތަނެއްގެ މޮޅުކަމާމެދު ފަޚުރުވެވިއްޖެނަމަ އޮންނާނީ އެ ނިޢުމަތެއް އޭނާގެ ކިބައިން ގެއްލުމަށް މަގުފަހިވެފައެވެ. އަހަރެމެންގެ މާތް ބަފައިކަލުން އާދަމު އަލައިހިއްސަލާމަށްވުރެ މޮޅުތަނެއްގައި ހުރީ ކާކުހެއްޔެވެ؟ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ކަމަށްވާ އަހަރެމެންގެ މައިކަނބަލުން ޙައްވާ އަލައިހިއްސަލާމް އެތަން ދޫކޮށް ނުކުންނަން ޖެހުމުގެ ސަބަބަކީ ކުޑަ ކަމަކަށް ކިޔަމަންތެރިކަން އަދާނުކުރެވުމެވެ. ވީމާ އަހަރެމެން އެންމެންވެސް މިކަމުން ޢިބުރަތް ހޯދަން ޖެހެއެވެ. އެއްވެސް ތަނެއް މޮޅުވުމަކުން މީހަކަށް މޮޅެއްނުލިބެއެވެ. އެމީހެއްގެ އީމާން ތެރިކަން ނެތްނަމަ ފަހުންވާނެ މޮޅެއްވެސް ނެތެވެ.
ދެވަނަ ނުކުތާ
ގިނައިން އަޅުކަން ކުރެވިގެން އެއްވެސް މީހަކު އެކަމާއި މެދު ކިބުރުވެރިނުވާށެވެ. ޝައިޚު މުނައްޖިދުގެ ދަރުސެއްގައި ކިޔައިދެއްވާފައިވާ ވާހަކައެއްގައި ވެއެވެ.
މިއުއްމަތުގައި އުޅުއްވި ބޮޑު ޢިލްމުވެރިއެކެވެ. އެޢިލްމުވެރިޔާ އަކީ ޢިލްމީގޮތުން ފުންނާބު އުސް ވަރަށް ގިނަ ފޮތްތައް ލިޔުއްވި ބަހުގެ ގޮތުން މޮޅު އިލްމުވެރިއެކެވެ. ނަމަވެސް މަރުގެ ދާނުގައި މި ޢިލްމުވެރިޔާ އޭނާގެ އަރިހަށް ޤުރުއާން ހާޒިރުކުރުމަށް އެދުނެވެ. އެޔަށްފަހު މަތިވެރި ކަލާމްފުޅު ޙާޒިރުކުރެވުމުން އެފޮތް ދައްކާފައި ބުންޏެވެ. ” އަހަރެން ތިފޮތަށް ކާފަރުވަމެވެ. ” އެންމެ ފަހު ގަޑީގައި އެފަދަ ޢިލްމުވެރިޔަކު ކާފަރުވުމުން އޭނާގެ އިލްމުން އޭނާއަށް ކުރީ ކޮންފައިދާއެއް ތޯއެވެ. މިކަމުގެ ސަބަބަކީ ކޮބައިކަން ހާމަކޮށްދެއްވަމުން ޝައިޚު މުނައްޖިދު ބަޔާންކުރައްވައެވެ. ” އޭނާގެ ޅެމެއްގައި އޭނާ އަމިއްލައަށް އޭނާއަށް ލިބިފައިވާ ޢިލްމާއި މެދު ކިބުރުވެރިވެ ޘަނާ ކިޔާފައިވެއެވެ..”
