[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާމެދު ދެކެވޭ ދޮގުވާހަކަ ތަކުގެ ޙަޤީޤަތަކީ ކޮބާ…؟

 

އިސްލާމްދީން ފެށުނީއްސުރެ އަބަދުވެސް ދީނުގެ ޢަދުއްވުން އުޅެމުންދެއެވެ. އެކިދުވަސްވަރު އެކި ހިސާބު ތަކުގައެވެ. އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް، ދީނާ މެދު މުސްލިމުންގެ ހިތުގައި ނުރުހުންތެރިކަން އުފެއްދުމަށް 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކްރިސްޓިއަންދީނުގެ ލިޔުންތެރިން އާގޮތް ގޮތަށް މަސައްކަތް ކުރަން ފެއްޓިއެވެ. މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ގެ އަގުވައްޓާލައި، މުސްލިމުންގެ ހިތުގައި ﷲ ގެ ދީނަށް ދެވިފައިވާ ލޯތްބާއި ޢިޙްތިރާމު، ނަފްރަތަށް ބަދަލު ކޮށްލުމަށްޓަކައި ތަފާތު ދޮގުވާހަކަތަށް އެކިމީޑިޔާތަކުގައި ޝާއިޢު ކުރަންފެށިއެވެ.

މިމީހުންގެ މި ޕްރޮޕެގެންޑާ ފެތުރުމުގައި އަޞްލެއްކަމަށް ބަލާފައިވަނީ 15 ވަނަ ޤަރުނުގައި ކްރިސްޓިއަން ދީނުގެ ލިޔުންތެރިއެއް ލިޔެފައިވާ ފޮތެކެވެ. މި ފޮތުގެ ނަމަކަށް ލިޔުންތެރިޔާ ދީފައިވާ ނަމަކީ “ރެފިއުޓޭޝަން ޓް ދަ ރިލިޖެން އޮފް މުޙައްމަދު” – މާނައަކީ “މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެނެސްދެއްވި ދީނަކީ ޞައްޙަ ދީނެއް ނޫންކަން ސާބިތުކޮށްދިނުން” މިއެވެ. އިސްލާމްދީނާ ދެކޮޅަށް ލިޔާ ލިޔުންތެރިން މަޢުލޫމާތު ނަގާ މައިގަނޑު ފޮތަކަށް މިފޮތް ވެގެން ދިޔައެވެ. މިފަދަ ލިޔުންތެރީންނަށް އިސްލާމީ ތާރީޚާއި، އިސްލާމްދީނާބެހޭ ހަޤީޤީ މަޢުލޫމާތު ލިބިފައެއްނުހުރެއެވެ. އެބައިމީހުން އޭރުވެސް މިހާރުވެސް މުސްލިމުން ވާވައްދަން އެންމެބޮޑަށް މަސައްކަތް ކުރަނީ އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ކައިވެނި ފުޅުތަކާމެދު ޙަޤީޤަތާޚިލާފު ވާހަކަތައް ފަތުރައިގެންނެވެ. އެބައިމީހުން ދަޢުވާކުރާގޮތުގައި އެހެނިހެން މުސްލިމުންނަށް އެއްވަގުތެއްގައި ހަތަރު އަނބިންނާއި ކައިވެނިކުރުން ހުއްދަކުރެވިފައި، އެކަލޭގެފާނު އެއްފަހަރާ ގިނަ ކައިވެނިތަކެއް ކުރައްވާފައި އެވަނީ އެކަލޭގެފާނުގެ ޖިންސީ އެދުންވެރި ކަމުގެ ބޭނުމުގައެވެ. ނަމަވެސް މިއީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއްކަން އެކަލޭގެފާނުގެ ކައިވެނި ފުޅުތަކަށް އިންސާފުގެ ނަޒަރަކުން ބަލައިފި ކޮންމެ މީހަކަށް ހާމަ ވެގެންދާނެއެވެ. އެބައިމީހުން މިފަދަ ވާހަކަތައް ދައްކާތީ މުސްލިމުން ހައިރާންވާކަށް ނުޖެހެއެވެ. އެހެނީ މިއީ ދިނުގެ ޢަދުއްވުންނެވެ. ފަހަކަށް އައިސް ކުރިސްޓިއަނުން، އެބައިމީހުންގެ އަތްތަކުން ލިޔެފައިވާ ބައިބަލްގައިވެސް އެބައިމީހުންގެ ނަބިއްޔުންނަކީ ޒިނޭކުރާ ބައެއް ކަމުގައި ބަޔާންކޮށްފައި އެބަހުއްޓެވެ. މިއީ މިފަދަ ދޮގު ފާޙިޝް ވާހަކަ ފަތުރައި އުޅޭ ބައެކެކެވެ.

