ރަމަޟާން މަހުގެ ރޭއަޅުކަން ( ތަރާވީޙްނަމާދު ނުވަތަ ދަމުނަމާދު ) އެކަނި ކުރުންވެސް އަދި ޖަމާޢަތުގައި ކުރުންވެސް ހުއްދައެވެ. އެ ދެގޮތްވެސް ޘާބިތެވެ. ނަމަވެސް ރަމަޟާންމަހުގައި ތަރާވީޙް ނަމާދު ޖަމާޢަތުގައިކުރުން، އެކަނިކުރުމަށްވުރެ މަތިވެރިވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އެކަލޭގެފާނުގެ ޞަޙާބީންނާއިގެން، ރޭތަކެއް ވަންދެން ޖަމާޢަތުގައި ތަރާވީޙްނަމާދު ކުރައްވާފައެވެ.
ޞަޙީޙް މުސްލިމާއި ޞަޙީޙް ބުޚާރީގައި ޘާބިތުވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނާއިގެން ރޭތަކެއްވަންދެން ޖަމާޢަތުގައި (ތަރާވީޙް ނަމާދު) ކުރެއްވިއެވެ. ދެން އެހެން ކުރައްވަމުންގޮސް ތިންވަނަ ރޭ ނުވަތަ ހަތަރުވަނަ ރޭގައި އެކަލޭގެފާނު(މިސްކިތަކަށް) ނުކުމެވަޑައެއް ނުގަންނަވައެވެ. ހެނދުނު ވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (( ތިޔަބައިމީހުންގެ މައްޗަށް މި ނަމާދު (ތަރާވީޙް ނަމާދު) ފަރުޟް ކުރެވިދާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅުވަޑައިގަތުން ފިޔަވައި އެހެންކަމެއް ، ރޭގައި ނަމާދަށް ނުކުމެވަޑައިގަތުމަށް މަނާނުކުރެއެވެ. )) رواه البخاري . މާނައަކީ ތަކުރާރުކޮށް ކޮންމެ ރެއަކު ޖަމާޢަތުގައި ކުރެވެމުންދާނަމަ ތަރާވީޙް ނަމާދު މީސްތަކުންގެ މައްޗަށް ފަރުޟް ކުރެވެދާނެކަމަށް އެކަލޭގެފާނު ބިރުފުޅުވަޑައިގަތީއެވެ. ޞަޙީޙް މުސްލިމުގައި ވާރުދުވެގެން އައިސްފައިވާ ލަފްޟްގައި ވެއެވެ. (( އެހެނެއްކަމަކު ތިޔަބައިމީހުންގެ މައްޗަށް ރޭ އަޅުކަން ފަރުޟްކުރެއްވިދާނެ ކަމަށް ތިމަންކަލޭގެފާނު ބިރުފުޅުގަތީއެވެ. އެހެންވެއްޖެ ނަމަ އެކަމަކީ ތިޔަބައިމީހުންނަކަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ. )) رواه مسلم .
ޖަމާޢަތުގައި ތަރާވީޙްނަމާދު ކުރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާން އޮތްކަމެކެވެ. ޖަމާޢަތުގައި ތަރާވީޙްނަމާދު ކުރުންމަތީ އެކަލޭގެފާނު ދެމިނުހުންނެވި ސަބަބު އެކަލޭގެފާނު އެވަނީ ބަޔާންކޮށްދެއްވާފައެވެ. އެ ސަބަބަކީ އުއްމަތަށް އެނަމާދު ފަރުޟުކުރެވިދާނެ ކަމަށް ބިރުފުޅުގަތުމެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވުމުން އެ ސަބަބު (ފަރުޟް ކުރެވިދާނެ ކަމަށް ބިރުފުޅުގަތުން) ވަނީ ނެތިގޮސްފައެވެ. އެހެނީ އެކަލޭގެފާނު އަވަހާރަވުމުން އިލާހީ ވަޙީ މެދުކެނޑުނީއެވެ. އެއްވެސް އެއްޗެއް ދެން އިތުރަށް ފަރުޟް ވެދާނެކަމުގެ ބިރު ނެތުނީއެވެ. ވަޙީ މެދުކެނޑުމުން ، އެ ނަމާދުގެ ޖަމާޢަތް ކޮންމެ ރެއަކު އެކަލޭގެފާނު ތަކުރާރު ނުކުރެއްވި ސަބަބު (ފަރުޟް ކުރެވިދާނެ ކަމަށް އޮތް ބިރުފުޅު) ނެތިގެން ދިޔައީއެވެ. އެހެންކަމުން އެގޮތް (ޖަމާޢަތުގައި ތަރާވީޙްނަމާދު ކުރުން) އެއީ މިހާރު ސުންނަތްކަން ގަދަވެގެންވާގޮތެވެ.
