[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ހަޔާތްޕުޅު ކުރުގޮތަކަށް 2

silsilaa
ޢިލްމްވެރިން އެކަލޭގެފާނަށް ކުރައްވާފައިވާ ތަޢުރީފުގެ ބަސްފުޅުތައް
މިޒަމާނުގެ ބޮޑެތި ޢިލްމުވެރިން އެކަލޭގެފާނަށްވަނީ ތަޢުރީފުގެ ބަސްތައް ރައްދުކުރައްވައި އަދި އެބޭކަލުންނަށް ނޭންގޭ ކަންކަމާއި ބެހޭގޮތުން ސުވާލުކުރައްވައި އޮޅުންފިލުއްވައި ހައްދަވާފައެވެ. އަދި އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކޮށް ކަންކަމުގައި ފަތުވާހޯއްދަވައި ސިޓީބިޓީ ބަދަލުކުރައްވައި ހައްދަވާފައެވެ. އެހުރިހާ މީހުންގެ މައްޗަށް މާތްﷲ ރަޙުމަތްލައްވާށިއެވެ. އެބައިމީހުންގެ އަދަދުކުރަނީނަމަ ވަރަށްވެސް ގިނައެވެ. އެގޮތުން އެއްބޭފުޅަކީ ދީނީ ޢިލްމުވެރިޔެއްކަމަށްވާ އައްޝައިޚު އަބްދުލްޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒެވެ. އެކަލޭގެފާނު ވަނީ ޝެއިޚަށް ވަރަށް ބޮޑު ޢިހުތިރާމްކުރައްވާ އަދި އިތުބާރެއް ކުރެއްވި އެއްބޭފުޅަކަށެވެ. މާތްﷲ އެދެބޭކަލުންނަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން
ޝެއިޚު ޢަބްދުލްޢަޒީޒު އަލް ހުއްދާ ވިދާޅުވެފައިވެއެވެ.
މާތްވެގެންވާ ޢިލްމުވެރިޔާ، އިލްމުގެ ކަނޑެއްފަދަ ޝެއިޚު މުޙައްމަދު އަލް އަމީން އައް ޝަންޤީތީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (އެކަލޭގެފާނުގެ ޒަމާނުގައި ތަފުސީރާއި ޢަރަބި ބަހުގައި އެންމެ ފުންނާބު އުސް އެއްބޭފުޅަކީ އެކަލޭގެފާނެވެ.) އެކަލޭގެފާނު ޝެއިޚު އަލްބާނީއަށް ވަރަށް ބޮޑަށް އިޚުތިރާމްކުރައްވަވައެވެ. އެކަލޭގެފާނު އިޚުތިރާމް ކުރައްވާ މިންވަރީ މަދީނާގެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުގައި ދަރުސް ދެއްވަން އިންނަވާއިރު ޝެއިޚު އަލްބާނީ ވަޑައިގަންނަވާތަން ފެނިވަޑައިގެންފިނަމަ އެކަލޭގެފާނާއި ސަލާމްކުރުމަށްޓަކައި ގޮނޑިން ތެދުވެވަޑައި ގަންނަވައެވެ.”ބޮޑުޢިލްމުވެރިޔެއްކަމަށްވާ ޝެއިޚު މުޙިއްބުއްދީން އަލްޚައްތާބު ވިދާޅުވެފައިވެއެވެ.
“އަދި ސުންނަތް ދިރުއްވުމަށްޓަކައި އެބޭކަލެއްގެ ދިރިއުޅުން އެކަމަށްޓަކައި ހޭދަކުރެއްވި ބޭކަލަކީ އަހަރެމެންގެ އަޚު މުޙައްމަދު ނާޞިރުއްދީނުއް ނޫޙު ނަޖާތީ އަލްބާނީއެވެ.”އަދި ބޮޑުވެގެންވާ ޢިލްމުވެރިޔެއްކަމަށްވާ ޝެއިޚު މުޙައްމަދު ހާމިދު އަލްފިޤީ ރަހިމަހުﷲ ވިދާޅުވެފައިވެއެވެ.
“އަހަރެމެންގެ އަޚާ، ސަލަފީއެއް، ޢިލްމުވެރިޔެއް، އެބޭފުޅާއަކީ ޝެއިޚު ނާޞިރުއްދީނެވެ.”ސައޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީއެއްކަމަށްވާ ޝެއިޚު މުޙައްމަދު ބިން އިބްރާހިމް އާލުއް ޝައިޚު ވިދާޅުވެފައިވެއެވެ.
” އަދި ކިއެއްހެއްޔެވެ؟ އެކަލޭގެފާނަކީ ސުންނަތް ދިރުއްވުމަށްޓަކައި އުޅުއްވި، ޙައްޤަށް ތާއިދުކުރެއްވި އަދި ބާތިލުގެ އަހުލުވެރިންގެ ދުސްމަނެކެވެ.”އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ޝެއިޚު އަބްދުލްޢަޒީޒް ބިން ބާޒު ރަޙީމަހުﷲ ވިދާޅުވެފައިވެއެވެ.
“މިޒަމާނުގައި ޙަދީޘް އިލްމަށް ކުރިއަރާ އަދި އެޢިލްމުގައި އެހާ ޢިލްމުވެރި ބޭކަލެއް މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީ ނޫނީ އެހެންމީހަކު މިއުޑުދަށަކުން ތިމަންނާ ނުދެކެމެވެ.”އަދި “ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތުން ކޮންމެ ޤަރުނެއް ފެށޭތަނުން ދީން (އޭގެ އަސްލު) ބަޔާންކޮށްދެއްވާނެ މުޖައްދިދަކު ފާޅުކުރައްވާހުއްޓެވެ” މިމާނަ ހިމެނޭ ޙަދީޘާއި ބެހޭގޮތުން އިބުނު ބާޒު ރަޙިމަހުﷲ ޢާއި ސުވާލުކުރެވުނެވެ. އެކަލޭގެފާނުގެ ނަޒަރުގައި މިއުއްމަތުގެ މުޖައްދިދަކީ ކޮންބޭކަލެއްތޯއެވެ. ޖަވާބުގައި އެކަލޭގެފާނު ދެންނެވިއެވެ.
“ތިމަން ދެކޭގޮތުގައި އެބޭކަލަކީ ޝެއިޚު މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީއެވެ. والله أعلم”

