[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލާމް ފެތުރުމަކީ ހައްލެއް

الحمد لله وحده، والصلاة والسلام على من لا نبي بعده، وبعد:

އެކަކު އަނެކަކަށް ސަލާމްކުރުމަކީ ނަބީބޭކަލުންގެ ސުންނަތެކެވެ. މުސްލިމުންގެ ޞިފައެކެވެ. ތަޤުވާވެރިންގެ އާދައެކެވެ. އެކުވެރިކަން ޤާއިމުކުރުމަށް އޮތް ވަސީލަތެކެވެ. ސުވަރުގެއަށް ވާޞިލުވުމަށް އޮތް މަގެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މެދުގައި މިކަންވަނީ ބީރައްޓެހިވެފައެވެ. އެކަކުއަނެކަކާ ބައްދަލުވާހިނދު މުސްލިމުންގެ ސަލާމުން ސަލާމްކުރުމުގެ ބަދަލުގައި އެއްބަޔަކު ‘ހައި ޖަހާލާއިރު’ އަނެއް ބަޔަކު ސަލާމްގޮވަނީ ހަމައެކަނި ދަންނަ މީހުންނަށެވެ. ނުދަންނަމީހަކު ސަލާމްގޮވައިފިނަމަ ހައިރާންކަމާއެކު، ‘އަހަރެން ދަންނަންތަ!’ ބުނެލާ މީހުންނާވެސް ދިމާވެއެވެ. މިއީ އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަމާއި އެއްބައިވަންތަކަމުގެ ފޭރާން ލޫދި ހަލާކުވުމުގެ އެއްސަބަބެވެ.

އާދެ އަޅުގަނޑުމެން ސަލާމްކުރަންޖެހެނީ ހަމައެކަނި ދަންނަ މީހުންނަކަށް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ސުވާލުދެންނެވުނެވެ. އިސްލާމީ އަދަބުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ކޮންކަމެއްތޯއެވެ. ޙަދީޘްކުރެއްވިއެވެ. تُطْعِمُ الطَّعَامَ وَتَقْرَأُ السَّلَامَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ (متفق عليه) “(މެހެމާންދާރީ އަދާކޮށް) ކާންދިނުމާއި، ދަންނަމީހުންނާއި ނުދަންނަމީހުންނަށްވެސް ސަލާމްގޮވުމެވެ.”

އަދިކިއެއް! މިއީ އަޅުގަނޑުމެން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އަދާކުރަންޖެހޭ ޙައްޤެއްވެސްމެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ “މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އަދާކުރަންޖެހޭ ޙައްޤުތައް ހަޔެކެވެ. (އެބަހީ: ޙައްޤުތަކުގެ ތެރޭގައި 6 ޙައްޤުވެއެވެ.)” ދެންނެވުނެވެ. އެއީ ކޮން 6 ކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ وَإِذَا دَعَاكَ فَأَجِبْهُ وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ وَإِذَا عَطَسَ فَحَمِدَ اللَّهَ فَشَمِّتْهُ وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ (رواه مسلم) “ބައްދަލުވާހިނދު އޭނައަށް ސަލާމްގޮވާށެވެ. ދަޢުވަތު ދީފިނަމަ އިޖާބަދޭށެވެ. ނަޞޭޙަތަކަށް އެދެފިނަމަ ނަޞޭޙަތްދޭށެވެ. ކިނބިހިއެޅުމުން އޭނާ ޙަމްދުކޮށްފިނަމަ، އޭނައަށްޓަކައި ދުޢާކުރާށެވެ. (ކިޔާނީ: ‘ޔަރުޙަމުކަﷲ’ އެވެ.) އޭނާ ބަލިވެއްޖެނަމަ ޒިޔާރަތްކުރާށެވެ. އަދި މަރުވުމުން އޭނަގެ ޖަނާޒާގައި ބައިވެރިވާށެވެ.”

މިފަދައިން އެއްބަޔަކު އަނެއްބަޔަކަށް ސަލާމްގޮވައި، އަދާކުރަންޖެހޭ އެންމެހާ ޙައްޤުތައް އަދާކުރާކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ މެދުގައި އޮންނަ އަޚްވަންތަކަމާއި އެކުވެރިކަމާއި ލޯބި އިތުރުވެގެންދާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  لاَ تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا. أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ (رواه مسلم) “ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި އެކަކު އަނެކަކަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުންގެ އީމަންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދޭނެ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ.”

އަޅުގަނޑުމެންގެ ރާއްޖޭގައި ފެތުރި ބޮޑުވަމުންދާ ރުޅިވެރިކަމާއި ނަފްރަތުގެ އަލިފާން ނިއްވައި، އަމަންއަމާންކަން އަނބުރާ އިޢާދަކޮށް ދެމެހެއްޓުމަށްޓަކައި މިފަދަ އަގުހުރި ނަބަވީ އިރުޝާދުތަކުގައި އަޅުގަނޑުމެން އެންމެންވެސް ހިފަންޖެހެއެވެ.