[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހޮޑަކީ ނަޖިހެއްތަ؟

“އިންސާނުންލާ ހޮޑު އެއީ ނަޖިހެއް ހެއްޔެވެ؟ އަދި އޭގެ ސަބަބުން ވުޟޫ ގެއްލޭނެހެއްޔެވެ؟

الحمد لله

ފުރަތަމައަށް:

ގިނަ ޢިލްމުވެރިން ދެކިލައްވާގޮތުގައި ހޮޑަކީ ނަޖިހެކެވެ.

الموسوعة الفقهية (٣٤/٨٧)ގައި އައިސްފައިވެއެވެ.

“ހޮޑަކީ ޠާހިރު އެއްޗެއް ނުވަތަ ނަޖިހެއްކަމާމެދު ތަފާތު ރައުޔުތަކެއްވެއެވެ. ޙަނަފީންނާއި ޝާފިޢީން އަދި ޙަންބަލީން ވިދާޅުވާގޮތުގައި އެއީ ނަޖިހެކެވެ. އަދި އެއިން ކޮންމެ ބަޔަކުވެސް އެކަން ތަފްޞީލުކޮށްދީފައިވެއެވެ. ހަޖަމުވުމުގެ ސަބަބުން ބަދަލުވެފައިވާ ކާބޯތަކެއްޗާމެދު މާލިކީންވެސް ވިދާޅުވަނީ މިފަދައިންނެވެ. އެއީ ބޮޑުކަމުދާތަކެތީގެ އެއްވެސް ސިފައަކާއި ވައްތަރުކަމެއްނެތަސްމެއެވެ. އެބައިމީހުން މިކަމުގެ ދަލީލެއްގެގޮތުގައި ގެންނަނީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްފުޅެވެ. ((يا عمار إنما يغسل الثوب من خمس : من الغائط , والبول , والقيء , والدم , والمني)) މާނައީ: “އޭ ޢައްމާރެވެ. ފަސް އެއްޗަކުން (ޠާހިރުކުރުމަށް) ހެދުން ދޮންނަންޖެހެއެވެ. އެއީ ބޮޑުކަމުދާ ތަކެއްޗާއި، ކުޑަކަމުދާ ތަކެއްޗާއި، ހޮޑާއި، ލެއާއި، މަނިންނެވެ.”  اهـ

އަދިވެސް ދަލީލެއްގެ ގޮތުގައި އެބޭކަލުން ބޮޑުކަމުދާ ތަކެއްޗަށް ޤިޔާސްކުރެއެވެ. އެއީ ފަސާދަވެފައިވާ އަދި ނުބައިވަސްދުވުން އޭގައި ފާޅުވެފައިވާތީއެވެ.

އިބްނު ޙަޒަމު އަދި އައްޝައުކާނީ ފަދަ ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި އެއީ ޠާހިރު އެއްޗެކެވެ. އެހެނީ ނަޖިހެއްކަމަށް ޞައްޙަ ދަލީލަކުން އެނގެން ނެތްނަމަ އެއްޗެއްގެ އަޞްލަކީ ޠާހިރުވުމެވެ.

އަދި އެބޭފުޅުން ޢައްމާރުގެފާނުގެ ޙަދީޘާއިމެދު ވިދާޅުވަނީ އެއީ ޟަޢީފު ޙަދީޘެއްކަމުގައެވެ.

އަދި “المجموع” (٢ / ٥٤٩)ގައި އައްނަވަވީ ވިދާޅުވެފައިވެއެވެ: ޢައްމާރުގެފާނުގެ މިޙަދީޘް އައްދާރުޤްނީއާއި އަލްބައިޙަޤީއާއި އަދި އަބޫ ޔަޢްލާ އަލްމޫޞިލީ އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރެއްވިއެވެ. އަދި އަލްބައިޙަޤީ ވިދާޅުވިއެވެ: “މިޙަދީޘްއަކީ އެއްވެސް އަޞްލެއްނެތް ބާޠިލް ޙަދީޘްއެކެވެ.” އަދި އަލްބައިޙަޤިއްޔާއި އައްދާރުޤުނީ މިޙަދީޘްގެ ޟަޢީފުކަން ބަޔާން ކޮށްފައިވެއެވެ. اهـ

“التلخيص الحبير” (١/٣٣)ގައި އަލްޙާފިޡް އިބްނު ޙަޖަރު މިޙަދީޘް ޟަޢީފުކަމަށް ވިދާޅުވެފައިވެއެވެ.

“فقه السنة”ގައި ހޮޑަކީ ނަޖިހެއްކަމަށް އެފޮތްލިޔުއްވި ބޭފުޅާ ވިދާޅުވެފައިވާ ބަސްފުޅަށް ތަޢުލީޤުކުރައްވަމުން ޝައިޚް އަލްބާނީ “تمام المنة” ( ص ٥٣) ގައި ވިދާޅުވެފައިވެއެވެ.