ޝެއިޚު މުޙައްމަދު ބިން ޞާލިހް އަލްއުޘައިމީން ރަޙީމަހު ވިދާޅުވެފައިވެއެވެ.
“ތިމަންކަލޭގެފާނަށް އެކަލޭގެފާނާއި އެއްކޮށް ބައްދަލުވުމުގެ ފުރުސަތު މަދުން ލިބިފައިވީ ކަމުގައި ވީނަމަވެސް އެކަލޭގެފާނަކީ ސުންނަތާއި ގުޅޭ ކަންކަމުގައި ވަރަށް ގަދަޔަށް ހިއްޕަވާ އަދި ބިދުއަވެރިންނާއި ދެކޮޅު ހެއްދެވުމުގައިވެސް ގަދަފަދަ ބޭކަލެކެވެ. އެއީ ޢަޤީދާއާއި ގުޅޭ ކަންކަމުގައިވިޔަސް ނުވަތަ ޢަމަލުފުޅުތައް ކަމުގައިވިޔަސް ހަމަ އެފަދައެވެ. ތިމަންކަލޭގެފާނަށް އެކަލޭގެފާނު ބޮޑަށް އެނގިފައިވަނީ އެކަލޭގެފާނުގެ ލިޔުއްވުންތަކުގެ ޛަރީޢާއިންނެވެ. އަދި އެކަލޭގެފާނަކީ ޙަދީޘް ޢިލްމުގައި ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. ރިވާކުރުމާއި އަދި އެޙަދީޘްތަކާއި ބެހޭގޮތުން ހޯއްދެވުމުގެ ދާއިރާއިން ޚާއްޞަކޮށެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލޭގެފާނު އެތައް ބަޔަކަށް ފައިދާކުރަނިވި ޢިލްމުގެ ސަބަބެއް ކަމުގައި ލައްވަވާފައެވެ. ޙާއްޞަކޮށް ޞައްޙަ މަންހަޖާއި އަދި ޙަދީޘް ޢިލްމުގެ ފަންނާއި ބެހޭގޮތުންނެވެ. އަދި މުސްލިމުންގެ މައްޗަށް ނުހަނު ނުފޫޒުގަދަ ބޭކަލެއްކަމުގައި އެކަލޭގެފާނު ވަނީ ވެލައްވާފައެވެ. ހުރިހާ ހަމްދެއްވަނީ ﷲ ސުބުހަނަހޫ ވަތަޢާލާއަށެވެ.”

