ރަޖަބުމަހު ރޯދަހިފުމުގައި ޙާއްޞަ މާތްކަމެއްވާކަމަށް ވާރިދުވެފައިވޭހެއްޔެވެ؟
الحمد لله
ފުރަތަމަ:
ރަޖަބުމަހަކީ ޙުރުމަތްތެރި ވެގެންވާ މަސްތަކުގެ ތެރެއިން މަހެކެވެ. އެމަސްތަކާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْراً فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلا تَظْلِمُوا فِيهِنَّ أَنْفُسَكُمْ …﴾ [سورة التوبة ٣٦]
މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ. އެއީ ޙައްޤުތެދު ދީނެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރިނުވާހުށިކަމެވެ. …”
ޙުރުމަތްތެރި ވެގެންވާ މަސްތަކަކީ: ރަޖަބު، ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ.
އަބީ ބަކްރާ رضي الله عنه އަރިހުން، ބުޚާރީ(٤٦٦٢) އާއި މުސްލިމް(١٦٧٩) ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((السَّنَةُ اثْنَا عَشَرَ شَهْرًا , مِنْهَا أَرْبَعَةٌ حُرُمٌ , ثَلاثٌ مُتَوَالِيَاتٌ : ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ , وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ))
މާނައީ: “އަހަރެއްގައި ބާރަ މައްސަރުވެއެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެން އަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި (ހަތަރުވަނައީ) ޖުމާދާއާއި ޝަޢްބާނުގެ ދެމެދަށް އަންނަ މުޟަރުގެ ރަޖަބެވެ.” 1
އަދި ދެ ސަބަބަކަށްޓަކައި މިމަސްތަކަށް ޙުރުމަތްތެރިވެގެންވާ މަސްތަކޭ ކިޔެއެވެ.
1. އެމަސްތަކުގައި ހަނގުރާމަކުރުން ޙަރާމްވެގެންވުން. އެއީ އިސްވެ ޢަދުއްވުން ހަނގުރާމަ ފެށުމުންމެނުވީ.
2. ޙުރުމަތްތެރިކުރެވިފައިވާ ކަންކަމުގެ ޙުރުމަތްތެރިކަން އެމަސްތަކުގައި ކެނޑުން، އެހެން މަސްތަކުގައި ކެނޑުމަށްވުރެ (ނުބައިކަން) ބޮޑުވުން.
ﷲ ތަޢާލާ މިމަސްތަކުގައި ފާފަކުރުން ނަޙީކުރެއްވީ މިސަބަބަށްޓަކައެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ.
﴿…فَلا تَظْلِمُوا فِيهِنَّ أَنْفُسَكُمْ…﴾ [سورة التوبة ٣٦]
މާނައީ: “ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރިނުވާހުށިކަމެވެ. …”
މިމަސްތަކާ އަދި އެހެން މަސްތަކުގައިވެސް ފާފަކުރުން ޙަރާމްވެގެންވެއެވެ. އަދި މިމަސްތަކުގައި ފާފަކުރުމުގެ ޙަރާމްކަން މާ ބޮޑުވެގެންވެއެވެ.
އައްސަޢުދީ رحمه الله ވިދާޅުވިއެވެ (ص ٣٧٣):
﴿…فَلا تَظْلِمُوا فِيهِنَّ أَنْفُسَكُمْ…﴾ ގައި ޟަމީރު (ބަދަލުނަން / هُنَّ) އެއިޢާދަވަނީ ބާރަ މަހަށް ކަމަށްވުން އެކަށީގެންވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އެބަޔާންކޮށްދެއްވަނީ އަޅުތަކުންނަށްޓަކައި (ވަގުތު ބަލާ) މިންގަނޑެއްކަމުގައި (އެމައްސަރުތައް) ލެއްވިކަމަށެވެ. އަދި އެއީ އެއިލާހަށް ކިޔަމަންގަތުމުގައި އާރާސްތުކޮށް، އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ އަދި އަޅުތަކުންގެ މަޞްލަޙަތުތައް އަދާކޮށްދިނުމަށެވެ. ފަހެ އެހެންކަމުން އެމަސްތަކުގައި ތިޔަބައިމީހުންގެ ނަފްސުތަކަށް އަނިޔާވެރިވުމުން ރައްކާތެރިވާށެވެ.
