[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲއަށްޓަކައި އެއްޗެއް ދޫކުރާ މީހަކަށް އެޔަށްވުރެ ހެޔޮކަމެއްއެއިލާހު ދެއްވައެވެ.

ޛައިލުއް ތަބަޤާތިލް ޙަނާބިލާގައި އިމާމު އިބުނު ރަޖަބު ރަޙިމަހުﷲ ޤާޟީ އަބޫބަކުރު މުޙައްމަދު ބިން އަބްދުލްބާޤީ އަލްއަންޞާރީ އަލްބައްޒާޒުގެ ސިޔަރަތުގައި ލިޔުއްވާފައިވެއެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. “އަހަރެން މައްކާގެ (އޭރު އެކަލޭގެފާނު ހުންނެވީ ޙަދީޘް އުގެނުމަށް މައްކާއަށް އައިހެވެ) ކައިރިހިސާބެއްގައި ވީމެވެ. ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ވަރަށް ބޮޑަށް ބަނޑުހައިވީ ދުވަހެއް ކުރިމަތިވިއެވެ. އަދި ބަނޑަށް ލާނެ ހަމަ އެކައްޗެއްވެސް ނުލިބުނެވެ. ކާއެއްޗެއް ލިބޭތޯ ބޭރަށް ދިޔުމުންވެސް ކާނެ އެއްޗެއް ނުފެނުނެވެ. އެހެން އުޅެނިކޮށް މަގުމަތިން ފަށުވިން ސީލްޖަހާ ބަންދުކޮށްފައި އޮތް ފަށުވި ދަބަހެއް ފެނިއްޖެއެވެ. ދެން އެދަބަސް ހިފައިގެން ގެޔަށް ގޮސް އެކަނޑައިފީމެވެ. އޭގައި އޮތީ މުތުން ހަދާފައިވާ ވަރަށް ރީތި ހާރެކެވެ. އެފަދަ ހާރެއް ދުވަހަކުވެސް ނުދެކެމެވެ.

އަދި އެޔަށްފަހު އެދަބަހަށް އެލާ ބަންދުކޮށްފައި އެރައްކާކޮށްފައި އަނެއްކާވެސް ކާނެ އެއްޗެއް ހޯދުމަށް ނުކުތީމެވެ. މިހެންއުޅެނިކޮށް މުސްކުޅި ބޭބެއަކު ގޮވާތީ އަޑުއިވުނެވެ. ފަށުވި އެވަނި މިވެނި ދަބަހެއް ހޯދަދިން މީހަކަށް އަހަރެން 500 ދީނާރު ދޭނަމެވެ. އަހަރެން އަމިއްލަ ނަފުސަށް ބުނީމެވެ. އަހަރެން މިވަނީ ލާރިއަށް ބޭނުންވެ ބަނޑުހައިވެފައެވެ. އެދަބަސް ރައްދުކޮށްފައި އެފައިސާއިން އަހަރެންނަށް ބޭނުންކުރެވޭނެތާއެވެ.

އަދި އެބޭބެ ކައިރީގައި އަހަރެންނާއި އެކުގައި އަންނާށޭ ބުނެ އެބޭބެ ގޮވައިގެން އަހަރެންގެ ގެޔަށް ދިޔައީމެވެ. އަދި އެދަބަހުގެ ސިފަޔާއި އެހާރުގެ ސިފަތަކާއި އަދި އެހާރުގައި އޮތީ ކިތައް މުތްތޯ ސުވާލުކުރީމެވެ. އެބޭބެ ދިނީ ހަމަ ރަނގަޅު ޖަވާބެވެ.

އަދި ގެއިން ނުކުމެ އެބޭބެ އަތަށް އެދަބަސް ފޯރުކޮށްދިނެވެ. ދެން އެބޭބެ ފަސްސަތޭކަ ދީނާރުގެ އިނާމު އަހަރެންގެ އަތަށް ދިނެވެ. އަހަރެން ބުނީމެވެ. އެ ބޭބެއަށް ރައްދުކޮށްދިނުމަކީ އަހަރެންގެ މައްޗަށް ވާ ވާޖިބެކެވެ. ތިފައިސާގައި އަހަރެން ނުހިފާނަމެވެ. އެހެންބުނުމުންވެސް އެފައިސާ ދިނުމަށް އެބޭބެ ވަރަށް މަސައްކަތްކުރިއެވެ. އަދި ބުންޏެވެ. ކޮންމެހެންވެސް މިފައިސާގައި ހިފަންޖެހޭނެއެވެ.  ނަމަވެސް އަހަރެން ބުނީމެވެ. ﷲފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެންއިލާހެއްނުވާ އިލާހު ގަންދީފައި ބުނަމެވެ. ﷲގެ ޙަޟްރަތުން މެނުވީ ޖަޒާއެއް ބޭނުމެއް ނޫނެވެ. އަދި އެދީނާރުގައި ހިފުމުން އަހަރެން އެއްކިބާވެގަތީމެވެ.