ޢިލްމުވެރިޔެއްކަމަށްވާ ޝެއިޚު ޒަޢިދު ބިން ފަޔާޟް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
“ހަމަކަށަވަރުން ޝެއިޚު ނާޞިރުއްދީނުލް އަލްބާނީއަކީ އެންމެ ފާހަގަކޮށްލެވޭ މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން އެއްބޭކަލެކެވެ. އެކަލޭގެފާނު ޙަދީޘަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. ޙަދީޘްގެ ސަނަދާއި އަދި ރާވީންނާއި އަދި ޞައްޙަ ނުޞައްޙަ ކަމުގެ މައްޗަށެވެ. މިއީ ހަމަކަށަވަރުން މިއީ އެކަމަކަށްޓަކައި މިދުވަސްވަރު ވަޤުތުތައް ހޭދަކުރަން އެންމެ މާތް އެންމެ ރަނގަޅު އެއްމަސައްކަތެވެ. އަދި އެކަލޭގެފާނަކީ ހަމައެހެން ޢިލްމުވެރިން ފަދަ ބޭކަލެކެވެ. ބައެއް މައްސަލަތަކުގައި ރަނގަޅުވާފަދައިން ގޯސްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަލޭގެފާނު އެކަމަކަށް ވަޤުތު ހުސްކުރެއްވި ޙަދީޘް ޢިލްމަކީ އެޢިލްމުގެ މާތްކަމުގެ ސަބަބުން އެކަލޭގެފާނުގެ ޤަދަރު އުފުލިގެންދާ އެކަމެއް ފާހަގަކުރަން ޖެހޭ ކަމެއްމެއެވެ.”

ޝެއިޚު މުޤްބިލް ބިން ޙާދީ އަލް ވާދިއީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
ހަމަކަށަވަރުން ޙަދީޘް އިލްމުގައި މުޙައްމަދު ނާޞިރުއްދީނަށްވުރެ ޢިލްމުވެރި އެހެންމީހަކު ނުފެންނާނެއެވެ. އެކަލޭގެފާނުގެ ފޮތްތަކާއި ޢިލްމުގެ ޒަރީޢާއިން ނުހަނު ގިނަ ބޮޑެތި ފައިދާތައް ދަނީ ކުރަމުންނެވެ. އެއީ މިޒަމާނުގެ ޖާހިލު ކަންމަތީގައި ތިބެ އިސްލާހު ކުރުމުގެ ނަންމަތީގަޔާއި އަދި ރިވޮލިޔުޝަން ހަރަކާތްތައް އިންތިޒާމްކުރަމުންދާ މީހުންނަށްވުރެވެސް އެތައް ގުނައަކަށް އެކަލޭގެފާނުގެ ޢިލްމުން ދަނީ ފައިދާކުރަމުންނެވެ. އަދި ތިމަންކަލޭގެފާނަށް ހިތުގެ އަޑިން ޤަބޫލުކުރެވެނީ މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީ އަކީ މުޖައްދިދުންގެ ތެރެއިން ބޭކަލެއްކަމެކެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އެކަމުގެ ތެދުވެރި ޚަބަރު ދެއްވާފައެވެ. (ފަހެ އެބަސްފުޅުގެ މާނައިގައިވެއެވެ.)
“ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިއުއްމަތުން ކޮންމެ ޤަރުނެއް ފެށޭތަނުން ދީން (އޭގެ އަސްލު) ބަޔާންކޮށްދެއްވާނެ މުޖައްދިދަކު ފާޅުކުރައްވާހުއްޓެވެ”
ރިވާކުރެއްވީ އަބޫ ދާވޫދު، އަދި ޞައްޙކުރައްވާފައިވަނީ އިރާޤީ އަދި އެހެނިހެން ބޭކަލުން.”