ކޮންމެއަކަސް، މިބައިމީހުންގެ ކްރިސްޓިއަން ކާބަފައިންގެ ފަރާތުން ލިބިފައިވާ ޞައްޙަނޫން މަޢުލުމާތުތަކެއްގެ މައްޗަށް ބިނާކޮށް، ﷲ ގެ ރަސޫލާ އާމެދު ދޮގުވާހަކަތައް ފަތުރަމުންގެންދިއުމުގެ އެންމެ ބޮޑު ބޭނުމެއްކަމުގައި ވެފައިވަނީ އިސްލާމްދީން ފެތުރެމުންދާ ހަލުވިމިނުގެ ސަބަބުން އެކަން އެބައިމީހުންނަށް ތަޙައްމަލު ނުކުރެވިގެނެވެ. އިސްލާމްދީން ފެތުރެމުންދާ ބާރު ސްޕީޑް ކުޑަ މިންވަރެއް ނަމަވެސް މަޑު ޖައްސާލުމުގެ އުންމީދުގައެވެ. ނަމަވެސް އެކަން އެބައިމީހުންނަށް ކާމިޔާބުވުމަކުން ނުދެއެވެ. ސަބަބަކީ އަހަރެމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާމެދު ލިޔެވެމުންދާ ދޮގުވާހަކަތަކާ ދެކޮޅަށް، ވަކި އަތަކަށް ނުޖެހޭ ކްރިސްޓިއަންދީނުގެ ލިޔުންތެރިންގެ ބައެއް ލިޔުންތައް މިއަދުވެސް ފެންނަމުންދާތީއެވެ.

އެބައިމިހުން އެކަލޭގެފާނާމެދު އެ ދައްކާ ދޮގުވާހަކަތަކަކީ މުސްލިމުންނަށް ޤަބޫލު ކުރެވޭނޭ ވާހަކަ ތަކެއްނޫނެވެ. އަދި މުސްލިމުންނަށް ރުހިގެން މަޑުން ތިބެވޭނޭ ވާހަކަތަކެއްނޫނެވެ. ސަބަބަކީ މިއީ މުސްލިމުންގެ އަޤީދާއާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ.

މައްސަލައިގެ ހަޤީޤަތަކީ ކޮބާ؟

ވަކިއަތަކަށްނުޖެހޭ، މުސްލިމު އަދި ކްރިސްޓިއަން، ތާރީޚް ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނު ކުރައްވާފައިވާ ކައިވެނި ފުޅުތަކަކީ އެއްވެސް ޙާލެއްގައި އެކަލޭގެފާނުގެ ޖިންސީ އެދުންވެރިކަމެއްގެ ސަބަބުން ކުރައްވާފައިވާ ކައިވެނިފުޅުތަކެއް ނޫނެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި އެފަދަ ޖިންސީ އެދުންވެރިކަމެއްގެ ސަބަބުން އެކަލޭގެފާނު ކައިވެނިފުޅު ކުރެއްވިނަމަ، އުމުރުފުޅުން އެންމެ 25 އަހަރުފުޅުގައި، ޒުވާންކަމުގެ އެންމެ ތާޒާ ދުވަސްވަރު، ކުރިން މީހަކާ ކައިވެނި ބައްލަވައިގެންފައިވާ، ހުވަފަތް އަންހެންކަނބަލެއް ކަމުގައިވާ އުމުރުފުޅުން އެކަލޭގެފާނަށްވުރެން ދޮށީ ޚަދީޖަތުގެފާނާ ކައިވެނި ބައްލަވައި ނުގަތީސްކަމުގައެވެ. ހަމަ އެކަނި އެކަމަނާއާ ކައިވެނި ބައްލަވައި ގެން ގިނަ އަހަރުތަކެއް އެކަލޭގެފާނު އުފާވެރި ދިރިއުޅުމެއް އުޅުއްވިއެވެ. ޢަރަބިންގެ ޒުވާން ރީތި އަންހެން ކުދީން އެކަލޭގެފާނާ ކައިވެނި ބައްލަވައިގަންނަން ތައްޔާރަށް ހުންނެވި ހިނދުގައިވެސް މެއެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އެކަލޭގެފާނު އެހެން އެއްވެސް ބޭކަނބަލަކާ ކައިވެނި ބައްލަވައި ނުގަންނަވައެވެ. އެކަލޭގެފާނަކީ، މިބައިމީހުން އެދަޢުވާކުރާފަދަ، ޖިންސީ އެދުންވެރިކަމާއި، ދުނިޔަވީ ދިރިއުޅުމަށް ލޯބި ކުރެއްވި ބޭކަލެއްނަމަ، ޚަދީޖާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގެން އުޅުއްވި ދުވަސްވަރު، އެހެން ޒުވާން އަނބިކަނބަލެއް ޚިޔާރުނުކުރެއްވީ ކީއްވެގެންތޯއެވެ؟ އަދި ޚާއްޞަކޮށް އެކަލޭގެފާނުގެ އަޚްލާޤުގެ ސަބަބުން ގިނަ ކައިވެނިތަކެއް އެކަލޭގެފާނަށް ހުށަހެޅެމުން ދިޔަ ދުވަސްވަރަކަށް އެދުވަސްވަރު ވެގެން ދިޔަ ހިނދުގައިވެސް މެއެވެ.