އަދި ޟަމީރު (ބަދަލުނަން / هُنَّ) އެއިޢާދަވަނީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހަށްކަމުގައިވުންވެސް އެކަށީގެންވެއެވެ. އެއީ ހުރިހާ ވަޤުތެއްގައިވެސް އެބައިމީހުންނަށް އަނިޔާވެރިވުން ނަހީކުރެއްވިގެންވުމާއެކުވެސް ޙާއްޞަކޮށް މިހަތަރު މަހުގައި އަނިޔާވެރިވުން ނަހީކުރެއްވުމެވެ. އެއީ އެމަސްތަކުގެ ޙުރުމަތްތެރިކަން އިތުރު ވެގެންވުމުންނެވެ. އަދި އެހެން މަސްތަކަށްވުރެ މިމަސްތަކުގައި އަނިޔާވެރިވުމުގެ (ނުބައިކަން) ބޮޑުވެގެންވެއެވެ. اهـ
ދެވަނަ:
އަދި ރަޖަބުމަހުގައި ރޯދަހިފުމާމެދު ދަންނައެވެ. ޚާއްޞަކޮށް މިމަހުގައި ރޯދަހިފުމުގެ މާތްކަން ނުވަތަ މިމަހުން ބައެއްގައި ރޯދަހިފުމުގެ މާތްކަން، އެއްވެސް ޞައްޙަ ޙަދީޘަކުން ޘާބިތެއް ނުވެއެވެ.
ފަހެ ބައެއް މީހުން އެހެން ދުވަސްތަކުގެ މައްޗަށް އެމަހުގެ ބައެއްދުވަސްތައް މާތްކަމަށް އިޢުތިޤާދުކޮށް، އެދުވަސްތައް ރޯދަހިފުމަށް ޙާއްޞަކުރާކުރުމުގައި: ޝަރީޢަތުގައި އެއްވެސް އަޞްލެއް ނެތެވެ.
އެހެންނަމަވެސް ޙުރުމަތްތެރިވެގެންވާ މަސްތަކުގައި ރޯދަހިފުން މުސްތަޙައްބުކަމަށް ދަލާލަތުކުރާ ޙަދީޘެއް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެފައިވެއެވެ. (އަދި ރަޖަބުމަސް ހިމެނެނީ ޙުރުމަތްތެރިވެގެންވާ މަސްތަކުގެ ތެރެއިންނެވެ.) ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((صُمْ مِنَ الْحُرُمِ وَاتْرُكْ)) [رواه أبو داود (٢٤٢٨)]
މާނައީ: “ޙުރުމަތްތެރިވެގެންވާ މަސްތަކުގެ ބައެއްގައި ރޯދަހިފާށެވެ. އަދި އަނެއްބައި ދޫކޮށްލާށެވެ.”
މިޙަދީޘަކީ ޟަޢީފު ޙަދިޘެއްކަމުގައި ޝައިޚް އަލްބާނީ ضعيف أبي داود ގައި ވިދާޅުވެފައިވެއެވެ.
މިޙަދީޘް ޞައްޙަ ކަމުގައިވާނަމަ، އޭގެން ދަލީލު ލިބެނީ ޙުރުމަތްތެރިވެގެންވާ މަސްތަކުގައި ރޯދަހިފުން މުސްތަޙައްބު ކަމަށެވެ. މިސަބަބަށްޓަކައި މީހަކު ރަޖަބުމަހުގައި ރޯދަ ހިފާފައި، އަދި ޙުރުމަތްތެރިވެގެންވާ އެހެން މަސްތަކުގައިވެސް ރޯދަހިފާނަމަ އެއީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ރޯދަހިފުމަށް ރަޖަބު މަސް ޚާއްޞަ ނުކުރެވޭނެއެވެ.
