[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުކުރު ދުވަހުގެ މަތިވެރިކަމާއި އެދުވަހުގެ ބައެއް އަދަބުތައް

  • އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަސް! (ބައްލަވާ صحيح مسلم: 854)
  • ހުކުރު ދުވަހަކީ މުސްލިމުންގެ މައްޗަށް މާތް ﷲ ލައްވާފައިވާ ޢީދު ދުވަހެއް! (ބައްލަވާ سنن ابن ماجه : 1098 )
  • ހުކުރު ދުވަހުގައި މާތް ﷲ ވަނީ ދުޢާ އިޖާބަކުރައްވާ ވަޤުތެއް ލައްވާފައި! ( ބައްލަވާ صحيح مسلم : 852)
  • ހުކުރު ދުވަހަކީ ފާފަތައް ފުއްސަވާ ދުވަހެއް! އެހެނީ މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “ބޮޑެތިފާފަތަކުން ދުރުހެލިވެގެންވާނަމަ (ފަރުޟު) ފަސްނަމާދާއި، އެއްހުކުރުން އަނެއްހުކުރުގެ ދެމެދަކީ، އެކަންތައްތަކުގެ ދެމެދުގައިވާ (ކުދިފާފަތަކުގެ) ކައްފާރާއެވެ.” ( ބައްލަވާ صحيح مسلم : 233 )

 

ހުކުރު ދުވަހުގެ ބައެއް އަދަބުތައް!

  • ހުކުރު ވިލޭ ރެއާއި ހުކުރު ދުވަހުގައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން ގިނަ ކުރުމަށް އެކަލޭގެފާނު ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައި! ( ބައްލަވާ سنن ابن ماجه : 1637)
  • ހުކުރު ދުވަހުގައި ހިނައިގަތުމަކީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް! (ބައްލަވާ صحيح البخاري : 895)
  • ހުކުރު ދުވަހުގައި ރީތިވެ ނަލަވުން މުސްތަޙައްބުވެގެންވޭ، އަދި ސިވާކު ކުރުމާއި ފޭރާމުގައްޔާއި ގައިގައި ހުވަނދުލުމަށް ބާރުއަޅުއްވާފައިވޭ! (ބައްލަވާ صحيح البخاري : 883 )
  • ކަހްފު ސޫރަތް ކިޔެވުން މުސްތަޙައްބުވެގެންވޭ! އެހެނީ ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށްޓަކައި، އަނެއް ހުކުރާ ޖެހެންދެން ނޫރެއްލެއްވޭނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކުރައްވާފައި! (ބައްލަވާ: السنن الكبرى للبيهقي : 5996)
  • ހުކުރު ނަމާދަށް ވީހާވެސް އަވަހަށް ދިޔުން މޮޅު އިތުރުވެގެންވޭ! އެހެނީ، ހުކުރު ދުވަހުގެ ފުރަތަމަ ބައިގައި ހާޒިރުވާ މީހަކީ، ޖަމަލެއް ޤުރުބާން ކުރި މީހެއްފަދަ މީހެއްކަމާއި، އަދި ދެވަނަ ބައިގައި ހާޒިރުވި މީހަކީ ގެރިއެއް ޤުރުބާން ކުރި މީހެއްފަދަކަމާއި، އެއަށްފަހު ބަކަރިއެއް، އެއަށްފަހު ކުކުޅެއް، އެއަށްފަހު ބިހެއްގެ މިންވަރު ޤުރުބާން ކުރި މީހެއްފަދަ ކަމަށާއި، އެގޮތުން އިމާމު ހާޒިރުވުމުން މަލާއިކަތްބޭކަލުންވެސް ޚުޠުބާ އަޑުއެހުމުގެ ގޮތުން އިށީނދެވަޑައިގަންނަވާނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޙަދީޘްފުޅު ކުރައްވާފައި! ( ބައްލަވާ صحيح البخاري: 881)
  • ހުކުރު ދުވަހު އިމާމު ހުކުރު ޚުޠުބާ ކިޔާއިރު ކަނުލާއަޑުއެހުމަށްވަނީ އަމުރުކުރެވިގެން! (ބައްލަވާ: صحيح البخاري : 934 )
  • ހުކުރު ނަމާދަށް ހާޒިރުވާ މީހާ މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދުސުންނަތުގެ ދެރަކުޢަތް ނަމާދު އަދާކުރަންވާނެ! އެހެނީ، މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނު ޚުޠުބާ ވިދާޅުވަނިކޮށް ހާޒިރުވެ މިސްކިތުގައި އިށީން މީހަކަށް، ތެދުވެ ދެރަކުޢަތް ނަމާދު އަދާކުރުމަށް އަމުރުފުޅު ކުރައްވާފައި! (ބައްލަވާ: صحيح البخاري: 931)
  • ހުކުރު ނަމާދަށް ހާޒިރުވާ މީހާ، ކުރިން ހާޒިރުވެފައިވާ މީސްތަކުން ދުރަށް ޖައްސައި، ދޭދޭ މީހުން ދުރުކޮށް ޖާގަ ހޯދަން މަސައްކަތް ނުކުރުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައި! (ބައްލަވާ صحيح البخاري: 910)