[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމްސާކު ވަޤުތަކީ ބިދުޢައެއް

ސުވާލު: ބައެއް ޤައުމުތަކުގައި ފަޖުރުވުމުގެ ދިހަމިނެޓުވަރު ކުރިން ފަޖުރުވުމާއި ދެމެދުގައި އެވާ ވަޤުތަށް އިމްސާކު (ނުވަތަ އިމްސާކިއްޔާ) ވަޤުތޭ ކިޔައެވެ. މީސްތަކުން އެވަޤުތުން ފެށިގެން ކެއުމާއި ބުއިމުން ދުރުވެ ރޯދަހިފަން ފަށައެވެ. ފަހެ މިއީ ރަނގަޅު ކަމެއްހެއްޔެވެ؟

ޖަވާބު: الحمد لله

މިއީ ރަނގަޅު ކަމެއްނޫނެވެ.

ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ފަޖުރުލުމާއި ހަމައަށް ކެއުމާއި ބުއިން ހުއްދަކުރައްވާފައެވެ.

އެއިލާހު ވަޙީކުރެއްވިއެވެ. 

(وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ مِنْ الْفَجْرِ) [سورة البقرة 187]

މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ.”

ޞަޙީޙުލް ބުޚާރީ އަދި ޞަޙީޙު މުސްލިމްގައި އިބުނު ޢުމަރު އަދި ޢާއިޝާ رضي الله عنهم ގެއަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.

أَنَّ بِلالا كَانَ يُؤَذِّنُ بِلَيْلٍ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( كُلُوا وَاشْرَبُوا حَتَّى يُؤَذِّنَ ابْنُ أُمِّ مَكْتُومٍ ، فَإِنَّهُ لا يُؤَذِّنُ حَتَّى يَطْلُعَ الْفَجْرُ ) .

މާނައީ: ރޭގަނޑު ބިލާލުގެފާނު ބަންގި ގޮވައި އުޅެއެވެ. ދެން ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން އިބުނު އުއްމު މަކްތޫމު ބަންގިދެއްވަންދެން ކައިބޮއި އުޅޭށެވެ. ފަހެ ހަމަކަށަވަރުން އެކަލޭގެފާނު ފަޖުރުވުމުން މެނުވީ ބަންގި ނުގޮވައެވެ.”

އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

“ފަހެ މިޙަދީޘުންވެސް އަންގައިދެނީ: ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން ކެއުމާއި ބުއިމާއި އަދި އެއްދާންކުރުން ހުއްދަކަމެވެ.”

އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ޞަހީޙް ބުޚާރީގެ ޝަރަޙަކަމަށްވާ ފަތުހުލްބާރީގައި ވިދާޅުވެފައިވެއެވެ. (199/4)

“ރޯދަމަހު ގާތްގަނޑަކަށް ވިއްސަކަށް މިނިޓްކުރިން ދެވަނަ ބަންގިދިނުމާއި ރޯދައަށް ހުންނަމީހާއަށް ކެއުމާއި ބުއިމަކީ ޙަރާމަކަމެއްކަމުގެ ޢަލާމާތެއްގެ ގޮތުން ބައްތި ނިވާލުމަކީ މިޒަމާނުގައި އުފެދިފައިވާ މުންކަރާތްތެރި ބިދުޢައެކެވެ. މިބިދުޢަ އުފެއްދިމީހުން ދަޢުވާކުރާގޮތުގައި އެބައިމީހުން އެކަން އެކުރަނީ އަޅުކަމަށް ރައްކާތެރިވުމުގެ ގޮތުންނެވެ.”

ފަޖުރުގެ ކުރިން، އިމްސާކު ވަޤުތުގެ ގޮތުގައި ފަނަރަ ވަރަކަށް މިނެޓުގެ ވަޤުތުކޮޅެއް، ނަމާދު ވަޤުތުގެ ޓޭބަލްގައި ކަނޑައަޅާފައި ހުރުމުން އެކަމާގުޅޭގޮތުން ޝެއިޚު އިބުނު ޢުޘައިމީން رحمه الله އާ ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ.

“މިއީ ބިދުޢައިގެ ތެރޭން ހިމެނޭ ކަމެކެވެ. އެކަމުގައި އެއްވެސް އަސްލެއް ސުންނަތުން ސާބިތުވާން އޮތްކަމެއްނޫނެވެ. ފަހެ ޢަޒީޒުވަންތަ ﷲގެ އެއިލާހުގެ ފޮތުގައި ވަޙީކުރައްވަނީ މިފަދައިންނެވެ.

(وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ مِنْ الْفَجْرِ) [سورة البقرة 187]

މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ.”

އަދި النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

( إن بلالاً يؤذن بليل فكلوا واشربوا حتى تسمعوا أذان ابن أم مكتوم ، فإنه لا يؤذن حتى يطلع الفجر)

މާނައީ: “ފަހެ ރޭގަނޑު ބިލާލު ބަންގިދިނުމުން ތިޔަބައިމީހުން ކައި ބޮއި އުޅޭށެވެ. އެއީ ތިޔަބައިމީހުންނަށް އިބުނު މަކްތޫމުގެ ބަންގީގެ އަޑުއިވިއްޖައުމަށް ދާންދެނެވެ. ފަހެ ހަމަކަށަވަރުން އިބުނު މަކްތޫމު ފަޖުރުގެ އަލިކަން ފާޅުވުމުން ނޫނީ ބަންގި ނުގޮވައެވެ.”