އެބޭބެވެސް އަހަރެން ދޫކޮށްލުމަށްފަހު ޙައްޖު މޫސުން ނިމުމުން އެބޭބެގެ ރަށަށް ހިނގައްޖެއެވެ.

ދުވަސްތަކަކަށްފަހު ތިމަންނާ މައްކާއިން ނުކުތީމެވެ. އަދި ނަވަކަށް އަރައިގެން ދަތުރު ފަށައިފީމެވެ. ނަމަވެސް ދަތުރުގެ މެދުން ރާޅު ބޮޑުވެ ނައުގަނޑު ޣަރަޤުވެ މުދައުކޮޅު ގެއްލި މީސްތަކުން ބެހިއްޖެއެވެ. އަދި ﷲގެ ރަޙުމަތުން އަހަހަރެން ފުރާނަ ސަލާމަތްވެއްޖެއެވެ. އަދި ނައުގެ ފިލާގަނޑެއްގެ މަތީގައި ކަނާތަށް އަދި ވާތަށް ދެވޭ ނުދެވޭ ތަނެއްނޭނގި ކަނޑުމަތީގައި ދުވަސްތަކެއްވަންދެން އޮއްވާ އެއްދުވަހަކު ޖަޒީރާއަކަށް ލައްގައިފިއެވެ.

އެރަށުގެ މީހުންނަކީ ލިޔެކިޔަން ދަންނަބައެއްނޫނެވެ. އަދި މިސްކިތަށް އަހަރެން ގޮސް ޤުރުއާން ކިޔަވާ މަންޒަރު މީސްތަކުންނަށް ފެނުމުން އެބައިމީހުން އަހަރެން ކައިރިއަށް ޖަމާވެގެންވާ މަންޒަރު ނޫނީ އެހެން މަންޒަރެއް ނުފެންނާނެއެވެ. އަދި ރަށުގެ އެންމެން ޤުރުއާން އުގަންނައިދިނުމަށް އެދެން ފަށައިފިއެވެ.

އަދި އެރަށުގެ މީހުންނަށް ތިމަންނާ ޤުރުއާން އުގަންނައިދޭން ފެއްޓީމެވެ. އަދި މިކަމުން ނުހަނު ގިނަހެޔޮކަމާއި މީހުންގެ އެހީތައް އަހަރެންނަށް ލިބުނެވެ. އަދި އެޔަށްފަހު މިސްކިތުގައި ލިޔެފައި އޮތް މުޞްޙަފެއް ކިޔަވާތަން ފެނިގެން އެބައިމީހުން ކިޔަން އެނގޭތޯވެސް ސުވާލުކޮށްފިއެވެ. ބުނީމެވެ. އާނއެކެވެ. ދެން އެބައިމީހުންނަށް ލިޔަންކިޔަން އުގަންނައި ދިނުމަށް އަހަރެންގެ ކުރެން އެދެފިއެވެ. އެކަމަށް އެއްބަސްވީމެވެ.

އަދި އެބައިމީހުންގެ ކުޑަކުދިންނާއި ޒުވާނުން އަހަރެންގެ ގާތަށް އުގެނެން އަންނަން ފަށައިފިއެވެ.  އަދި އެކަމުގެ ސަބަބުން ނުހަނު ބޮޑު ހެޔޮކަން އަހަރެންނަށް ޙާޞިލުވިއެވެ. އަދި އެބައިމީހުންވެސް މިކަމަށް ވަރަށް ތަރުހީބު ދިނެވެ.”

އަދި ދުވަސްތަކަކަށްފަހު އެބައިމީހުން އެކަލޭގެފާނު އެރަށުގައި ދާއިމަށް ބަހައްޓަން ބޭނުންވެގެން އެރަށުގެ މުއްސަނދި ޔަތީމް އަންހެން ކުއްޖެއްގެ ކައިވެނި ހުށައެޅިއެވެ. އެކަލޭގެފާނު އެކަން ބަޔާންކޮށްދެއްވަނުން ވިދާޅުވިއެވެ. ” އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. ނަމަވެސް އެބައިމީހުން އެކަމަށް އެދެން ފެށުމުން އެންމެފަހުން އެކަމަށް އިޖާބަ ދިނީމެވެ.

