[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްނު ޢުޘައިމީން ރަޙިމަހުﷲގެ ގެކޮޅު

avahteriyaޝެއިޚު ޢުޘައިމީން ރަޙިމަހުﷲ ގެ ގެކޮޅަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްކަލުންގެ ތެރެއިން ރަސްކަލަކު ވަޑައިގަތެވެ. މިކަލޭގެފާނަކީ ސަޢޫދީ ޢަރަބިއްޔާގެ ފަހުގެ ތާރީޚުގައި އުފެދުނު ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ބޭކަލެކެވެ.

އަދި އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެން އެކަލޭގެފާނުގެ ގެކޮޅު ދެކެވަޑައިގެން އެގެކޮޅުގެ ސާދާކަމުގެ ސަބަބުން އެކަލޭގެފާނަށް އާ ގެޔެއް ބިނާކޮށްދެއްވުމަށް ރަސްގެފާނު ބޭނުންފުޅުވާ ވާހަކަ ދެންނެވިއެވެ.

ޝެއިޚު ރަސްގެފާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވުމަށްފަހު ދެންނެވިއެވެ. “ޞާލިޙިއްޔާ އަވަށުގައި ތިމަންނާ ގެޔެއް އެބައަޅަމެވެ.(1) ނަމަވެސް (އެއަވަށުގެ) މިސްކިތާއި އަދި އެހީފޯރުކޮށްދޭ ވަޤުފު ޖަމާއަތަށްވަނީ ފައިސާއަށް ބޭނުންވެފައެވެ.”

ދެން ރަސްގެފާނު ވަޑައިގެންނެވުމުން އިބުނު ޢުޘައިމީން އަރިހުގައި ތިއްބެވި ބޭކަލުން އެކަލޭގެފާނަށް ދެންނެވިއެވެ.

“އޭ ޝެއިޚެވެ. ޝެއިޚު ޞާލިޙިއްޔާ އަވަށުގައި ގެޔެއް އަޅާ ކަމެއް ތިމަންނާ މެންނަށް އެނގިފައެއް ނެތެވެ.”

އެވަޤުތު ޝެއިޚު ޖަވާބު ދެއްވިއެވެ.

“އެއީ އެއަވަށުގެ ޤަބުރުސްތާނު ނޫން ދެން ފަހެ ކޮންތަނެއްހެއްޔެވެ؟”

(މާނައަކީ އެކަލޭގެފާނު އަވަހާރަވުމުން ވަޅު ލެވޭނެ ގޮވައްޗަކީ ޤަބުރުސްތާނެވެ. އަދި ތައްޔާރުވަމުން އެދަނީ އާޚިރަތުގެ އެގޮވަތި ބިނާކުރެއްވުމަށްޓަކައެވެ. )

އޭ ލޮބުވެތި ކިޔުންތެރިންނެވެ.

ތިބާގެ އާޚިރަތުގެ ގޮވަތީ ބިނާކުރަން ފަށައިފިން ހެއްޔެވެ؟

މާތްﷲ އެކަމުގައި އަޅުގަނޑުމެން އެންމެނަށް ތައުފީޤު ދެއްވާށިއެވެ.

ނިމުނީ.

_________________________

ޝެއިޚު ޢުޘައިމީން ރަޙިމަހުﷲ އަކީ ކޮންބޭފުޅެއް؟

އެކަލޭގެފާނުގެ ނަމަކީ މުޙައްމަދު ބިން ޞާލިޙު ބިން ސުލައިމާނު ބިން ޢަބްދުއްރަޙުމާނު ޢާލު އުޘަޢިމީން އެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ ބަނީ ތަމީމު ވަންހައަށެވެ.

އައްޝެއިޚު މުޙައްމަދު ބިން ޢަބްދުލް ވައްހާބު ރަޙިމަހުﷲ ނިސްބަތްވެ ވަޑައިގަންނަވާ ޤަބީލާއަކީ ވެސް މިއެވެ.