ބައެއްމީހުން މިކިޔާ އިމްސާކު އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފަރުޟުކުރެއްވިކަމަށް ބަޔަކުމީހުން ހަދައިގެން އުޅޭ އެއްޗެކެވެ. ފަހެ އެހެންކަމުން އެކަންވާހުށީ ބާޠިލެއްކަމުގައެވެ. ފަހެ މިކަން ހިމެނިގެންވަނީ ދީނުގައި ހައްދުފަހަނަ އެޅުމެއްކަމުގައެވެ. ފަހެ ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

((هَلَكَ الْمُتَنَطِّعُونَ ، هَلَكَ الْمُتَنَطِّعُونَ ، هَلَكَ الْمُتَنَطِّعُونَ)) رواه مسلم (2670).

މާނައީ: “ހައްދުފަހަނައަޅާފައިވާ މީހުން ހަލާކުވެއްޖެއެވެ. ހައްދުފަހަނައަޅާފައިވާ މީހުން ހަލާކުވެއްޖެއެވެ. ހައްދުފަހަނަ އަޅާފައިވާ މީހުން ހަލާކުވެއްޖެއެވެ.” “

މަޞްދަރު: (އިނގިރޭސިބަހުން) (ޢަރަބިބަހުން)

________________________________

ނޯޓު:

– ހައްދުފަހަނަ އެޅުމަކީ ޤުރުއާނާއި ސުންނަތާއި ޚިލާފުވެގަތުމެވެ.

– އިމްސާކަކީ ކޮބާ؟

އިމްސާކު ބަހުގެ މާނައަކީ އެއްޗެއް ހިފެހެއްޓުމެވެ. ޢަރަބި ބަހުގައި ބަނޑު ހަރުވުމަށްވެސް ކިޔާއުޅެނީ އިމްސާކެވެ. އެއީ ހިފެހެއްޓިފައި ހުރުމުގެ ސަބަބުންނެވެ. ސުރުޙީގައި އެވާ އިމްސާކުގެ މާނައަކީ ރޯދަމަހު ފަޖުރުވުމުގެ ކުރިން ވަގުތުކޮޅެއް ކެއުމާއި ބުއިމުން ދުރުވެގެން ހުރުމެވެ. ފަހެ މިއީ ސުންނަތުގައި އެއްވެސް އަސްލެއްނެތް ބިދުޢައެއްކަމުގައި އަހުލުއް ސުންނާގެ ބޮޑެތި ޢިލްމުވެރިން ވަނީ ިވިދާޅުވެފައެވެ. އަދި އެއްވެސް ދަލީލެއް މިކަމުގެ މައްޗަށް އޮތްކަމެއްނޫނެވެ.

– ބިދުޢައަކީ ކޮބާ؟

ބަހުގެ ގޮތުން ބިދުޢަ އަކީ އަލަށް އުފެދޭކަންކަމެވެ. ޝަރުޢީގޮތުން ބިދުޢައަކީ އެއްވެސް ދަލީލެއް ނެތި ދީނަށް އަލަށް އިތުރުކުރެވޭ ކަންކަމެވެ. މިފަދަ ކަންކަމުން ސަލާމަތްވެގެން ތިބުމާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ވަރުގަދަ އިންޒާރުތައް މިއުއްމަތަށް ދެއްވާފައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(( مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ )) رواه مسلم (1718)

މާނައީ: ފަހެ ތިމަންކަލޭގެފާނުގެ ސުންނަތުން ޘާބިތުނުވާކަމެއް ކޮށްފިމީހާ ދަންނާށެވެ. ފަހެ އެކަމެއްވަނީ ރައްދުކުރެއްވިގެންނެވެ. “

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((فإن خير الحديث كتاب الله، وخير الهدي هدي محمد، وشر الأمور محدثاتها، وكل بدعة ضلالة)) رواه مسلم

މާނައީ: ފަހެ އެންމެހެޔޮވެގެންވާ ބަސްފުޅަކީ ﷲގެ ފޮތެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ (ގޮތަކީ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިދާޔަތެވެ. އަދި އެންމެ ނުބައިވެގެންވަނީ ދީނުގެ ނަމުގައި އަލަށް އުފެއްދޭ ކަންކަމެވެ. އަދިކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.)

ވީމާ މިފަދަ މަގުފުރެދުންތަކާއި ހައްދުފަހަނައެޅުންތަކުން ސަލާމަތްވާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން. އަދި އަޅުގަނޑުމެންގެ ތެރެއިން މިކަން ނޭންގޭ އަޚުންނަށާއި އުޚުތުންނަށް މިކަން ފޯރުކޮށްދީ އެކަމުގެ ސަވާބު ލިބިގަންނަމާތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

“ފަހެ ހެޔޮކަމަކަށް މަގުދައްކައިފިމީހަކަށް އެކަންކުރިމީހާއަށް ލިބޭފަދަ ޘަވާބު ލިބޭހުއްޓެވެ.”

وصلى الله وسلم على نبينا محمد و آله و صحبه.