އެކަލޭގެފާނު ދަޢުވަތް ދެއްވުމުގައި ގެންގުޅުއްވި އަސާސް

ޝެއިޚުގެ ދަރިންވަރުންތައް ވަނީ ޔުނިވަރސިޓީތަކުންނާއި އަދި މިސްކިތްތަކުގައިވާ ދަރުސްތަކުންނާއި އަދި އެކަލޭގެފާނުގެ ލިޔުއްވުންތަކުގެ ޒަރީއާއިން ޢިލްމު ޙާޞިލްކޮށް މުޅި ދުނިޔޭގެ ތެރެއަށް ފެތުރިފައެވެ. ހުރިހާ ހަމްދެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އަދި އެބައިމީހުން ދަނީ ޞައްޙަ ދީނުގެ މަޢުލޫމާތު ފަތުރައި އަދި މީސްތަކުންނަށް އެޢިލްމުތައް ފޯރުކޮށްދެމުންނެވެ.

ޝެއިޚުގެ މުޅި ދިރިއުޅުން ހޭދަކުރައްވާފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގަށް ގޮވާލުމުގެ މަތީގައެވެ. ހެއްކާއި ދަލީލާއިއެކުގައެވެ. އެކަލޭގެފާނު ގެންގުޅުއްވި ވައްޓަފާޅިއަކީ ތަސްފިޔާ އަދި ތަރުބިއްޔާ، އެއީ ޢިލްމާއި އަދި އަމިއްލަ ނަފުސު ތާހިރުކުރުމުގެ މައްޗަށެވެ. އެހެންކަމުން އެކަލޭގެފާނު ވެވަޑައިގެންފައިވަނީ މާތް މުދައްރިސަކަށެވެ. އަދި ތަރުބިއްޔަތުކުރާ ބޭކަލަކަށެވެ. އަދި އެކަލޭގެފާނުގެ އަދަބުތަކާއި އަދި ގެންގުޅުއްވި ސާދާ ގޮތްކޮޅުވެފައިވަނީ އެކަލޭގެފާނުގެ ދައުވަތުގެ އަސާސްތަކަށެވެ.

އެކަލޭގެފާނުގެ ސިފަފުޅުތައްޝެއިކުގެ ގައިގައި ވަރަށް މަތިވެރި ސިފަތައް އެކުލެވިފައިވެއެވެ. އެންމެ ފާހަގަކޮށްލެވޭ އެއްސިފައަކީ އެކަލޭގެފާނު ޢިލްމަށް ދެއްވާ ސަމާލުކަމެވެ. އަދި ޙައްޤުގެ މަގުގައި ފައިތިލަ ސާބިތުކުރައްވާލެއް ވަރުގަދަ ކަމާއި އަދި އެހެންމީހުންނާއި އެކު އުޅުއްވުމުގައި ގެންގުޅުއްވާ މަޑުމައިތިރި ސިފަތަކެކެވ. އަދި ޙައްޤަށް ރުޖޫޢަވުމުގެ އަވަސްކަމެކެވެ. އަދި ދަޢުވަތު ދެއްވުމާއި އަދި ޢިލްމު އުގެނި ވަޑައިގަތުމުގައި ދިމާވި ދަތި އުނދަގޫތަކަށް ކެތްތެރިވެ ވަޑައިގެން ގޮތެވެ. އަދި ދަޢުވަތަށްޓަކައި އެކަލޭގެފާނަށް ދިމާވި ނުރައްކާތަކާއި މަލާމާތްތަކަށް ކެތްތެރިވެ އެކަންކަމާއި ކުރިމަތި ލެއްވި ގޮތެވެ.

