[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަމަހުގައި ދިވެހިންގެ ހާލަތު – މިކަމާ ވިސްނާލަމާ

roadha mas

އިންޑިޔާގެ ރައްޔިތެއްކަމަށްވާ ސީއެޗްއެސްއީގެ މުދައްރިސަކާއި މީގެ އަހަރުތަކެއް ކުރިން ދިމާވިއެވެ. އެމުދައްރިސު މާލޭގައި ދިރިއުޅޭތާ ވަރަށް ގިނަދުވަސްވެއްޖެއެވެ. މި މުދައްރިސަށް ރޯދަމަސްވަނީ ބޮޑު މުޞީބާތާކަށެވެ. ދުވާލުގަޑީގައި ރެސްޓޯރަންޓުތައް ބަންދުކޮށްފައި ހުންނާތީއެއްނޫނެވެ. ނަމަވެސް ރޯދަމަހު ކުއްޔަށް ހިފައިގެން ހުންނަ ގޭގައި މިޔުޒިކު ޖެހުމާއި ޑީ.ޖޭ ޖެއްސުން ޢާންމުކަމުންނެވެ. ރޭގަނޑު ލޮލުފިޔެއް ޖަހާނުލެވޭތީއެވެ. ފަތިސްވަންދެން އެމީހުންގެ ކުޅިވަރުގެ ޝެޑިޔުލްތައް ކުރިޔަށް ގެންގޮސް ނިދަނީއެވެ. މިކަން ގޭގެ ވެރިފަރާތަށް އެންގުމުން ލިބުނު ޖަވާބަކީ މިއެވެ. “މިގޭކުދިން މަޖާކޮށްލަން އަންނަ މަހަކީ ރޯދަމަހެވެ. އުނދަގޫވަންޏާ ގެއިން ނުކުމެގެން ދާށެވެ.”
އާނއެކެވެ. މިއީ ހަމައެކަނި ދިވެހި އާއިލާތަކުގެ ހާލަތެއް ނޫނެވެ. ދިވެހިރާއްޖޭގެ ހުރިހާ މީޑިޔާތަކެއްގެވެސް ހާލެވެ. ވަކިބަޔަކު ކިޔާނެކަމެއް ނެތެވެ. ހުރިހާ އެންމެންވެސް އެއްގޮތެވެ. މިހާރުވެސް ރޯދަމަހަށް ލޯބީގެ ދަރުބާރާއި ބޭވަފާޔާއި އެކިއެކިރޭސްތަކާއި ރޯދަކުރުކުރުމާއި ކުރުކޮށް ފޮނިކޮންނާއި އެނޫންވެސް ފާޙިޝް އަޚުލާޤީ ގޮތުން ދަށް ރޯދަމަހާއި ނުގުޅޭ ލާދީނީ ޕުރޮގުރާމުތައް ދަނީ ތައްޔާރުކުރެވެމުންނެވެ. އަދި ޖުވާއާއި ރިބާގެ ވައްތަރުތައް ހިެނޭ އެސްއެމްއެސް ޕުރޮގްރާމްތައް ވަނީ ޢާންމުވެފައެވެ. މިކަމުގައި މީޑިޔާތަކުން ވާދަކުރެއެވެ. އެންމެ ގިނައިން އޮރިޔާމުން އަންހެންކުދިން ދެއްކެނީ އެމީޑިޔާއެއްކަމަށް ދައްކަން މަސައްކަތްކުރަމުންދަނީއެވެ.
ދިވެހިންނަކީ ރޯދަމަހަކީ އެއްވެސް ހާލެއްގައި އަޅުކަމުގެ މަހެއްކަމެއް އިހުސާސެއް ނުކުރެވެއެވެ. މަތީގައިވާ ޙާދިޘާގައިވާ ފަދައން ރޯދަމަހަކީ ދިވެހިންގެ ކުޅިވަރު މަހެވެ. އެކި ޗެނަލްތަކުން މީހުން ޒިނޭކޮށް ބިޓުން ހިއްލިގޮތްތަށް ބަޔާންކޮށްދޭ ޕުރޮގްރާމްތައްވެސް ރޯދަމަހަށް ޚާއްޞަކޮށް މިފަހަރުވެސް ގެނެސްދެވޭނެއެވެ.  އަދި ކޮންމެ ދުވަހަކު ކުރުވާހަކަ މުބާރާތުގެ ވާހަކަތައް ގެނެސްދޭއިރު ކޮންމެ ދުވަހަކުވެސް ޖުވާގެ ވައްތަރު ވައްތަރުގެ ގޭމްތައް ހިމެނޭ ޕުރޮގުރާމުތަކާއި އަދި ރޯދަކުރުކުރުންވެސް ގެނެސްދޭނެއެވެ. ސަލަފުއް ޞާލިހުންގެ ބޭކަލުން ރޯދަމަސް ނައިސްގެން އެދުވަސްތައް ގޮސްފާނެތީ ބިރުވެތިވީ އިރު، އަޅުގަނޑުމެން އުޅެނީ ރޯދަ މަސް ދިގުވެގެން އެދުވަސްތައް ދުއްވާނުލެވިގެންނެވެ. ރޯދަކުރުކޮށް، ފާޙިޝް އެތައް އަމަލަކާއި ހުއްދަނޫން އެތައް ކަމެއް ކުރުމަށް ދިވެހިން ދަނީ ފޫގަޅަމުންނެވެ. މިއީ އަދި ސަތޭކަޔަކުން އެކެއްގެ ވާހަކައެވެ.
ކެއުމުގައިވެސް ދިވެހިން މީ ހައްދުފަހަނަ އަޅާ މަހެކެވެ. ކޮންމެ ގެޔަކަށްވެސް ދިހަބާރަވައްތަރު ހަދާ އެތައް ކާތަކެއްޗެއް އިސްރާފުކުރާނެއެވެ. މުސްލިމުންނަކީ އިސްރާފުކުރާ ބަޔެއްކަމުގައި ނުވާހިނދުވެސް، މުސްލިމުންގެ ނަމުގައި ހިންގަން ކިހާ ހަޑި ޖަރީމާއެއްތޯއެވެ؟ ރޯދަމަހަކީ ރޯކުފުރުގެ ތެރެއަށް ވެއްޓޭ މަހަކަށް އަޅުގަނޑުމެން ހަދައިގެން ރޯވާނީ ނަރަކައިގެ އަލިފާނެއެވެ. ރޯދަމަހު ދިވެހިން ކުރާ އޮންނަނީ ދެތިން ކަމެކެވެ. އެއީ ކެއްކުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމެވެ. އަނެއްބަޔަކު ފޫގަޅަމުން ދަނީ މަގުމަތީގައި ދެޖިންސު މަސްހުނިކޮށްގެން މަގުމަތީގައި ރޯދައިހުޔާ ކުރުމަށެވެ. ﷲ މުސްތަޢާން.
މި މަސް ވެފައިވަނީ ރޯދަ މަހާއި ރޯއްޖޭ ބުނެ އިސްރާފު ކުރުމުގެވެސް މަހަކަށެވެ. ކެއިން ބުއިމުން ފެށިގެން ތަށިތެލިން ފެށިގެން ފަރުނީޗަރުން ގޮސް ގޭ ފުރާޅާއި ހިސާބަށްވެސް އޮންނަނީ އިސްރާފު ކުރުމެވެ. މުދާތައް ބާވެފައި ނުވީކަމުގައި ވިޔަސް މުދައުތައް އުކައި އާކުރާއިރު ފަގީރު މީހާ އޮންނަނީ މިއިން އެއްޗެއް ނުލިބިގެން ފަގީރުހާލުގައެވެ. އިސްރާފުކުރުން އަތްނުފޯރައެވެ. އިސްރާފު ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ޞަދަޤާތްކުރުން ގިނަކުރީޔާ ވާނީ ކިހިނެއްބާވައެވެ؟ފާފަކުރުމުގައިވެސް މިއީ ދިވެހިން ހައްދު ފަހަނަ އަޅާ މަހެކެވެ. ވައްކަން ކުރުމާއި ފޭރުމާއި ޒިނޭކުރުމުގައިވެސް މުޅި އާއުސްމިންތަކަކަށް ދިވެހިން ދަތުރުކުރެއެވެ. ސުބުޙާނަﷲއެވެ. އެފަދަ މީހުންގެ ތެރެއިން އަޅުގަނޑުމެން ނުލައްވާށިއެވެ. އަދި ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތްކަމަށްވާ ތަޤުވާވެރިވުމުގެ ކުރިބޯއްޓަށް ވާސިލުވާ މީހުންގެ ތެރޭގައި ލައްވާށިއެވެ. މިމަތިވެރިވެގެންވާ ރޯދި ބަރަކާތުގެ މަހުގެ ރޯދި ހާސިލު ނުކުރެވޭ މީހުންނަކީ ރޯދަމަހާއި ރޯއްޖާއި ލިބޭ މީހުންނެއް ނޫނެވެ. ނަމަވެސް ރޯދަމަހާއި ރޯކުފުރުގައި ވަގުތުތައް ދުއްވާލެވޭ މީހުންނެވެ. އެފަދަ މީހުންގެ ތެރޭގައި ނުވޭތޯ އަޅުގަނޑުމެންގެ ދެއަތްތައް ނަގައި ފާފަ ފުއްސަވާ ރަހީމްވަންތަ ޣަފޫރުވަންތަ ރައްބުގެ އަރިހުން ދެންނެވުން ކީއްތޯއެވެ؟ އެއިލާހު ވަހީކުރައްވާފައިވާ ބަސްފުޅުގައިވެއެވެ.