ބަނީ ތަމީމު ވަންހައާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޙަދީޘްކުރެއްވާފައިވާ ޙަދީޘްބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިމަންކަލޭގެފާނުގެ އުއްމަތުގައި ދައްޖާލާއި ދެކޮޅަށް އެންމެ ވަރުގަދަ ބަޔަކީ އެބައިމީހުންނެވެ.”

(ބުޚާރީ އަދި މުސްލިމުގައި ވާ ޙަދީޘަކުން..)

އެކަލޭގެފާނު އުފަންވީ ހިޖުރީ ސަނަތުން 1347 ވަނަ އަހަރު ރަމަޟާން މަހު 27 ވިލޭރޭ ޢުނައިޒާގައެވެ.

އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ބޮޑު ޢިލްމުވެރިޔެއްކަމަށްވާ އައްލާމާ ޢަބްދުއްރަޙުމާނު ބިން ސަޢްދީ ރަޙިމަހުﷲ ހިމެނިވަޑައިގަނެއެވެ.

އެކަލޭގެފާނު ވަނީ އެތައްތަނެއްގައި ކިޔަވައިދެއްވާފައެވެ. އެގޮތުން މަދީނާ އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާދެއްވާފައިވެއެވެ.

އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ފޮތްތަކުގަޔާއި އަދި ދަރުސްތަކުގައި ގެންގުޅޭ ބަޔާންކޮށްދިނުމުގެ ތަފުސީލުކަމާއި ދެނެގަންނަން ފަސޭހަކަމުގެ ސަބަބުންނެވެ. އަދި ބަހުގެ ސާދާ ކަމުންނެވެ. ދީން ކިޔަވާކުދިންނަށް އެކަލޭގެފާނުގެ ފޮތްތަކަކީ ވަރަށް ދެނެގަންނަން ފަސޭހަ މުހިއްމު ފޮތްތަކެއް ކަމުގައިވެފައިވެއެވެ.

މުހިންމު އެތައް ފޮތްތަކެއް އެތައް ފަންނުތަކެއް ލިޔުއްވާފައިވެއެވެ. ޢަރަބި ދުނިޔޭގަޔާއި އަދި ދީން ކިޔަވާކުދިންގެ މެދުގައި މުޅިދުނިޔޭގައި އެކަލޭގެފާނު ފޮތްތަކަކީ މަޝްހޫރު ފޮތްތަކެކެވެ.

އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން ޝައްވާލު މަހުގެ 15 ދުވަހު ހިޖުރީ ސަނަތުން 1421 ވަނަ އަހަރު (2000މ.)ގައި ޖިއްދާގައެވެ. ފަސްދާނު ލެވުނީ މައްކާގައެވެ. އެކަލޭގެފާނުގެ ޖަނާޒާގައި އެތައްހާސް ބަޔަކު ބައިވެރިވިއެވެ.

މާތް ﷲ އެކަލޭގެފާނުގެ ފުރާނައަށް ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކުރައްވާށިއެވެ. އަދި އެކަލޭގެފާނުގެ ފޮތްތަކުގެ ޒަރީއާއިން ހެޔޮފައިދާ ލިބިގަންނަ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.

وصلى الله وسلم على نبينا محمد و على آله و صحبه.

_______________________

(1) ޞާލިޙިއްޔާއަކީ ޢުޘައިމީން ރަޙިމަހުﷲ އުޅުއްވި ރަށްކަމަށްވާ ޢުނައިޒާގެ  އަވަށަކަށް ކިޔާ ނަމެކެވެ. ޢުނައިޒާއަކީ ޤަޞީމު ގެ ރަށެކެވެ. ޤަޞީމަކީ މަދީނާޔާއި ރިޔާޟާއި ދެމެދުގައި އޮންނަ ސިޓީއެކެވެ. ބޮޑަށް ކައިރިވާނީ ރިޔާޟާއެވެ. ކަދުރު ގިނައިން ހެދޭ ރަށެކެވެ.