“އަޅުގަނޑު ދަންނަވާނީ: [ހަމަކަށަވަރުން އެއީ ނަޖިހެއްކަމަށް އިއްތިފާގުވެފައިވެއެވެ.] މިފަދައިން ވިދާޅުވުމުގެ އިތުރަށް ފޮތް ލިޔުއްވި ބޭފުޅާ އެއްވެސް ދަލީލެއް ގެންނަވާފައެއްނުވެއެވެ. މިއީ ބާޠިލް ދަޢުވާއެކެވެ. އެހެނީ އިބްނު ޙަޒަމު އެގޮތަށް ދެކިވަޑައިނުގަންނަވައެވެ. އެކަލޭގެފާނު ޞަރީޙަކޮށް ވިދާޅުވެފައިވަނީ މުސްލިމެއްގެ ހޮޑަކީ ޠާހިރު އެއްޗެއްކަމަށެވެ. އަދި އިމާމް އައްޝައުކާނީ “الدرر البهية”ގައި އަދި އެފޮތުގެ ޝަރަޙައިގައި ޞިއްދީޤު ޚާންވެސް ބުރަވެލައްވާފައިވާގޮތަކީ މިއީއެވެ. ނަޖިހުގެ ތެރޭގައި ހިމެނޭ ތަކެތި ޛިކުރުކުރެއްވިއިރު، އެދޭބުފުޅުންވެސް އާދަމުގެ ދަރިންގެ ހޮޑު އެއްވެސް ގޮތަކަށް ޛިކުރުކުރައްވާފައި ނުވެއެވެ. ޙައްޤުގޮތަކީ އެއީއެވެ. ދެން އެއަށްފަހު އެދެބޭފުޅުންވެސް ޛިކުރުކުރައްވާފައިވަނީ އޭގެ ޠާޙިރުކަމާއިމެދު ޚިލާފެއްވާކަމެވެ. އަދި އެއީ ޠާހިރު އެއްޗެއްކަމަށް ބުރަވެވަޑައިގެން ވިދާޅުވެފައިވަނީ: “(އަޞްލަކީ ޠާހިރުއެއްޗަކަށްވުމުވެ. އަދި (ޞައްޙަ) ދަލީލެއް އެވޮގެން މެނުވީ އެކަމުން ބަދަލުނުކުރެވޭނެއެވެ. އެއީ އެއާ އެއްހަމައެއްގެ ދަލީލެއް ނުވަތަ އެއަށްވުރެ އިސްކަން ދެވޭ ދަލީލަކުންނެވެ.)” އަދި “السيل الجرار” ގައި މިފަދަ ގޮތަކަށް އައްޝައުކާނީވެސް ޛިކުރުކުރެއްވިއެވެ.” اهـ

ހޮޑަކީ ނަޖިހެއްތޯ ޝައިޚް ސުލައިމާން އަލްޢަލްވާނުގެ އަރިހުން ސުވާލުދެއްނެވުމުން ވިދާޅުވިއެވެ. “ޞައްޙަގޮތަކީ އެއީ ސާފުޠާހިރު އެއްޗެއްކަމެވެ. (އެބަހީ: ކާބޯތަކެތި ހަޖަމުވެފައިވީކަމުގައިވިޔަސް ނުވަތަ ނޫންކަމުގައި ވިޔަސްއެވެ.) ހަޑިއެއްޗަކަށްވެ އޭގައި ނުބައިވަސް ދުވުމުގެ މާނައަކީ އެއީ ނަޖިހަކަށްވުމެއްނޫނެވެ.

ޠަހާރަތުގެ ބާބުގައި ނަޖިހެއްކަމަށް ދަލީލެއްނެތްނަމަ އެއްޗެއްގެ އަޞްލަކީ ޠާހިރުވުމެވެ. ހޮޑަކީ ނަޖިހެއްކަމަށް އެއްވެސް ދަލީލެއް ނެތެވެ. އެހެންކަމުން އެއީ ޠާހިރު އެއްޗެކެވެ.”  اهـ

ބައްލަވާ: “المجموع” (٢/٥٧٠) ، “المغني” (١/٤٨٥)

ދެވަނައަށް:

ހޮޑުލެވުމުން ވުޟޫ ގެއްލޭނެކަމާމެދު ޢިލްމުގެ އަހުލުވެރިންގެމެދުގައި ޞައްޙަ ޤައުލަކީ ހޮޑުލެވުމުގެ ސަބަބުން ވުޟޫ ނުގެއްލޭނެކަމެވެ…” 1

_______________________________________

[1] މިއީ islamqa.info ގައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.

ލިޔުމުގެ އަޞްލު ބައްލަވާ