އެކަލޭގެފާނުގެ ބައްޕާފުޅަކީ އަލްހާއްޖު ނޫހެވެ. އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ރަށުގައި ތިއްބެވި ހަނަފީ މަޒުހަބުގެ ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަލްމާނިއްޔަތު ދިރުވި އަޙުމަދު ޒޮގޫގެ ވެރިކަމުގައި މުސްލިމުންނަށް ނުހަނު ގިނަ ދުއްތުރާތައް އަލްބޭނިޔާގައި ޖެހެންފެށިއެވެ. މިކަމުގެ ސަބަބުން ޝެއިޚު އަލްބާނީގެ ބަފައިކަލުން އެކަލޭގެފާނުގެ ހުރިހާ ބޭފުޅުންނާއި އެކު ޝެއިޚު އަލްބާނީވެސް ހިމެނިވަޑައިގަންނަވާ ގޮތުން ﷲގެ ދީނަށްޓަކައި ޝާމަށް ޙިޖުރަކުރެއްވިއެވެ. އެކަލޭގެފާނު ޝާމަށް ޙިޖުރަކުރެއްވީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމައިގެ ޙަދީޘްފުޅުގައި އެބިމުގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ބަސްފުޅުތަކުގެ ސަބަބުންނެވެ. އަދި އެތަނުގައި އެކަލޭގެފާނާއި އެކަލޭގެފާނުގެ އާއިލާ ވަޒަންވެރިވެވަޑައިގަތެވެ.އެއިގެ ފަންސާސް އަހަރުފަހުން ޝެއިޚު އަލްބާނީ ރަޙިމަޙުﷲ އުރުދުންއަށް ޙިޖުރަކުރެއްވިއެވެ. އެތަނުގައި އެކަލޭގެފާނުގެ އެންމެ ފަހުވަގުތާއި ޖެހެންދެން ދެމިހުންނެވިއެވެ. އެއީ ޢިލްމުވެރިޔެއްގެ ގޮތުގަޔާއި މުދައްރިސެއްގެ ގޮތުގަޔާއި އަދި ފިޤުހުވެރި ބޭކަލެއްގެ ގޮތުގައެވެ.އެކަލޭގެފާނުގެ ތަޢުލީމީ ހަޔާތްޕުޅާއި އަދި އުސްތާޛުން
އެކަލޭގެފާނު ތަޢުލީމު ޙާޞިލުކުރެއްވީ ދިމިޝްޤުގައި ހިޖުރަކުރާ ފަރާތްތަކަށް ޙާއްޞަކުރެއްވިފައިވާ ހިޔާވަހީގައި ހެދިފައިވާ މަދަރުސާއަކުންނެވެ. މިއީ ޢިލްމުހޯދަން އަންނަ ފަރާތްތަކަށް ހިމާޔަތްދޭ ތަނެއްގެ ގޮތުގައި ކުރީގައި އެތައް އަހަރެއްވަންދެން ޙިދުމަތްދީފައިވާ ތަނެކެވެ. އެކަލޭގެފާނު އެތައް ޢިލްމުވެރިންނެއްގެ އަރިހުން އުގެނިވަޑައިގެން ފައިދާ ހޯއްދެވިއެވެ. އެއީ އެކަލޭގެފާނުގެ ބައްޕާފު އަލްހާއްޖު ނޫހު ސައީދު އަލްބުރުހާނީ އަދި އެހެނިހެން އިލްމުވެރިންގެ އަރިހުންނެވެ.
