ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތެވެ. އިނާޒް އާއި އޭނަގެ މަންމަ ތިބީ އިނާޒްގެ ނަތީޖާގެ އިންތިޒާރުގައި ސްކޫލުގައެވެ. އިރުކޮޅަކުން އިނާޒްގެ ކްލާސްޓީޗަރ އިނާޒްގެ ރިޕޯޓްފޮތް ގެނެސްދީފިއެވެ. އިނާޒްގެ މަންމަ ރިޕޯޓްފޮތް ހުޅުވާފައި އެއްފަހަރު އިނާޒް އާއި ދިމާއަަށް އަދި އަނެއްފަހަރު އޭނަގެ މުދައްރިސާ ދިމާއަށް ބަލާލައިފާ ދަނީ އޭ ބުނެ ދެމައިން ގެއަށް ދިޔައެވެ.
ގޮސް ގެއަށް ވަނުމާއެކު އިނާޒް އާއި ދިމާއަށް އިނާޒްގެ މަންމަ ނުރުހިފައި ހުރެ ސުވާލުކުރަން ފަށައިފިއެވެ. “މީތަ ހޯދަން ޖެހޭ ނަތީޖާއަކީ….؟! ކޮންމެ ޓާމަކު މި ނަތީޖާ ހޯދަނީ އިނާޒްއަށް ކޯއްޗެއް އުނިވެގެންތަ؟!”
ޖަވާބުގައި އިނާޒް ބުންޏެވެ. “އަހަރެން ކޮންކަމެއްކޮށްގެންތަ ކޮންމެ ފަހަރަކު ރިޕޯޓް ދޭ ދުވަހު ތި ވާހަކަތައް ދައްކަން ފަށަނީ….؟! އަހަރެން އުޅޭނީ އަހަރެން ބޭނުން ގޮތަކަށް. ބޮލަށް އުނދަގޫވޭ. “މިހެން ބުނެ އިނާޒް ނިކުމެގެން ދިޔައެވެ.
އިނާޒް ނިކުމެގެން ހިނގަމުން ކުރިއަށް ދިޔައެވެ. މެންދުރުގެ ހޫނުގަދަ ވަގުތު އިނާޒް ރޮމުން ކުރިއަށް ދިޔައީ މަންމަ ދެކެ ރުޅިއައިސް ގެންނެވެ. ޢުމުރުން އެންމެ ސާދަ އަހަރުގައި އެކަނި ނިކުމެގެން ދިޔުމަކީ ކުށެއްކަމަށް އިނާޒް ގަބޫލެއް ނުކުރެއެވެ. ޚުދު އިނާޒްގެ އެއްވެސް މައްސަލައެއް އޮތްކަމަކަށް އިނާޒް ގަބޫލެއް ނުކުރެއެވެ. އިނާޒް ގަބޫލުކުރާގޮތުގައި މަންމަ އޭނަ ދެކެ ނަފްރަތު ކުރަނީ އެއްވެސް ކުށަކާނުލައެވެ.
އިނާޒް ހިނގަމުން ކުރިއަށް ދިޔައެވެ. ގެއާ ވަރަށް ދުރަށް ދެވިއްޖެއެވެ. މީހުން އުޅޭ ހިސާބަށް ވުރެ ތަންކޮޅަކަށް ދެވުނު ތަނާ އިނާޒްގެ ނޭފަތުގައި ވަރަށް މީރު ވަހެއް އައިސް ޖެހުނެއެވެ. އިނާޒްގެ ހިތަށް އެރިއެވެ. “ވަރަށް ބަނޑުހައިވެއްޖެ. އެހާމެ ވަރުބަލިވެސް ވެއްޖެ. ކާ އެއްޗެހީގެ ވަސް އެއަންނަނީ ކޮންދިމާއަކުންތޯ ބަލާލަންވީ.” މިހެން ހިތަށް އަރާ ދެތިން ފިޔަވަޅު ކުރިއަށް އަޅާލިތަނާ ވަރަށް ރީތި ޕިއްޒާ ހަޓެއް ފެނުނެވެ. ޕިއްޒާ ހަޓްގެ ޕިއްޒާތައް ހުރީ ބިއްލޫރި ޝޯވކޭހަކަށް ލާފައި މަގުމައްޗަށް ފެންނަގޮތަށެވެ.
ޕިއްޒާތައް ފެނުމުން އިނާޒްގެ ވަރުބަލިކަމާއި ބަނޑުހައިކަން އިތުރުވިއެވެ. އިނާޒް ވަރުބަލިވެފައި ހުރެ ޕިއްޒާތަކާ ދިމާއަށް ދިޔައެވެ. އަދި ކުއްލިއަކަށް އޭނަގެ އަތުގައި އެންމެ ފައިސާފޮއްޗެއްވެސް ނެތްކަން ހަނދާންވެ އިސްދަށަށް ޖަހާލެވުނެވެ. އިނާޒް ބަނޑުހައިވެ ވަރުބަލިވެފައި ހުރި ވަރުން އެނބުރި ގެއަށް ދާނެ ހިތްވަރެއްވެސް ނެތެވެ. އެވަގުތު ހަދާނެ ގޮތެއްނެތިގެން ޕިއްޒާ ހަޓްގެ ކުރިމަތީގައި ހުރި ސިމެންތި ގަލެއްގެ މަތީގައި އިށީނެވެ.
