[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ އޯގާތެރި ފިރިކަލުން – محمد رسول الله صلى الله عليه وسلم (5)

Enme Oagaatheri Firimeeha

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއިއެކު:

3. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ މަޝްވަރާ ހޯއްދެވުން:

އެކުގައި މުޅި ޙަޔާތް ވޭތިކުރުމުގައި ތަފާތު ދަތިތަކާއި އުނދަގޫ ޙާލަތްތައް ކުރިމަތިވުމަކީ ނުވެނުދާނެ ކަމެކެވެ. މިގޮތުން ދެމަފިރިންގެ ޒަވާޖީ ޙަޔާތުގައި ދިމާވާ އެކި އެކި ޙާލަތްތަކުގައި އެކަކު އަނެކެއްގެ މަޝްވަރާއަށް އަހައި ޚިޔާލު ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިސްލާމްދީނުގައި މަޝްވަރާކުރުމަށް ހުއްދަދީފައިވާ ކަންކަމުގައެވެ. އާންމު ދިރިއުޅުމުގެ ޙާލަތްތަކުގައެވެ. އެއީ އެކަމުގެ ސަބަބުން އެދެމެދުގައިވާ ލޯތްބާއި އިތުބާރު ދެމިގެންދާނެ ކަމެކެވެ. މަޝްވަރާކުރުމަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވައި އެކަމަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ اسْتَجَابُوا لِرَ‌بِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُ‌هُمْ شُورَ‌ىٰ بَيْنَهُمْ وَمِمَّا رَ‌زَقْنَاهُمْ يُنفِقُونَ – (الشورى : 38) “އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު ޤާއިމްކުރާ މީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ.”

ނަމަވެސް ބައެއް ފިރިން އެމީހުންގެ އަނބިންނާމެދު ދެކެނީ އެއަށްވުރެ ދަށްގޮތަކަށެވެ. އަނބިމީހާގެ ޚިޔާލާއި ފިކުރަކީ އެހާ މުހިއްމު އަދި ބޭނުންތެރި އެއްޗެއްކަމުގައި ނުދެކެއެވެ. އެފަދަ ފިރިން ޙަޔާތުގެ މުހިއްމު އެއްވެސް ކަމެއްގައި އަނބިމީހާގެ މަޝްވަރާއަކަށް ނާހައެވެ. އެއީ އަނބިމީހާގެ ޚިޔާލަކީ ދެރަ ނިކަމެތި އެއްޗެއް ކަމުގައި ދެކެވޭތީއެވެ. ނުވަތަ އަނބިމީހާގެ ޚިޔާލަކީ އޭގައި އެއްވެސް ބިނާކުރުވަނިވި އަސަރެއް ހުންނާނެ ޚިޔާލެއްކަމުގައި ނުދެކޭތީއެވެ. ނަމަވެސް މުސްލިމުންގެ ނަމޫނާއަކަށް ވާންޖެހޭނީ މަތިވެރި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނަކީ އަޅުގަނޑުމެންނަށްވާ އެންމެ ފުރިހަމަ ނަމޫނާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިކަނބަލުން އުންމު ސަލަމާ ރަޞިޔަﷲ ޢަންހާގެ ކިބައިންވަނީ މަޝްވަރާ ހޯއްދަވާފައެވެ. އެއީ އުންމަތުގައި އެޙާދިސާއެއްގެ ވާހަކައިން މަޝްހޫރުވެފައިވާ ޙާދިސާއެއްގައެވެ. އަދި އެކަމަކީ މިހާރުގެ ބައެއް ފިރިން ދެކޭފަދައިން އެހާ ދައްފެންވަރުގެ ކަމެއްކަމުގައި އެކަލޭގެފާނު ދެކެވަޑައިގެންފައެއް ނުވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (ޞުލްޙަ ހުދައިބިއްޔާގެ ދުވަހުގައި) އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންގެ އިޙްރާމްތައް ކަނޑައި، ބޯތައް ބާލާށެވެ! (ޙަދީޘް ރިވާކުރެއްވި ރާވީ ވިދާޅުވެއެވެ.): ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު ތަކުރާރުކޮށް ތިންފަހަރު އެހެން ޙަދީޘްކުރެއްވުމުންވެސް ހަމަ އެންމެ ބޭފުޅަކުވެސް ތިއްބެވި ތަނުން ތެދުވެވަޑައިނުގައްނަވައެވެ. އެއްވެސް ބޭފުޅަކު ތެދުވެވަޑައިނުގަތުމުން، އެކަލޭގެފާނު، އެކަލޭގެފާނުގެ އަނބިކަނބަލުން އުންމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ގާތަށް ވަޑައިގެން މީސްތަކުންގެ ޢަމަލުތައް ހުރިގޮތާއިމެދު އެކަމަނާއާއި ވާހަކަފުޅުދެއްކެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނު އެބައިމީހުން އެފަދައިން ކަންތައްތައް ކުރުމަށް އެދިވަޑައިގަންނަވަމުތޯއެވެ. (އެހެންކަމަށް ވަނީނަމަ) އެމީހުންގެ ތެރެއަށް ނިކުމެވަޑައިގެން އޭގެތެރެއިން އެއްވެސް ބޭފުޅަކާއި އެއްވެސް ބަސްފުޅެއް ވިދާޅުނުވެ، ކަލޭގެފާނުގެ އިޙްރާމް ކަނޑުއްވައި ބޯފުޅު ބާލުއްވާށެވެ. ދެން އެކަލޭގެފާނު ޞަހާބީންގެ ތެރެއަށް ނިކުމެވަޑައިގެން އޭގެތެރެއިން އެއްވެސް ބޭފުޅަކާއި އެއްވެސް ބަސްފުޅެއް ވިދާޅުނުވެ، އެކަލޭގެފާނުގެ އިޙްރާމް ކަނޑުއްވައި، ބޯފުޅުބާލުއްވައި ހެއްދެވިއެވެ. މީސްތަކުންނަށް އެކަލޭގަފާނު އެފަދައިން ކަންކުރެއްވިތަން ފެނުމުން ތެދުވެ، އެބައިމީހުންގެ އިޙްރާމްކަނޑައި އެކަކު އަނެކެއްގެ ބޯބާލަން ފެށިއެވެ. އެކަމުގައި އެބައިމީހުން އެއްބަޔަކު އަނެއްބައެއް ޤަތުލުވާންކައިރިވާ ވަރަށެވެ.(1) (އެބަހީ: އެފަދަ ޝައުޤުވެރިކަމާއެކުގައެވެ.)