އެކަލޭގެފާނުގެ ޙަޔާތަށް ނަޒަރު ހިންގާލާއިރު، އެކަލޭގެފާނުގެ ޙަޔާތުގެ ކުރީކޮޅު، އުމުރުފުޅުން އެކަލޭގެފާނަށްވުރެން ދޮށީ ހުވަފަތް އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރައްވާފައިވެއެވެ. އެދުވަސްވަރު އެކަލޭގެފާނު އިތުރުކައިވެންޏެއް ކުރައްވަން ޤަޞްދުކުރައްވާފައިވެސް ނުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ އުމުރުގެ، ފަހު 10 ވަރަކަށް އަހަރު، އުމުރުފުޅުން 50 އަށް ވުރެ މައްޗަށް ދިޔުމަށްފަހު، މުސްކުޅި އުމުރުފުޅުގައި އިތުރު ކައިވެނިފުޅުތަކެއް ކުރެއްވިއެވެ. ސަބަބަކީ މަދިނާގައި އިސްލާމީ އާ ދައުލަތެއްގެ ބިންގާ އެޅުމަށްފަހު، އެކަލޭގެފާނަށް ތަފާތު ގިނަ އިތުރު ޒިންމާތަކާއި، މައްސަލަތަކެއް އެކި ދިމަދިމާލުން ކުރިމަތިވަމުން ދިޔައެވެ. އެކަލޭގެފާނު އެންމެ ބޭކަނބަލެއް ފިޔަވާ، ދެން މުޅީންވެސް ކައިވެނިބައްލަވައިގެންފައިވަނީ ހުވަފަތް އަންހެން ކަނބަލުންނާއެވެ. މިއީ އޮޅުމެއްނެއް ޘާބިތުވަން އޮތް ހަޤީޤަތެކެވެ.

ހުވަފަތްވެފައިވާ އަންހެންކަނބަލުންތަކަކާއި އެކަނބަލުންގެ ޔަތީމުވެފައިވާ ދަރީންތަކެއްގެ ޒިންމާ ނަގަންޖެހުމަކީ އެކަލޭގެފާނަށް ބޮޑު އަދި ބުރަ މަސައްކަތަކަށް ނުވާނެތޯއެވެ؟ ތަފާތު އުމުރުގެ، ތަފާތު މިޒާޖުގެ، އަދި ތަފާތު ޤަބީލާތަކުގެ ބޭކަނބަލުންތަކެއްގެ ޒިންމާ އެކަލޭގެފާނު ނަންގަވާފައިވުމުން އެނގިގެންދަނީ އެކަލޭގެފާނު ކައިވެނިފުޅުތައް ކުރައްވާފައިވަނީ، ދީނުގެ ޢަދުއްވުން އެދަޢުވާ ކުރާފަދަ މަޤްޞަދެއްގައި ނޫންކަމެވެ.