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِ‌يبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْ‌شُدُونَ ﴿١٨٦ ބަޤަރާ ސޫރަތް﴾

މާނައިގެ ތަރުޖަމާއީ: އަދި ތިމަންއިލާހާއިމެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ(މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި) ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންއިލާހީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ.. ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ (އެއްވެސް ޝަރީކު ކުރުމެއް އަދި ދެވަނަ ފަރާތެއް މެދުވެރިނުކޮށް) ދުޢާކުރި މީހާގެ ދުޢާ ތިމަންއިލާހުއިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން ތިމަންއިލާހަށް އިޖާބަދީ އީމާން ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.”

އަޅުގަނޑުމެން އެންމެނަކީވެސް ފާފަކުރާނެ ބަޔެކެވެ. ވީމާ މިފާފަތަކުން ދުރުވެ މިރޯދަމަހުން އަލުން އާފެށުމެއް ފަށާ އަޅުގަނޑުމެންގެ މުނިފޫހި ފިލުވުމަކީޙަރާމް ފާޚިޝް ލަވަ މިޔުޒިކާނުލާ ހުއްދަ މުނިފޫހި ފިލުވުން ކަމުގައި ހަދާ އަދި އަޅުގަނޑުމެންގެ ވަޤުތުތައް ޤުރުއާން ކިޔެވުމާއި ޞަދަޤާތްކުރުމުން ފުރާލާ ތައުބާވާ ބަޔެއްކަމުގައި ލައްވާށިއެވެ. އާމީން

وصلى الله وسلم على محمد و على آله و صحبه

ނިމުނީ