އިބްނު ޙަޖަރު ރަޙިމަހުﷲ މި ޙަދީޘްގެ ޝަރަޙައިގާ ވިދާޅުވެފައިވެއެވެ. ‘މި ޙަދީޘުން، މަޝްވަރާ ހޯދުމަކީ ރަނގަޅު ކަމެއްކަމުގައި އެނގިގެން ދެއެވެ. އަދި ކަންކަމުގައި، އެކަށީގެންވާ ޤާބިލް އަންހެނުންގެ މަޝްވަރާ ހޯދުން ހުއްދަކަންވެސް ހާމަވެގެން ދެއެވެ.’(2)

މިފަދަ މައުޟޫޢަކަށް ވާހަކަ ދެކެވޭއިރު އަންހެނުންނާއި ބެހޭގޮތުން ޒަމާނުއްސުރެ ދެކެވޭ، އަދި އެވާހަތަކުގައި އެއްވެސް ބުރަދަނެއްނެއް، ޙަޤީޤަތެއްނެއް ވާހަކަތަކަށް އަލިއަޅުވާލުމަކީ މުހިއްމު ކަމެކެވެ. މިފަދަ ވާހަކަތަކަކީ މުޖުތަމަޢުގައި އަންހެނުންގެ އަގުދައްކޮށްލާފަދަ ވާހަކަތަކެވެ. ޢިލްމުވެރިން މިފަދަ ވާހަކަތަށް ޤަބޫލުކުރުމާއި ފެތުރުމުން ދުރުވެގަތުމަށް ނަޞޭޙަތްދެއްވާފައިވެއެވެ. މިފަދަ ބައެއް ވާހަކަތަކުގެ ތެރެއިން: ‘އަނބިމީހަ ބުނާގޮތް ހަދައިފިނަމަ އެކަމުން ޖެހޭނީ މުޞީބާތެވެ.’ އަދި ‘އަނބިމީހާގެ މަޝްވަރާހޯދުމަށްފަހު އެޔާ އިދިކޮޅަށް ކަންކުރާށެވެ.’ އަދިވެސް އެފަދަ ވާހަކައެއްގައި ވެއެވެ. ‘އެބައިމީހުންގެ ބަސްއަހައިފިނަމަ ތިބާ ނިކަމެތިވާނެ ތިންމީހާކުވެއެވެ. އެއީ އަޅުމީހާ، އަނބިމީހާ އަދި ދަނޑުވެރިޔާއެވެ.’(3) މިފަދަ ވާހަކަތަކަކީ ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތާ މުޅިން ޚިލާފު ވާހަކަތަކެވެ. ވީމާ އަޅުގަނޑުމެންނަށް އޮތީ މިފަދަ ވާހަކަތަކުން ދުރުވެ، ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުގައި ހިފައި އެޔާ އެއްގޮތަށް ޢަމަލުތައް ބިނާ ކުރުމެވެ.

ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލާއިހި ވަސައްލަމައަކީ އިންސާނިއްޔަތަށްވާ އެންމެ ފުރިހަ އެންމެ މަތިވެރި ނަމޫނާއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް އެކަލޭގެފާނުގެ ނަމޫނާއަށް ތަބާވުމަކީ ޙަޔާތް ބާއްޖަވެރިވެ އާޚިރަތުގައިވެސް ލާބަޔާ މަންފާވާނެ އެންމެ ފުރިހަމަ މަގެވެ.

– ނުނިމޭ –

_______________________________________

މަޞްދަރުތައް:

(1). ޞަޙީޙް އަލްބުޚާރީ (ޙަދީޘް ނަންބަރު: 2731)

(2). ފަތުޙުލްބާރީ (5/347)

(3). ކަޝްފުލްޚަފާ ވަ މުޒީލުލްއިލްބާސް ޢަލާ އަޙާދީޘުލްމުޝްތަހިރާ ޢަލާ އަލްސިނަތިއްނާސް (2/14)

އެހެންބައިތައް