މިކަމާ ބެހޭގޮތުން ޔޫރަޕްގެ މަޝްހޫރު ތާރީޚީ ޢިލްމުވެރިއެއް ކަމުގައިވާ ތޯމަސް ކާރލައިލް، އޭނަގެ “ހީރޯސް އެންޑް ހީރޯސް ވޯރޝިޕް” ކިޔާ ފޮތުގައި ލިޔެފައިވާ ގޮތުގައި، މުޙައްމަދުގެފާނަކީ، އެކަލޭގެފާނުގެ ޢަދުއްވުން އެ ތުހުމަތު ކުރާ ފަދަ، ޖިންސީ އެދުންވެރިކަމާ ޝަޙްވަތްތެރިކަމުގެ ދިރިއުޅުމެއް އުޅުއްވި ބޭކަލެއްނޫނެވެ. އަދި އެކަލޭގެފާނާމެދު އެ އިވެމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ބަލާލުމެއް ނެތި ބޭއިންސާފުން ފަތުރަމުންދާ ވާހަކަތަކެއްކަމުގައި އޭނާ ބަޔާން ކޮށްފައިވެއެވެ.

އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޖުމްލަ 13 ކައިވެނި ބައްލަވައިގެންފައިވެއެވެ. އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ޚަދީޖާ ރަޟިޔަﷲ ޢަންހާ އާއެވެ. އެކަމަނާ އަކީ އެކަލޭގެފާނަށްވުރެ އުމުރުފުޅުން ދޮށީ، ހުވަފަތް އަންހެން ކަނބަލެކެވެ. އެކަމަނާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު އެހެން ކައިވެންޏެއް ކުރައްވާފައެއްނުވެއެވެ. އެހެން ކައިވެނިތައް އެކަލޭގެފާނު ކުރައްވާފައި ވަނީ އެކަމަނާއާއެކު އެތައް އަހަރު ދިރިއުޅުއްވުމަށް ފަހު، އެކަމަނާ އަވަހާރަވުމުންނެވެ.

އެކަލޭގެފާނުގެ އެހެން އަނބިއަނބިކަނބަލުންނަކީ އުއްމު ސަލަމާ، ސައުދާ، ޙަފްސާ ބިންތު ޢުމަރުލްފާރޫޤް، ޢާއިޝަތު ބިންތު އަބޫބަކުރުއްސިއްދީޤް، ޒައިނަބު ބިންތު ޚުޒައިމާ، ޒައިނަބު ބިންތު ޖަޙްޝް، ޒައިނަބު ބިންތު އުމައިސް، މައިމޫނާ، އުންމު ޙަބީބާ، ޚައުލާ ބިންތު ޙާކިމް، ޞަފިއްޔާ، ޖުވައިރިއްޔާ މިއެވެ.

އެކަލޭގެފާނު މި ކައިވެނިފުޅުތައް ކުރައްވާފައި ވަނީ ކޮން ޙާލަތްތަކެއްގައިތޯއާ ކޮން މަޤްޞަދު ތަކެއްގައިކަން ބަލާލަން ޖެހެއެވެ. އޭގެ ތެރޭގައި :

  1. ހުވަފަތް އަންހެން ކަނބަލުންނާއި، އެކަނބަލުންގެ ޔަތީމުދަރިންނަށް އެހީތެރިވެދެއްވުމާއި އަޅާލެއްވުން.
  2. ދީން ފެތުރުމުގައި އެކަލޭގެފާނު ޙިކުމަތް ބޭނުން ކުރެއްވިއެވެ. އެގޮތުން ޤުރައިޝުންގެ ތަފާތު ޤަބީލާތަކާ ގުޅުން ބަދަހި ކުރުން ވެސް އޭގެ ތެރޭގައި ހިމެނިގެން ދިޔައެވެ. އަދި މިނޫނަސް ތަފާތު ދީނީ ސަބަބުތަކަށްޓަކައި އެކަލޭގެފާނު ކައިވެނިފުޅު ބައްލަވައިގެންފައިވަނީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގެންނެވީ އެކަމަނާގެ އުމުރުފުޅުން 9 އަހަރުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކަމަނާއަށް ފުރިހަމަ ތަރުބިއްޔަތެއް ލިބިވަޑައިގެން، ދީނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަތެވެ.