ގިނަ އިލްމުވެރިންގެ ތެރެއިން އެކަލޭގެފާނު ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްސަބަބަކީ އެކަލޭގެފާނު ސުންނަތުގައި ހިއްޕެވުމަށް ގަދައަޅައި މަސައްކަތްކުރެއްވުމާއި ސުންނަތް ދިރުއްވެވުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅެވެ. އަދި ޞަލަފުއް ޞާލިޙުންގެ މަގުގައި ސާބިތުވެލެއްވި މިންވަރެވެ. އަދި ސަލަފުއް ޞާލިހުން ގޮވާލެއްވި މަގަށް ގޮވާލި މީހުންނަށް އެކަލޭގެފާނު ލޯބިކުރެއްވި ގޮތެވެ. އަދި ބިދުޢަވެރިންނާއި ދެކޮޅަށް ރައްދު ދެއްވިލެއް ސާފުކަމާއި ހިކުމަތްތެރިކަމާއި ގަދަފަދަކަމެވެ.
އެކަލޭގެފާނުގެ މަޝްހޫރުކަން

މުޅީ ދުނިޔޭގެ ބިދުޢަވެރިންނާއި އެމީހުންގެ އަހުލުވެރިން ފިޔަވާ ހުރިހާ ޢިލްމުވެރިންނެއް ވަނީ ޝެއިޚުގެ އިލްމު ބަލައިގެންފައެވެ. އަދި ދުނިޔޭގެ އެތައްތަނެއްގައި އެކަލޭގެފާނަށް ވަނީ ޢީލްމުގެ ސަބަބުން އިއްޒަތާއި އަދި މަޝްހޫރުކަން ލިބިފައެވެ. ނަމަވެސް އެކަލޭގެފާނުއ އެކަމުގެ ފަހަތުން ދުވެވަޑައިނުގަންނަވައެވެ. އަދި ކިއެއްހެއްޔެވެ؟ އެކަލޭގެފާނު ބެއްލެވީ އެކަމުން ރައްކާވެވޭތޯއެވެ. ފިލޭތޯއެވެ. އެކަލޭގެފާނު އަބަދުވެސް ވިދާޅުވާ ކަމުގައިވެއެވެ. “މަޝްހޫރުވުމަށް ލޯބިކުރާ މީހާގެ މައިބަދަ ބިންދައިގެން ދާހުއްޓެވެ.(އެބަހީ އޭނާ ޙައްޤުގެ މަގުން އެއްކިބާ ވެދާނެއެވެ). ރަޙިމަހުﷲ