ވިސްނާށެވެ. މިފަދަ މީހެއްކަމުގައި ވުމަށް ލޯބިކުރަނީ ކާކުތޯއެވެ. ހުރިހާ މަސައްކަތެއް ކުރުމަށްފަހު، ފަހުވަގުތު ނާކާމިޔާބު ވެދާނެ ފަދަ ކަމެއް ކުރަން ލޯބި ކުރާނީ ކާކުހެއްޔެވެ؟ އިބިލީހަށްވެސް ވީ އެހެންނެވެ. އޭނާއަށްވެސް އޭނާގެ ނަފުސު ފެނި ބޮޑާވެގަތީއެވެ. އާދަމުގެފާނަށް ސަޖިދަކުރުމަށް އެންގެވުމުން އިބިލީސްގެ ހިތަށް ކިބުރުވެރިކަން ވަނީއެވެ. އޭނާއަށްވުރެ ދަށުދަރަޖައިގެ އެއްޗަކަށް ސަޖިދަކުރުން މަނާކުރީ އޭނާގެ ކިބުރުވެރިކަމެވެ. އެކަމުގެ ސަބަބުން ފަހުގަޑީގައި ހުރިހާ ނިއުމަތްތަކަކުން މަހުރޫމްވީއެވެ. ބަޔާންވި އިލްމުވެރިޔާއަށްވެސް ވީ މިފަދައިންނެވެ. މިކަން މެދުވެރިކުރުވީ ކިބުރުވެރިކަމާއި ބޮޑާކަމާއި އަދި ފަހުރުވެރިކަމެވެ. އެއްވެސް ބޭފުޅަކު މިކަމަށް އަރައިނުގަންނާށެވެ. އެހެނީ ކިބުރިޔާވަންތަކަމަކީ މި ޢާލަމްތަކުގެ ވެރިރައްބަށް ޚާއްޞަ ޞިފަފުޅެކެވެ. އެކަން ޙައްޤުވެގެން ވާ ފަރާތަކީ އެއިލާހު ފިޔަވައި ދެން ކޮން ފަރާތެއް ހެއްޔެވެ؟
ތިންވަނަ ނުކުތާ
އަބޫ ޖަހުލާއި އަބޫލަހަބާއި މިސާލަކަށް ބަލަމާތޯއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައާ ބައްދަލުވުމުގެ ނަސީބު ލިބުނެވެ. ނަމަވެސް މިދެމީހުންވެސް ކިބުރުވެރިވެގަތީއެވެ. އެމީހުންނަށް ގޮވާލެވުނު ގޮވާލެވުމާމެދު އިންކާރުކުރީއެވެ. މި ދުނިޔެއަށް ފޮނުއްވި އެންމެ މާތް އިންސާނާއަށް އެމީހުން ބީރުކަންފަތެއް ދިނީއެވެ. އެމީހުން އެކަލޭގެފާނާއި ބައްދަލުވުމުގެ ފުރުސަތުގެ ލިބުނެވެ. ނަމަވެސް އެއިން ކުރީ ކޮން ފައިދާއެއްތޯއެވެ؟ ހަމައެފަދައިން މިޒަމާނުގައިވެސް އަޅުގަނޑުމެން މޮޅު މީހެއް ކައިރިން ކިޔެވުނީތީ ކިބުރުވެރި ނުވާންވީއެވެ. މޮޅު މީހެއްގެ ކައިރިޔަށް މީހަކު ދިޔަކަމުގައިވިޔަސް އީމާން ނުވާނަމަ ލިބޭނީ ކޮންމޮޅެއްތޯއެވެ؟
ނިންމުން
ވީމާ ކޮންމެ ބެފުޅަކުވެސް މިކަމާމެދު ވިސްނަވާށެވެ. ދުނިޔޭގެ މޮޅު ޔުނިވަރސިޓީއަކުން ކިޔެވުނީތީ ކިބުރުވެރި ނުވާށެވެ.
ދުނިޔޭގެ މަޝްހޫރު ޝެއިޚެއްގެ އަރިހުން މޮޅު ޢިލްމުވެރިއެއްގެ އަރިހުން ކިޔެވުނީތީ ބޮޑާ ނުވާށެވެ.
ދުނިޔޭގެ އެންމެ މާތް ރަށުގައި އުޅޭތީ ކިބުރުވެރިނުވާށެވެ. އަދި ދުނިޔޭގެ އެންމެ ރީތި އެންމެ އަގުބޮޑު އެންމެ މަޝްހޫރު ޔުނިވަރސިޓީއަށް ވަދެވުނީތީވެސް އަދި އެތަނުން ކިޔެވުނީތީވެސް ފަހުރުވެރިވެ ބޮޑާނުވާށެވެ. އެހުރިހާ ނިޢުމަތްތަކަށް ޝުކުރުވެރިނުވެ، އެ ނިޢުމަތްތަކަށް ކާފަރުވެ އާހިރު މަންޒިލަކީ ނަރަކަ ކަމުގައިވެއްޖެނަމަ އެމޮޅު ތަނުން ލިބުނީ ކޮން މޮޅެއްތޯއެވެ؟
ރަށެއްގެ ވެރިކަން ލިބުމުން ނުވަތަ ތިމާއަށް ކުރެވޭ ހެޔޮޢަމަލުތަކާމެދުވެސް ކިބުރުވެރި ނުވާންވީއެވެ.
ވީމާ ވިސްނަންވީ ކިބުރުވެރިނުވެ އެއްބަޔަކު އަނެއްބަޔަކަށް އިޚުލާސްތެރިވެ، އަޅުކަމުގައިވެސް އިޚުލާސްތެރިވެ ﷲ ސުބުހާނަހޫ ވަތަޢާލާގެ ލޯތްބާއި ރަޙުމަތް ހޯދުމެވެ. ދެ ދުނިޔޭގެކާމިޔާބު ލިބޭނީ އޭރުންނެވެ.