“މަޖްމޫޢު ފަތާވާ” (٢٩٠/٢٥) ގައި ޝައިޚަލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ:
ޚާއްޞަކޮށް ރަޖަބުމަހުގައި ރޯދަހިފުމަށް އައިސްފައިވާ ހުރިހާ ޙަދީޘެއް ޟަޢީފެވެ. އަދި ކިއެއްހެއްޔެވެ. އެއީ މައުޟޫޢު (މީހުން ހަދާފައިހުރި) ޙަދީޘްތަކެކެވެ. އެއްވެސް ޢިލްމުގެ އަހުލުވެރިއަކު އެޙަދީޘްތަކަށް ބުރަވެވަޑައިނުގަންނަވައެވެ. އަދި ފަޟާއިލުގައި (ޢަމަލެއްގެ މާތްކަން ބަޔާންކޮށްދިނުމަށް) ރިވާ ކުރެވޭ ޟަޢީފު ޙަދީޘްގެ ތެރެއިންވެސް އެޙަދީޘްތައް ނުހިމެނެއެވެ. އެއީ މައުޟޫޢު ނުވަތަ ދޮގު ޙަދީޘްތަކެކެވެ. …
“އަލްމުސްނަދު” އަދި އެހެން ފޮތްތަކުގައިވެސް ޙުރުމަތްތެރިވެގެންވާ މަސްތަކުގައި ރޯދަހިފުމަށް އަންގަވާފައިވާ ޙަދީޘެއްވެއެވެ. އެއީ ރަޖަބު، ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމުއެވެ. ފަހެ އެއީ މިހުރިހާ މަސްތަކެއްގައި ރޯދަހިފުމަށެވެ. ނަމަވެސް ރަޖަބުމަސް ޚާއްޞަނުކޮށެވެ.” اهـ ޚުލާޞާކޮށް
އިބުނު އަލްޤައްޔިމް رحمه الله ވިދާޅުވިއެވެ:
ރަޖަބުމަހު ރޯދަހިފާ އެމަހުން ބައެއް ރޭރޭ ނަމާދުކުރުން ޛިކުރުކޮށްފައިވާ ހުރިހާ ޙަދީޘްތަކަކީ ހަދާފައިވާ ދޮގު ޙަދީޘްތަކެކެވެ. اهـ “المنار المنيف” (ص ٩٦)
އަލްޙާފިޡް އިބްނު ޙަޖަރު “تبيين العجب” (ص ١١) ގައި ވިދާޅުވިއެވެ:
“ރަޖަބުމަހުގެ މާތްކަމުގެ މައްޗަށް ނުވަތަ އެމަސް އެކީ ނުވަތަ އެމަހުން ބައެއްގައި ރޯދަހިފުމުގެ މައްޗަށް ނުވަތަ އެމަހުން ވަކި ޚާއްޞަ ރެއެއް ނަމާދުކުރުމަށް ޚާއްޞަކުރުމުގެ މައްޗަށް ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރެވޭވަރުގެ އެއްވެސް ޞައްޙަ ޙަދީޘެއް ނުވެއެވެ. اهـ
އައްޝައިޚް ސައްޔިދު ޞާބިޤު رحمه الله “فقه السنة” (٣٨٣/١) ގައި ވިދާޅުވެފައިވެއެވެ:
ރަޖަބުމަހުގައި ރޯދަހިފުމުން އެހެން މަސްތަކުގައި ރޯދަހިފުމުގެ މައްޗަށް އިތުރު މާތްކަމެއް ނުވެއެވެ. ހަމައެކަނި އެއީ ޙުރުމަތްތެރިވެގެންވާ މަހަކަށްވާކަމެވެ. މިމަހުގައި ރޯދަހިފުން ޚާއްޞަވެގެންވާކަމަށް ޞައްޙަ ސުންނަތުގައި ރިވާވެގެންނުވެއެވެ. އަދި އެކަމުގައި ރިވާވެގެން އައިސްފައިވާ އެއްވެސް ޙަދީޘެއް ޙުއްޖަތެއްގެ ގޮތުގައި ނުފުދެއެވެ. اهـ
ރަޖަބުމަހުގެ ހަތާވީސްވަނަ ދުވަސް ރޯދަހިފުމަށް ޚާއްޞަކުރުމާއި އެރޭ ނަމާދުކުރުމަށް ޙާއްޞަކުރުމާ ބެހޭގޮތުން ޝައިޚް އިބްނު ޢުޘައިމީން رحمه الله އަރިހުގައި ސުވާލު ދެންނެވުނެވެ.
ފަހެ ޖަވާބުގައި ވިދާޅުވިއެވެ:
ރަޖަބު މަހުގެ ހަތާވީސްވަނަ ދުވަހު ރޯދަހިފުމަށް ޚާއްޞަކޮށް، އަދި އެރޭ ނަމާދުގައި ހޭދަކުރުމަށް ޚާއްޞަކުރުމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. اهـ
“مجموع فتاوى ابن عثيمين” (٢٠/٤٤٠)
___________________________________
[1] މުޟަރަކީ ޢަރަބީންގެ ޤަބީލާއެކެވެ. މިޙަދީޘްގައި މުޟަރު ޤަބީލާއަށް ރަޖަބުމަސް ނިސްބަތްކުރެވިފައިވަނީ އެބައިމީހުންނީ ރަޖަބުމަހަށް ޚާއްޞަކަމެއްދީ އެމަހަށް މާތްކޮށްހިތި ބަޔަކަށްވާތީއެވެ. ބައްލަވާ تحفة الأحوذي للمباركفوري / كتاب: الإيمان / باب: ما جاء في إضافة الفرائض… / مجلد: ٧ / ص: ٣٨٩ / طبعة: دار إحياء التراث العربي
* މިއީ islamqa.info ގައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.