ދުނިޔަވީ ގޮތުން އެކަލޭގެފާނަށް މާބޮޑު އެހީތެރިކަމެއް ނުވަތަ އެނޫން ގޮތަކުންވެސް މާބޮޑު އެހީތެރިކަމެއް އެހެންބަޔެއްގެ ފަރާތުން ލިބިވަޑައި ނުގަނެއެވެ. އެކަލޭގެފާނުގެ ޢިލްމަކީ އެކަލޭގެފާނުގެ ވާސިތާކަމުގައި ބެއްލެވިއެވެ. އަދި ކެތްތެރިކަމަކީ އެކަލޭގެފާނުގެ މަގުކަމުގައި ބެއްލެވިއެވެ. އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެން ބުރަމަސައްކަތް ކުރައްވައި ބުރަމަސައްކަތުން އާމްދަނީ ހޯއްދެވި ބޭކަލެކެވެ. އެކަލޭގެފާނު ދިރިއުޅުއްވުމަށްޓަކައި ގަޑިމަރާމާތުކޮށް ހެއްދެވި ބޭކަލެކެވެ. އެއްފަހަރެއްގައި މަދީނާގެ ޤުބާ މިސްކިތުގައި ހުރި ގަޑިއަކުން މާ ވަރުގަދަ އަޑެއް ކިޔާތީ(އެލާމް) ޝެއިޚު އެގަޑިޔަށް ހެއްދެވި ގޮތެއް ހެއްދެވި ފަހުން އެއްވެސް އަޑެއް ނުކިޔާކަމަށް ވެއެވެ.
އެކަލޭގެފާނުގެ ހަޔާތުގެ ފަހުކޮޅު އަދި އަވަހާރަވެ ވަޑައިގަތުން.
ޝެއިޚު ރަހިމަހުﷲ އިލްމު ޙާޞިލުކުރެއްވުން އަދި ޢިލްމަށް އެކަލޭގެފާނު އޮތްލޯބި މެދުކަނޑުއްވައި ނުލައްވައެވެ. އަދި ލިޔުންތެރިކަމުގައި އެކަލެގެފާނު ދެމހުންނެވިއެވެ. އަދި ކިޔަވާ ދެއްވުމުގައި އެކަލޭގެފާނުގެ އުމުރުން 86 އަހަރަށް ދަންދެން ދެމިހުންނެވިއެވެ. އެކަލޭގެފާނުގެ އުމުރުގެ ފަހުކޮޅުގެ ދެމަސް ފިޔަވާ އެކަންކަމަކަށް އެކަލޭގެފާނުގެ ހިތްޖެހިފައިވާ ފޮތްލިޔުއްވުމާއި ސިޓީތައް ލިޔުއްވުމާއި އަދި ރެފަރެންސު ބެއްލެވުމާއި އަދި ޙަދީޘް ބެއްލެވުން ހުއްޓައިނުލައްވައެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގަތީ ހޮނިހިރު ދުވަހެއްގެ އިރުއޮއްސެން އުޅެނިކޮށް ޖުމާދަލް ޢާޚިރާ މަހުގައެވެ. އެއީ 1420 ވަނަ އަހަރުއެވެ. (10/2/1999) ގައެވެ.

ޝެއިޚުގެ ޖަނާޒާ ވަނީ ބޭއްވިފައިވަނީ އެކަލޭގެފާނު އަވަހާރަވީ ދުވަހުގައެވެ. އެކަލޭގެފާނުގެ ޖަނާޒާގައި ފަސްހާސް މީހުންނަށްވުރެ ގިނަމީހުން ބައިވެރިވިއެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރެވުނީ މުސައްލާއެއްގައެވެ. އެކަލޭގެފާނުގެ ޖަނާޒާ ވަނީ ވަރަށް އަވަހަށް ނިންމާލާފައެވެ. އެއީ އެކަލޭގެފާނުގެ ފަހުގެ ވަސިއްޔަތާއި އެއްގޮތަށެވެ. އެ ވަސިއްޔަތުގައިވަނީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް އަމަލުކުރުމަށެވެ.

ޢިލްމުވެރިންނާއި އަދި ޢިލްމު އުގެނޭ ދަރިވަރުންނަށާއި އަދި ޢާންމުންނަށް ލިބިގެން ދިޔަ ބޮޑު ހިތާމައެއްކަމުގައި މެނުވީ ޝެއިޚުގެ އަވަހާރަވުން ނުވެއެވެ. ނަމަވެސް ކޮންމެ ނަފުސަކީވެސް މަރުގެ ރަހަދެކޭނެ ނަފުސެކެވެ. މާތްﷲ ޝެއިޚުގެ ފާފަ ފުއްސަވައި އެކަލޭގެފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ އެންމެ މެތިވެރިވެގެންވާ ނިޢުމަތްތަކުން ނިޢުމަތް ދެއްވާށިއެވެ. އާމީން.
و الله أعلم. وصلى الله وسلم على نبينا محمد و على آله و صحبه.
މަސްދަރު: ޝެއިޚު ޢަލްބާނީ ރަޙިމަޙުﷲގެ ރަސްމީ ވެބްސައިޓު