އަދި ކައިވެނީގެ ދުވަހު އަންހެން ކުއްޖާގެ މަޙުރަމުން އަހަރެންނަށް އެކުއްޖާހުށައެޅުމަށް އޮތް މަޖިލީހުގައި އިށީނުމާއެކުގައި އަހަރެންގެ ލޮލުގައި އަޅައިގަތީ މައްކާއިން ފެނުނު މުތީގެ ހާރު އަންހެއްކުއްޖާގެ ކަރުގައި އޮއްވައެވެ. އަޖައިބުވެގެން އެހާރަށް ބަލަހައްޓައިގެން ހުރެވުން ނޫން އެހެންކަމެއް ނުކުރެވުނެވެ. އެހެންކަމުން އަންހެން ކުއްޖާގެ މަޙުރަމުން ބުންޏެވެ. ޝެއިޚު އެޔަތީމު އަންހެން ކުއްޖާގެ ހިތްކުދިކުދި ކޮށްލައިފީމުތާއެވެ. ޝެއިޚު ތިބަލަނީ އެއަންހެން ކުއްޖާގެ ހާރަށް ވިއްޔާއެވެ..

އެވަޤުތު އަހަރެން ބުނީމެވެ. ހަމަކަށަވަރުން މިހާރާ ގުޅޭ ވާހަކައެއް އަހަރެންނާ ދިމާވެފައިވެއެވެ. އެބައިމީހުން އެހިއެވެ. އެވާހަކައަކީ ކޮބައިހެއްޔެވެ؟

ދެން ވާހަކަ ވީގޮތް ކިޔައިދިނުމުން މީސްތަކުން ތަހުލީލާ ތަކުބީރާ ތަސްބީހުގެ އަޑުން މީސްތަކުންގެ އަޑުން މުޅި ރަށް ގުގުމާލިފަދައެވެ. އަހަރެންބުނީމެވެ. ސުބުޙާނަﷲއެވެ. ތިޔަބައިމީހުންނަށް ވީ ކިހިނަކުން ހެއްޔެވެ؟”

އެހިނދު އެބައިމީހުން ބުންޏެވެ. “މައްކާއިން ތިޔަ ހާރު ހިފައިގެން އެއައި މީހަކީ މިއަންހެން ކުއްޖާގެ ބައްޕައެވެ. އަދި ޙައްޖުން އެނބުރި އައުމާއެކު އަބަދުވެސް (އެއަންހެންކުއްޖާގެ ބައްޕަ) ކިޔާ އުޅެއެވެ. “ﷲ ގަންދީފައި ބުނަމެވެ. އަހަރެންނަށް މިހާރު ރައްދުކުރި ފަދަ މުސްލިމެއް އަހަރެން މިބިންމަތިން އަދި ނުދެކެމެވެ. އޭ ﷲއެވެ. މިއަޅާއާއި އޭނާ އެއްތަނަކަށް ޖަމާކުރައްވާފާނދޭވެ. އޭރުން މިއަޅާގެ އަންހެންދަރިފުޅުގެ ކައިވެނި އޭނާއާއި ކޮށްދޭހުށީމެވެ.” އެމުސްކުޅި ބޭބެ މަރުވީ އެބަސްމަތީގައި ހުއްޓައެވެ. އަދި ﷲ އެބޭބެ ދުޢާ އިޖާބަ ކުރައްވައިފިއެވެ.

ދެން ޝެއިޚު އަނެއްކާވެސް ކިޔައިދޭން ފެށިއެވެ. “އަހަރެމެން އިނދެގެން އެތައް ދުވަސްތަކެއް ވޭތުވެއްޖެއެވެ. އެއީ ޞާލިޙު އަންހެނެކެވެ. އަދި ﷲގެ ރަޙުމަތުން ދެފިރިހެންކުދިން އަހަރެމެންނަށް ﷲ ރިޒުޤުކުރެއްވިއެވެ. އަދި އަނބިކަނބަލުން އަވަހާރަވެއްޖެއެވެ. އެޔަށްފަހު އެހާރު ދެކުދިންނަށާއި ތިމަންނާއަށް ވާރުތަވެއްޖެއެވެ. ދުވަސްކޮޅެއްގެ ފަހުން ފަހަރަކު ކުއްޖަކު ނިޔާވަމުންގޮސް ދެކުދިން ނިޔާވެއްޖެއެވެ. އަދި އެހާރު އެދެކުދިންގެ ކިބައިން އަހަރެންނަށް ވާރުތަ ވިއެވެ. އަހަރެން އެހާރު އެއްލައްކަ ދީނާރަށް ވިއްކައިލީމެވެ. އަދި ދުވަސްތަކެއްފަހުން އަހަރެން އެވާހަކަ މި(ލިޔަނީ) އެހާރުގެ ބާކީހުރި އަގުންނެވެ. ﷲގެ ހެޔޮރަޙުމަތް ހުރިހާ މީސްތަކުންގެ މައްޗަށް ލައްވާށިއެވެ.”