ބައްލަވާ ” الشرح الممتع ” للشيخ ابن عثيمين ( 4 / 78 )
الإمام ابن عبد البر – رحمه الله – ވިދާޅުވިއެވެ :-
ރަމަޟާންމަހުގެ (ޖަމާޢަތުގައިކުރެވޭ) ރޭ އަޅުކަމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ. އަދި އެކަމަށް ބާރު އެޅިފައިވާ ކުރުން އެދެވިގެންވާ މަންދޫބު ކަމެކެވެ. އުމަރު ރަޟިޔަﷲ ޢަންހު އެ ސުންނަތުގައި ހިފައި އެ ސުންނަތް އިޙްޔާކޮށްފައިވަނީ، އެއީ ހަމައެކަނި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެއްކަމުގައިވާތީއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެ ސުންނަތަށް ރުއްސަވައި ލޯބިކުރައްވާފައިވާތީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ސުންނަތުގައި ދެމި ނުހުންނެވީ އެކަން އުއްމަތަށް ފަރުޟްކުރެވިދާނެކަމަށް އެކަލޭގެފާނު ބިރުފުޅުވަޑައިގަތުމުންނެވެ. އެހެނީ އެކަލޭގެފާނަކީ މުއުމިނުންގެ މައްޗަށް ނުހަނު އޯގާތެރި ރަޙްމުހުރި ބޭކަލެކެވެ. ޞައްލަﷲ ޢަލައިހި ވަސައްލަމަ. އެކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އުމަރު ރަޞިޔަﷲ ޢަންހަށް އެނގިވަޑައިގެންނެވުމުން، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވުމަށްފަހުގައި ދީނުގައި އެއްވެސް ފަރުޟެއް އިތުރުނުވާނެކަމާއި އަދި އުނިވެސް ނުވާނެކަން އެނގިވަޑައިގަތުމުން ، މީސްތަކުންނަށްޓަކައި އެ ސުންނަތް ޤާއިމުކޮށްދެއްވައި އިޙްޔާކޮށް އަދި އެކަމަށް މީސްތަކުންނަށް އަމުރުކުރެއްވިއެވެ. އެއީ ހިޖްރައިން 14 ވަނަ އަހަރުއެވެ.
“التمهيد ” ( 8 / 108 ، 109 )
އެކަލޭގެފާނު އަވަހާރަވުމަށްފަހުގައިވެސް ، އެކަލޭގެފާނުގެ ޞަޙާބީން (ރަޞިޔަﷲ ޢަންހުމް) ވަނީ ތަރާވީޙް ނަމާދު ޖަމާޢަތުގައާއި ވަކި ވަކިންވެސް ކުރައްވާފައެވެ. އެއަށްފަހު އުމަރު ރަޞިޔަﷲ ޢަންހު އެ އެންމެ ބޭކަލުން އެއް އިމާމެއްގެ ފަހަތަށް ޖަމާކުރެއްވިއެވެ.
ޢަބްދުއްރަޙްމާން ބުން ޢަބްދުލް ޤާރިއްޔު ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (( ރަމަޟާންމަހުގައި، އެއް ރެއެއްގައި ތިމަންކަލޭގެފާނު އުމަރު ރަޞިޔަﷲ ޢަންހާއި އެކު މިސްކިތައް ނުކުތީމެވެ. އެ ހިނދު މީސްތަކުން ތިބީ ވަކިވަކިން ތަފާތު ތަންތަނުގައި ނަމާދު ކުރާށެވެ. އެއްބަޔަކު އެކަނި ނަމާދު ކުރަން ހުރި އިރު އަނެއްމީހަކު ދިހަވަރަކަށް މީހުންގެ ޖަމާޢަތެއް ހަދައިގެން ނަމާދު ކުރަނީއެވެ. އުމަރުގެފާނު ވިދާޅުވިއެވެ. އެންމެ ރަނގަޅުގޮތެއްކަމުގައި ތިމަންކަލޭގެފާނަށް ފެނިވަޑައިގަނަވަނީ ތިޔަބައިމީހުން އެއް އިމާމެއްގެ ފަހަތުގައި ޖަމާޢަތެއް ހެދުމެވެ. އެއަށްފަހު އެ އެންމެން އުބައްޔު ބުން ކަޢުބުގެ ފަހަތަށް ޖަމާކުރިއެވެ. ދެން ތިމަންނަ އެހެން ރެއެއްގައި އުމަރު ރަޟިޔަﷲ ޢަންހާއި އެކު މިސްކިތައް ނުކުމެ ވަޑައިގަތީމެވެ. އެ ހިނދު މީސްތަކުން އެއްޖަމާޢަތެއްގައި އެބައިމީހުންގެ އިމާމްގެ ފަހަތުގައި ނަމާދުކުރަމުން ދަނީއެވެ. އުމަރު ގެފާނު ވިދާޅުވިއެވެ. މިއީ ހާދަހާ ރަނގަޅު އާ ކަމެކެވެ……. ) رواه البخاري
މަޢުލޫމާތުނެގީ : http://www.islamqa.com