ހަލަބުގެ ތާރީޚު އަދި ޙަދީޘް ޢިލްމުވެރިއެއްކަމަށްވާ ޝެއިޚު މުޙައްމަދު ރާޤިބު އައް ތައްބާކު އެކަލޭގެފާނުގެ އިތުބާރު ހިފޭ ރާވީންގެ ރިވާޔަތްތައް ހިމެނޭ ފޮތެއްކަމަށްވާ އަލްއަންވާރުލް އަލް ޖަލިއްޔާ ފީ މުޚުތަޞަރުލް އަޘްބާތުލް ޙަލަބިއްޔާ ކިޔަވައިދިނުމުގެ ހުއްދަ ޝެއިޚު އަލްބާނީ ރަޙިމަޙުﷲ އަށް ދެއްވިއެވެ. މިކަން މެދުވެރިވީ އެކަލޭގެފާނަށް ޝެއިޚުގެ ވިސްނުންތޫނުކަމާއި އާދަޔާޚިލާފު ބުއްދިގަދަކަމާއި އަދި ދެނެގަތުމުގެ ކުޅަދާނަކަމާއި އަދި ދީނީ ޢިލްމާއި އަދި ޙަދީޘްޢިލްމު ހޯއްދެވުމަށް ހުރި ޝައުޤުވެރިކަން ފެނިވަޑައިގަތުމުގެ ސަބަބުންނެވެ.
ޝެއިޚަށްވަނީ އިސްލާމީ އެތައް ޔުނިވަރސިޓީތަކަކާއި އަދި ޖަމްއިއްޔާތަކުން ބޮޑެތި މަޤާމުތަކާއި ވަޒީފާތައް ހުށައަޅައި ދަޢުވަތު ދީފައެވެ. ނަމަވެސް ޢިލްމުގެ މައިދާނުގައި އެކަލޭގެފާނުގެ މަޝްޣޫލުވުމުގެ ސަބަބުން ޝެއިޚުވަނީ މިފަދަ ގިނަ ފުރުޞަތުތަކެއް ދޫކޮށްލައްވާފައެވެ.މަދީނާގެ އިސްލާމީ ޔުނިވަރސިޓީގައި ކުއްލިއްޔަތުލް ހަދީޘްގައި އެކަލޭގެފާނު، 3 އަހަރުވަންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘް ކިޔަވައިދިނުމުގެ އިސް އުސްތާޛެއްގެ ދައުރު އަދާކުރެއްވިއެވެ. އެއީ ހިޖުރީ ސަނަތުން 1381 ވަނަ އަހަރުން ފެށިގެންނެވެ. މިކަމުގެ ސަބަބުން ޙަދީޘް ޢިލްމުގައި އެކަލޭގެފާނުގެ ޚިދުމަތުގެ ނުފޫޒު ވަރަށް ގިނަބަޔަކަށް ފޯރާ ދުނިޔޭގެ އެކިތަންތަނުގެ އެތައްދަރިވަރުންނަށް ފައިދާކުރިއެވެ. އަދި ޙަދީޘް ޢީލްމު ކިޔެވުމަށްޓަކައި ވަރަށް ގިނަކުދިން ޙަދީޘް ޢިލްމަށް ޙާއްޞަވަމުން ދިޔައެވެ. އަދި މިކަމުގެ ސަބަބުން ޝެއިޚުގެ އަސަރު ވަރަށް ބޮޑަށް ފޯރިއެވެ.މިކަމުގެ އެންމެ ބޮޑު ހެއްކަކީ ވަރަށް ގިނަ ޢަދަދެއްގެ ޙަދީޘް ފޮތްތަކުގެ ހަދީޘްތައް ރިވާކުރެވިފައިވާ ސަނަދުތައް ޞައްޙަތޯ ނުވަތަ ނޫންތޯ ބެލި އަދި ޙަދީޘްތަކުގެ ފިހުރިސްތު މިއަދު އެކުލަވާލެވިފައިވުމެވެ. ގިނަ ފޮތްތަކަކީ މީގެކުރިން އެނގިފައިވާ ފޮތްތަކެއްވެސް ނޫނެވެ. މިކަމުގެ ސާފުކަން ބޮޑުކަމުން މިކަމާއި އެއްވެސް ފަރާތަކުން ދެކޮޅު ނުހެދޭނެއެވެ. އަދި ޝެއިޚު ގެންގުޅުއްވި ގޮތާއި ދެކޮޅު ހެދި ފަރާތްތަކަށްވެސް މެއެވެ.