ނިމުނީ

 ޤާޟީ އަބޫބަކުރު މުޙައްމަދު ބިން އަބްދުލްބާޤީ އަލްއަންޞާރީ އަލްބައްޒާޒު ރަޙިމަހުﷲ އަކީ ކޮންބޭކަލެއް؟

އެކަލޭގެފާނަކީ ފަސްވަނަ ޤަރުނުގައި އުޅުއްވި ބޮޑެތި ޙަދީޘް ޢިލްމުވެރިންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 442 ވަނަ އަހަރުގައެވެ

 

އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިއް ވަސައްލަމަގެ ޞަޙާބީ ބޭކަލެއްކަމަށްވާ ކަޢުބު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ ދަރިކޮޅުން ވަޑައިގެންފައިވާ ބޭކަލެކެވެ.

އެކަލޭގެފާނަކީ ހަނދާން ގަދަ ރޫމީންގެ ބަސްވެސް ދެނެލައްވާ ބޭކަލެކެވެ. ބަސް ދަސްކުރެއްވީ ރޫމީންގެ އަތްދަށުގައި ހައްޔަރުވެ ވަޑައިގެން ހުންނެވި ދުވަސްވަރުއެވެ.

އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ މަޝްހޫރު ބޭކަލަކީ އަލްއިމާމު ޚަތީބުލް ބަޣުދާދީ ރަޙިމަހުﷲ އެވެ. އަދިވެސް އެތައް އުސްތާޛުންގެ އަރިހުން އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވިއެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކިވެސް ޙަދީޘް އިލްމުގައި ފުންނާބު އުސް ބޭފުޅެކެވެ.

އެކަލޭގެފާނު ޙަދީޘް އަޑުއަހަން ފުރަތަމަ މަޖިލިސްތަކަށް ދާން ފެށިއިރު 3 އަހަރުވެސް ނުފުރޭކަމަށްވެއެވެ. އެކަލޭގެފާނު ޤުރުއާން ހިތުދަސްކުރެއްވީ އުމުރުފުޅުން އެންމެ ހަތް އަހަރުގައެވެ.

އެކަލޭގެފާނުގެ ދަރިވަރުން ތެރޭގައި މަޝްހޫރު ޢިލްމުވެރި ބޭކަލުންކަމަށްވާ އައްސަމްޢާނީ ، އިބުނުލް ޖަޢުޒީ ، އިބުނު އަސާކިރު   އަދި އިބުނު މޫސާ އަލްމަދަނީ ފަދަ  ރަޙިމަހުމުﷲ ޖަމީޢާން އެތައް މުޙައްދިޘުންނެއް ހިމެނިވަޑައިގަނެއެވެ.

 އަދި އެތައް ފަންނަކުން އެކަލޭގެފާނަކީ ފާހަގަކޮށްލެވޭ ޢިލްމުވެރިއެކެވެ.އެގޮތުން އިންޖިނޭރުކަމާއި އަދި ހިސާބު ޢިލްމުގައި މޮޅު ބޭކަލެކެވެ.

އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 535 ވަނަ އަހަރުގައެވެ

އުފަންވެ ވަޑައިގަތީ އަދި އަވަހާރަވެވަޑައިގަތީވެސް ބަޣުދާދުގައެވެ…

މާތްﷲ އެކަލޭގެފާނަށް ހެޔޮ ރަޙުމަތްލައްވައި ސުވަރުގޭގެ އެންމެމަތިވެރި  ނިޢުމަތްތަކުން ޖަޒާ ދެއްވާށިއެވެ. އާމީން

ސީރަތުގެ ރެފަރެންސު: جزء فيه : ستة مجالس من أمالي الشيخ الإمام العدل أبي بكر محمد بن عبد الباقي بن محمد الأنصاري عن شيوخه (442هـ ــ 535هـ ) تخريج الشيخ الإمام الحافظ الثقة أبي الفضل محمد بن ناصر بن محمد البغدادي ( 467 هـ ــ 550هـ ) رضي الله  عنهما

د. غالب بن محمد أبو القاسم الحامضي