ނަމަވެސް ދީނުގެ ޢަދުއްވުން ދަޢުވާ ކުރަމުންދާގޮތުގައި، މިޢަމަލަކީ ކުޑަކުދިންގެ ޙައްޤުތަކަށް އަރައި ގަތުމެވެ. އަދި މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންކަމުގައި މިބައިމީހުން އަޑު އުފުލަމުން ދެއެވެ. މިފަދަ މީހުން ދިވެހިރާއްޖޭގައިވެސް އުޅެއެވެ. މިބައިމީހުންނަށް ހީވެފައި އޮންނަނީ، މިމީހުން ނޫނީ ދެން ތިބޭނީ އެއްޗެއް ނުވިސްނޭ ގަމާރުން ކަމުގައެވެ. ނަމަވެސް އެއީ ވަރަށްބޮޑު ކުށްހީއެކެވެ.

އިސްލާމްދީނުގައި ކައިވެންޏަކީ ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމެކެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. ކައިވެނީގެ ބޭރުން ގުޅުން ހިންގުމަށް އިސްލާމީ ޝަރީޢަތުގައި ކިޔަނީ ޒިނޭ ކުރުމެވެ. މިއީ ދީނުގައި ޙަރާމްކަމެކެވެ. ބޮޑުފާފައެކެވެ. ޝަޙްވަތަށް ލޯބިކުރުމަކީ އިންސާނާގެ ތަބީޢަތުގައި ﷲ ތަޢާލާ ލައްވާފައިވާ ކަމެކެވެ. މިއީ އެއްވެސް މީހަކު އިންކާރު ކުރާނެ ކަމެއް ނޫނެވެ. ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ޒިނޭއަކީ ބޮޑު ފާފައެކެވެ. އެހެން ކަމުން މިފަދަ ބޮޑު ފާފައަކަށް އަރައިނުގަނެ މީސްތަކުންގެ ޝަހްވާނީ އެދުން ޙާޞިލުކުރެވޭނެ މަގެއް ﷲ ތަޢާލާގެ ރަޙުމަތްފުޅުން ވަނީ ޝަރުޢު ކުރައްވާފައެވެ. އެއީ ކައިވެނީގެ ގުޅުމުން އަންހެނަކާ ފިރިހެނަކު ގުޅުމެވެ. އެހެންކަމުން ޒިނޭފަދަ ފާޙިޝް ޢަމަލުތަކުން މީސްތަކުން ސަލާމަތްކުރުމަށްޓަކައި، އެކަމަށް ކުޅަދާނަވެގެންވާ ޒުވާނުން ވީހާވެސް އަވަހަށް ކައިވެނި ކުރުމަށް ދީނުގައި ބާރުއަޅުއްވާފައި ވެއެވެ.

ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގަތީ އަނިޔާވެރިކަމާއެކުގައެއްނޫނެވެ. ﷲ ތަޢާޅާގެ އަމުރުފުޅަށެވެ. އެކަމަނާގެ ރުހުމުގައެވެ. އެކަމަނާގެ ބައްޕާފުޅުގެ ރުހުމުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅުން 9 އަހަރެވެ. އެކަމަނާ ވަނީ ބާލިޣުވެފައެވެ. އަދި އެ މުޖްތަމަޢުގައި އެއީ މައްސަލައަކަށް ނުވިއެވެ. އަދި އެމު ޖުތަމަޢުގެ މީހުން އެފަދަ އެއްވެސް ޝަކުވާއެއް އަދި މައްސަލައެއްވެސް ޖައްސާފައިވާ ކަމެއް ތާރީޚުންވެސް އެނގޭކަށް ނެތެވެ. އެހެންކަމުން، ކަމާނުބެހޭ މީސްތަކުން މިކަމާ ކަންބޮޑުވެ ހާސްވެގެން އުޅޭކަށް ނުޖެހެއެވެ.

ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ކައިވެނި ކުރެވޭ އުމުރު ތަފާތެވެ. ބައެއް ޤައުމުތަކުގައި 16 އަދި 13 ނުވަތަ 9 އަހަރުގައިވެސް ކައިވެނި ކުރެވިފައި އެބަހުއްޓެވެ. ދިވެހިރާއްޖެ އިން “ނަމުނާއަކަށް” ބަލާ އެމެރިކާގެ ބައެއް ސްޓޭޓް ތަކުގައި މައިންބަފައިންގެ ހުއްދައާއެކު 14 އަހަރުގައިވެސް ކައިވެނިކުރެވެއެވެ. ދިވެހި ރާއްޖޭގައި މި އޮންނަނީ 18 އަހަރެވެ. ދިވެހި ރާއްޖޭގެ ތާރީޚަށް ބަލާއިރު ވަރަށް ފަހަކާޖެހެންދެންވެސް 14 ، 15 އަހަރުގައި ކައިވެނި ކުރަމުން އައިސްފައިވެއެވެ. އަދި މިއަށްވުރެވެސް ޅައުމުރުގައި ދުނިޔޭގެ އެކިހިސާބުތަކުގައި ކައިވެނިކުރަމުން އައިސްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ. ނަމަވެސް ދިވެހި އަންހެނަކަށް ޅައުމުރުގައި ކައިވެނިކޮށްގެން ޖިންސީގޯނާއެއްވިކަމެއް ތާރިޚީ ވާހަކައަކުންވެސް އަޅުގަނޑު އަޑެއްނާހަމެވެ.

މިގޮތަށް ވަކި އަހަރުތަކެއް ކަނޑައެޅިފައިވުމުން އޭގެ ނަތީޖާ ވަރަށް ނުބައެވެ. ސަބަބަކީ މިއީ އިންސާނާގެ ތަބީޢަތާ ދިމާ އިދިކޮޅަށް ހެދިފައިވާ ޤަވާޢިދުތަކަކަށް ވާތީއެވެ. މީގެ އަސަރު ދިވެހިރާއްޖެއިންވެސް ފެންނަމުން ދެއެވެ. ގުރޭޑް 7، 8 ގެ ކުދިން ކައިވެނީގެ ބޭރުން ބަލިވެ އިންނަނީއެވެ. އަދި އެއަށްފަހު އޭގެ ދުނިޔަވީ ލަދުން ސަލާމަތް ވާންވެގެން، އެތައް މަޢްޞޫމް ޅަފުރާނަތައް އެއްވެސް ރަޙްމެއްނެތި މަރާލެވެމުން ދަނީއެވެ. ދިރިހުއްޓާ ވަޅުލެވެނީއެވެ. ނަމަވެސް މިކަމާ ކަންބޮޑުވެގެން، ޙައްޤުތަކަށް މަސައްކަތްކުރާމީހުން އުޅޭތީ ނުފެނެއެވެ. މިމީހުން ކަންބޮޑުވަނީ ޝަރުޢީ ކައިވެންޏަކުން ގުޅުމުންނެވެ.

އިސްލާމީ ޝަރީޢަތުގައި ކައިވެނި ކުރުމަކަށް ވަކި ޚާއްޞަކުރެވިފައިވާ ޢުމުރެއް ކަނޑައެޅިފައެއް ނެތެވެ. އިންސާނާ ބާލިޣުވުމުން، އޭނާގެ މާލީގޮތުންނާއި ޖިސްމާނީގޮތުން އެކަމަށް ކުޅަދާނަވާނަމަ، ވިހާވެސް އަވަހަކަށް ކައިވެނި ކުރަންވީއެވެ. މިއީ އެމްނެސްޓީ އިންޓަނޭޝަނަލް އަކުން، ނުވަތަ ޔޫ.އެން އަކުން ނިންމަން ޖެހޭ ކަމެއް ނޫނެވެ. އަންހެން ކުއްޖަކު ޙައިޟުވުމުން ދަލީލު ލިބެނީ އޭނާއަށް ދަރިން ވިހެއުމުގެ ޤާބިލުކަން އެބަހުރިކަމެވެ. އެކި މީހުންނަށް ޙައިޟުގެ ދުވަސްވަރު ފެށެނީ އެކި އުމުރުގައެވެ. 8 އަހަރުން ފެށިގެން 18 އަހަރާ ދެމެދުގައިވެސް ޙައިޟުގެ ދުވަސްވަރު ފެށިފައި އެބަ ހުއްޓެވެ. އިސްލާމީ ޝަރީޢަތުގައި މިކަން އޮންނަ އުޞޫލަކީ އިންސާނާގެ ތަބީޢަތާ އެކަށީގެންވާ އުޞޫލެކެވެ.

އެހެން ކަމުން މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އާމެދު ސާބިތު ނުހިފޭ ދޮގުވާހަކަތައް ފަތުރާ މީސްތަކުން ﷲ ތަޢާލާ އަށް ބިރުވެތިވުމަށް ގޮވާލަމެވެ.