މިމަންޒަރު ޕިއްޒާ ވިއްކަންހުރި މީހާއަށް ފެނުނެވެ. އަދި އިނާޒްއަށް ގޮވާފައި އެތެރެއަށް ގެނެސް ޕިއްޒާ ކާން ދިނެވެ. އިނާޒް ބަނޑުހައިވެފައި ހުރިވަރުން މުޅި ޕިއްޒާ އެއްކޮށް ކައި ހުސްކޮށްލައިފިއެވެ. އަދި ފެންބޮއެ ނިންމާލިއެވެ. އޭރުވެސް އިނާޒްގެ ލޮލުން ކަރުނަ އާދެއެވެ.
“ބޭބެގެ ހެޔޮކަމުގެ ބަދަލު އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަޅުގަނޑު ދޭނަން.” ތެދުވެގެން ދަމުން އިނާޒް ބުންޏެވެ.
“ކޮއްކޯ އަދި މަޑުކޮށްބަލަ. ދަރިފުޅު ޕިއްޒާ ކަމުން ދިޔައިރުވެސް އަދި މިހާރުވެސް ފެންކަޅިވެފައި ތިހިރީ ކީއްވެ؟” ޕިއްޒާ ވިއްކާ މީހާ މި ސުވާލުކުރުމުން ޖަވާބުގައި އިނާޒް ބުންޏެވެ. “މަންމަ އަޅުގަނޑު ފާސް ނުވީމަ ހަޅޭ ލެއްވީ. އެހެންވެ އަޅުގަނޑު ނިކުމެގެން އައީ. އަޅުގަނޑު ކުށެއް ނުކުރަނީސް މަންމަ އެގޮތަށް ހަޅޭލެއްވީމަ ދެރަވެ، ރުޅި އައިސްފައި މިހިރީ. އެހެންވެ ގެއިން ނިކުމެގެން އައީ.” އިނާޒް އޭނަ ރޮމުން ނިކުމެގެން އައި ސަބަބު ކިޔައި ދިނެވެ.
މިވާހަކަ އަޑުއަހާފައި ޕިއްޒާ ވިއްކާ މީހާ ބުންޏެވެ. “ޕިއްޒާ ކާން ދިނުމަކީ އެއީ އަހަރެން ކޮށްދިން ހެޔޮކަމެއްކަމަށް ގަބޫލުކުރަންތަ؟ އަދި މި ހެޔޮކަމުގެ ބަދަލު ދޭން ޖެހޭ ކަމަށް ގަބޫލު ކުރަންތަ؟”
އިނާޒް އާނއެކޭ ބުނުުމުގެ ގޮތުން ބޯ ޖަހާލިއެވެ. އިނާޒް ބޯޖަހާލުމުން ޕިއްޒާ ވިއްކާ މީހާ ބުންޏެވެ. “އެހެން ވިއްޖެއްޔާ އިނާޒްގެ މަންމައަށް ދޭން ޖެހޭ ބަދަލު މާ ގިނަ. މައިންބަފައިން ކުދިންނަށް ނަސޭޙަތްދެނީ ރުޅިއައިސް ގެނެއްނޫން. އަދަބު ދެނީ ރުޅިއައިސް ގެނެއް ނޫން. އެއީ ކުދިން އަދަބުވެރި ކުރުވަން. އިސްލާޙް ކުރުވަން. މަންމަމެން ބުނީމަ ކިޔެވުމަކީ ކުދިންގެ ޒިއްމާއެއް. އެކަމާ ރުޅިއައިސްގެން ގެއިން ނިކުތުމަކީ ވަރަށް ގޯސް ކަމެއް. ކޮއްކޮ ވިސްނާލަ ބަލަ! މިއަދު ބޭބެނޫން އެހެންމީހަކާ ދިމާވި ނަމަ ކޮއްކޮއަށް ހަދާނެ ގޮތެއްވެސް ނޭނގެ. އެހެންވީމާ، ދެންވެސް ރުޅިއަޔަސް، ދެރަވިޔަސް ތިގޮތަށް ކަންތައް ނުކޮށް މަންމަ ރަނގަޅުކުރަން ބުނި ކަމެއް ރަގަޅުކޮށްލާ. މަންމަ ކޮއްކޮއަށްޓަކައި ރެއާއި ދުވާލު އުފުލާ ބުރަ ވަޒަން ނުކުރެވޭނެ. ބޭބެއާއެކު ގެއަށް ހިނގާ. ޕިއްޒާގެ ބަދަލުވެސް މަންމައަށް ދީ.” މިހެންބުނެ ޕިއްޒާ ވިއްކާމީހާގެ ސައިކަލުގައި އިނާޒް ގެއަށް ގެންދިޔައެވެ.
ގެއަށް ދިޔައިރު މަންމަ ހުރީ އިނާޒްއަށް އެންމެ މީރުގޮތަށް ނޫޑްސް ކައްކައިގެން މަގުމަތީގައި އިނާޒް ނުފެނިގެން ކަންބޮޑުވެފައެވެ. އިނާޒް އެ ދިޔަގޮތަށް ގޮސް މަންމަގައިގައި ބައްދައިގެންފައި ރޮއެގެންފިއެވެ. އަދި ރޮމުން މަޢާފަށް އެދުނެވެ.
އިނާޒްގެ މަންމަ ޕިއްޒާ ވިއްކާ މީހާއަށް ބަލާލިއެވެ. އެމީހާ ކަން ވީގޮތް ކިޔާދިނެވެ. އިނާޒް އާއި އިނާޒްގެ މަންމަ ޕިއްޒާ ވިއްކާމީހާއަށް ޝުކުރު އަދާ ކުރިއެވެ.